މާލޭގެ މިސްކިތްތައް މަރާމާތު ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ބޭއްވި ފަންޑްރެއިޒިން ހަރަކާތުގައި މޭޔަރު ޑރ. މުއިއްޒު ވާހަކަ ދައްކަވަނީ (ފޮޓޯ/ކައުންސިލް)

މިސްކިތްތައް

މިސްކިތް މަރާމާތުކުރަން ހަތް ލައްކަ ރުފިޔާ ލިބިއްޖެ

މާލޭ މިސްކިތްތައް މަރާމާތުކޮށް އާބާތުރަފިލުވަން ބޭނުންވާ ފައިސާ ހޯދަން ސިޓީ ކައުންސިލުން ވަނީ ހާއްސަ ހަރަކާތެއް ބާއްވާފައި

ކުރިއަށް އޮތް ރޯދަ މަހަށް މާލޭގެ މިސްކިތްތަކުގެ އާބާތުރަ ފިލުވައި މިސްކިތްތައް މަރާމާތު ކުރުމަށް ބޭނުންވާ ފައިސާ ހޯދަން މާލޭ ސިޓީ ކައުންސިލުން އިންތިޒާމުކުރި 'ޗާލު މިސްކިތް' ހަރަކާތުން ހަތް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ލިބުނު ކަމަށް ކައުންސިލުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - މާލޭގެ މިސްކިތްތައް މަރާމާތުކޮށް އާބާތުރަ ފިލުވޭނެ މިންވަރަށް ކައުންސިލަށް ބަޖެޓް ލިބިފައިނުވާތީ އާންމުންގެ އެހީތެރިކަން ހޯދަން ނިންމައި މިދިއަ ހަފުތާ ބަންދުގައި ހާއްސަ ހަރަކާތެއް ބޭއްވި އެވެ. 

ތަފްސީލް - އާޓިފިޝަލް ބީޗުގައި އޮތް އެ ހަރަކާތުގެ ތެރެއިން ޖުމްލަ 744،713 ރުފިޔާ ލިބުނު ކަމަށް ކައުންސިލުން ބުންޏެވެ.

މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިހާރު އޮތް ކައުންސިލްގެ ދައުރު ފެށުނު އިރު މާލޭ މިސްކިތްތަކުގައި މަރާމާތަށާއި އާބާތުރަ ފިލުވަން 14 މިލިއަން ރުފިޔާގެ މަސައްކަތް ކުރަން ހުރި ކަމަށެވެ. އޭގެ ތެރެއިން 4 މިލިއަން ރުފިޔާގެ މަސައްކަތް ކައުންސިލުގެ ބަޖެޓުންނާއި އެހެނިހެން ގޮތްގޮތުން ކުރި ކަމަށާއި އަދިވެސް 9 މިލިއަން ރުފިޔާގެ މަސައްކަތް އެބަހުރި ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  • މިސްކިތްތަކުގައި ކުލަލުން

  • ބޮތްކާއި ފަންކާ ބަދަލުކުރުން

  • ކާޕެޓު ބަދަލުކުރުން

އެނގުން މުހިއްމު - މިސްކިތްތައް މަރާމާތު ކުރުމަށް ފައިސާ ހަދިޔާކުރުމުގެ ފުރުސަތު އާންމުންނަށް އަދިވެސް ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން އޮންލައިންކޮށް ފައިސާ ޓްރާންސްފާ ކުރުމާއި ކައުންސިލްގެ ވެބްސައިޓުގައިވާ ޕޭމަންޓު ޕޯޓަލް މެދުވެރިކޮށް ވެސް އެހީތެރިވެވޭނެ ކަމަށް ކައުންސިލުން ބުންޏެވެ.

ގުޅުން ހުރި - މާލޭގެ މިސްކިތްތައް ބަލަހައްޓަން ފައިސާ ހޯދުުމުގެ އިވެންޓެއް ކުރިއަށް ގެންދިޔަ އިރު، މިސްކިތްތަކުގެ އާބާތުރަފިލުވަން ސަރުކާރުން ފައިސާ ދިން ކަމަށާއި އެކަމަކު އެ ފައިސާއަށް ވީ ގޮތް ނޭނގޭ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ކައުންސިލުން އެ ވާހަކަ ދޮގުކުރެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް