ހައި ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި އަބްދުﷲ ހަމީދު.

އިޖުރާއަތްތަކާ މެދު ސުވާލު އުފެދިފައި ވަނިކޮށް ހައި ކޯޓުގެ ފަނޑިޔާރު މަގާމުން ވަކިކޮށްފި

މި މައްސަލައިގައި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމާފައިވަނީ ޖޭއެސްސީން އިޖުރާއަތްތަކާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް

މުހިންމު ނުކުތާތައް

ކޮމިޓީން އެ ގޮތަށް ނިންމާފައި ވަނިކޮށް، ފަނޑިޔާރު އަބްދުއްރައޫފް ވަނީ އިސްތިއުފާ ދެއްވާފައި

އެމްޑީޕީން ވަނީ ކޮމިޓީގެ ރިޕޯޓު ބަލައި ނުގަނެ، ފަނޑިޔާރު ވަކިކުރުމަށް ތްރީ ލައިން ވިޕެއް ނެރެފައި

އެމްޑީޕީގެ ބައެއް މެންބަރުން ޕީޖީ ގްރޫޕުގެ ނިންމުމަށް ފާޑުވިދާޅުވި

ހައި ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދު ވަކިކުރުމާ މެދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން އަމަލުކޮށްފައިވަނީ އިޖުރާއީ ގޮތުން ގޯސްކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމާފައި ވަނިކޮށް، އޭނާ މަގާމުން ވަކިކުރަން މިއަދު މަޖިލީހުގެ ތަޅުމުން ފާސްކޮށްފި އެވެ.

މައްސަލައިގެ ފެށުން - 

  • މިދިޔަ ސަރުކާރުގައި، 2016ގައި ދޫކުރި ފްލެޓުތަކެއް ގާނޫނުއަސާސީއާ ހިލާފަށް ހާއްސަ އަގުތަކެއްގައި ބައްލަވައިގެންނެވި ކަމަށް ޖޭއެސްސީން ބުނާ ފަނޑިޔާރުންގެ ތެރޭގައި ފަނޑިޔާރު އަބްދުﷲ ހަމީދުގެ އިތުރުން ފަނޑިޔާރު އަބްދުއްރައޫފް ވެސް ހިމެނިވަޑައިގަންނަވާ

  • އެކަމަކު، ޖޭއެސްސީން އެ ގޮތަށް ނިންމީ އިޖުރާއީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ނުކޮށް ކަމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ ނިންމާފައި 

  • މަޖިލީހުގެ ކޮމިޓީން އެ ގޮތަށް ނިންމާފައިވީ ނަމަވެސް، ފަނޑިޔާރު އަބްދުއްރައޫފް މިދިޔަ ހަފްތާގައި ވަނީ މަގާމުން އިސްތިއުފާ ދެއްވާފައި

ވީ ކިހިނެއް؟ - މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި، ޖުޑިޝަރީ ކޮމިޓީން މި މައްސަލަ އަނބުރާ ޖޭއެސްސީއަށް ފޮނުވުމަށް ނިންމި ނިންމުމަށް ވޯޓަށް އެހުމުން އެ ކޮމިޓީގެ ރިޕޯޓު ފާހެއް ނުވި އެވެ. އެގޮތުން:

  • ކޮމިޓީގެ ނިންމުމާ އެއްކޮޅަށް ވޯޓު ދެއްވީ 18 މެންބަރުން 

  • އެ ރިޕޯޓާ ދެކޮޅަށް 48 މެންބަރަކު ވޯޓު ދެއްވި 

  • ވަކި ކޮޅަކަށް އެއް މެންބަރަކު ވޯޓެއް ނުދެއްވާ (އުނގޫފާރު ދާއިރާ މެންބަރު މުހައްމަދު ވަހީދު)

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން. (ފޮޓޯ/މަޖިލިސް)

ކޮމިޓީ ރިޕޯޓު ފާސްކުރަން ވޯޓު ދެއްވި މެންބަރުން:

  • 1-

    ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު (އެމްޑީޕީ)

  • 2-

    މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އެމްޑީޕީ)

  • 3-

    ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު (އެމްޑީޕީ)

  • 4-

    ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން (އެމްޑީޕީ)

  • 5-

    ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (އެމްޑީޕީ)

  • 6-

    ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް (އެމްޑީޕީ)

  • 7-

    ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސަިއން (ޖޭޕީ)

  • 8-

    ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު (އެމްއެންޕީ)

  • 9-

    ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު އުޝާމް (އެމްއެންޕީ)

  • 10-

    ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން (އަމިއްލަ)

  • 11-

    ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް (އަމިއްލަ)

  • 12-

    މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް (ޕީއެންސީ)

  • 13-

    އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ޕީޕީއެމް)

  • 14-

    ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒްލް ރަޝީދު (ޕީއެންސީ)

  • 15-

    މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޕީޕީއެމް)

  • 16-

    މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު (ޕީޕީއެމް)

  • 17-

    ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫން (ޕީޕީއެމް)

  • 18-

    ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް (ޕީޕީއެމް)

އެނގުން މުހިންމު - މި މައްސަލައިގައި، މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީން ވަނީ ޖުޑީޝަރީ ކޮމިޓީގެ ރިޕޯޓު ބަލައި ނުގަނެ، ފަނޑިޔާރު މަގާމުން ވަކިކުރުމަށް ތްރީލައިން ވިޕެއް ނެރެފަ އެވެ.

ހައި ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި އަބްދުއްރައޫފް އިބްރާހިމް: އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައި.

ޖުޑީޝަރީ ކޮމިޓީގެ ރިޕޯޓު ފާސް ނުވުމާ ގުޅިގެން، ފަނޑިޔާރު ހަމީދު މަގާމުން ވަކިކުރުމާ މެދު ވޯޓަށް އެހުމުން، އޭނާ ވަކިކުރަން ފާސްވި އެވެ. އެގޮތުން:

  • އޭނާ މަގާމުން ވަކިކުރަން ވޯޓު ދެއްވީ 58 މެންބަރުން 

  • ދެކޮޅަށް ވޯޓު ދެއްވީ ހަތް މެންބަރުން 

  • ވަކި ގޮތަކަށް ތިން މެންބަރަކު ވޯޓެއް ނުދެއްވާ

އެނގުން މުހިންމު - އެމްޑީޕީގެ ގިނަ މެންބަރުން ކޮމިޓީ ރިޕޯޓު ފާސް ކުރަން ވޯޓު ދެއްވި އެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ މެންބަރުން ފަނޑިޔާރު ވަކިކުރުމަށް ވެސް ތާއީދު ކުރެއްވި އެވެ.

ފަނޑިޔާރު ވަކިކުރުމާ މެދު ވަކި ކޮޅަކަށް ވޯޓު ނުދެއްވީ، ވިލުފުށީ ދާއިރާގެ އެމްޑީޕީ މެންބަރު ހަސަން އަފީފް އާއި ކެންދޫ ދާއިރާގެ ޖޭޕީ މެންބަރު އަލީ ހުސައިން އަދި ވިލިމާލޭ ދާއިރާގެ އެމްއެންޕީ މެންބަރު އަހްމަދު އުޝާމް އެވެ.

ފަނޑިޔާރު ވަކިކުރުމާ ދެކޮޅަށް ވޯޓު ދެއްވި މެންބަރުން:

  • 1-

    މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް (ޕީއެންސީ)

  • 2-

    އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ޕީޕީއެމް)

  • 3-

    ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު (ޕީއެންސީ)

  • 4-

    މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޕީޕީއެމް)

  • 5-

    މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު (ޕީޕީއެމް)

  • 6-

    ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫން (ޕީޕީއެމް)

  • 7-

    ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް (ޕީޕީއެމް)

ގުޅުން ހުރި ކަމެއް - ވޯޓަށް އެހުމުގެ ކުރިން ކޮމިޓީ ރިޕޯޓަށް ބަހުސް ކުރައްވަމުން ބައެއް މެންބަރުން ވަނީ އެމްޑީޕީން ތްރީ ލައިން ވިޕެއް ނެރުމުން އެކަމަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ތުހުމަތު ކުރެއްވި ގޮތުގައި. އެމްޑީޕީން މި މައްސަލައިގައި ތްރީ ލައިން ވިޕެއް ނެރުނީ "ބިރު ދައްކައިގެން"ނެވެ.

އިމްތިޔާޒުގެ އިތުރުން އެ ޕާޓީގެ އެހެން ބައެއް މެންބަރުން ވެސް ޕީޖީ ގްރޫޕުގެ އެ ނިންމުމަށް ފާޑުވިދާޅުވި އެވެ.

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ: އޭނާ ވިދާޅުވީ ތްރީ ލައިން ވިޕް ނެރުނީ މަޖުބޫރުކޮށްގެން ކަމަށް. (ފޮޓޯ/މަޖިލިސް)

ޖުޑިޝަރީ ކޮމިޓީގައި ހިމެނޭ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވީ، މިހާރު ކަންކަން ހިނގަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް ކަންކަން ހިނގަމުން ދިޔަ އުސޫލުން ކަމަށާއި އެއީ ވަރަށް ބޮޑު ކަންބޮޑުމެއް ކަމަށެވެ.

މި ބަހުސްގައި ވާހަކަ ދެއްކެވި، މަޖިލީހުގެ ފަރާތުން ޖޭއެސްސީގައި އިންނަވާ މެންބަރު އަދި އެ ކޮމިޝަންގެ ރައީސްކަން ވެސް ކުރައްވާ ތުޅާދޫ ދާއިރާ މެންބަރު ހިސާން ހުސައިން ވަނީ ފަނޑިޔާރު ވަކިކުރަން ޖޭއެސްސީން ނިންމި ގޮތް ދިފާއުކުރައްވާފަ އެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، ޖޭއެސްސީން މިކަމުގައި އަމަލުކޮށްފައިވަނީ އިޖުރާއަތްތަކާ އެއްގޮތަށެވެ.

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން: އޭނާ ވަނީ ޖޭއެސްސީގެ ނިންމުމަށް ފާޑުވިދާޅުވެފައި. (ފައިލް ފޮޓޯ/މަޖިލިސް)

ފަސް މަންޒަރު - މި މައްސަލައިގައި ޖޭއެސްސީން އިޖުރާތަތްކާ އެއްގޮތަށް އަމަލުކޮށްފައި ނުވާ ކަމަށް ކޮމިޓީން ނިންމީ މައިގަނޑު ތިން ކަމެއްގެ މައްޗަށް ބިނާކޮށެވެ. އެއީ:

  • މައްސަލައިގެ ފައިނަލް ރިޕޯޓަށް ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ދީފައި ނުވުން

  • އެންމެ ފުރަތަމަ މައްސަލަ ބެލި އިރު ތުހުމަތުކޮށްފައިވާ ކުށް ފަހުން މައްސަލަ ނިންމި އިރު ބަދަލުވެފައި އޮތުން

  • ފުރަތަމަ މައްސަލަ ބެލި ކޮމިޓީން މިކަމުގައި ފަނޑިޔާރުންގެ ގޯހެއް ނެތް ކަމަށް ނިންމާފައިވާ އޮއްވައި އަލުން ކޮމިޓީ އެކުލަވާލުމަށް ފަހު ފަނޑިޔާރުން ވަކިުރަން ނިންމުން

މިކަމާ ގުޅިގެން ޖޭއެސްސީން ކުރިން ނެރުނު ބަޔާނުގައި ބުނީ، އެ ކޮމިޝަނުން އަމަލުކޮށްފައިވަނީ ރަނގަޅަށް ކަމަށާއި ގާނޫނީ އިޖުރާތައްތައް ފުރިހަމަވާނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް