ރޭ ދަންވަރު އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ފަޔަ އެންޑް ރެސްކިއު ހަރަކާތްތެރިވަނީ. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)
ލޭބާ ކުއާޓާގެ ގަވާއިދު 'ފުރިހަމަ'، ދޮޅު އަހަރު ވާއިރު ތަންފީޒެއް ނުކުރެވޭ
މި. ނިރުފެހި ގޭގައި ބިދޭސީ މަސައްކަތްތެރިން ބައިތިއްބާ ލޭބާ ކުއާޓާއެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެކެވެ. މި ހިތާމަވެރި ހާދިސާގައި 10 މީހެއްގެ ފުރާނަ ގެއްލިއްޖެ އެވެ. އިތުރު މީހަކު ހޮސްޕިޓަލުގައި މަރާ ހަނގުރާމަ ކުރަނީ އެވެ.
މިހާތަނަށް ލިބުނު މައުލޫމާތުން އެނގޭ ގޮތުގައި، މި ތަނަކީ ތޮއްޖެހުން ބޮޑު ތަނެކެވެ. އެންމެ ތިރީގައި ހުންނަ ގަރާޖުގެ މައްޗަށް، ދެ ފަންގިފިލާއަށް ހުންނަ މި ކުއާޓަރުގެ ތެރޭގައި ހުންނަނީ ކުދިކުދި 'ކޮޓަރި'ތަކެކެވެ. ކޮންމެ ކޮޓަރިއެއްގެ ތެރޭގައި ނިދާނެ އެނދަކާއި ކައްކަން ގޭސް ފުޅިއަކާއި އުނދުނެއް ހުރެ އެވެ.
މި ހާދިސާއާ ގުޅޭ ގޮތުން މިއަދު ހެނދުނު ނޫސްވެރިންނާ ވާހަަކަދެއްކެވި އެމްއެންޑީއެފްގެ ކާނަލް އިބްރާހިމް ރަޝީދު އެ ތަން ސިފަކުރެއްވީ "ކުދިކުދި ގޭބިސީތަކެއް" ގޮތަށެވެ.
"އެހެރީ [ލޭބާ ކުއާޓާ] ފެންނަން. ވަރަށް ހަނިހަނި ސިޑިއަކުން އެ ތަނަށް އަރަން މި ހުރީ. ވަރަށް ކޮންޖެސްޓަޑް ގޮތަކަށް ހަދާފައި ވަނީ،" އޭނާ ވިދާޅުވި އެވެ.
މި ތަނުގައި ދިރިއުޅެމުން ދިޔަ މީހުންގެ ސީދާ އަދަދެއް އަދި ނޭނގެ އެވެ. ކަމާ ބެހޭ އިދާރާތަކުން ހިއްސާކޮށްފައިވާ މައުލޫމާތުން އަންދާޒާކުރެވެނީ 40އާ ގާތްކުރާ އަދަދަކަށް މީހުން ދިރިއުޅެމުން ދިޔަ ކަމަށެވެ. އެކަމަކު އަދި އެއްވެސް އިދާރާއަކުން ކަށަވަރު އަދަދެއް ނުބުނެ އެވެ. އެ ފަރާތްތަކުން ވެސް ދަނީ އެކަން ކަށަވަރުކުރަން ބޭނުންވާ މައުލޫމާތު އެއްކުރަމުންނެވެ.
އެނގިފައިވާ ގޮތުގައި، އެ ތަނުގައި ދިރިއުޅެމުން ދިޔަ މީހުންގެ ތެރޭގައި ބަންގްލަދޭޝް އާއި ސްރީ ލަންކާ އަދި އިންޑިއާގެ ރައްޔިތުން ހިމެނެ އެވެ. އެއީ އެކި ކުންފުނިތަކުގައި ވަޒީފާ އަދާކުރަމުން ދިޔަ މީހުންނެވެ. އެހެންކަމުން، ގަބޫލުކުރެވެނީ އެ ލޭބާ ކުއާޓާއަކީ ވިޔަފާރި އުސޫލުން ބިދޭސީން ބައިތިއްބާ ތަނެއް ކަމަށެވެ.
މިހާތަނަށް އެނގުނު ކަންކަމާ އެކީ އެތައް ސުވާލެއް އުފެދެ އެވެ. މިހެން ހުރި ތަނެއްގައި މި މީހުން ބައިތިއްބައި މި މީހުންނާ ހަވާލުވެގެން ތިބި ވިޔަފާރިތައް ކޮބައިތޯ އެވެ؟ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކުރުމާ ގުޅޭ ކަންކަން ބަލަން ޖެހޭ ލޭބާ ރިލޭޝަންސް އޮތޯރިޓީ ކޮބައިތޯ އެވެ؟ އަދި މި ހުރިހާ ކަމެއްގެ ޒިންމާ އެންމެ މައްޗަށް މަތިކުރެވިފައިވާ އިކޮނޮމިކް މިިނިސްޓްރީ ކޮބައިތޯ އެވެ؟
ބިދޭސީ މަސައްކަތްތެރިންނާ ބެހޭ އިކޮނޮމިކް މިނިސްޓްރީގެ ގަވާއިދެއް އޮވެ އެވެ. މިދިޔަ އަހަރުގެ ޖެނުއަރީގައި ގެޒެޓުކޮށް، އޭގެ ހަ މަސް ފަހުން އަމަލުކުރަން ފެށި އެ ގަވާއިދު ބުނާ ގޮތުން:
-
ރާއްޖެ އަންނަ ކޮންމެ ބިދޭސީއަކަށް އެކޮމޮޑޭޝަން ހަމަޖައްސައިދިނުމަކީ ވަޒީފާ ދޭ ފަރާތަށް ލާޒިމު ކަމެއް
-
ވޯކް ޕާމިޓް ދޫކުރަނީ ވެސް މިނިސްޓްރީން ގަބޫލުކުރާ އެކޮމޮޑޭޝަނެއް ހަމަޖެއްސުމުން
މި ގަވާއިދާއި އެއާ ގުޅޭ އެހެން ގަވާއިދުތަކުގައި، ބިދޭސީން ބައިތިއްބާ އެކޮމޮޑޭޝަންތައް ހުންނަން ޖެހޭނެ މިންގަނޑުތަކެއް މިނިސްޓްރީން ކަނޑައަޅާފައިވެ އެވެ. އެގޮތުން:
-
އެ ތަނަކީ ސިންގަލް އެނދެއް ބަހައްޓައިގެން އެކަކު ނިދާ ތަނެއް ނަމަ، މަދުވެގެން 40 އަކަފޫޓު ހުންނަން ޖެހޭ
-
ސިންގަލް ދެ އެނދު ބަހައްޓައިގެން ދެ މީހަކު ނިދާ ތަނެއް ނަމަ، 73 އަކަފޫޓު ހުންނަން ޖެހޭ
-
މިއަށް ވުރެ އެނދުގެ އަދަދު އިތުރު ނަމަ، ކޮންމެ ދެ އެނދަކަށް 34 އަކަފޫޓުގެ ޖާގައެއް ބޭނުންވާނެ
އޭގެ އިތުރުން، އެ ތަން ތަނުގައި ހުންނަން ޖެހޭ އެހެން ޝަރުތުތަކަކީ، ގަވާއިދުގައިވާ ގޮތުން:
-
އަލިވާން ޖެހޭ
-
ރަނގަޅަށް ވައި ދައުރު ވާން ޖެހޭ
-
ދެ ޖިންސަށް ވަކިން ފާހަނާ ހުންނަން ޖެހޭ
-
ކޮންމެ 10 މީހަކަށް ފާހަނާއެއް ހުންނަން ޖެހޭ
-
ސާފު ބޯފެން ލިބެން ޖެހޭ
-
ކުނި އަޅާނެ ތަންތަނާއި އެ ކުނި ނައްތާލާނެ އިންތިޒާމްތައް ހަމަޖައްސަން ޖެހޭ
-
ބަދިގެ ސިއްހީ މިންގަނޑުތަކަށް ފެތެން ޖެހޭ
-
އަލިފާނުން ރައްކާތެރި ވާނެ ގޮތްތަކާއި ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ އުސޫލު ފެންނަން ހުންނަން ޖެހޭ
މި މިންގަނޑުތަކަކީ ވަޒީފާ ދޭ ފަރާތުން ހަމަޖައްސައިދޭ އެކޮމޮޑޭޝަންތަކާއި ވިޔަފާރި އުސޫލުން އެކޮމޮޑޭޝަންގެ ހިދުމަތް ދޭ ތަންތަނުން ވެސް އަމަލުކުރުން ލާޒިމް ގަވާއިދެކެވެ. އެކޮމޮޑޭޝަންތައް ރަޖިސްޓްރީކުރުމުގެ ކުރިން މި ބުނާ މިންގަނޑަށް ފެތޭތޯ ކަށަވަރު ކުރުމަކީ އިކޮނޮމިކް މިނިސްޓްރީގެ ޒިންމާއެކެވެ. ހުއްދަ ދިނުމަށް ފަހު ވެސް، މިންގަނޑުތައް ހިފަހައްޓާތޯ އަހަރަކު އެއް ފަހަރު ބަލަން ވެސް ޖެހެ އެވެ.
މ. ނިރުފެހި ގޭގައި ހިނގައިދިޔަ ހާދިސާއާ ގުޅިގެން 'ދައުރު'ން ވަނީ އެ ތަނަކީ ގަވާއިދުގައި ބުނާ ގޮތަށް ރަޖިސްޓްރީ ކޮށްފައިވާ އެކޮމޮޑޭޝަނެއްތޯ ކަށަވަރު ކުރަން މަސައްކަތް ކޮށްފަ އެވެ. މި ހަބަރު ޝާއިއުކުރުމާ ހަމައަށް އެކަމުގައި މިނިސްޓްރީގެ ޖަވާބެއް ނުލިބެ އެވެ.
މިހާ ފުރިހަމައަށް ކަންކަން ކުރަން ގަވާއިދުގައި ކަނޑައަޅާފައި އޮތް ނަމަވެސް، މި ގަވާއިދު ތަންފީޒުކުރަން ސަރުކާރުން ކުރި މަސައްކަތެއް ނޭނގެ އެވެ. އެނގެނީ ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ ތަންތަނުގެ ފެންވަރު ދަށް ކަމާއި އެ ތަންތަނުގެ ހާލަތު ބަދަލުކުރަން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭ ކަމެވެ. އެކަން ކުރަން ފަހިކުރަން ހެދި ގަވާއިދަށް ދެ އަހަރު ވާން ގާތްވީއިރު، ތަންފީޒު ނުކުރެވޭ ކަމެވެ.