އިސީގެ ބައްދަލުވުމެއްގެ ތެރެެއިން. (ފޮޓޯ/ އީސީ)

ބޮޑު ހަރަދުކޮށްގެން ބާއްވާ ބައި-އިލެކްޝަންތަކުގައި ވޯޓު ލަނީ މަދު ބައެއް؛ އަނެއްކާވެސް އީސީގެ ކަންބޮޑުވުން

އިއްޔެ ބޭއްވި އައްޑޫ ހިތަދޫގެ ބައި-އިލެކްޝަންގައި ވޯޓުލީ 1،009 މީހުން ނުވަތަ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ %8.34

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އަށް މެމްބަރުން ހޮވުމަށް ފުލުފުލުގައި ބައި-އިލެކްޝަންތައް ބާއްވަން ޖެހުމުގެ ސަބަބުން ހަރަދު ބޮޑުވެފައި ވާއިރު، އެ ބައި-އިލެކްޝަންތަކަށް ލިބޭ ތަރުހީބު ކުޑަވުމުން އިލެކްޝަންސް ކޮމިޝަން (އީސީ)ން އަނެއްކާވެސް ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މައްސަލައިގެ ފެށުން - އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުކަމުގެ މަގާމެއް ހުސްވުމާ އެކު، ކޮންމެ ފަހަރަކު އެ މަގާމަށް މީހަކު އިންތިހާބު ކުރުމަށް ބައި-އިލެކްޝަންތައް ވަރަށް ގިނައިން ބާއްވަން ޖެހި، ކުރަން ޖެހޭ ހަރަދު ބޮޑުވުމުގެ ޝަކުވާ އީސީން މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި ވަނީ ކޮށްފަ އެވެ. ބައި-އިލެކްޝަންތަކުގައި ވޯޓުލުމުގެ ހައްގު ގިނަ ބަޔަކަށް ލިބުނަސް، ގިނަ މީހުން ވޯޓު ލާކަށް ނުދެ އެވެ. އެހެންވެ، އެއީ ބޭކާރު ހަރަދެއް ކަމަށް އީސީން ގަބޫލުކުރެ އެވެ.

އެނގުން މުހިއްމު - އިއްޔެ ދެ ދާއިރާއެއްގެ އަންހެނުންގެ ކޮމިޓީގެ ދެ ގޮނޑިއަކަށް މީހުން އިންތިހާބުކުރަން އީސީން ބައި-އިލެކްޝަން ބޭއްވި އެވެ. އޭގެ ތެރެއިން އައްޑޫ ހިތަދޫގެ ބައި-އިލެކްޝަންގައި:

  • ވޯޓު ލިބުމުގެ ހައްގު 12،099 މީހުންނަށް ލިބޭ

  • ވޯޓުލީ 1،009 މީހުން (%8.34)

ބުނީ ކީކޭ؟ - އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު އިއްޔެ ކުރެއްވި ޓުވީޓުގައި ވެސް ވަނީ އައްޑޫ ހިތަދޫގެ ބައި-އިލެކްޝަންގައި ވޯޓު ލީ މީހުންގެ އަދަދު މަދުކަން ފާހަގަކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ބައި-އިލެކްޝަންތަކުގައި ވޯޓު ލާ މީހުން މަދު އިރު، ކޮންމެ އިންތިހާބަކަށް ލައްކައިން ހަރަދުކުރުމަކީ ބޮޑު އިސްރާފެއް ކަމަށެވެ. އަދި އެކަމަށް އަވަސް ހައްލެއް ގެނައުމަށް އޭނާ މަޖިލީހަށް ގޮވާލެއްވި އެވެ.

އެނގުން މުހިއްމު - ގާނޫނު ބުނާ ގޮތުން:

  • ޑަބްލިއުޑީސީގެ މެމްބަރެއްގެ މަގާމު ހުސްވިކަން އެލްޖީއޭ އިން އަންގާތާ 60 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހޭ 

  • ހުސްވާ ކޮންމެ ގޮނޑިއަކަށް ބައި-އިލެކްޝަން ބާއްވަން ޖެހެނީ ވަކިވަކިން 

އެކަން ހައްލު ކުރުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ މައި ޕާޓީ، އެމްޑީޕީން ވަނީ ބައި-އިލެކްޝަންތައް އަހަރަކު އެއް ފަހަރު ބާއްވާ ގޮތަށް ހަދައި، ކޯރަމް ގެއްލޭ ހާލަތުގައި ދެ މަސްދުވަހުގެ ތެރޭގައި އިންތިހާބު ބާއްވާ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހަޅާފަ އެވެ. ބައި-އިލެކްޝަންތަކާ ގުޅޭ ކަންކަން ކުރާނީ އީސީގެ އިރުޝާދުގެ ދަށުން، އެ ކޮމިޓީއެއް ނިސްބަތްވާ އަތޮޅު ކައުންސިލަކުން ކަމަށް ވެސް އެ އިސްލާހުގައި ބުނެފައިވެ އެވެ.

ގުޅުން ހުރި ކަމެއް - މީގެ ކުރިން އީސީން މަޖިލީހަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ:

  • ކޮންމެ ބައި-އިލެކްޝަނަކަށް އެވްރެޖު ގޮތެއްގައި 130,000ރ. އާއި 150,000ރ.އާ ދެމެދުގެ މިންވަރެއް ހަރަދު ކުރަން ޖެހޭ 

  • މި އަހަރު މަދުވެގެން 50 އަކަށް އިންތިހާބު ބާއްވަން ޖެހޭނެ 

  • މި އަދަދަށް އިންތިހާބު ބާއްވަން ޖެހިއްޖެ ނަމަ، އެ ކަމަށް 7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރަން ޖެހޭނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް