ޝަނުމް (ކ) އާއި މަންމަ ޒައިނަބު: ދަރިފުޅަށްޓަކައި ޒައިނަބު އެހެން ހުރިހާ ކަމަކުން ހުސްވި.

ޝަނުމްގެ ހިނިތުންވުމުގެ ފަހަތުގައި މަންމަގެ ބޮޑު ގުރުބާނީ

ނުކުޅެދުންތެރިކަމާ އެކު އުފަންވި ހަގު ދަރިފުޅު ދުނިޔޭގައި ހުންނާނެ ކަމުގެ އުއްމީދު ޑޮކްޓަރުން ކަނޑާލި ނަމަވެސް ޒައިނަބު ހުރީ އޭނާގެ ހައްގުގައި ސާބިތުވެ

މުހިންމު ނުކުތާތައް

14 އަހަރުގެ ޝަނުމްގެ ސެރެބްރަލް ޕާލްސީ ހުރޭ

އުފަންވިއިރު ފުރަގަސްފަރާތް ނެތުމުން ގޮހޮރުތައް ހަށިގަނޑުން ބޭރުގައި ގެންގުޅުނު

ޝަނުމްގެ ބަލި ހާލަތުގެ ސަބަބުން މުޅި އާއިލާ އަށް އަސަރު ކުރި

ލ. ކަޅައިދުއަށް އުފަން ޒައިނަބު އަހުމަދު މަސްވެރިޔަކާ ކައިވެނިކޮށްގެން އުޅެމުން އައީ އާދައިގެ ދިރިއުޅުމެކެވެ. ސުނާމީގެ ކާރިސާއަށް ފަހު އެ އާއިލާ ކަޅައިދޫން އެ އަތޮޅު ވެރިރަށް ގަމަށް ދިރިއުޅުން ބަދަލުކުރި އެވެ. ގަމުގެ ވަގުތީ ބޯހިޔާވަހިކަމުގައި އުޅުމަށް ފަހު ގެއެއް ލިބުނު އާއިލާއަށް ފަސްވަނަ އަދި އެންމެ ހަގު ކުއްޖާ އުފަންވި ހިސާބުން ހުރިހާ ކަމެއް ބަދަލުވި އެވެ. 

މިހާރު އުމުރުން 14 އަހަރުގެ ހައްވާ ޝަނުމް ހަލީލް އޭނާގެ މަންމަ ޒައިނަބުގެ އުނގުތެރޭގައި އިންނަ އިރު މޫނުމަތިން ފެންނަނީ ބޮޑު ހިނިތުންވުމެކެވެ. އެ ހިނިތުންވުން އޭނާގެ މުޅި މޫނަށް އުޖާލާކަން ގެނެސް ލޯ ވެސް ވިދުވާލަ އެވެ. ޒައިނަބު، 54، ގެ މޫނުމަތީގައި ވެސް ހުރީ އުފާވެރިކަމެވެ. ނަމަވެސް އޭނާގެ ހާލަތު އެނގޭ މީހަކަށް، އެ އުފަލާ އެކު ވަރުބަލިކަމުގެ އިހުސާސްތައް ވެސް އެހާމެ ބޮޑުވާނެކަން ދެނެގަނެވޭނެ އެވެ.

ޝަނުމްއަށްޓަކައި ޒައިނަބު ރޭގަނޑުގެ ނިދިން މަހުރޫމްވި އެވެ. އަބަދު ކަހަލަ ގޮތަކަށް ޝަނުމް އުރައިގެން އުޅެން ޖެހުމުން އެ ލިބުނު ވަރުބަލިކަން އޭނާ ނޫން އެހެން މީހަކަށް އިހުސާސް ވެސް ނުކޮށްލެވޭނެ އެވެ. އެކަމަކު ދަރިފުޅަށްޓަކައި އޭނާ ވީ އެ ގުރުބާނީއާ މެދު ޝަކުވާއެއް ނެތެވެ. 

ޒައިނަބު އޭނާގެ ހަގު ދަރިފުޅު ޝަނުމް އުނގަށް ލައިގެން

ހަޔާތަށް އައި ބޮޑު ބަދަލު

ޒައިނަބު އާއި އޭނާގެ ފިރިމީހާ އިބްރާހީމް ހަލީލްގެ އެންމެ ހަގު ދަރިފުޅު ޝަނުމްއަކީ ސެރެބްރަލް ޕާލްސީ ހުންނަ ކުއްޖެކެވެ. ދުވަސްފުރާ ވިހޭ ނަމަވެސް ޝަނުމްއަށް ދިމާވި މި ހާލަތުގެ ސީރިއަސްކަން ބޮޑެވެ. ސެރެބްރަލް ޕާލްސީއަކީ ވިހެއުމަށް ފަހު ކުއްޖާގެ ސިކުނޑިއަށް ދިމާވާ މައްސަލައެއްގެ ސަބަބުން ހަރަކާތްތަކަށާއި ކޯޑިނޭޝަނަށް އަސަރުކުރާ ހާލަތެކެވެ. އެ އަސަރުތައް މުޅި އުމުރަށް ދެމިގެންދެ އެވެ. 

ޝަނުމްގެ ހުރީ ހަމައެކަނި ސެރެބްރަލް ޕާލްސީއެއް ވެސް ނޫނެވެ. އޭނާ އުފަންވި އިރު ފުރަގަސްފަރާތެއް ނެތެވެ. އެހެންކަމުން ދުވަސްތަކެއް ވަންދެން ގޮހޮރުގެ އެއް ބައި ބަނޑުން ބޭރުގައި ބާއްވަން ޖެހުނެވެ.

ޒައިނަބުގެ ހަނދާންތަކުން ދުވަހަކު ވެސް ނުފޮހެވޭނެ އެތައް ކަމެއް ދިމާވި އެވެ. ޝަނުމް އުފަންވި އިރު ބޯ ވަރަށް ބޮޑަށް ދުޅަވި އެވެ. ގަމު ހޮސްޕިޓަލުން ބުނީ ބޮލުގައި ފެން ހެދެނީ ކަމަށެވެ. އެހެންކަމުން ފޮނުވީ މާލެއަށެވެ.

"އެތާ އޮތް އިރު ވެސް ހީވަނީ ކުއްޖާ މަރަށް ތެޅޭހެން. ދޫ ނުކުމެފައި އޮތީ. ވަރަށް އެހެން ކަހަލަ އަސަރެއް ކުރީ،" ޒައިނަބު އޭނާގެ ދަރިފުޅު ވިހައިގެން އުޅުނު އިރު ކުރި ތަޖުރިބާ ކިޔައިދިނެވެ.

ޝަނުމް ދިރިހުންނާނެ ކަމާ މެދު ޑޮކްޓަރުންގެ އުއްމީދެއް ނެތެވެ. ނަަމަވެސް ﷲގެ އިރާދައިގައި އޮތް ގޮތް ތަފާތެވެ. 

"ނާސަރީ އަށް ލާފައި، ހޭނެތިފައި އޮތް ހަފްތާއެއް ވަންދެން. ދެން ޑޮކްޓަރުން ބުނީ ހެއެއް ނާރާނެއޭ ކުއްޖާ. އެހެން އޮއްވާ އެއް ދުވަހު އަހަރެން ވަން އިރު ވަރަށް ބޮޑަށް ލޯ ހުޅުވައިގެން ބަލަން އޮތީ،" ޒައިނަބު ބުންޏެވެ.

ޝަނުމްގެ މޫނުމަތީގައި އަބަދު ވެސް ބޮޑު ހިނިތުންވުމެއް ހުރޭ. ސިއްރަކީ މަންމަ އޭނާއާ މެދު ބަހައްޓާ އޯގާތެރިކަމާއި އަޅާލުން

ޒައިނަބު ރޮމުން ރޮމުން އެ ތަނުން ނުކުތުމަށް ފަހު ދެން މަޖުބޫރުވީ ދަރިފުޅުގެ ފުރާނަ ސަލާމަތް ކުރުމަށް އިންޑިއާ އަށް ދާށެވެ.

"ހޮސްޕިޓަލުން ބުނީ ދަރިފުޅު ބޭނުމިއްޔާ [ހޮސްޕިޓަލުން] ނެރޭށޭ. އީދު ބަންދު ފަސް ދުވަސް ތެރޭ ކުއްޖާ [ދުނިޔެއަކު] ނޯންނާނެއޭ ބުނީ. ނަރުސް ކުއްޖަކަށް ދެކޮޅު ޓިކެޓު ދީގެން އެކީގައި ދާ ގޮތަށް ހަމަޖެހިގެން ކުއްޖާ ހޮސްޕިޓަލުން ނެރެވުނީ،" ޒައިނަބު ބުންޏެވެ.

އެއަށް ފަހު އިންޑިއާގެ ކިމްސް ހޮސްޕިޓަލްގައި ޝަނުމް އެޑްމިޓްކޮށްގެން މަހެއްހާ ދުވަސް ވަންދެން ބޭސްކުރި އެވެ.

"އުފަންވި އިރު ކުއްޖާ ގައިގައި ހުރި 3 ކިލޯ 500 ގްރާމް. އަތަށް ލިބުނު އިރު ހުރީ 1 ކިލޯ 800 ގްރާމް. ނުކުޅެދޭ ކުއްޖަކަށް ވެފައި އޮތީ،" ޒައިނަބު ބުންޏެވެ.

ޝަނުމްގެ ބަލި ހާލަތާ އެކު އެންމެ ސިކުންތަކަށް ވެސް ދަރިފުޅު އުނގުތެރެއިން ދޫކޮށްލާކަށް ޒައިނަބުގެ ހިތަކަށް ކުޅަދާނައެއް ނުވި އެވެ. އުމުރު މަތިވަމުން އައި ނަމަވެސް ދަރިފުޅަށް ވާހަކައެއް ނުދެއްކެ އެވެ. ނުއިށީނދެވެ އެވެ. 

ފުރަގަސްފަރާތް ނެތުމުގެ ސަބަބުން ބޮޑެތި އޮޕަރޭޝަންތަކެއް ޝަނުމް ކުރަން ޖެހުނެވެ. ހަށިގަނޑުން ބޮޑުކަމުދާ ތަކެތި ބޭރުކުރުމަށް ގޮހޮރުތައް ބަނޑުން ބޭރުގައި ބަހައްޓަން ޖެހުނެވެ. އޭގެ ފަހުން އޮޕަރޭޝަން ކޮށްގެން ގޮހޮރުތައް އަނެއްކާވެސް ހަށިގަނޑު ތެރެއަށް ލި އެވެ. ބޮޑުކަމުދާ ތަކެތި ބޭރުކުރަން ފުރަގަސްފަރާތެއް އުފެއްދުމަށް ޑޮކްޓަރުން ކުރި ފުރަތަމަ  އޮޕަރޭޝަން ކާމިޔާބު ނުވެގެން ދެވަނަ ފަހަރަކަށް ވެސް އޮޕަރޭޝަން ކުރި އެވެ. 

ޝަނުމް: އުފެދުމުގައި ހުރި ނުކުޅެދުންތެރިކަމާ އެކު ބޮޑެތި އޮޕަރޭޝަންތަކެއް ކުރަން ޖެހުނު

"ގޮހޮރުތައް ނެރެގެން އަށް މަސް ދުވަސް ވަންދެން ގެންގުޅުނިން. މިހާރު ގޮހޮރު ހުރީ އެތެރޭގައި. އެމީހުން އަހަންނަށް ދަސްކޮށްދިން ހަދަންވީ ގޮތް. ސާފުކުރަންވީ ގޮތް ވެސް ކިޔައިދިން. އަހަރެން ކުޑައިރު އަތް ފިހިފައި ހުރީމަ އަންގި ލައްވައިގެން އުޅެން އުދަނގޫ. އެހެންވެ ސައިބޯނި ލައިގެން އަތް ރަނގަޅަށް ދޮވެގެން އަތްލަނީ. އިރާދަ ކުރެއްވީތީ އިންފެކްޝަން ނުއުފެދި އޮޕަރޭޝަން ކުރަންދެން ގެންގުޅެވުނު،" ޒައިނަބު ބުންޏެވެ.

ކާންދީ ހަދަނީ އުނގަށް ލައިގެން ނުވަތަ އުނގުމަތީ ބާއްވައިގެންނެވެ. ކާން ދިނުމަކީ ވެސް ފަސޭހަ ކަމެއް ނޫނެވެ.

"ގަޑި ދެ ގަޑި އިރު ވަންދެން އިނދެގެން ކެވޭ ފަހަރާއި ނުކެވޭ ފަހަރު ދަނީ،" ޒައިނަބު ބުންޏެވެ.

ޝަނުމް ދުނިޔޭގައި ހުރުމަށް ހަގު އުމުރުގައި ބޮޑެތި އޮޕަރޭޝަންތަކެއް ކުރަން ޖެހުނު

ޝަނުމް އުރައިގެން ގޮނޑިއަކަށް ލައިގެން ފެންވަރުވާ ހަދަމުން އައިސް، މިހާރު ޒައިނަބުގެ މައިބަދަ މައްސަލަ ޖެހިފައި ހުރުމުން ފެންވަރުވަނީ ފަތްޖެހިއެނދެއް ހަދައިގެން ފާހަނާ ތެރޭގައި އޭތި ބަހައްޓައިގެންނެވެ.

"އަނގައިން ވެސް އަންނަނީ ލެ އާއި ދަވަ. ސައުުވީސް ގަޑިއިރު ވަންދެން ނެޕީ ޖަހައިގެން. އުފަންވި ފަހުން ނެޕީ ނައްޓާލާކަށް ފުރުސަތެއް ނުލިބޭ. އޮޕަރޭޝަން ކުރި ފަހުން ވެސް އަބަދު ހުންނަނީ ބޮޑުކަމު ދެވިދެވި. އަބަދު އެ ނައްޓުވާލައިގެން ސާފު ކުރަން ވެފައި އޮންނަނީ،" ޒައިނަބު ބުންޏެވެ.

ޝަނުމް އުރައިގެން ކުރިން ކޮންމެ ދުވަހަކު ވެސް ބޭރުތެރެއަށް ނުކުތަސް މިހާރު 15 އަހަރާ ގާތްވެފައިވާ ދަރިފުޅު އުރައިގެން އުޅެން ޒައިނަބު އަށް ދައްޗެވެ. ދަރިފުޅުގެ މިޒާޖަކީ އެހެން ކުޑަކުދިންގެ ވެސް މިޒާޖު ކަމުގައި ޒައިނަބު ބުންޏެވެ.

"ކިޔާ ހުރިހާ އެއްޗެއް އެނގޭ. އަޑުއިވޭ. މީހަކު އެއްޗެއް ދިނިއްޔާ ހިފާ. ހީނ ސަކަރާތް ޖަހާ ހަދާ. އަތުގައި ކޮންޓްރޯލެއް ނެތަސް އަތް ހަރަކާތް ކުރެވޭ،" އޭނާ ކިޔައިދިނެވެ.

ޝަނުމް މިހާރު އިސްކޮޅުން ދިގު. އުރާލައިގެން ނަގައިގެން ގެންގުޅެން މިހާރު އުދަނގޫ

ޝަނުމްގެ އުމުރުން 10 އަހަރު ވަންދެން ބުރަކަށި ދަމާލައިގެން ދުވަހަކު ވެސް ނުނިދަ އެވެ. 

"އުނގުމަތީ އަޅައިގެން އޮންނަނީ. ހީވަނީ ދެންމެ ދެންމެ މަރުވެދާނެ ހެން،" ޒައިނަބު ބުންޏެވެ.

"މިހާރު ނިންދަވަނީ އެނދު ކައިރީގައި އެނދެއްގައި ބާއްވައިގެން. ކުރިން ހަށިގަނޑުގައި ވޭން އަޅާ ވަރުން އެ ކުއްޖާއަކަށް ނުނިދޭ. އަހަރެން ހުންނަނީ އުނގުގައި އަޅައިގެން."

ޒައިނަބު ބުނި ގޮތުގައި އޭނާގެ އެހެން ކުދިންގެ ކިޔެވުމަށް ވެސް ޝަނުމްގެ ހާލަތުގެ ސަބަބުން ވަރަށް ބޮޑަށް އަސަރު ކުރި އެވެ.

"ގްރޭޑް 7 ގައި އުޅުނު ކުއްޖާގެ ކިޔެވުން އެއްކޮށް ވެސް ދިޔައީ. ސްކޫލްގައި އުޅެފައި އައިސް އެއްޗެއް ހުރިއްޔާ ކައިގެން ނެތިއްޔާ ނުކައި. އޭރު ތިމާގެ މީހުން ވެސް ތިބީ ކަޅައިދޫގައި،" ޒައިނަބު ބުންޏެވެ.

'މަންމަ އަށް ސެލިއުޓް ނަގަން ޖެހޭ'

ދައްތަ ލީޒާ (ކ) ޝަނުމްއާ އެކު.

ޝަނުމްގެ ދޮއްޓަށް ތިން އަންހެން ދަރިންނާއި ފިރިހެން ދަރިއަކު ޒައިނަބުގެ ދެމަފިރިންގެ ތިބެ އެވެ. ލ. ގަމުގެ ކައުންސިލަރެއްގެ މަގާމުގައި ހުރި އައިޝަތު ލީޒާ، 26، އަކީ އެ މީހުންގެ ދެވަނަ އަންހެން ދަރިފުޅެވެ. ލީޒާ ބުނިގޮތުގައި ޒައިނަބަކީ "ސެލިއުޓް ނަގާ ވަރު މަންމަ" އެކެވެ. ސަބަަބެއް ކަމަށް އޭނާ ބުނީ ޝަނުމްއާ މެދު މަންމަ ބަހައްޓާ އަޅާލުމާއި އޯގާތެރިކަމެވެ.

"އެ ވަރު މަންމައެއް ނުލިބޭނެ. މަންމަ އާއި ބައްޕަ އެ ގޮތަށް ނޫޅުނު ނަމަ، މިހާރު އެ ގޮތަށް ކޮއްކޮ ލޯމަތީ ފެންނާކަށް ނުހުންނާނެ،" ލީޒާ ބުންޏެވެ.

ޒައިނަބު އުފުލި ބުރައިގެ ވާހަކަ ދެއްކި އިރު ލީޒާ އަށް ވެސް ހުރީ ރޮވިފަ އެވެ. ޝަނުމް ގޮވައިގެން ޒައިނަބު އިންޑިއާ އަށް ގޮސް، ނުވަތަ މާލެ ދާން ޖެހިއްޖެ ނަމަ އެ ގޭގައި ހުންނާނެ އިތުރު މީހަކު ނުހުރެ އެވެ. ސްކޫލަށް ދަމުން، ކައްކަމުން ހަގަށް ހުރި ކޮއްކޮ ބެލީ ވެސް ލީޒާ އެވެ.

ބައްޕަ ހަލީލް މަހަށް ދާ އިރު، އަވަށްޓެރި ގޭގެއިން ކާން ޖެހުމާއި ނުކެއްކޭ ދުވަސްދުވަހު ކާނެ އެއްޗެއް ނެތިގެން ކުނި ބަތް ކޭ ދުވަސްތައް ވެސް ލީޒާގެ ހަނދާނުގައި ހުރެ އެވެ. ޝަނުމް ހޮސްޕިޓަލުގައި ބާއްވައިފި ނަމަ ބެލެހެއްޓެނީ ލީޒާ އާއި ޒައިނަބުއާ ދެ މީހުން ވެގެންނެވެ. 

ޝަނުމް (ވ) އޭނާގެ މަންމަ ޒައިނަބު ގައިގައި ބައްދާލައިގެން

"ގްރޭޑް 10 ގައި އުޅުނު އިރު ސްކޫލަށް ދާން ހޮސްޕިޓަލުން ގެއަށް އަންނަނީ ފަތިހު. ދެން ބަހަށް އަރާ ހުރެ ބުރުގާ އަޅަނީ. ރިވިޝަން ވީކްގައި ވެސް ސްކޫލްގައި ނިދީ. ކިޔެވުން ދޫކޮށްލެވުނީ ގޭގެ ކަންކަމާއި ދެ ކޮއްކޮ ބަލަން ޖެހޭތީ އާއި މަންމަ އަށް އެހީތެރިވުމަށް، މާ ގިނަ ޒިންމާތައް ބޮލަށް ލައިގެން އުޅެން ޖެހުނީމަ،" ލީޒާ ބުންޏެވެ.

މިއަދު ލީޒާގެ މަގުސަދަކީ އަމިއްލަ ފައިމައްޗަށް ތެދުވެ އާމްދާނީއެއް ހޯދައި ހާލަތު ބަދަލުކޮށްލުމެވެ. ސިޔާސީ ދާއިރާއަށް ނުކުމެ ރައްޔިތުންނަށް ހިދުމަތް ކުރުމާއި މަންމައަށް އެއްޗެއް ދީ، އޭނާގެ ރޫޅިފައިވާ ކައިވެންޏަށް ލިބިފައިވާ ދެ ދަރިންގެ ހައްގުގައި މަސައްކަތްކުރުމެވެ.

ކޮއްކޮ ޝަނުމްގެ ހިނިތުންވުމަކީ ލީޒާގެ ހިނިތުންވުމުގެ ބައެކެވެ.

"ކޮއްކޮ ވަރަށް ދާ ހިތްވާނެ ސްކޫލަަށް. ގޮނޑި ހަލާކުވެގެން ނުދެވިއްޖެއްޔާ ރުޅި އަންނާނެ. އުފާވާނެ ރީއްޗޭ ބުނެފިއްޔާ. އޭނާއާ ވާހަކަ ދެއްކޭ ގޮތަކަށް އަހަރެންނާ ވާހަކަ ދައްކާ. ޝަނުމް ބުނަން އުޅެނީ ކީކޭ ކަން، އަދި އޭނާއާ  ވާހަކަ ދައްކަން އަހަންނަށް އެނގޭ،" ލީޒާ ބުންޏެވެ.

"މަންމައާ ދޭތެރޭ ވިސްނަން. މަންމަ އަށް އެއްޗެއް ދެވޭނެ ދުވަހެއް އަބަދުވެސް ބޭނުންވޭ. މިކަހަލަ ވަޒީފާ އަކަށް ނުކުތީ ވެސް އެހެންވެ. މި ފީލްޑްގައި ކުރިއަށް ދާން ބޭނުމީ." 

ފަރުވާ ހޯދުން: ބޮޑު ގޮންޖެހުމެއް

ޒައިނަބުގެ ފިރިމީހާ އުޅެނީ އާމްދަނީ ހޯދަން މަސްވެރިކަމުގައި ކަނޑުމަތީގަ އެވެ. ދެމަފިރިންގެ ފިރިހެން ދަރިފުޅަކީ ތިން ކުދިންގެ ބައްޕައެކެވެ. ޒައިނަބު ބުނިގޮތުގައި ފިރިހެން ދަރިފުޅަށް، އަނބިމީހާ އާއި ދަރިންގެ ހަރަދު ދީފައި މަންމަ އަށް ދޭނެ އެއްޗެއް ނޯވެ އެވެ. ގަމުގައި ތިބި އެ މީހުންގެ ތިމާގެ މީހުންނަކީ މަސްވެރިކަން ކޮށް އުޅޭ މީހުންނެވެ.

"ގޮވާލަން ވަދެ ހަދާލާ. މަސްވެރިކަން ކޮށް އުޅޭ މީހުން އެއީ. މާ ބޮޑު އެހީތެރިކަމެއް ނުދެވޭނެތާ އެހެންވެ؟" ޒައިނަބު ބުންޏެވެ.

ބޭސް ފަރުވާ ހޯދުމަށް މިހާރު ސަލާން ޖަހަން ނުޖެހޭނެ ކަމަށް ސިޔާސީ މީހުން ބުންޏަސް ހަގީގަތަކީ އެއެއް ނޫނެވެ. އާއްމުންގެ އެހީއަށް އެދެން ޖެހޭ މީހުން ބައިވަރެވެ. އަދި ރަށްރަށުގައި ދިރިއުޅޭ މީހުން، ކިތަންމެ ބަލި ކުއްޖެއް ގޮވައިގެން ވިޔަސް އަންނަން ޖެހެނީ މާލެ އަށެވެ. އާދައިގެ މީހުން އުފުލަން ޖެހޭ ބުރަ ބޮޑެވެ. ބައެއް ފަހަރު ސަރުކާރުގެ އެހީއަކަށް އެދެވެނީ ވެސް މާލެ އައިސް ކޮޓަރި ކުއްޔަށް ހިފައިގެން އެތައް ދުވަހަކު ތިބެގެން ޑޮކްޓަރަކަށް ދައްކައިގެން ލިބޭ ލިޔުމަކަށެވެ.

ޒައިނަބުގެ އާއިލާ ވެސް ތަހައްމަލްކުރަނީ މި ހާލަތެވެ. ޝަނުމްގެ ސިއްހީ ހާލަތު ހުރި ގޮތުން ގޮވައިގެން ދަތުރުކުރުމަކީ ވެސް، މެދު އުމުރުން މައްޗަށް ގޮސްފައިވާ ޒައިނަބުގެ ދެމަފިރިންނަށް، ފަސޭހަ ކަމެއް ނޫނެވެ. 

"ގަމުގައި ވެސް މި ހުންނަނީ ސަރުކާރު ހޮސްޕިޓަލް. [އެކަމަކު އެހީއަށް އެދެން އެންސްޕާއަށް ހުށަހަޅަން] މިތާ ޑޮކްޓަރުންގެ ލިޔުމެއް ގަބޫލެއް ނުކުރޭ،" ޒައިނަބު ބުންޏެވެ. 

ޝަނުމް: އޭނާ ދިރިހުންނާނެ ކަމުގެ އުއްމީދު ކުޑަ ކަމަށް ޑޮކްޓަރުން ބުނެފައިވޭ.

ޝަނުމްގެ ދަތްތައް މިހާރު ވެސް ހުރީ ހަލާކުވެފަ އެވެ.

"ހިރުގަނޑާ ހިސާބަށް އެއްކޮށް ހަލާކުވެފައި ހުރީ. ފަހުން ފެޅި ދަތްތައް ވެސް ވެރިގެން ހިރުގަނޑާ ހަމަވެފައި. އިންފެކްޝަން ހެދިފައި ހުރީ. އެކަމަކު ހޭނައްތައިގެން އޮޕަރޭޝަން ކޮށްފައި ނަގަން ޖެހެނީ. އެކަން ވެސް ނުވެގެން މި އުޅެނީ މާލެ ނުދެވިގެން،" ޒައިނަބު ބުންޏެވެ.

އޮޕަރޭޝަންތަކަށް ފަހު ޝަނުމްގެ ހާލަތު ކުރިއަށް ވުރެ ރަނގަޅެވެ. އަދިވެސް ބޮޑުކަމުދިއުމުގައި ހިފެހެއްޓުމެއް ނުހުންނާތީ އަބަދު ސާފު ކުރަން ޖެހެ އެވެ. ނަމަވެސް ކުރިއާ އަޅާބަލާ އިރު މިހާރު ލުއި ކަމުގައި ޒައިނަބު ބުންޏެވެ.

"މިހާރު ދެން ބާއްވާފައި ވެސް ބަދިގެއަށް ގޮސް ކައްކާލާ ހެދޭ. ދިހަ އަހަރުވަންދެން ވަރަށް ހާލުގައި. ރަނގަޅަށް އެ ވާހަކަ ކިޔާ ނުވެސް ނުދެވޭނެ،" އޭނާ ބުންޏެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް