މިއުޒިކް

މިއުޒިކީ ތަރި ޔޮހާނީ ރާއްޖެއަށް ކުރި ފުރަތަމަ ދަތުރު

'މަނިކެ މަގޭ ހިތޭ' ލަވަކިއުންތެރިޔާގެ މި ދަތުރުގައި 'ދައުރު'އަށް ވަނީ ހާއްސަ އިންޓަވިއުއެއް ދީފައި
29 އޮކްޓޯބަރު 2022

'މަނިކޭ މަގޭ ހިތޭ މުދުލޭ ނުރާ ހަނގުމް ޔާވޭ އަވިލޭވީ....'މިހެން ކިޔާލުމުން މިއީ ކޮން ލަވައެއްކަން ނޭނގޭ މީހަކު މަދުވާނެކަން ޔަގީނެވެ. އެލަވައިގެ މަޑުމައިތިރި ރީތި ރާގު ވަނީ ހިތުދަސްވެފަ އެވެ. ކޮވިޑް-19 ބަލިމަޑުކަމުގެ ތެރެއިން އެންމެންގެ ހިތަށް ފިނިކަމާއި އުފާވެރިކަން ގެނެސްދީ، މިއުޒިކުން ދުނިޔޭގެ އެންމެން ގުޅުވާލަދިން އެއް ލަވަ އެވެ.

ސްރީ ލަންކާއަށް އުފަން ޔޮހާނީ ޑިލޮކަ ޑިސިލްވާގެ ހިތްގައިމު، ހުވަފެނީ އަޑުން ކިޔާފައިވާ މި ލޯބީގެ ލަވަ ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް ޔޫޓިއުބްގައި 200 މިލިއަނަށް ވުރެ ގިނަ ފަހަރު އަޑުއަހައިފަ އެވެ. އޭނާ މި ވަގުތު ހުރީ ރާއްޖޭގަ އެވެ. މިއަދު ހަވީރުން ފެށިގެން މިރޭ 12އާ ހަމައަށް ކުރިއަށް ގެންދާ ޗަނާޗާ މިޔުޒިކް ޝޯގެ ހާއްސަ މެހެމާނަކީ ޔޮހާނީ އެވެ.

ޔޮހާނީ ވަނީ 'ދައުރު'އަށް ހާއްސަ އިންޓަވިއުއެއް ދީފަ އެވެ. އޭނާއަކީ އޭނާގެ ހިތްގައިމު އަޑެކޭ އެއްފަދައިން މަޑުމައިތިރި އަދި ހިތްގައިމު މިޒާޖެއްގެ ވެރިއެއްކަން ވެސް މި އިންޓަވިއުއިން އެނގުނެވެ.

ޔޮހާނީއަކީ މިއުޒިކީ އާއިލާއަކަށް ނިސްބަތްވާ މީހެއް ނޫނެވެ. އެކަމަކު ތުއްތުއިރުއްސުރެ އޭނާ މިއުޒިކު ކުޅެ، ލަވަކިޔާ އުޅުނެވެ. އެންމެ ފުރަތަމަ މިއުޒިކު އިންސްޓްރުމެންޓެއް ކުޅެން ދަސްކޮށްދިނީ އޭނާގެ މަންމަ އެވެ. އޭރުވެސް އަދި މިހާރުވެސް ޔޮހާނީގެ މިއުޒިކު ދާއިރާއަށް ހިތްވަރުދީ އެހީތެރިވަމުން އަންނަނީ އޭނާގެ މައިންބަފައިންނެވެ. ގޭތެރޭގައި އިނދެގެން އެކި އާޓިސްޓުންގެ ލަވަތައް ކިޔާ ޕްރެކްޓިސް ކުރުމުގެ ތެރޭގައި އޭނާގެ އަމިއްލަ ޔޫޓިއުބް ޗެނަލެއް އުފެއްދީ 2016 ގަ އެވެ. ޔޫޓިއުބަކީ އޭނާގެ ފުރަތަމަ ބޮޑު ޕްލެޓްފޯމަށް ވީ ކޮވިޑް-19 ފުރަބަންދުގެ ތެރޭގަ އެވެ. 

"އޭރު އެންމެން ގޭގައި ތިބެން ޖެހިފައި، ކުރާނެ ކަމެއް ނެތިފައި ތިބި އިރު ހިތަށްއެރީ ކަވާ ލަވައެއް ކިޔާލާނީއޭ،" ޔޮހާނީ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ގޭގެ ސޯފާ މަތީ އޮވެގެން ކީ މި ލަވައަށް މިހާ ބޮޑު މަގުބޫލުކަމެއް ލިބޭނެ ކަމަށް ހިތަކަށް ވެސް ނާރަ އެވެ. ލަވައިގެ ކާމިޔާބީގެ ފަހަތުގައި ވަނީ ވަކި ޕްލޭނެއް ސްޓްރެޓަޖީއެއް ނޫނެވެ. އެންމެންގެ ހިތް ޖެހުނީ ޔޮހާނީގެ އެ ހިތްގައިމު އަޑާއި، ލަވައިގެ މޮޅު ބަސްމޮށުންތެރިކަމާއި ނަލަ ރާގަށެވެ. 

މިއުޒިކު ދާއިރާގައި ފުލް-ޓައިމްކޮށް މަސައްކަތް ކުރަން ފެށުމުގެ ކުރިން ޔޮހާނީ ވަނީ ކޯޕަރޭޓް ދާއިރާގައި ވަޒީފާ އަދާކޮށްފަ އެވެ. މިހެން ބުނުމުން ފަހަރެއްގައި ގިނަ ބަޔަކު ހައިރާން ވެދާނެ އެވެ. އެކަމަކު އޭނާއަކީ އެކައުންޓިންގެ ދާއިރާއިން މާސްޓާޒް ހަދާފައި ހުރި ޒުވާނެކެވެ. އެކަމަކު މުޅިން އެހެން ދާއިރާއެއްގައި ކިޔަވަމުން ވެސް މިއުޒިކާ ދުރަކަށް ނުޖެހެ އެވެ.

"އޭރު އޮސްޓްރޭލިއާގައި ކިޔަވަން ހުރި އިރު، ކްލާސް ގަޑިތައް ނިންމާފައި ގެއަށް ގޮސް ލަވައެއް ކިޔާ ރެކޯޑު ކޮށްލަނީ،" ޔޮހާނީ ބުންޏެވެ.

މިހާރު އޭނާ މަސައްކަތް ކުރަމުން އަންނަނީ އިންޑިއާގެ ބޮޑު ރެކޯޑު ލޭބަލަކަށެވެ. ދިރިއުޅެނީ އިންޑިއާގެ މުމްބައިގެ ބޮޑު ބޮލީވުޑް ތަރިންގެ ފިލްމުތަކަށް ލަވަ ކިޔައިގެންނެވެ. ސްރީ ލަންކާ ފަދަ ދެކުނު އޭޝިއާގެ ގައުމަކަށް ނިސްބަތްވާ ލަވަކިޔުންތެރިޔަކު ދުނިޔޭގެ މަގުބޫލު ތަރިއަކަށް ވާނެ ކަމަށް އެކަކު ވެސް ހިތަކަށް ނާރާނެ އެވެ.

ޔޮހާނީގެ ވާހަކައިން ގިނަ ބަޔަކަށް ހިތްވަރު ލިބޭނެކަމާ މެދު ޝައްކެއް ނެތެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް