އިންޑިއާގެ އާ ރައީސް ދްރޫޕަދީ މުރްމޫ (ކ) އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބައްދަލު ކުރައްވަނީ

ރާއްޖެ-އިންޑިއާ

އިންޑިއާގެ އާ ރައީސް އެންމެ ފުރަތަމަ ބައްދަލުކުރެއްވި ވެރިއަކަށް ރައީސް ސޯލިހު

މިދިޔަ މަހު 25ގައި ހުވާކުރެއްވި މުރްމޫއަކީ އިންޑިއާގެ ދެވަނަ އަންހެން ރައީސް

އިންޑިއާގެ އާ ރައީސް ދްރޫޕަދީ މުރްމޫ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ނިއު ދިއްލީގައި މިއަދު ބައްދަލު ކުރައްވައިފި އެވެ. މިއީ މުރްމޫ ރައީސްކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ގައުމެއްގެ އެންމެ އިސްވެރިއަކާ ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.

ވީ ކިހިނެއް؟ - ރައީސް ސޯލިހު އިއްޔެ އިންޑިއާއަށް ވަޑައިގެންނެވީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށެވެ.

މި ދަތުރުފުޅުގައި ވަނީ މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅާލާ ބްރިޖް މަޝްރޫއުގައި ހިމެނޭ މާލެ-ވިލިމާލެ ބްރިޖުގެ އަމަލީ މަސައްކަތް ފަށައިފަ އެވެ. އެ ރަސްމިއްޔާތުގައި މޯދީ ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

އެއަށް ފަހު ރައީސް ސޯލިހު ބައްދަލު ކުރެއްވީ މިދިޔަ މަހު 25ގައި ހުވާ ކުރެއްވި އިންޑިއާގެ އާ ރައީސް މުރްމޫއާ އެވެ.

ތަފްސީލް - އެ ރަސްމިއްޔާތުގައި ދެ ގައުމުގެ މިނިސްޓަރުންނާއި ސަރުކާރުގެ އިސްބޭފުޅުން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

އިންޑިއާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނިގޮތުގައި ރައީސް ސޯލިހު ފަދަ އިންޑިއާގެ ގާތް ރަހުމަތްތެރި ބޭފުޅަކު އަދި ރާއްޖެއަށް ފާގަތިކަމާއި ހަމަޖެހުން ގެނެސްދެއްވާފައިވާ ލީޑަރަކާ ބައްދަލުވެވަޑައިގަތުމުން އުފާކުރައްވާ ކަމަށް އެ ބައްދަލުވުމުގައި މުރްމޫ ވިދާޅުވި އެވެ. ބަޔާނުގައި ބުނީ ރާއްޖެއަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި އިންޑިއާގެ މުހިއްމު ބައިވެރިއެއްކަން އޭނާ ފާހަގަކުރެއްވި ކަމަށެވެ.

އެކި ދާއިރާތަކުން އިންޑިއާ އާއި ރާއްޖޭގެ އެއްބާރުލުމާއި ގުޅުން ހަލުވިކަމާ އެކު ފުޅާވަމުން ދިޔުމަކީ ދެ ގައުމުގެ ސަރުކާރާއި ރައްޔިތުންގެ މެދުގައި އޮތް ގުޅުމަށް ހެޔޮ އަސަރުތަކެއް ކުރުވާ ކަމެއް ކަމަށް މުރްމޫ ވިދާޅުވި ކަމަށް ވެސް ބަޔާނުގައިވެ އެވެ.

އިންޑިއާގެ އާ ރައީސް މުރްމޫ (ކ) އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބައްދަލު ކުރައްވަނީ

ރައީސް ސޯލިހު ވަނީ މުރްމޫ މަގާމަށް އިންތިހާބުވެވަޑައިގެންނެވުމާ އެކު މަރުހަބާ ވިދާޅުވެފަ އެވެ. 

މުރްމޫއަކީ އިންޑިއާގެ ދެވަނަ އަންހެން ރައީސެވެ. އޭނާ އިންތިހާބު ވެވަޑައިގެންނެވީ:

  • އިންޑިއާގެ ގާނޫނު ހަދާ މަޖިލީހާއި އެ ގައުމުގެ ސްޓޭޓްތަކުގެ ލެޖިސްލޭޓިވް އެސެމްބްލީގައި ނެގި ވޯޓަކުން ކުރި ހޯއްދަވައިގެން

  • މުރްމޫ އަކީ ވެރިކަން ކުރާ ބީޖޭޕީގެ މެމްބަރެއް

  • އަދި އެއީ އިންޑިއާގެ ގަބީލާއަކަށް ނިސްބަތްވެ ވަޑައިގެންނަވާ ފުރަތަމަ ރައީސް

އިތުރު އާޓިކަލް

އިތުރު އާޓިކަލް