އިންޑިއާގެ އަންހެނަކު ފެން ހޯދަން ވަޅަށް ފޭބުމަށް ފަހު އަރަނީ: މިއީ އެތައް ބައެއްގެ ހިތަށް އަސަރުކުރުވި މަންޒަރެއް

ފެން ހޯދަން އިންޑިއާ އަންހެނުން ފުން ވަޅުތަކަށް، ހިތްދަތި މަންޒަރެއް

އިންޑިއާ އަކީ އެންމެ ގިނައިން ބިމުން ފެން ނަގައިގެން ބޭނުންކުރާ ގައުމު. އެކަމަކު ވަޅުތަކުން ފެން ހުސްވުމުގެ މައްސަލަ ވަނީ ދިމާވެފައި

މުހިންމު ނުކުތާތައް

ފެނަށް ޖެހުން އެންމެ ގާތް 17 ގައުމުގެ ތެރޭގައި އިންޑިއާ ހިމެނޭ

މަދްޔާ ޕްރަދޭޝްއަކީ ހޫނު މޫސުމުގައި ފެނަށް ޖެހޭ އިންޑިއާގެ އެއް ސްޓޭޓް

ލަފާކުރެވޭ ގޮތުގައި 2050 ނިޔަލަށް އިންޑިއާގެ 30 ސްޓޭޓެއް ފެނަށް ޖެހޭނެ

އެ ފުން ވަޅަށް އެ އަންހެން މީހާ ފައިބައި، އަރަނީ ފަލެއްގެ އެހީގައެއް ނޫނެވެ. ވަޅުގެ ފުލުގައި ހުރި ފެންފޮދު ހޯދަން އޭނާ ފުރާނަ އަތަށް ލައިގެން އެ ކުރާ މަސައްކަތް ފެންނަ ވީޑިއޯއިން މުޅި އިންޑިއާއަށް ވެސް ލިބެނީ ކަންބޮޑުވުމެކެވެ.

ނަމަވެސް މިއީ މަދްޔަ ޕްރަދޭޝްގެ ރަށްފުށު އަންހެނުން ކޮންމެ ދުވަހަކު ވެސް، ހޫނު މޫސުމުގައި، ކުރަން މަޖުބޫރު މަސައްކަތަކަށް ވަނީ ވެފަ އެވެ. އެ މަސައްކަތްނުކޮށް އެ މީހުންނަށް ބޯފެން ލިބޭކަށް ނެތެވެ.

ވަޅުތަކާއި، ކޯރުތައް ހިކުމުގެ ސަބަބުން ގުޝިޔާ އަވަށުގެ މީހުން ފެން ހޯދަނީ އެއްވެސް ރައްކާތެރިކަމެއް ނެތް ހިތްވަރެއް ކޮށްގެންނެވެ.

އިންޑިއާ އެހެން ބައެއް ސަރަހައްދުތައް ވެސް ވަނީ ހަމަ އެގޮތަސް ފެނަށް ޖެހިފަ އެވެ. 

އިންޑިއާގެ އަވަށްތަކުގެ އަންހެނުން ފުރާނަ ނުރައްކަލަށް ހުށަހަޅައިގެން ނަމަވެސް ފެން ހޯދަން ކުރާ މަސައްކަތް ފެންނަ ވީޑިއޯތައް މީގެ ކުރިން ވެސް ވައިރަލްވި އެވެ. މިދިޔަ އޭޕްރީލްގައި އިންޑިއާގެ މަހާރަޝްތްރާ ސްޓޭޓްގެ އަންހެނަކު މިގޮތަށް ފެން ހޯދަން ވަޅަކަށް ފައިބާ ވީޑިއޯއަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ.

އިންޑިއާގެ އަންހެނުން ފެން ހޯދަން ކުރާ މަސައްކަތް

ދުނިޔޭގެ ފެނުގެ ހާލަތު ދެނެގަތުމަސް 2019 ގައި އެކުލަވާލި ރިޕޯޓެއްގައިވާ ގޮތުން ފެނަށް ޖެހުން އެންމެ ގާތް 17 ގައުމުގެ ތެރޭގައި އިންޑިއާ ހިމެނެ އެވެ. 

އެ ރިޕޯޓްގައި ބުނާ ގޮތުން މަދްޔާ ޕްރަދޭޝް، ޕަންޖާބް، ރާޖަސްތާން، އުއްތަރަ ޕްރަދޭޝް، ގުޖްރާތު، އުއްތަރަހާންދް އަދި ހަރްޔާނާއަކީ ފެނަން ޖެހުން އެންމެ ކައިރި ސްޓޭޓްތަކެވެ.

ކޮންމެ ހޫނު މޫސުމެއްގައި ފެން ނުލިބުމުގެ ދަތިތަކާ މަދްޔާ ޕްރަދޭޝް އިން ކުރިމަތިލާން ޖެހެ އެވެ. އެ ސްޓޭޓްގެ ސަރުކާރުން ވަނީ 2024 ގައި ކޮންމެ އަވަށަކަށް ސަޕްލައި ފެން ލާދޭން ވައުދުވެފަ އެވެ. 

ފެނުގެ މައްސަލައިގައި ހިތްހަމަނުޖެހިގެން ގުޝިޔާ އަވަށުގެ މީހުން ބުނީ ކުރިއަށް އޮތް ލޯކަލް އިންތިހާބު ބޮއިކޮޓް ކުރާނެ ކަމަށެވެ.

ފެނުގެ މައްސަލާގައި ގުޝިޔާ އަވަށުގެ މީހުން ބުނަނީ ކުރިއަށް އޮތް އިންތިހާބު ބޮއިކޮޓް ކުރާނެ ކަމަށް

"މިތަނުގައި ހުންނަ ތިން ފެންވަޅު ވެސް ހުރީ ގާތްގަނޑަކަށް ހިކިފައި. އަހަރެމެން ވަޅަށް ފައިބާން ޖެހެނީ ފެން ހޯދުމަށް. އެއްވެސް ޕަމްޕަކުން ފެނެއް ނާދޭ،" އެ އަވަށުގެ އަންހެނަކު ބުންޏެވެ.

"ސަރުކާރުގެ މުވައްޒަފުންނާއި ސިޔާސީ މީހުން މި ސަރަހައްދަށް އަންނަނީ ހަމައެކަނި އިންތިހާބު ކައިރި ވުމުން. އަހަރެމެންނަށް ފެން ނުލިބޭ ނަމަ ވޯޓު ނުލާން ނިންމައިގެން މި ތިބީ."

ފެން ހޯދަން އަންހެންމީހާ ވަޅަށް އެރޭ ތަން ފެންނަ ވީޑިއޯއިން "ހިތް ކުދިކުދި ވެއްޖެ" ކަމަށް، އާންމުން ބުނެ އެވެ. އަދި ކަމާ ބެހޭ ފަރާތްތަކުން އެ އަވަށަށް ފެން ފޯރުކޮށްދޭން ވެސް ގިނަ ބަޔަކު ގެންދަނީ ގޮވާލަމުންނެވެ.

އިންޑިއާގެ ބަޔަކު ހިކިފައި ހުރި ވަޅެއްގެ ފުލުން ފެން ނަގަނީ

މުޅި ދުނިޔެ އަށް ބަލާއިރު ވެސް އިންޑިއާއަކީ އެންމެ ބޮޑަށް ބިމުން ފެން ނަގައިގެން ބޭނުންކުރާ ގައުމެވެ. ވަރަށް ގިނަ ބަޔަކު އެމީހުންގެ ދުވަހުގެ ބޭނުމަށް ފެން ނަގަނީ ވަޅުންނެވެ.

ވޯލްޑް ބޭންކްގެ ރިޕޯޓަކުން ބުނާ ގޮތުގައި އެ ގައުމުގެ ތިން ބައިކުޅަ ދެ ބައި ސަރަހައްދަށް ވަނީ ބިމުން ފެން ލިބުން ދަތިވެފަ އެވެ. ލަފާކުރެވޭ ގޮތުގައި 2050 ނިޔަލަށް އިންޑިއާގެ 30 ސްޓޭޓެއް ފެނަށް ޖެހުން ކައިރި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް