ހއ. އިހަވަންދޫ ހޮސްޕިޓަލުގެ އާ އިމާރާތުގެ މަޝްރޫއު ހެލްތު މިނިސްޓްރީން ޑުޕްލެކްސް ކުންފުންޏާ ހަވާލުކުރަން އިއްޔެ ބޭއްވި ރަސްމިއްޔާތު. (ފޮޓޯ/ހެލްތު މިނިސްޓްރީ)

ހއ. އިހަވަންދޫ

ރައީސްގެ ދަތުރުފުޅާ ދިމާކޮށް އިހަވަންދޫ ހޮސްޕިޓަލް އަޅަން ބަޔަކާ ހަވާލުކޮށްފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ފެށެން ދެ ހަފްތާއަށް ވުރެ ކުޑަ ދުވަސްކޮޅަކަށް ވެފައި ވާއިރު، ފުލުފުލުގައި އެކި މަޝްރޫއުތައް އަންނަނީ ހަވާލުކުރަމުން
17 ޖެނުއަރީ 2023

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ހއ. އަދި ހދ. އަތޮޅަށް މިއަދު ވަޑައިގެންނެވުމުގެ އެއް ދުވަސް ކުރިން، ހއ. އިހަވަންދޫ ހޮސްޕިޓަލުގެ އާ އިމާރާތުގެ މަޝްރޫއު ބަޔަކާ ހަވާލުކޮށްފި އެވެ.

ވީ ކިހިނެއް؟ - ކޮންޓްރެކްޓާ ފައިނޭންސް އުސޫލުގެ ދަށުން އިހަވަންދޫ ހޮސްޕިޓަލުގެ އާ އިމާރާތް އަޅަން ހެލްތު މިނިސްޓްރީން ބަޔަކާ ހަވާލުކުރީ އިއްޔެ ހަވީރު އެވެ. ރައީސް ސޯލިހު ޕްރައިމަރީގެ ކެމްޕޭނަށް އެ އަތޮޅަށް ވަޑައިގެންނެވީ މިއަދު އެވެ.

އިހަވަންދޫ ހޮސްޕިޓަލް މަޝްރޫއު:

  • ފައިސާ ހަމަޖައްސައިދެނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން

  • އެ މަޝްރޫއަށް ހަރަދުވަނީ 123.3 މިލިއަން ރުފިޔާ

  • މަޝްރޫއު ހަވާލުކުރީ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާ 

  • ދޮޅު އަހަރުގެ ތެރޭގައި ނިންމަން ޖެހޭ

  • އެ މަޝްރޫއުގެ ދަށުން 30 އެނދުގެ ހޮސްޕިޓަލް އިމާރާތަކާއި ސާވިސް އިމާރާތަކާއި އެކޮމޮޑޭޝަން އިމާރާތެއް އަޅާނެ

ރައީސް ސޯލިހު މިހާރު ހއ. އާއި ހދ.އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އިހަވަންދުއަށް ވެސް ވަޑައިގަންނަވާނެ އެވެ. ހދ. ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމަށް ހިންގާ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ވެސް ހަމަޖެހިފައިވަނީ މި ދަތުރުފުޅުގެ ތެރެއިންނެވެ.

ފަސްމަންޒަރު - އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެ، ވާދަކުރައްވާ ދެ ކެންޑިޑޭޓުން ކަމަށްވާ ރައީސް ސޯލިހާއި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އަތޮޅުތަކަށް ކެމްޕޭން ދަތުރުތައް އަންނަނީ ކުރައްވަމުންނެވެ.

މި މަހުގެ 28ގައި ޕްރައިމަރީގެ ވޯޓުލުން ބާއްވާއިރު، ސަރުކާރުން އެ އިންތިހާބާ ދިމާކޮށް ފުލުފުލުގައި މަޝްރޫއުތައް އެކި ކުންފުނިތަކާ އަންނަނީ ހަވާލުކުރަމުންނެވެ. އޭގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތައް ވެސް ހިމެނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް