އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލް މައިމޫނާ އަބޫބަކުރު (ފޮޓޯ/ އެޗްއީއޯސީ)

އެޗްޕީއޭ

ކޮންޓެކްޓުން ވެކްސިން ފުރިހަމަ ނަމަ ކަރަންޓީނު ވާން ނުޖެހޭ ގޮތް ހަދައިފި

އަލާމާތް ހުރި ނަމަވެސް، އެންޓިޖެން ނުވަތަ ޕީސީއާރު ނަތީޖާ ނެގެޓިވް ނަމަ ކަރަންޓީނު ވާކަށް ނުޖެހޭނެ
1 ފެބްރުއަރީ 2022

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުން، ބަލީގެ އެއްވެސް އަލާމާތެއް ނެތް ނަމަ ކަރަންޓީނުވާން ނުޖެހޭ ގޮތަށް އުސޫލަށް ބަދަލު ގެނެސްފި އެވެ.

ވީ ކިހިނެއް؟ - 13 ޖެނުއަރީގައި އުސޫލަށް ގެނައި ބަދަލާ އެކު، ކޮވިޑަށް ޕޮޒިޓިވްވާ މީހުންނާއި އެ މީހުންގެ ކޮންޓެކްޓުން ކަރަންޓީނުކުރާ މުއްދަތު ވެސް ވަނީ ކުރުކޮށްފަ އެވެ. އޭރު އުސޫލު އޮތް ގޮތުން:

  • ކޮންޓެކްޓުން ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ ނަމަ، ކޮންޓެކްޓުވިތާ 10 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރޭ 

  • ވެކްސިން ފުރިހަމަ ނުކުރާ ކޮންޓެކްޓުން 14 ދުވަހަށް ކަރަންޓީނު ކުރާނެ؛ ކަރަންޓީނުން ދޫކުރާނީ ޕީސީއާރު ނެގެޓިވް ވުމުން

ތަފްސީލް - ނަމަވެސް އެޗްޕީއޭއިން މިއަދު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުން ކަރަންޓީނުކުރާ މުއްދަތަށް ބަދަލު ގެނެސްފަ އެވެ. އެޗްޕީއޭން އާންމުކުރި އުސޫލުގައި ބުނީ ކޮންޓެކްޓުންގެ ތެރެއިން ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުން، ބަލީގެ އެއްވެސް އަލާމާތެއް ނެތް ނަމަ ކަރަންޓީނުވާން ނުޖެހޭނެ ކަމަށެވެ.

ވެކްސިންގެ ޑޯޒްތައް ފުރިހަމަވެފައިވާ ކަމުގައި ބަލާނީ:

  • ރާއްޖޭގައި ދޭ ވެކްސިނެއްގެ ކަނޑައެޅިފައިވާ ޑޯޒްތައް ފުރިހަމަކޮށް 14 ދުވަސް ފުރިހަމަވެ، އަދި ދެ ވަނަ ޑޯޒް ޖެހުމަށް ފަހު 6 މަސް ފާއިތު ނުވާ ނަމަ 

  • ދެވަނަ ޑޯޒް ޖެހުމަށް ފަހު 6 މަސް ފާއިތުވެފައިވާ ނަމަ، ބޫސްޓާ ޑޯޒް ފުރިހަމަކޮށްފައިވާ ނަމަ

އުސޫލުގައި ބުނީ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ ކޮންޓެކްޓުންގެ ބަލީގެ އަލާމާތް ހުރި ނަމަ، އެންޓިޖެން ނުވަތަ ޕީސީއާރު ޓެސްޓު ހަދައި ނަތީޖާ ނެގެޓިވް ވެއްޖެ ނަމަ ކަރަންޓީނުވާން ނުޖެހޭނެ ކަމަށެވެ. ނަމަވެސް ނަތީޖާ ލިބެންދެން ކަރަންޓީނުގައި ހުންނަން ވާނެ އެވެ.

ކަރަންޓީނު ވާން ނުޖެހުނު ނަމަވެސް، ޕޮޒިޓިވްވި މީހާއާ އެންމެ ފަހުން ދިމާވި ތާރީހުން ފެށިގެން 5 ދުވަސް ވުމުން ޕީސީއާރު ޓެސްޓެއް ހަދަން ޖެހޭނެ އެވެ.

ބުނީ ކީކޭ؟ - އެޗްޕީއޭ އިން ބުނީ ކަރަންޓީނު ވާން ނުޖެހޭނީ ޕޮޒިޓިވްވި މީހުންނާ މުޅިން ވަކިން ތިބޭ މީހުން ކަމަށެވެ. ޕޮޒިޓިވްވި މީހާއާ އެކުގައި ދިރިއުޅޭ ނަމަ:

  • ކޮވިޑަށް ޕޮޒިޓިވްވި މީހާގެ އެކަހެރިވުމުގެ މުއްދަތު ނިމެންދެން ކަރަންޓީނުގައި ހުންނަން ވާނެ 

  •  އެއަށް ފަހު ޕީސީއާރު ޓެސްޓް ހަދަންވާނެ

  • ޓެސްޓުގެ ނަތީޖާ ލިބެންދެން ކަރަންޓީނުގައި ހުންނަން ވާނެ 

  • ނަތީޖާ ނެގެޓިވް ވެއްޖެ ނަމަ އިތުރަށް ކަރަންޓީނުވާކަށް ނުޖެހޭނެ

އެނގުން މުހިންމު - އެޗްޕީއޭ އިން ބުނީ އެންޓިޖަން ޓެސްޓްގެ ސެލްފު ކިޓެއް ބޭނުންކޮށްގެން ގޭގައި ކޮވިޑަށް ޓެސްޓު ކުރަންވާނީ ބަލީގެ އަލާމާތެއް ހުންނަ މީހުން ކަމަށެވެ. އެންޓިޖަން ސެލްފްކިޓް ބޭނުންކޮށްގެން ޓެސްޓް ހަދާއިރު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ ނަމަ، ވެސް އަމަލުކުރަން ޖެހޭނީ މި އުސޫލަށެވެ.

ނަމަވެސް އެމީހުންނަށް އައިސޮލޭޝަން އަދި ކަރަންޓީން ޑޮކިއުމަންޓް ދޫކުރާނީ ކޮވިޑަށް ޓެސްޓުކުރުމަށް ރަޖިސްޓާކޮށްފައިވާ ލެބަކުން ނުވަތަ ސިއްހީ ފަރުވާދޭ ތަނަކުން ކޮވިޑަށް އެންޓިޖަން ނުވަތަ ޕީސީއާރް ޓެސްޓު ހެދުމުންނެވެ.

މި އުސޫލަށް އަމަލުކުރަން ފެށުމާ އެކު، މިހާރު ކޮންޓެކްޓުންގެ ގޮތުގައި ކަރަންޓީނުގައި ތިބި މީހުން ވެކްސިން ޑޯޒްތައް ފުރިހަމަ ނަމަ، ކަރަންޓީނުގެ މުއްދަތު ނިމުމަކަށް އަންނާނެ އެވެ. އެޗްޕީއޭ އިން ބުނީ އުސޫލަށް އަމަލުކުރަން ފެށުމާ ހަމައަށް، ކޮންޓެކްޓުންގެ ގޮތުގައި ރިޕޯޓުކޮށްފައިވާ މީހުންގެ ކަރަންޓީނު ޑޮކިއުމަންޓް ހާލުބެލުން ޕޯޓަލްއަށް އަޕްލޯޑް ކުރާނެ ކަމަށެވެ.

ކޮންޓެކްޓުންގެ މައުލޫމާތު އެޗްޕީއޭއަށް ދޭއިރު ބަލީގެ އަލާމާތްތަކުގެ މައުލޫމާތާއި ވެކްސިން ލިބިފައިވާ ގޮތުގެ މައުލޫމާތު ފުރިހަމައަށް ދޭން އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް