ރާއްޖޭގެ ރިސޯޓެއް: އާ ޓާނިމަލް ހުޅުވެންވާ އިރަށް އިތުރު ރިސޯޓްތަކެއް މާކެޓަށް ނެރެން ޖެހޭ (ފޮޓޯ/ޓްރިޕްއެޑްވައިޒާ)

ރާއްޖޭގެ ކުންފުނިތަކަށް ވެސް 1.5 ޕަސެންޓްގައި ލޯނު ލިބޭނެ

ބޭރުގެ މާލީ ބާޒާރުން ދިވެހި ކުންފުނިތަކަށް ފައިސާ ހޯދޭނެ ގޮތްތައް ފަސްޓް ނެޝަނަލް އިން އަންނަނީ ދިރާސާކުރަމުން

މުހިންމު ނުކުތާތައް

މިވަގުތު ވެސް ރާއްޖެއަށް އެތައް ސަތޭކަ މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ބޭނުންވޭ

ދިވެހި ކުންފުނިތަކުގެ އެންމެ ބޮޑު މައްސަލައަކީ ގަވަނަންސް

ސިންގަޕޫރު ކުންފުންޏަކަށް ފައިސާ ލިބެންޏާ ދިވެހި ކުންފުންޏަކަށް ނުލިބެންވީ ސަބަބެއް ނެތް

ވިޔަފާރި ފުޅާކުރަން ބޭނުންވާ ދިވެހި ގިނަ ކުންފުނިތަކަށް ގިނަ ފަހަރަށް، އެ ބޭނުންވާ ވަރުގެ ލޯނެއް، ކުޑަ އިންޓަރެސްޓް ރޭޓެއްގައި ރާއްޖެއިން ލިބޭކަށް ނޯވެ އެވެ. އެކަމަކު ދިވެހި ކުންފުނިތަކުން އިންވެސްޓްކުރަން ބޭނުންވާ ދާއިރާތަކަށް ވަންނަ ބޭރުގެ ކުންފުނިތަކުން ކުޑަ އިންޓަރެސްޓް ރޭޓްގައި ލޯނު ހޯދައިގެން އައިސް ރާއްޖޭގައި ވިޔަފާރި ފަށަ އެވެ.

މި ވަނީ ކިހިނެއް ހެއްޔެވެ؟ މިއީ މާލީ ބާޒާރު ނުދަންނަ މީހުންނަށް ބޮޑު ސުވާލަކަށް ވެދާނެ އެވެ. އެކަމަކު މާލީ ބާޒާރު މަސައްކަތްކުރާ ގޮތް އެނގޭ ތަޖުރިބާކާރުންނަށް އެ ސުވާލުގެ ޖަވާބު އެނގެ އެވެ. އަދި ރާއްޖޭގެ ހާލަތަށް ބަލާފައި، ސުވާލުގެ ސީދާ ޖަވާބު ހޯދަން މަސައްކަތްކުރާ ތައުލީމީ އެތައް ބަޔަކު ވެސް މިއަދު ރާއްޖެއިން އެބަ ފެނެ އެވެ.

އޭގެ ތެރެއިން އެއް ބަޔަކީ ދާދި ފަހުން ރާއްޖޭގައި އުފެއްދި ފަސްޓް ނެޝަނަލް އެވެ. މިއީ މާލީ ބާޒާރުން ދިވެހި ކުންފުނިތަކަށް ފުރުސަތު ހޯދޭނެ އިންތިޒާމްތައް ހަމަޖައްސައި، އެކަމަށް ލަފާދީ، އެކަމަށް ބޭނުންވާ އެކި ޕްލޭންތައް ހެދުމުގެ މަސައްކަތުގައި އުޅެމުން އަންނަ އަމިއްލަ އިދާރާއެކެވެ.

ފަސްޓް ނެޝަނަލްގެ މުވައްޒަފުން މަސައްކަތުގައި: ކުންފުނިތަކަށް ރާއްޖެއިންނާއި ބޭރުން މާލީ އެހީ ހޯދައިދޭން އަންނަނީ މަސައްކަތްކުރަމުން (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ފަސްޓް ނެޝަނަލްގެ ސީއީއޯ އަދި ކުރީގެ އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ދާދި ފަހުން 'ދައުރު'ގެ 'ސީދާ' ޕޮޑްކާސްޓްގައި ދެއްކެވި ބައެއް ވާހަކަތައް ބިނާކުރެއްވީ ކުންފުނިތަކުގެ އިންވެސްޓްމަންޓަށް ފައިސާ ހޯދިދާނެ ގޮތްތަކާ ބެހޭ ގޮތުންނެވެ.

އޭނާ މިސާލެއްގެ ގޮތުން ދެއްކެވީ ސިންގަޕޫރުގެ ކުންފުންޏެކެވެ. އެ ކުންފުނިން ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާއަށް އިންވެސްޓްކުރަން 1.5 ޕަސެންޓް ނުވަތަ 2.5 ޕަސެންޓް އިންޓަރެސްޓް ރޭޓްގައި ސިންގަޕޫރުގެ ބޭންކްތަކުން ލޯނު ލިބެ އެވެ. އެކަމަކު ހަމަ އެ ވިޔަފާރިއަށް އިންވެސްޓްކުރާ ދިވެހި ކުންފުންޏަކަށް އެ ފުރުސަތު ހޯދުން ދުރެވެ.

އެކަން 'ކުރެވެން ޖެހޭނެ ނޫންތޯ؟" ދިވެހި ކުންފުނިތަކަށް ވެސް އެ ރޭޓްގައި ލޯނު ލިބިދާނެތޯ ސުވާލު ދެންނެވުމުން ހަސަން ވިދާޅުވި އެވެ.

ދެން އޭނާ ވަޑައިގަތީ އޭގެ ތަފުސީލަށެވެ.

"އިންވެސްޓްކުރަނީ ރާއްޖޭގައި. ވިޔަފާރި އޮތީ ރާއްޖޭގައި. ރާއްޖޭގެ ޓޫރިޒަމަށް އިންވެސްޓްކުރަނީ،" ހަސަން ވިދާޅުވި އެވެ.

އެކަމަކު ދިވެހި ކުންފުނިތަކަށް ގޮންޖެހުންތަކެއް އެބަ ހުއްޓެވެ. ފަސްޓް ނެޝަނަލްއިން ބަލަމުން އަންނަނީ އެ ގޮންޖެހުންތަކުން ސަލާމަތްކޮށް، ބޭރުން ލޯނު ލިބޭނެ ގޮތްތަކަށް ކަންކަން އިންތިޒާމްކުރާށެވެ. ހަސަން ވިދާޅުވި ގޮތުގައި މި ވަގުތު ވެސް ފަސްޓް ނެޝަނަލް އިން ރާއްޖޭގެ ދެ ކުންފުންޏަކަށް މާލީ ބޮޑު ދެ އިންސްޓްރުމެންޓެއް އަންނަނީ ތައްޔާރުކޮށްދެމުންނެވެ. އޭގެ ތެރޭގައި ސަރުކާރުގެ ކުންފުންޏަކާއި ގެދޮރު އިމާރާތްކުރުމުގެ ބޮޑު މަޝްރޫއުއެއް ހިންގާ އަމިއްލަ ކުންފުންޏެއް ހިމެނެ އެވެ.

އެއް ގޮންޖެހުމަކީ، ހަސަން ވިދާޅުވި ގޮތުގައި، ދިވެހި ކުންފުނިތަކުގައި ރަނގަޅު ގަވަނެންސެއް ނެތުމެވެ. ކުންފުނިތައް ބިނާވަނީ އަމިއްލަ ކޮންމެވެސް މީހެއް/މީހުންތަކެއް ނުވަތަ އާއިލާގެ ވިޔަފާރިއަށެވެ. އެ ކުންފުނިތަކުގައި ދުނިޔޭގެ މާލީ ބާޒާރުން ނަޒަރު ހިންގާނެ ގަވަނެންސްގެ ބައި ދަށީ އެވެ. އެހެންކަމުން ބޭރުން ފައިސާ ހޯދަން ބަލާ ނަމަ، ފުރަތަމަ ކުރަންވީ ކަމަކީ ކުންފުނިތައް ހިންގަމުން އަންނަ ގޮތް، ދުނިޔޭގެ ބޭންކްތަކުން ބަލާ މިންގަނޑުތަކަށް ފައްތާށެވެ.

ފަސްޓް ނެޝަނަލްގެ ސީއީއޯ ހަސަން ޒިޔަތު: އޭނާ ވިދާޅުވީ ބޭރުގެ މާލީ ބާޒާރުން ރާއްޖެއަށް ފައިސާ ހޯދައިދިނުމަކީ އެއް މަގުސަދު ކަމަށް (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

"އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި އެއްކަލަ ބޭންކް ބަލާނީ ހަމައެކަނި ފައިނޭންސަކަށް ނޫން. ގަވަނަންސްއަށް ބަލާނީ،" ހަސަން ވިދާޅުވި އެވެ.

"މި ކުންފުންޏަކީ ކޮން ބައެއްތޯ. ދެ މީހެއްގެ ކުންފުންޏެއްތޯ. އާއިލާގެ ކުންފުންޏެއްތޯ. ނޫނީ މި ކުންފުނި އެބަ އޮތްތޯ ޕަބްލިކަށް ހިއްސާ ވިއްކާފައި. ނޫނީ ޕަބްލިކް އިންޓަރެސްޓް އެބަ އޮތްތޯ."

ދެ ފުށް ފެންނަ ގޮތަށް ކުންފުނިތައް ހިންގުމަކީ، ދުނިޔޭގެ މާލީ ބާޒާރުން ފައިސާ ހޯދަން އޮތް ވަރަށް ބޮޑު ފުރުސަތެއް ކަމަށް، ހަސަން ގަބޫލުކުރައްވަ އެވެ.

އެކަމަކު ރާއްޖޭގެ އަމިއްލަ ގިނަ ކުންފުނިތަކުގައި ދުނިޔޭގެ ފެންވަރުން ގަބޫލުކުރެވޭ ކަހަލަ ގަވަނަންސެއް ނޯވެ އެވެ. އެހެންކަމުން ރާއްޖޭގައި ވިޔަފާރި ފުޅާކޮށް އާ އިންވެސްޓްމަންޓްތައް ގެންނަ ނަމަ، ކުންފުނިތަކުގެ ހިންގުން އެ މިސްރާބަށް ބަދަލުކުރަން ޖެހެ އެވެ. ހާއްސަކޮށް ބޭރުން ލޯނު ނަގަން ބޭނުން ނަމަ އެވެ.

އެތައް ސަތޭކަ މިލިއަން ޑޮލަރު ބޭނުންވޭ

ރާއްޖޭގައި ހިންގާ ބޭންކްތަކުން ދިވެހި އިގުތިސާދަށް މިހާރު ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ވެދީފައިވާކަން، ހަސަން ފާހަގަކުރެއްވި އެވެ. އެހެންކަމުން މިސާލަކަށް، ޓޫރިޒަމްއަށް ލޯނު ދިނުމުގައި ކޮންމެވެސް ވަރެއްގެ ހިފެހެއްޓުންތަކެއް ހުރެ އެވެ. ބޭންކުން ލޯނު ދޫކުރެވެން އޮތް ގާބިލްކަމަށް ބަލާ ނަމަ، އޭގެ ވަރަށް ބޮޑު ބައެއް ޓޫރިޒަމް ކަހަލަ އެއް ދާއިރާއަކަށް ހާއްސަކުރުމުގެ ނުރައްކާ ވެސް އޮވެ އެވެ. ލޯނު ބޭނުންވާ ހުރިހާ ކުންފުންޏަކަށް ރާއްޖޭގެ އެތެރެއިން މާލީ އެހީ ނުލިބެނީ ނުވަތަ ހޯދަން އުނދަގޫވަނީ އެހެންވެކަން ހަސަން ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ އާބާދީ ކުޑަވުމުން ބޭންކްތަކުގައި ހުންނަ ޑިޕޮޒިޓް ވެސް، ނިސްބަތުން ކުޑަވެ އެވެ. ބޭރުގެ ބޭންކްތަކުން ރާއްޖޭގެ ބޭންކްތަކަށް ފައިސާ ލެންޑްކުރާ އިރު ނަގާ އިންޓަރެސްޓް ބޮޑުވުމުން، ރާއްޖޭގައި އެ ފައިސާ ދޫކުރާ އިންޓަރެސްޓްގެ ނިސްބަތް ވެސް މައްޗަށް ދެ އެވެ.

ދިވެހި ކުންފުނިތަކަށް ކުޑަ އިންޓަރެސްޓެއްގައި ސީދާ ބޭރުގެ ބޭންކްތަކުން ފައިސާ ލިބެން އޮތް ނަމަ، ހަސަން ވިދާޅުވީ، އެ ހޯދޭނެ މަގުތައް ތަނަވަސްކޮށްދޭން ޖެހޭ ކަމަށެވެ.

ފައިސާ ނެތުމުން މިކަހަލަ އެތައް މަޝްރޫއެއް ހުރީ ހުއްޓިފައި ނުވަތަ ކުރިއަށް ގެންދަން އުނދަގޫވެފައި

"[އެކަންކަން] އަޅުގަނޑުމެން ދިރާސާކުރަމުން މި ދަނީ،" ހަސަން ވިދާޅުވި އެވެ.

ދިވެހި އިގުތިސާދު ފުޅާކުރުމުގެ ވާހަކަ ދައްކާ އިރު ނުވަތަ ނުހެދި ހުރި ރިސޯޓްތަކުގައި އަމަލީ ސިފަ ޖެހޭނެ ގޮތްތަކާ މެދު ވިސްނާއިރު ފަސްޓް ނެޝަނަލް ފަދަ ބަޔަކު އައުމުގެ މުހިންމުކަން ވަރަށް ބޮޑެވެ. މިއީ މާލީ ދާއިރާގެ ތަޖުރިބާ ހުރި ބޭފުޅުންތަކެއް ހިމެނޭ، އަދި ޒަމާނީ ވިސްނުންތަކާ އެކު ފަށައިގެން އުޅޭ ކުންފުންޏެކެވެ.

ބޭރުގެ މާލީ ބާޒާރު، ދިވެހި އިންވެސްޓަރުންގެ އަތްފޯރާ ފަށަން ގެނެވޭތޯ ފަސްޓް ނެޝަނަލް އިން ގެންގުޅޭ ވިސްނުން ގޯހެއް ނޫނެވެ. 

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިދިއަ ހޯމަދުވަހު ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަމުން ވިދާޅުވި ގޮތުގައި ވީއައިއޭގެ އާ ޓާމިނަލް ހުޅުވާ އިރު ޓޫރިސްޓް އެނދުތައް އިތުރުކުރަން ޖެހެ އެވެ. އަހަރަކު 7 މިލިއަން މީހުންނަށް ހިދުމަތް ދެވޭ ފެންވަރަށް ހަދަމުން އަންނަ އާ ޓާމިނަލް ހުޅުވޭނެ ކަމަށް މިހާރު ބެލެވެނީ އަންނަ އަހަރު ފަހުކޮޅެވެ.

ރާއްޖޭގައި ނުހެދި އެތައް ރިސޯޓެއް އެބަ އޮތެވެ. ބައެއް ތަންތަން ވަކި ވަރަކަށް ތަރައްގީކޮށް ހުއްޓިފަ އެވެ. އަނެއް ބައި ރަށްރަށުގައި އަދި އަތް ވެސް ނުލަ އެވެ. މި ހުންނަނީ އެތައް ސަތޭކަ މިލިއަން ޑޮލަރު ބޭނުންވާ އިންވެސްޓްމެންޓްތަކެވެ. އެކަމަކު އެ ފައިސާ ލިބޭނެ ގޮތެއް ނެތެވެ. ރާއްޖޭގެ ބޭންކްތަކުގެ ގާބިލްކަން އެ ހިސާބަކަށް ނުދެ އެވެ.

ދެން އޮތީ، ހަސަން ވިދާޅުވި، މިސާލެވެ: ރާއްޖޭގައި ރިސޯޓެއް ހަދަން ސިންގަޕޫރު ކުންފުންޏަކަށް ކުޑަ އަގެއްގައި ލޯނު ލިބެ އެވެ. ދިވެހި ކުންފުނިތަކަށް ނުލިބެންވީ ކީއްވެގެން ހެއްޔެވެ؟

ކޮމެންޓް (1)

ސަރނަމް

15 ޖޫން 2022
މޫސަ މެން އޮއިދުނި ނުވަތަ ދުނި ނަމުގަ ކޮލަމް ލިޔެ އެތައް އަހަރެއް ވީ އިރު މިހިރަ ކަންކަން ރަނގަޅު ކުރުމަށް ސަރުކާރުން ކުރި މަސައްކަތަކީ ކޮބާ..
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް