ތ. ދިޔަމިގިލި: އެ ރަށުގެ މުދިމެއްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީ މިއަދު ވަނީ ޒަހަމްކޮށްލާފައި.
ދިޔަމިގިލީގައި މުދިމެއްގެ ކަރަށް ވަޅި ހަރައި ޒަހަމްކޮށްލައިފި
ތ. ދިޔަމިގިލީގައި މުދިމެއްގެ ކަރަށް މިއަދު ވަޅި ހަރައި ގައިގެ އެކި ތަންތަނަށް ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
ވީ ކިހިނެއް؟ - މިއަދު ހެނދުނުގެ ވަގުތެއްގައި ދިޔަމިގިލީގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ޒަހަމްވެފައި ވަނީ އެ ރަށުގެ މުދިމްކަމާ ވަގުތީ ގޮތުން ހަވާލުވެގެން ހުރި އަހުމަދު ރަޝީދު މުހައްމަދެވެ.
ކައުންސިލްގެ ބަސް - ދިޔަމިގިލީ ކައުންސިލުގެ ރައީސް އަހުމަދު މޫސާ މިއަދު 'ދައުރު'އަށް ވިދާޅުވީ އޭނާއަށް ލިބިފައި ހުރީ ވަރަށް ސީރިއަސް ޒަހަމްތަކެއް ކަމަށެވެ. އެގޮތުން:
-
އޭނާގެ ކަރަށް ވަރަށް ފުންކޮށް ވަޅި ހަރާފައިވޭ
-
ބުރަށަށީގެ ހަތަރު ތަނަކަށް ހަމަލާދީ، ޒަހަމްކޮށްލާފައި ހުރި
އަނިޔާ ލިބުނު މީހާއަށް މިހާރު ފަރުވާ ދެމުން ދަނީ އެ ރަށު ސިއްހީ މަރުކަޒުގަ އެވެ.
އަހުމަދު މޫސާ ވިދާޅުވި ގޮތުގައި، އަނިޔާވި މީހާއަށް ކޮންމެވެސް ވަރަކަށް ވާހަކަ ދެއްކެ އެވެ. އަދި އޭނާއަށް އިތުރަށް ފަރުވާ ދިނުމަށް ތ. ވޭމަންޑޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"ޑޮކްޓަަރުން ބުނަނީ އިތުރަށް ބެލުމަށްފަހުގައި ކަމަށް އެނގޭނީ ލިބިފައި ހުރި ގެއްލުންތައް،" އަހުމަދު މޫސާ ވިދާޅުވި އެވެ.
އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް އަހުމަދު މޫސާ ވިދާޅުވި އެވެ. އެކަމަކު، ހަމަލާ ދިން ސަބަބެއް އަދި މިހާތަނަށް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ ބަސް - މިފަދަ ހާދިސާއެއް ހިނގައިގެން އުޅޭ ކަމާއި އެކަމާ ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް މިއަދު ފުލުހުން ވެސް ވަނީ ބުނެފަ އެވެ. ފުލުހުން ބުނީ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.