ޕޭރެންޓިން

ފުރާވަރު ދަރިފުޅު ބަލަން އުނދަގޫ، ގޮންޖެހުން ބޮޑު، އެކަމަކު ހައްލު އެބަހުރި

ފުރާވަރު ކުދިން ބޮޑުވަމުން އަންނަ ވަރަކަށް ސިކުނޑިއަށް ބަދަލު އައިސް މައިންބަފައިންނަށް ވުރެ އެކުވެރިންގެ ރުހުން ހޯދަން މަސައްކަތްކުރޭ
12 ނޮވެމްބަރު 2022
3

މުހިންމު ނުކުތާތައް

ފުރާވަރުގެ ދަރިފުޅާ އޮންނަ ގުޅުން ބަދަހިކުރުން ވަރަށް މުހިއްމު

ކުދިންނަށް ބައެއް ކަންކަން ނިންމަން އަމިއްލަ ބާރު ދޭންވާނެ

ކްރިޓިކަލް ތިންކިންއަށް ފުރުސަތު ދިނުމުން ގޯސްތައް ހެދި، އެކަންކަން ރަނގަޅުކުރާނެ

ފުރާވަރަށް ކުދިން އެޅުމުން އެކުދިން ރަނގަޅު ގޮތުގައި ބަލަހައްޓަން ގޮންޖެހުންތައް ކުރިމަތިވެ އެވެ. ސަަބަބަކީ ފުރާވަރަށް އަރައިގެން އަންނަ ކުއްޖެއްގެ ވިސްނުމަށް ގިނަ ބަދަލުތަކެއް އަންނާތީ އެވެ.

ދަރިފުޅު ބޮޑުވަމުން،  ފުރާވަރު އުމުރަށް އެޅުމުން ކަންކަން އަމިއްލައަށް ނިންމުމުގެ އިހްތިޔާރު  ބޭނުންވެ އެވެ. އާއިލާ އާއި މައިންބަފައިންނަށް ވުރެ އެކުވެރިންގެ ހިޔާލު އެކުދިންގެ ގިނަ ކަންކަމުގައި ހޯދައި، އެ ހިޔާލުތައް އެކުދިންނަށް މުހިއްމު ކަމަށް ގަބޫލުކުރެ އެވެ.  

ފުރާވަރަށް ދަރިފުޅު އެރުމުން ދަރިފުޅުގެ ކަންކަން އުނދަގޫވެ، ބަލަހައްޓަން ދަތިވާ ކަމަށް ބައެއް މައިންބަފައިންނަށް ހީވެދާނެ އެވެ.

ފުރާވަރުގެ ކުއްޖަކު ހުންނަ ނަމަ އެ ކުދިންނާ އޮންނަ ގުޅުން ވަރުގަދަކޮށް ތަރުބިއްޔަތު ކުރުމުގައި ސަމާލުވާންވީ ކަންކަން ތިރީގައި އެވަނީ އެވެ.

ފުރާވަރަށް އެޅުމުން ދަރިން ބެލެހެއްޓުމުގައި ގޮންޖެހުންތަކާ ގިނަ ބެލެނިވެރިން ކުރިމަތިލާ

1. 'ފުރާވަަރުގެ މައްސަލަ'؛ މި ބަސް ދަރިފުޅަށް ރަައްދު ނުކުރުން

ފުރާވަރު އުމުރުގެ މައްސަލަތައް ދިމާވާނީ އެ އުމުރު ފުރައިގެ ކުދިންނަށް އެކަންޏެވެ. ނަމަވެސް އެއީ ފުރާވަރު އުމުރުގެ މައްސަލައެއް ކަމަށް ބުނެ ކުއްޖާއަށް އެ ބަސް ރައްދުނުކުރާށެވެ. މައްސަލައަކީ އެ ބަހެއް ނޫނެވެ. މައްސަލައަކަށް ވަނީ ބެލެނިވެރިން އެ ބަސް ބޭނުންކުރާ ގޮތެވެ. ކުދިންނަށް ދިމާވާ ހުރިހާ ކަމެއް ވަރަށް ފަސޭހައިން 'ޓީނޭޖް މައްސަލަ'އޭ ކިޔާ ލޭބަލްކޮށްލެވެ އެވެ.

ނަމަވެސް މި މައްސަލަތައް ފެށެނީ ފުރާވަރު އަހަރުތަކުގައެއް ނޫނެވެ. ތަފާތަކީ ކުއްޖާގެ ފަރާތުން އޭގެ ކުރިން އެ ބަދަލުތައް ފާހަގަނުވުމެވެ. ބޮޑުވާ ވަރަކަށް ކުދިން ވެސް ސީދަލަށް ވާހަކަ ދައްކައި، އެއްޗެހި ބުނެ ހަދަ އެވެ.

ފުރާވަރު އުމުރުގެ ކުދިންގެ މައްސަލަތައް މާ ބޮޑުހެން ހީވަނީ އާއިލާއަށް ވުރެ ރައްޓެހިންނަށް އިސްކަން ދޭން ފެށުމުންނެވެ. އެހެންވެ މައިންބަފައިންނަށް ފޫޅުކަނޑާލެވެނީ ފުރާއުމުރުގެ މައްސަލައެއް ކަމަށް ބުނެ އެ އުމުރަށެވެ. މައްސަލައެއް އުޅޭކަން ގަބޫލުނުކުރާ ނަމަ މައްސަލަ ހައްލުކުރަން އުނދަގޫވާނެ އެވެ.

2. ގުޅުން ބަދަހިކުރުން

މައިންބަފައިންނާ އޮންނަ ގުޅުން ދަރިފުޅުގެ ކޮންމެ އުމުރެއްގައި ވެސް މުހިއްމެވެ. މި ގުޅުން ފުރާވަރަށް އަރާ ދުވަސްވަރު ވަކިން ހާއްސަކޮށް މުހިއްމެވެ. ފުރާވަރު އުމުރުފުރައިގެ އާއިލީ ގުޅުންތައް ވަރުގަދަ ނަމަ ކުދިންގެ ޖަޒުބާތުތައް ކޮންޓްރޯލް ނުވެގެން ދިމާވާ ހާސްކަމާ ދުރުކޮށްދެ އެވެ. އަދި ފުރާވަރުގައި މަސްތުވާތަކެތީގެ ތެރެއަށް ވަނުމާއި ދުންފަތުގެ އިސްތިއުމާލްކުރުމާއި އެކި ކަހަލަ ގުޅުންތަކުން ނެއްޓެން އުނދަގޫ ހިސާބަށް ދަނީ މައިންބަފައިންނާއި ދަރިންނާ ދެމެދު އޮންނަ ގާތްކަން ކުޑަވުމުންނެވެ. އެހެންވެ އެ ގުޅުން ވަރުގަދަ ކުރުމަށް އިސްކަން ދޭންވާނެ އެވެ.

ނަމަވެސް ފުރާވަރު އުމުރުގައި ބެލެނިވެރިންނާއި ކުދިންނާ ވަރަށް ގިނަ ފަހަރަށް ދެބަސްވުމާ އަރައިރުންތައް ހިނގަ އެވެ. މިފަދަ އަރައިރުންތަކުގެ ސަބަބުން އިތުރަށް ގުޅުންތައް ގޯސްވެ އެވެ. މައިންބަފައިންނާ މެދު ދެކޭ ގޮތް ދުވަހަކަށް ވުރެ ދުވަހެއްގައި ގޯސްވެ އެވެ. ކުޑައިރާއި ފުރާވަރުގައި މައިންބަފައިންނާ ޖެހޭ މައްސަލަތައް ހައްލުނުވާ ނަމަ ކުދިން ބޮޑުވުމުން ވެސް ހަމަ އެ މަައްސަލަތަކުގައި ކޮންމެވެސް ވަރެއްގެ ހިތްބަރުކަމެއް  އޮވެ އެވެ.

ފުރާވަރުގައި ކުދިންނާ މައިންބަފައިން މައްސަލަ ޖެހޭ ނަމަ އެ މައްސަލަތައް ހައްލު ކުރުމަށް ސަމާލުވޭ

ކުދިން ސްކޫލްގައި ހޯދާ ގްރޭޑާއި ފާސްތަކަށް ވުރެ މައިންބަފައިންނާ އެކު އޮންނަން ޖެހޭ ގުޅުން މުހިއްމެވެ. 

މީގެ މާނައަކީ ދަރިފުޅު ބޭނުންހާ ގޮތަކަށް އުޅެން ދޫކޮށްލުމެއް ނޫނެވެ. ހަރުކަށި ބެލެނިވެރިއަކަށް ވުމުގެ ބަދަލުގައި ދަރިފުޅު ޑިސިޕްލިން ކުރާނީ ގުޅުމަސް ހުރަސް ނޭޅޭ ގޮތަށެވެ. މީގެ އިތުރުން އާއިލާ އެއްކޮށް އެއް މޭޒު ދޮށެއްގައި ތިބެ ކެއުމާއި ގިނައިން ވާހަކަ ދެއްކުން ރަނގަޅެވެ. 

3. އަމިއްލައަށް ގޮތް ނިންމުމުގެ ބާރު ދިނުން

ކަންކަމުގައި އަމިއްލައަށް ގޮތް ނިންމުމުގެ އިހްތިޔާރާއި ބާރު ދިނުމަކީ ފުރާވަރަށް އަޅަމުން އަންނަ ކުދިންނަށް މުހިއްމު ކަމެކެވެ. ސަބަަބަކީ މިކަން ގުޅިފައި އޮންނަނީ ކުދިންގެ ކިޔެވުމާއި އިޖްތިމާއި ދުޅަހެޔޮކަމާއި ނަފްސާނީ ދުޅަހެޔޮކަން އަދި ކިޔެވުމަށް ހުންނަ ޝައުގާއި މޯޓިވޭޝަންއާ އެވެ.

ކުދިން ބާރުވެރިކުރަން ސަޕޯޓް ދިނުމުގެ ގޮތުން މައިންބަފައިންނަށް ކުރެވިދާނެ ކަންކަން އެބަ ހުއްޓެވެ. ހިޔާލުތައް ބަލައިގަތުމާއި ތަފާތު ކަންކަން ތަޖުރިބާކުރުމަށް ބާރުއެޅުމާއި ކަންކަމުގައި ގޮތް ނިންމުން އަދި މާ ބޮޑަށް ކޮންޓްރޯލް ނުކުރުން ހިމެނެ އެވެ. ދަރިފުޅަށް ބޭނުންވާ ސަޕޯޓްދީ، ދަރިފުޅުގެ ކަންކަމުގައި މާ ހަރުކަށި ނުވެ އަބަދުވެސް ދަރިފުޅާ މުއާމަލާތް ކުރުން ވަރުގަދައަށް ބޭއްވުން މުހިއްމެވެ.

ބާރުވެރިކޮށް ގޮތް ނިންމުމުގެ ކުޑަކުޑަ މިސާލެއް ދައްކާ ނަމަ ދަރިފުޅު ގާތުގައި އަބަދު ކިޔަވަން ދާށޭ ބުނުމުގެ ބަދަލުގައި ދަރިފުޅަށް ވިސްނައިދޭންވީ ކިޔެވުމުގެ މުހިއްމުކަމެވެ.

ދަރިފުޅަށް ދަސްކޮށްދޭންވީ ކްރިޓިކަލް ތިންކިން

4.ވާންވީ ކޯޗަކަށް، މެނޭޖަރަކަށް ނޫން

މައިންބަފައިންނަށް ބަރޯސާވުމަކީ ފުރާވަރު އުމުރުގައި ކުދިންގެ ހެދިބޮޑުވުމާއި ތަރައްގީއާ ގުޅިފައިވާ އެއް ކަމެވެ. ފުރާވަރު އުމުރުގެ ކުދިންގެ ދިިރިއުޅުމުގެ ހުރިހާ ކަމެއް ބެލެނިވެރިން ކޮންޓްރޯލް ކުރާކަށް ނުޖެހޭނެ އެވެ. އެހެންކަމުން އެކުދިންގެ މެނޭޖަރަކަށް ވުމުގެ ބަދަލުގައި ވާންވީ އެކުދިންގެ ކޯޗަކަށެވެ.

ފުރާވަރު ކުދިންގެ ޖިސްމާނީ ތަރައްގީ އާއި އެއްވަރަށް އެމީހުންގެ ޖަޒުބާތުތައް ކޮންޓްރޯލް ކުރަން ދަސްކޮށްދީ ކޯޗަކަށް ވުމަށް ހާއްސަ ސަމާލުކަމެއް ދޭށެވެ.

ކުދިން ކޮންޓްރޯލް ކުރުމުގެ ބަދަލުގައި މަގުދައްކައިދޭންވީ ބެލެނިވެރިން

ކުދިންގެ ހަޔާތުގައިވާ ކަންކަން އެކުދިން ހިއްސާ ކުރުމުން އިރުޝާދު ދީ ނަސޭހަތްދޭށެވެ. ވާހަކަ ދައްކައިގެން ހިތްހަމަޖައްސާދޭށެވެ. އަދި ހިތްވަރު ދޭށެވެ. ބެލެނިވެރިން އުޅެންވީ ކޮންސަލްޓަންޓެއްގެ ގޮތުގަ އެވެ. 

5. ދަރިފުޅަށް ދަސްކޮށްދޭންވީ ކްރިޓިކަލް ތިންކިން

ދަރިފުޅު ޑިސިޕްލިން ކުރުމުގައި ބަލަންވީ އެ ކުއްޖާގެ ކްރިޓިކަލް ތިންކިން ތަރައްގީވާ ގޮތަށް ޑިސިޕްލިން ކުރުމަށެވެ. ޒިންމާދާރު ކުއްޖަކަށް ދަރިފުޅު ވާނީ އޭނާގެ ކްރިޓިކަލް ތިންކިން ތަރައްގީވާ މިންވަރަކުންނެވެ. މިކަން ދަރިފުޅަށް ދަސްކޮށްދިނުމަށް، ކަންކަން ނިންމަން ފުރުސަތު ދޭށެވެ. އޭގެ ނަތީޖާ އެންމެ ރަނގަޅު ނޫނަސް އެކަމާ ކުރިމަތިލާން ދަސްކޮށެދޭށެވެ. ކަންކަމުގައި ރަނގަޅު ގޮތް ނިންމަން ދަސްވާނީ އެކުދިންނަށް ގޯސްތަކެއް ހަދަން ފުރުސަތު ވެސް ލިބިގެންނެވެ.

6. ދަރިފުޅުގެ ރައްޓެހިން ދެނެގަތުން މުހިއްމު

ދަރިފުޅުގެ ރައްޓިހިންނަކީ ކޮން ބައެއްކަން ދެނެގަތުން މުހިއްމެވެ. ފުރާވަރުގެ އުމުރުގެ މުހިންމު އެއް ކަމަކީ ވަރުގަދަ ގުޅުމާއި އެކުވެރިކަން އުފެއްދުމުގެ ގާބިލްކަން ތަރައްގީކުރުމެވެ. އެއް ފުރައިގެ ކުދިންނާ އެކީގައި އުޅޭ އިރު އެކަކު އަނެކަކާ މައްސަލަ ޖެހޭނެ އެވެ. އަދި ބައެއް ފަހަރަށް އެއް ކުއްޖެއްގެ އުޅުމުގެ ސަބަބުން އަނެއް ކުއްޖަކަށް ނުފޫޒު ފޯރައި، އޭގެ އަސަރު ކުރާނެ އެވެ.

ދަރިފުޅުގެ ރައްޓެހިންނަކީ ކޮން ބައެއް ކަން ދެނެގަތުން މުހިއްމު

7. ލޯބި ދިނުން

އެހެން ހުރިހާ އުމުރެއްގެ ކުދިންނެކޭ އެއްގޮތަށް ފުރާވަރުގެ އުމުރުގެ ކުދިން ވެސް ބެލެނިވެރިންގެ ލޯބި ބޭނުންވެ އެވެ. އެކުދިންނަށްޓަކައި ބަޔަކު ތިބިކަން އެނގޭ ނަމަ އެކުދިންގެ ހެދިބޮޑުވުމުގައި އޭގެ ހެޔޮ އަސަރު ކުރެ އެވެ. ލޯބި ލިބިގެން ބޮޑުވާ ކުދިންގެ ނަފްސާނީ މަައްސަލަތަކާ ކުރިމަތިލާ މިންވަރު މަދެވެ. އެކުދިންގެ އިޖްތިމާއީ ގުޅުންތައް ރަނގަޅެވެ. އަދި އެކުދިން ބޮޑުވެގެން އަންނަނީ ކަންކަމާ ކުރިމަތިލާން ކެރޭ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑު، ވިލުންވެރި ކުދިންތަކެއްގެ ގޮތުގަ އެވެ.

8. ދަރިފުޅުގެ މޫޑު ބަދަލުވުމަކީ ޒާތީ ކަމެއްގެ ގޮތަށް ނުބެލުން

ފުރާވަރު އުމުރުފުރައިގެ ދަރިފުޅުގެ މޫޑު އަވަސް އަވަހަށް ބަދަލުވުމަކީ ދިމާވެދާނެ ކަމެކެވެ. އެއީ ޒާތީ ކަމެއް ކަމުގައި ނުދެކޭށެވެ. އެކުދިންނަށް ފުރުސަތު ދޭށެވެ. އެކުދިންގެ އަމަލުތައް ހުންނަ ގޮތުން ކެތްތެރިކަން ކޮޅުންލައިގެން ދާ ފަހަރުތަކުގައި ވެސް އޯގާތެރިކަމާއި ލޯބި އިސްކުރާށެވެ. އަދި ތިމާގެ އަމިއްލަ ފުރާވަރު އުމުރު ހޭދަކުރި ގޮތް ހަނދާންކޮށްލާށެވެ.

ކޮމެންޓް (3)

އަސްލު

12 ނޮވެމްބަރު 2022
ބައެއް ފަހަރު މަންމަމެން ބުނާނެ އަހަރުމެންވެސް ތި ވަރު ވެގެންނޭ މި ވަރު ވީ. ބަލަ ކޮންމެ މީހަކީ ތަފާތު މީހެކޭ އެންމެންނަށް ވާނީ އެއް ގޮތެއް ނޫނެއްނު
0 0

ނަފުރަތު

12 ނޮވެމްބަރު 2022
ދަރިންނާ މައިންބަފައިންނާ މެދު އިންނަން ޖެހެނީ ވަރަށް ގާތް އަދި އަންޑަސްޓޭންޑިން ރިލޭޝަންއެއް. އެހެން ނޫނީ ކުދިން ހަލާކު ވެދާނެ
0 0

ދީލަތި

12 ނޮވެމްބަރު 2022
މިއީ ވަރަށް ކަންބޮޑުވާން ޖެހޭ ކަމެއް. އަހަރުމެން ބޮޑެތި ވަމުން އައި އިރު ފުރާވަރަށް އެޅީމައި އައި ބަދަލުތައް މަންމައާ ހިއްސާ ކުރާކަށް ނުކެރުން ބިރުން. ހީވަނީ އެއީ އަމިއްލައަށް ކުރި ކަމަކުން ވީ ކަންކަން ހެން
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް