އެސްޓީއޯގެ ސުޕަ މާކެޓްގައި ބަޔަކު ވިޔަފާރި ކުރަނީ: ރާއްޖޭގައި މުދަލުގެ އަގުތައް އަންނަނީ ދުވަހެއް ދުވަހަކަށް އުފުލެމުން (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

އިންފްލޭޝަން

އަގުތައް މަތިވުން: މިވަގުތުގެ އެންމެ ބޮޑު ބިރު

އެތެރެ ކުރާ މުދަލަށް މުޅި އިގްތިސާދު ބިނާވެފައިވާ ރާއްޖޭގައި ތަކެއްޗާއި ހިދުމަތުގެ އަގުތައް ބޮޑުވާނޭ ހުރިހާ ސަބަބުތަކެއް މިހާރު ވަނީ ކުރިމަތިވެފައި

މަރުކަޒީ ބޭންކް، އެމްއެމްއޭއިން އެކުލަވާލާފައިވާ މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ އިކޮނޮމިކް އަޕްޑޭޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ޖެނުއަރީ އިން މާޗަށް ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލުނު މިންވަރު، ނުވަތަ އިންފްލޭޝަން ވަޒަން ކުރާ މިންގަނޑު ކޮންޒިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ވަނީ %0.6 އިން %1.1 އަށް މައްޗަށް ޖެހިފަ އެވެ. އިންފްލޭޝަން މަތިވަމުން އައުމުގެ ސަބަބެއްގެ ގޮތުގައި އެމްއެމްއޭގެ ރިޕޯޓްގައި ފާހަގަކުރީ ތެލުގެ އަގުތަކާއި ބޭހާއި ރެސްޓޯރަންޓް ކެފޭތަކުގެ އަގުތަކާއި މަސް އަދި މޭވާ ބާޒާރުގައި ވިއްކާ އަގުތައް ބޮޑުވުމެވެ.

އިންފްލޭޝަން މަތިވެފައިވާ ދާއިރާތައް:

  • އާންމުންނަށް ވިއްކާ ޕެޓްރޯލްގެ އަގު - %0.3 މަތިވި

  • ބޭހުގެ އަގު - %0.2 މަތިވި

  • ރެސްޓްރޯރަންޓް، ކެފޭތަކުގެ އަގުތައް - %0.2 މަތިތި

  • މަހުގެ އަގުތައް - %0.1 އުފުލުނު

  • މޭވާގެ އަގުތައް -%0.1

 މި ހުރިހާ ނަމްބަރުތަކުން ޔަގީންވާ އެއްކަމަކީ ރާއްޖޭގައި ވެސް ތަކެތީގެ އަގުތައް ބޮޑުވާ މިންވަރު ހުރީ މައްޗަށް ހިފާފައި ކަމެވެ. ރާއްޖެއަކީ ގާތްގަނޑަކަށް ހުރިހާ އެއްޗެއްހެން ބޭރުން އެތެރެކުރާ ގައުމަކަށް ވާއިރު ދުނިޔޭގެ ބާޒާރުގައި މަތިވަމުން އަންނަ އަގުތަކާ އެކު ރާއްޖޭގެ އިންފްލޭޝަނަށް ބޭރުން ކުރިމަތިވެފައިވާ ޕްރެޝަރުތައް ވަރަށް ބޮޑެވެ. އަދި ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން އިންފްލޭޝަންގެ ހާލަތު އިތުރަށް ގޯސްވުމުގެ ފުރުސަތު މި ވަނީ ބޮޑުވާން ފަށައިފަ އެވެ.

މާލޭގެ ލޯކަލް މާރުކޭޓުގައި ވިއްކަން ހުރި މޭވާ އާއި ތަރުކާރީގައި އަގު ޖަހާފައި (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

މުސާރަ ބޮޑުކުރުން؛ އިންފްލޭޝަނަށް އެޅޭ ބާރެއް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާނުގައި ވައުދުވެ ވަޑައިގަތް ގޮތަށް މިދިޔަ ހަފްތާ ސަރުކާރުން ވަނީ ޓީޗަރުން ހިމެނޭ ގޮތުން ސްކޫލްތަކުގައި ހަރަކާތްތެރިވާ ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކޮށް ވައުދު ފުއްދައިފަ އެވެ. އެހެންކަމުން މި މަހުން ފެށިގެން 8،889 ޓީޗަރެއްގެ މުސާރައަށް %56ގެ ކުރިއެރުމެއް އަންނާނެ އެވެ. މީގެ އިތުރަށް އަހަރުގެ އެއްވަނަ ދުވަހުން ފެށިގެން ތަންފީޒު ކުރަން ފެށި އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ނުވަތަ މިނިމަމް ވޭޖާ އެކު ސަރުކާރުގެ 11،828 މުވައްޒަފެއްގެ މުސާރައަށް ވަނީ އެވްރެޖުކޮށް 1،139ރ. އިތުރުވެފަ އެވެ. އަދި މުސާރަތައް ބޮޑުކުރަން 500 މިލިއަން ރުފިޔާ އިތުރަށް މިއަހަރު ވަނީ ބަޖެޓްކޮށްފަ އެއީ:

  • 200 މިލިއަން ރުފިޔާ: މިނިމަމް ވޭޖް ދިނުމަށް

  • 300 މިލިއަން ރުފިޔާ: މުސާރައަށް ގެންނަ ބަދަލުތަކަށް

ސިޔާސީ ވައުދެއް ފުއްދުމުގެ ގޮތުން ޓީޗަރުންގެ މުސާރަތައް ބޮޑުކުރުމުން ޖުމްލަ 488.6 މިލިއަން ރުފިޔާ އިތުރަށް އިގްތިސާދުގެ ތެރެއަށް ދޫވެގެން ދެ އެވެ. އަދި މަހެއްގެ މައްޗަށް އިތުރު 40.7 މިލިއަން ރުފިޔާ އާންމުންގެ އަތް މައްޗަށް ދޫކޮށްލެވެނީ އެވެ. އޭގެ ތެރެއިން ބޮޑު ބައެއް ތަކެތި ގަނެ ހިދުމަތް ހޯދުމަށް މީހުން ހަރަދު ކުރާނެ އެވެ.

މުސާރަ ބޮޑުވުމުގެ ނަތީޖާ އަކީ އިގްތިސާދުގައި އެނބުރޭ ފައިސާގެ އިތުރުވުމެވެ. ތިލަކޮށް ބުނާ ނަމަ މިހާރު ހަރަދު ނުކުރާ ކަންކަމަށް ހަރަދު ކުރަން އިތުރު ފައިސާ އާންމުންގެ އަތްމައްޗަށް ސަރުކާރުން ދޫކޮށްލަނީ އެވެ. ނަތީޖާ އަކީ މިހާރަށް ވުރެ އިތުރަށް މީހުން ތަކެތި ގަނެ އެކި ހިދުމަތްތަށް ހޯދުމަށް ހަރަދުތައް އިތުރުކުރުމެވެ. އިގްތިސާދުގެ އާންމު ހަމަޔަކީ ޑިމާންޑް ބޮޑުވާ ނަމަ ތަކެތީގެ އަގު އުފުލުމެވެ. އަދި ޑިމާންޑާ އެއްވަރަށް ތަކެއްޗާއި ހިދުމަތް ނުދެވޭ ނަމަ އަގުތައް އިތުރަށް މަތިވެގެންދިއުމެވެ.

ކޮވިޑަށް ފަހު ރާއްޖޭގެ އިގްތިސާދުގެ ކުރިއެރުން ވެސް މިއަހަރު %12ގައި ހުންނާނެ ކަމަށް ލަފާކުރެވޭ އިރު އާންމުންގެ އަތް މަތި ތިޔާގިވުމާ އެކު އަންނަ އާންމު އިންފްލޭޝަންގެ މައްޗަށް މުސާރަތައް ބޮޑުވުމާ ގުޅިގެން ތަކެތީގެ އަގު ބޮޑުވެ، އިންފްލޭޝަންގެ ބޮޑު ރާޅެއްގައި ދިވެހިން ފަތަން ޖެހުން ގާތެވެ.

ސަރުކާރުގެ ގިނަ އޮފީސްތައް ހުންނަ ވެލާނާގެއަށް މީހަކު ވަންނަނީ: ސަރުކާރުގެ ގިނަ ދާއިރާތަކުގެ މުސާރަ މިއަހަރު އަދި އިތުރަށް ބޮޑުވާނެ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި އިގްތިސާދީ ދާއިރާގެ ބޭފުޅަކު ވިދާޅުވި ގޮތުގައި އިންފްލޭޝަން ބޮޑުވުމަށް ކުރިމަތިވެދާނެ ހުރިހާ ސަބަބުތަކެއް މިހާރު ރާއްޖޭގެ އިގްތިސާދަށް ވަނީ ކުރިމަތިވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހާ އަޅާ ބަލާއިރު ވެސް ރާއްޖެއަށް އެތެރެ ކުރި ތަކެތި ނުވަތަ އިމްޕޯޓް ވަނީ އިތުރުވެފަ އެވެ. އެމްއެމްއޭގެ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ މާޗް މަހާ އަޅާބަލާއިރު މި އަހަރުގެ މާޗް މަހު އެކަނި އިމްޕޯޓް ވަނީ %15 އިތުރުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އޭގެ މާނައަކީ ތަކެއްޗަށް އޮތް ޑިމާންޑް މިދިޔަ އަހަރަށް ވުރެ މިއަހަރު ބޮޑުވެފައިވުމެވެ.

"އިންފްލޭޝަން ބޮޑުނުވެ މިއަހަރު އޮތުމަކީ ނާދިރު ކަމެއް. އިންފްލޭޝަނެއް ބޮޑުވާން ދިމާވާނެ އިގްތިސާދު ހުރިހާ ސަބަބުތަކެއް އެބަހުރި ކުރިމަތިވެފައި. މުސާރަ ބޮޑު ކުރީމާ އިންފްލޭޝަން ބޮޑުވާތަން ކުއްލިއަކަށް ނުފެނިދާނެ. އެކަމަކު އެއް ކުއާޓާވަރު ޕާސްކޮށްލީމާ ދެން ފެންނާނެ ބޮޑުވާތަން. އެެހެން ވީމާ ސަރުކާރުން އެބަ ޖެހޭ އިންފްލޭޝަން ދައްކުރާނެ ވިސްނުންތަކެއް ނެރުން،" ތަޖުރިބާކާރު ވިދާޅުވި އެވެ.

އިންތިހާބުގެ އަހަރު؛ އިތުރު ހަރަދު

މިދިޔަ އެޕްރީލް މަހު ވާލްޑް ބޭންކް ނެރެފައިވާ 'މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް' ރިޕޯޓްގައި ވެސް ރާއްޖެއަށް ކުރިމަތިވެފައިވާ އިންފްލޭޝަންގެ ކަންބޮޑުވުން ފާހަގަކޮށްފަ އެވެ. އެގޮތުން އަންނަ އަހަރަކީ ރިޔާސީ އިންތިހާބު ބާއްވާ އަހަރަށް ވާތީ އެކަމާ ގުޅިގެން މި އަހަރުގެ ތެރޭގައި ސަރުކާރުގެ ހަރަދުތައް އިތުރުވުން ގާތް ކަމަށް ވާލްޑް ބޭންކުން ލަފާކުރެ އެވެ. ހާއްސަ ގޮތެއްގައި ބޮޑެތި މަޝްރޫއުތައް ނިންމުމަށް ސަރުކާރުން ކުރާ ހަރަދުތައް އެތައް ތަނެއް ބޮޑުވުން ގާތް ކަމަށް އެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އެކަމާ ހުރެ އިންފްލޭޝަން މައްޗަށް ދާނެ ކަމަށް ވޯލްޑް ބޭންކުން ވެސް ލަފާކުރެ އެވެ. މީގެ އިތުރަށް މިނިމަމް ވޭޖާއި މުސާރަތައް ބޮޑުކުރުމުގެ ސަބަބުން އިންފްލޭޝަން އިތުރަށް މައްޗަށް ދިޔުމުގެ ބިރު ރާއްޖެއަށް ބޮޑުވެފައިވާކަން ވެސް ވޯލްޑް ބޭންކުން ފާހަގަ ކުރެ އެވެ. 

"ޔޫކްރެއިން ހަނގުރާމައިގެ އަސަރުތަކުގެ ސަބަބުން ބައިނަލްއަގުވާމީ ބާޒާރުގައި ތަކެތީގެ އަގުތައް ބޮޑުވަމުން އަންނާތީ ރާއްޖޭގެ އިންފްލޭޝަން މައްޗަށް ދާނެ ކަމަށް ވަރަށް ބޮޑަށް ލަފާކުރެވެ އެވެ. އެހެން ނަމަވެސް ދުނިޔޭގެ އިގްތިސާދަށް ހަމަޖެހުން އައިސް އަގުތައް ތިރިވެއްޖެ ނަމަ މެދު ރާސްތާއެއްގައި ރާއްޖޭގެ އިންފްލޭޝަން މަތިނުވެ ހިފެހެއްޓިދާނެ އެވެ،" ވޯލްޑް ބޭންކުގެ ރިޕޯޓްގައި ފާހަގަ ކޮށްފައިވެ އެވެ.

ގްރޭޓާ މާލޭ ކަނެކްޓްވިޓީ ބުރިޖް އެޅުމަށް ބޭނުން ކުރާ އުޅަނދެއް: ކުރިއަށް އޮތީ އިންތިހާބުގެ އަހަރަށް ވުމުން ސަރުކާރުން ހަރަދު ކުރާވަރު އިތުރު ކުރުމަކީ ކަންބޮޑުވުމެއް (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އިންތިހާބާ ދިމާކޮށް އާންމުންގެ ސަޕޯޓް އިތުރު ކުރުމަށް ސިޔާސީ ގޮތުން ސަރުކާރުން ކުރާ ކަންތައްތައް ވަނީ މިހާރު ވެސް ގިނަވާން ފަށައިފަ އެވެ. އެގޮތުން ސަރުކާރާއި ކުންފުނިތަކުން އިތުރު ވަޒީފާ އުފެއްދުމާއި އާ މަޝްރޫއުތައް ކުއްލި ކުއްލިއަށް ފެށުން ހިމެނެ އެވެ. މިއަހަރުގެ ރިޔާސީ ބަޔާނުގައި ވެސް ރައީސް ވަނީ ގިރާވަރު ފަޅު ހިއްކައި އެ ސަރަހައްދު ގްރޭޓާ މާލޭ ބްރިޖުން ސަރަހައްދު ގުޅާލުމުގެ މަޝްރޫއެއް އިއުލާންކޮށްފަ އެވެ. އެއީ ވެސް ސަރުކާރުން ކުރާނެ އިތުރު ހަރަދަކަށް ވާއިރު ކޮންމެ އާ ހަރަދަކާ އެކު އިންފްލޭޝަން މަތިވުމުގެ ފުރުސަތު އޮންނާނެ އެވެ.

މީގެ ކުރިން ފިނޭންސް މިނިސްޓަރުކަން ކުރެއްވި އަހުމަދު މުނައްވަރު ވިދާޅުވި ގޮތުގައި އާންމުންގެ މަގުބޫލުކަން އިތުރުކޮށް ވޯޓް ހޯދުމަށް އަމާޒުކޮށްގެން ގެންނަ އިގްތިސާދީ ހަމަތަކާ ދުރު ސިޔާސަތުތަކުގެ ސަބަބުން އެކަމުގެ ނޭދެވޭ ނަތީޖާއާ ކޮންމެ ގައުމަކަށް ވެސް ކުރިމަތިލާން ޖެހޭނެ އެވެ. އެގޮތުން ބޮޑުވަމުން އަންނަ އިންފްލޭޝަން ކުޑަކުރުމަކީ ސަރުކާރުގެ ސިޔާސަތުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއްކަން އޭނާ ފާހަގަ ކުރައްވާފައިވެ އެވެ.

"ކުރު ރާސްތާއެއްގައި މަގުބޫލުކަން ހޯދާ ވޯޓް ހޯދުމަށް ސިޔާސަތުތައް ބޭނުން ކުރެވިދާނެ. އެކަމަކު އިގްތިސާދުގެ ހަމަތަކާ ކޮންމެވެސް ހިސާބަކުން ކުރިމަތިލާން ޖެހޭނެ،" މުނައްވަރު އޭނާގެ ފޭސްބުކް ސްޓޭޓަސްގައި ލިޔުއްވި އެވެ.

ތެޔޮ އެޅުމަށް ފަހު މީހަކު ފައިސާ ދެނީ: ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި އުފުލި ރާއްޖެއަށް ވަނީ އެކަމުގެ އެނގުންވެފައި (ދައުރު ފޮޓޯ)

ސަރުކާރުގެ ޕްރެޝަރާ ހެދި އާންމުންގެ މަގުބޫލްކަން އިތުރު ކުރަން މަރުކަޒީ ބޭންކުން އަޅަން ޖެހޭ ފިޔަވަޅު ނޭޅި އެއް ގައުމަކީ ތުރުކީ އެވެ. އިންޓަރެސްޓް ރޭޓްތައް ބޮޑުކުރުމުގެ ބަދަލުގައި ތުރުކީގެ ސެންޓްރަލް ބޭންކުން އިންޓަރެސްޓް ރޭޓްތައް ކުޑަކޮށްލި އެވެ. އެއާ އެކު އިގްތިސާދުގައި ދައުރުވާ ފައިސާ އިތުރުވެ އެ ގައުމުގައި އިންފްލޭޝަން ވަނީ އަތް ނުފޯރާ ފަށަށް އަރައި %70އާ ގާތްކޮށްފަ އެވެ. އެ ގައުމަށް މިހާރު މަޖުބޫރުވެފައި ވަނީ އިތުރު ސަބްސިޑީ ދީ ބައެއް ޓެކްސްތައް ކަނޑާލައިގެން ތަކެތީގެ އަގު ބޮޑުވުމުގެ ތަކްލީފުން އާންމުން ސަލާމަތްކޮށްދޭށެވެ.

ގައުމުތައް އިންފްލޭޝަނާ ހަނގުރާމަ ކުރުމުގައި

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އުފުލުނު ތެލުގެ އަގާއި ކޮވިޑަށް ފަހު މުދާ އުފުލުމުގައި ކުރިމަތިވެފައިވާ ދަތިތަކާ ހުރެ މުޅި ދުނިޔެވެސް އޮތީ ތަކެތީގެ އަގު ބޮޑުވުމާ ހަނގުރާމަ ކުރަން ޖެހިފަ އެވެ. އަދި މިފަހުން ޗައިނާގައި ކޮވިޑްގެ ކޭސްތައް ގިނަވެ ފުރަބަންދު ކުރި ސިޓީތައް ގިނަވުމުގެ ސަބަބުން ދުނިޔޭގެ އެއް ތަނުން އަނެއް ތަނަށް މުދާ އުފުލުމުގެ އަގުތައް ވަނީ އިތުރަށް މައްޗަށް ގޮސްފަ އެވެ.

އެ ހުރިހާ ސަބަބުތަކާ ހެދި މިދިޔަ އެޕްރީލް މަހު ތެރޭ ޔޫރަޕްގެ އިންފްލޭޝަން ވަނީ %7.5 އަށް އުފުލިފަ އެވެ. މިއީ 1997 އަށް ފަހު ޔޫރަޕްގެ އިންފްލޭޝަން މިހާ ބޮޑަށް މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. އަދި އެމެރިކާގެ އިންފްލޭޝަން ވެސް އަތް ނުފޯރާ ފަށަށް ގޮސް އަގުތައް މައިތިރި ކުރަން އެ ގައުމުގެ މަރުކަޒީ ބޭންކް ފެޑެރަލް ރިޒާވް (ފެޑް) އިން ވަނީ ފިޔަވަޅު އަޅައިފަ އެވެ. އެގޮތުން އިގްތިސާދުގައި ފައިސާ އެނބުރުން މަދުކޮށް ޑިމާންޑް ކުޑަކުރުމުގެ ގޮތުން މިއިން ދުވަހަކު ބޮޑު ނުކުރާ ވަރަށް އިންޓަރެސްޓް ރޭޓް ފެޑްއިން ވަނީ ބޮޑުކޮށްފަ އެވެ. ފެޑާ އެކުހެން އިނގިރޭސިވިލާތުގެ ސެންޓްރަލް ބޭންކުން ވެސް އިންޓަރެސްޓް ރޭޓްތައް މިހާރު ވަނީ މައްޗަށް އުފުލާލައިފަ އެވެ.

ތުރުކީގައި ތަކެތީގެ އަގުތައް ބޮޑުވުމުގެ ސަބަބުން ބަޔަކު މުޒާހަރާ ކުރަނީ: ދުނިޔޭގެ ހުރިހާ ގައުމެއްގައިހެން ތަކެތީގެ ބޮޑުވުމުގެ ތުރާލާ އާންމުންނަށް ވަނީ ކުރިމަތިވެފައި (ފޮޓޯ/ އަލްޖަޒީރާ)

ދުނިޔޭގެ މާލީ ނިޒާމުތައް ކޮންޓްރޯލް ކުރާ ގައުމުތަކުން އެޅި މިފިޔަވަޅުތަކުގެ ނަތީޖާއަކަށް ވަނީ ލޯނުތަކަށް ދައްކަން ޖެހޭ އިންޓަރެސްޓް ރޭޓް ބޮޑުވުމެވެ. މި ފިޔަވަޅުގެ ބޭނުމަކީ އާންމުން އަތުގައި ނުވަތަ އިގްތިސާދުގައި ފައިސާ ދައުރުވާ ވަރު ކުޑަކުރުމަށް ލޯނު ނުނެގުމަށް ބާރު އެޅުމެވެ. އަދި ބޭންކުތަކުގައި މީހުން ގިނައިން ފައިސާ ރައްކާ ކުރުމަށް ޝައުގުވެރިކަން އިތުރުކުރުމަކީ ވެސް ބޭނުމެކެވެ. އޭރުން އިގްތިސާދުގެ ތެރެއިންނާއި އާންމުންގެ އަތުގައި ފައިސާ ހުންނަ ވަު މަދުކޮށް ތަކެއްޗާއި ހިދުމަތަށް އޮންނަ ޑިމާންޑް ކުޑަކުރެވޭނެ އެވެ.

އެހެން ނަމަވެސް އެ ފިޔަވަޅުތަކުން ވެސް ބޮޑުވަމުން އަންނަ އިންފްލޭޝަން ކުޑަކުރަން އަދި ވަގުތު ނަގާނޭ ކަމަށް އެމެރިކާ އާއި އިނގިރޭސިވިލާގެ މަރުކަޒީ ބޭންކުން ބުނެ އެވެ. އެ އަސަރުތައް ރާއްޖެއަށް ނުކޮށެއް ނުދާނެ އެވެ.

ހާއްސަކޮށް ފެޑްގެ އިންޓަރެސްޓް ރޭޓް ބޮޑު ކުރުމުގެ ނަތީޖާއަކަށް ވާނީ ވިޔަފާރިތަކުން ލޯނު ދެއްކުމަށް ކުރަން ޖެހޭ ހަރަދު ބޮޑުވުމެވެ. އޭގެ ސަބަބުން ވިޔަފާރިތަކުން ތަކެއްޗާއި ހިދުމަތުގެ އަގު ބޮޑުކުރަން މަޖުބޫރު ވެގެން ދާނެ އެވެ. އެއީ ލޯނު ދެއްކުމަށް ކުރިން ކޮށްފައި ހުރި އަންދާޒާތަކަށް ވުރެ ރަދު ބޮޑުވުމުން އެ ގެއްލުން ފޫބެއްދެން އަންނާނީ އިތުރު އާމްދަނީ ހޯދައިގެން ކަމަށް ވާތީ އެވެ.

ބާޒާރުމަތީ މީހަކު މުދާތަކެއް ޕިކަޕަކުން ބާލަނީ: ތަކެތީގެ އަގު ބޮޑުވުމުގެ ކަންބޮޑުވުން (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އަގުތައް މާ މަތިވެދާނެ؛ އެކަމަކު ފަރުވާލެއް ނެތް

މިއަހަރަށް ސަރުކާރުން މަޖިލީހަށް ހުށަހަޅައި ފާސްކުރި ބަޖެޓްގައި ލަފާކޮށްފައިވާ ގޮތުގައި ދުނިޔޭގެ ބާޒާރުގައި މިއަހަރު ތެލުގެ އަގު މައްޗަށް ދިޔުމުގެ ސަބަބުން އިންފްލޭޝަން ނުވަތަ ތަކެތީގެ އަގުތައް ރާއްޖޭގައި ބޮޑުވާނެ އެވެ. ހާއްސަ ގޮތެއްގައި ކާބޯ ތަކެތީގެ އަގުތައް ރާއްޖޭގައި ބޮޑުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އޭގެ ސަބަބެއްގެ ގޮތުގައި ބުނެފައި ވަނީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު ބޮޑުވުމުން ރާއްޖެއަށް އެކަމުން ކުރުން ނުވަތަ އިމްޕޯޓެޑް އިންފްލޭޝަންގެ އަސަރުތަކެވެ. ސަރުކާޜުން މުވައްޒަފުންގެ މުސާރަ ބޮޑުކޮށް އިންފްލޭޝަނަށް ޕްރެޝަރު ބޮޑުވާނެ ސިޔާސަތުތައް ގެންގުޅެނީ ނޭނގިއެއް ނޫނެވެ. ސަރުކާރަށް އެކަން އޮތީ އެނގިފަ އެވެ. ހަމައެކަނި ނާޅަނީ ފިޔަވަޅެވެ.

"ހަމައެއާ އެކު ވިޔަފާރިވެރިން ރާއްޖެއިން ޑޮލަރު ލިބޭ މިންވަރަކީ އިމްޕޯޓް ކުރާ މުދަލުގެ އަގުތަކަށް އަންނަ ބަދަލު ނުވަތަ އިމްޕޯޓެޑް އިންފްލޭޝަނަށް އަސަރު ކުރާނެ ކަމެކެވެ،" މިއަހަރު ރާއްޖޭގެ ތަކެތީގެ އަގުތައް ބޮޑުވާނެ ކަމަށް ލަފާކުރަމުން ސަރުކާރުން ހުށަހެޅި ބަޖެޓްގައި ބުނެފައިވެ އެވެ.

ސުޕަ މާކެޓަކުން ބަޔަކު ވިޔަފާރި ކުރަނީ: ރާއްޖޭގައި ތަކެތީގެ އަގު އަންނަނީ ދުވަހެއް ދުވަހަކަށް އުފުލެމުން (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

ޖުމްލަ 134 ވިޔަފާރިއެއްގެ މެދުގައި އެމްއެމްއޭއިން ކޮށްފައިވާ މިއަހަރުގެ ފުރަތަމަ ކުއާޓާގެ ބިޒްނަސް ސާވޭ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ޓޫރިޒަމް ސިނާއަތުގެ ވިޔަފާރިތައް ފިޔަވާ ހުރިހާ ސިނާއަތެއްގެ އަގުތައް ވަނީ މައްޗަށް ގޮސްފަ އެވެ. އަދި ވިޔަފާރި ކުރަން ހިނގާ ހަރަދު ނުވަތަ ކޮސްޓް އޮފް ސޭލްސް ވަނީ މަތިވެފަ އެވެ. ނަތީޖާއެެއްގެ ގޮތުން ވިޔަފާރިތަކުން ވިއްކާ ތަކެތީގެ އަގުތަކާއި ދޭ ހިދުމަތުގެ އަގުތައް މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ވަނީ އިތުރުވެފަ އެވެ. އަދި ކުރިއަށް އޮތް ކުއާޓާގައި ވެސް އަގުތައް މަތިވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މިވަގުތު ފެންނަން ހުރި ހުރިހާ ސަބަބުތައް ވެސް ދައްކަނީ ކުރިއަށް އޮތީ ތަކެތީގެ އަގު ބޮޑުވުމުގެ މޫސުމެއް ކަމެވެ. އަދި މިހާރު ހުރި ލަފާކުރުންތަކަށް ވުރެވެސް މާ މައްޗަށް ތަކެތީގެ އަގު ދިޔުމުގެ ފުރުސަތު އެބަ އޮތެވެ. ސަބަބަކީ ޝިޕިން ކުންފުނީގެ އަގުތަކާއި ކޮންްޓެއިނަރު އަގުތައް ވެސް %100 އަށް ވުރެވެސް ދުނިޔޭގެ ބާޒާރުގައި ބޮޑުވެފައިވުމެވެ. އަދި ކޮވިޑަށް ފަހު އެއް ގައުމުން އަނެއް ގައުމަށް ތަކެތި ގެންދިޔުމުގައި ހުރި ދަތިތައް ވެސް އެހާ ބޮޑެވެ. އެހެންކަމުން ބާޒާރުގައި މުދަލުގެ އަގުތައް ބޮޑުވާން ދިމާވާނެ ހުރިހާ ސަބަބެއް އޮތީ މިހާރު ކުރިމަތިވެފަ އެވެ. ތަކެތީގެ އަގު ބޮޑު މޫސުމަކަށް އަހަރުމެން ތައްޔާރު ހެއްޔެވެ؟ 

ހިތާމައަކީ އިންފްލޭޝަނާއި މިކަންކަމާ މެދު ވާހަކަ ދައްކަން ފިނޭންސް މިނިސްޓްރީގެ އަދި މިނިސްޓަރުގެ ޝައުގުވެރި ކަމެއްވެސް ނެތުމެވެ. ފޯނަށް ވެސް އަދި އެކަމާ ގުޅޭ ގޮތުން ކުރާ މެސެޖްތަކަށް ވެސް މިނިސްޓަރުގެ ޖަވާބެއް ނެތެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް