އިއްޔެ ރޭ އަންވަރު ބޭނި އާދަޔާހިލާފު މަސް: މި މަސް އޭނާ ބޭނީ ކަނޑުގެ ވަރަށް ފުނުން

ސްޕޯޓް ފިޝިން

ކަނޑުގެ ފުނުން އަތު ޖެހުނީ ދުވަހަކު ނުދެކޭހާ ބިރުވެރި މަހެއް

މިއީ އަންވަރުގެ ހަޔާތުގައި އޭނާއަށް ބޭނުނު އެންމެ ތަފާތު މަސް
6 ޑިސެމްބަރު 2022

މަސްވެރިކަމުގައި އުޅުނު މުހައްމަދު އަންވަރަށް، އިއްޔެ ރޭ އިރާކޮޅާ ޖެހެންދެން އެއީ ހަމަ އާދައިގެ ރެ އެކެވެ. އއ. އަތޮޅުގެ ހުޅަނގު ބިތުން، ރަށްތަކާ ދުރުން، ކަނޑުގެ ފުނަށް ދޮށި އެއްލައިގެން ހުރި އިރު ވެސް އެއްވެސް ތަފާތުކަމެއް އިހުސާސެއް ނުވެ އެވެ. މާކަނޑުގެ ފުން ހޯދައި ބަލާ ހިތްވާ އެ ޒުވާނާއަށް ސްޕޯޓްފިޝިންގައި، އެއީ ހަމަ އާއްމު ރެ އެކެވެ.

އެކަމަކު އާއްމުކޮށް މަސްވެރިކަން ކުރާވަރަށް ވުރެ ފުނަށް އެއްލާފައިވާ އަންވަރުގެ ދޮށީގައި ކުއްލިއަކަށް މަހެއް ގަތެވެ. މަސް މައްޗަށް ނެގުމުގައި ކުރަން ޖެހުނު މަސައްކަތުން މިއީ އާދައިގެ މަހެއް ނޫންކަން ވަކި ހިސާބަކުން އޭނާއަށް އެނގުނެވެ. ކަނޑުގެ 270 މީޓަރު އަޑިން އަންވަރު ބޭނި މަސް ލޯންޗަށް ނެގުމާ އެކު އޭނާއަށް ވެސް ލިބުނީ ސިހުމެވެ.

މިއީ ސްޕޯޓް ފިޝިންގައި ރާއްޖޭގައި ނަގާ ކިޔާ އެ ޒުވާނާގެ ހަޔާތުގައި ވެސް ބޭނުނު އެންމެ ތަފާތު މަހެވެ. ވެނުގެ އާއިލާއަށް ނިސްބަތްވާ، 6 ފޫޓެއްހާ ދިގު މި ފަދަ ބިރުވެރި، ބޮޑު މަހެއް އަދި އޭނާ ނުބާނަ އެވެ. އެކަމަކު އެ ހުރިހާ ކަމަކަށް ވުރެ އޭނާއަށް ފާހަގަވީ، އޭގެ ގަދަފަދަ ކަމެވެ.

"ލޯންޗަށް ލުމާއެކު ހަމަ ގަޔާދިމާއަށް އަންނަން އުޅެނީ. ލޯންޗުގެ ޑެކު މަތީގައި ހުރި ހުރިހާ އެއްޗެއްގައި ދަތް އަޅައި، ހަލާކުކޮށް، އެޓޭކް ކުރަން އުޅެނީ،" އަންވަރު، 38، ބުންޏެވެ.

"އަދި ދުވަހަކު ވެސް މިހާ އެގްރެސިވް މަހެއް ނުބާނަން."

މި އާދަޔާހިލާފު މަހަށް ކިޔާ ދިވެހި ނަމެއް ނެތެވެ. އިނގިރޭސި ބަހުން ކިޔާ އުޅެނީ 'ޑެގާޓޫތު ޕައިކް ކޮންގާ' އެވެ. މިއީ ކަނޑުގެ އެންމެ ފުނުގައި އުޅޭ، 7 ފޫޓަށް ވެސް ދިގުވާ، މަހެކެވެ. މިއީ ރާއްޖޭގެ ކަނޑުން ވަރަށް މަދުން ބާނާ މަހެއް ނަމަވެސް، ދުނިޔޭގެ ބައެއް ގައުމުތަކުގައި މި ބާވަތުގެ މަސް ބާނައި ކައި އުޅެ އެވެ.

ސްޕޯޓް ފިޝިންގައި އަހަރުތަކެއް ހޭދަކޮށްފައިވާ އަންވަރު، އަދި އެހެން ދެ މަސްވެރިއަކު ވެސް މި ފަދަ ގޮތަކަށް ހުރި އަދި މި އާއިލާއަށް ނިސްބަތްވާ މަހެއް ވަނީ ކުރިން ބާނާފަ އެވެ. އެކަމަކު މިހާ ބޮޑު އަދި މިހާ ނުރައްކާތެރިކަން ދެއްކި މި ފަދަ މަހެއް އަތުޖެހިފައެއް ނުވެ އެވެ.

ރާއްޖޭން މީގެ ކުރިން ނުފެންނަ ބާވަތުގެ މަހެއް: އަންވަރު މި މަސް ބޭނީ މީގެ 5 ވަރަކަށް ދުވަސް ކުރިން

ސްޕޯޓްފިޝިންގައި މިގޮތަށް ބާނާ މަސް އާއްމުކޮށް ދޫކޮށްލަނީ އެވެ. މި މަސް ވެސް އަންވަރު ބުނި ގޮތުގައި ވަނީ، ފޮޓޯ ނެގުމަށް ފަހު ދޫކޮށްލާފަ އެވެ.

ރާއްޖޭން އަލަށް ފެނުނު މަހެއް

އަންވަރަކީ ހަމައެކަނި މަސްވެރިއެއް ނޫނެވެ. އޭނާއަކީ ކޮންމެ މަހެއް ބޭނުމަށް ފަހު ވެސް، އެ މަހާ ގުޅޭ މައުލޫމާތު އެއްކުރާ މީހެކެވެ. އެހެންވެ، ރާއްޖެއިން އާއްމުކޮށް ފެންނަ މަސް މަހާއި މަދުން ފެންނަ މަސް މަހުގެ މައުލޫމާތު އޭނާއަށް އެނގެ އެވެ. އޭގެ ތަފްސީލާއި އުޅުން ހުންނަ ގޮތް އޭނާ ދަސްކުރަނީ، މަސްވެރިކަމުގެ ދިވެހިި އަދި ބޭރުގެ ތަޖުރިބާކާރުންނާ ގުޅައިގެންނާއި އެކަމާ ގުޅޭ ފޮތްތައް ބަލައިގެންނެވެ.

ކޮންމެ ކަހަލަ މަހެއް ބޭނުނަސް، އެ މަހަށް ކިޔާ ސައިންޓިފިކް ނަމާއި ދިވެހި ނަމާއި މަސް ނިސްބަތްވާ އާއިލާ އާއި ރާއްޖޭގައި އެ މަސް އުޅޭ މިންވަރު އޭނާ ކިޔައިދެ އެވެ. އަދި މަހުގެ ހެދިބޮޑުވުމާއި އޭގެ އުޅުން ހުންނަ ގޮތާއި އެ މަހާ އެންމެ ކައިރި ކުރާ އެހެން ވައްތަރުގެ މަހަށް ދާންދެން، ފޮޓޯއާ އެކު ސޯޝަލް މީޑިއާގައި ކިޔައިދެ އެވެ.

އެހެންވެ، ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް، ތަފާތު ވައްތަރުގެ މަހެއް ފޭނިއްޖެ ނަމަ، މީހުން އޭގެ ފޮޓޯ ފޮނުވައި ކޮން ކަހަލަ މަހެއްތޯ އަންވަރުގެ ގާތުން އަހަ އެވެ. 

އަންވަރު ބުނި ގޮތުގައި، މީގެ ފަސް ދުވަސް ކުރިން ވެސް އޭނާ ވަނީ ރާއްޖޭން މީގެ ކުރިން ނުދެކޭ ވައްތަރުގެ މަހެއް ބާނާފަ އެވެ. ވެނުގެ އާއިލާއަށް ނިސްބަތްވާ، ސައިޒުން ކުޑަ މި މަސް އެންމެ ފުރަތަމަ ބޭނީ، އޭނާގެ ކަސްޓަމަރެކެވެ.

"އެއީ ވެސް އަރިއަތޮޅުން ބޭނި މަހެއް. އޭނާ އެ މަސް ބޭނި ސަރަހައްދަށް، އޭގެ ތިން ދުވަސް ފަހުން އަޅުގަނޑު ވެސް ގޮސް، ކަނޑުގެ 150-220 މީޓަރު އަޑި އެކްސްޕްލޯ ކުރަނިކޮށް ހަމަ އޭގެ މަހެއް ބޭނިއްޖެ،" އއ. އުކުޅަހަށް ނިސްބަތްވާ އަންވަރު ކިޔައިދިނެވެ.

"ހަމަ އެ ސަރަހައްދުން ވަރަށް ތަފާތު ވައްތަރުގެ މަސްތައް ވެސް ފެނުނު."

ކަނޑުގެ ވަރަށް ފުނުން އަންވަރު ބޭނި މަހަކާއި އޭގެ މައުލޫމާތު އޭނާ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައި

ރީނދޫ ކުލައިގެ އުރަހަ ހުންނަ އަދި ރަތް ކުލައިގެ މި ކުޑަ މަހުގެ މައުލޫމާތު ހޯދާ ބެލިއިރު، އޭގެ ނަމަކަށް ފެނުނީ 'ސެޕޯލާ ޝްލެގެލި' އެވެ. މިއީ މީގެ ކުރިން ރާއްޖޭން ފެނުނު ކަމަށް ރެކޯޑް ކުރެވިފައިވާ މަހެއް ނޫނެވެ.

އަންވަރު ބުނީ އޭނާއަށް ބޭނޭ މި ފަދަ ތަފާތު މަސް މަހުގެ މައުލޫމާތު ކުރިން މެރިން ރިސާޗު ސެންޓަރަށް ފޮނުވާ ކަމަށެވެ. ބޭނޭ ބައެއް މަސްތައް، އެ އިދާރާގެ އެންގުމަށް ގަނޑުކޮށްފައި ވެސް ފޮނުވި އެވެ. އެކަމަކު އޭނާގެ ޝަކުވާއަކީ އޭގެ ހަބަރެއް ފަހުން ނުވުމެވެ.

މީގެ ހަ އަހަރު ކުރިން އޭނާ ފޮނުވި ބައެއް މަސްތަކުގެ މައުލޫމާތާއި އޭގެ އަޕްޑޭޓް އަދިވެސް ނުލިބޭ ކަމަށް ބުންޏެވެ.

"އެހެންވެ މިހާރު އަޅުގަނޑު އެކަން ކުރުން ހުއްޓާލައިފިން،" އަންވަރު ބުންޏެވެ.

"މިހާރު އަޅުގަނޑަށް މަހެއް ފެނިއްޖެ ނަމަ އަމިއްލައަށް އޭގެ މައުލޫމާތު ހޯދަނީ."

އިތުރު އާޓިކަލް

އިތުރު އާޓިކަލް