ރާއްޖޭގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އިފްހާމް (ޕެސްޓް)

އިފްހާމް ބަންދުގައި ހުރެ ނެރުނީ 'ވެރިންގެ ވެރިކަން'

ސިމްބޮލިކް ރެކޯޑްސްގެ އާ ލަވަ އަށް އަންނަނީ ބޮޑު ސަމާލުކަމެއް ލިބެމުން

މުހިންމު ނުކުތާތައް

އިފްހާމް ހުރީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައި

މިއީ މިދިއަ އަހަރު ނެރުނު 'ކޯވަރެއް' ފަހުން އޭނާގެ ފުރަތަމަ ލަވަ

ސިމްބޮލިކް ރެކޯޑްސްއިން ބުނަނީ ސިޔާސީ އެއްވެސް މީހަކު ބުނެގެން ލަވަ ނުހަދާނެ ކަމަށް

މަސްތުވާ ތަކެތި ޓްރެފިކްގެ ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ސިމްބޮލިކް ރެކޯޑުގެ ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) އާ ލަވައެއް ހުކުރު ދުވަހު ފޭނުންނަށް ދޫކޮށްލައިފި އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީގައި މާލޭގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) އިން ހިންގި އޮޕަރޭޝަނެއްގައި ޑްރަގާ އެކު އިފްހާމް އާއި އިތުރު ބަޔަކު ހައްޔަރުކުރި އެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކޮށްފައި ވާއިރު، އެ ފަހުން އޭނާ ހުރީ ބަންދުކޮށްފަ އެވެ.

އިފްހާމްގެ ޝަރީއަތް ނިމެންދެން ގޭބަންދަށް ބަދަލުކުރަން ކްރިމިނަލް ކޯޓުން ނިންމިޔަސް ހައި ކޯޓުން އެ އަމުރު ބާތިލްކޮށް، އޭނާ ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކުރަން އެންގި އެވެ.

 އޭނާގެ އާ ލަވަ މި ނެރުނީ، ޖަލުގައި ހުރެގެންކަމެއް ނުވަތަ ކޮންމެވެސް ހާލަތެއް މެދުވެރިވެގެން ގޭގައި ހުއްޓާކަމެއް ސާފެއް ނޫނެވެ. އެކަމަކު ޔޫޓިއުބް މެދުވެރިކޮށް ސިމްބޮލިކް ރެކޯޑްސް އިން ނެރުނު އާ ލަވައިގެ ޅެން ހަދައި، ލަވަ ކިޔާފައިވަނީ ވެސް އިފްހާމް އެވެ.  ލަވައިގެ މިއުޒިކް ހެދީ ރައްޔާން މުހައްމަދު (ރައިޑޭ) އެވެ.

ސިމްބޮލިކް ރެކޯޑްގެ ލަވަތަކުގައި އާއްމުކޮށް ހުންނަ މޮޅު ޅެންވެރިކަން މި ލަވައިން ކިޔައިދެނީ އާއްމު ރައްޔިތުންނާއި ވެރިންނާއި ހުންނަ ތަފާތެވެ. ލަވާގައި ބުނަނީ؛

"ވެރިންގެ ވެރިކަން ތިން ބާރޯ

ޖަލު ކުޑަގޮޅި މީ މަގެ އިންފާރޯ

ވެރިއެއް ވިއްޔާ ތިން ކާރޯ

މަށަށް ޖޫރިމަނާ އަދި އިންޒާރޯ"

ހުކުރު ދުވަހު ޔޫޓިއުބްގައި އާއްމުކުރި ލަވަ ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން އަންނަނީ ހޯދަމުންނެވެ.

ހުކުރު ދުވަހު ނެރެފައިވާ ޕެސްޓްގެ އާ ލަވަ " ވެރިންގެ ވެރިކަން"

ލަވައާ ގުޅޭ ގޮތުން ސިމްބޮލިކް ރެކޯޑްސް އިން ބުނީ "ރާއްޖޭ ޖަލުތަކުގެ ޝަރީއަތް ކުރިއަށް ނުގޮސް ވަރަށް ގިނަ މީހުން އެބަ ތިބި" ކަމަށެވެ.

"ޕސްޓް ވެސް މި ވީ ބަންދުގައި ދޮޅު އަހަރު. ހުކުމެއް ނައިސް ޝަރީއަތެއް ހިނގާތީ ތުހުމަތެއްގައި ބަންދުކޮށްފައި އެތައް ހައްގުތައް ގެއްލި ޖަލުގައި ތިބެން ޖެހޭ ތިބުން އެއީ ޕެސްޓް ވަރަށް ބޮޑަށް ފައިޓް ކުރަން ބޭނުންވާ ކަމެއް. ވާނުވާގައި އޮތުން،" ސިމްބޮލިކް ރެކޯޑްސްގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

"މި ލަވަ ނެރުނީމަ ބައެއް ސިޔާސީ ފަރާތްތަކަށް ހީވެދާނެ އެމީހުންނާ އިދިކޮޅަށް، ނުވަތަ އެމީހުންގެ ވާދަވެރިންނާ އިދިކޮޅަށް ހަދާފައިވާ ލަވައެކޭ. އެކަމަކު ސިމްބޮލިކް އަކީ ވަކި ސިޔާސީ މީހެއްގެ ފަހަތަށް އަރައިގެން މަސައްކަތް ކުރާނެ ބައެއް ނޫން. ހުރިހާ ސިޔާސީ މީހުން ވެސް އެއްވަރެއް ވަނީ. އެއްބަޔަކު އަނެއް ބަޔަކު ގަދަ ބަސް ބުނަން މި ލަވަ ބޭނުން ކުރުން އެއީ ޖޯކެއް."

މަސްތުވާތަކެއްޗާ އެކު އިފްހާމް ހައްޔަރުކުރުމުން އޭނާގެ އަގު އަސްލު އޮތީ ވަރަށް ބޮޑަށް ވެއްޓިފަ އެވެ. އެކަމަކު އޭނާގެ ހުނަރާ މެދު އެއްވެސް ސުވާލު އުފައްދާނެ ޖާގައެއް ނެތެވެ. އެހެންކަމުން 2021ގައި އިވުނު 'ކޯވަރެއް' ފަހުން އާންމުންނާ ހަމައަށް އައި އިފްހާމްގެ އާ ލަވަ ވެސް ގިނަ ބަޔަކަށް ކަމުދާކަން ލިބެމުން އަންނަ ތަރުހީބުން އެނގެ އެވެ.

 

ކޮމެންޓް (1)

ޖުލައިން

22 ޖޫން 2022
ޕެސްޓުއަކީ ގަދަ ގޮލައެއް
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް