ވާހަކަ: ހިމޭން ލޯބި

ވާހަކަ

ވާހަކަ: ހިމޭން ލޯބި

ދެމަފިރިން ކަމުގައިވިޔަސް، އެއް ގެއެއްގައި އުޅުނުކަމުގައިވިޔަސް، ހައިޝަމާއި ޖަންނަތަށް ހަމަހިމޭން ކަމާއެކު ބައްދަލުކޮށްލެވެނީ ސިއްރުންނެވެ. އެހެން މީހުންނަށް ކުޑަ ވެސް ޝައްކެއް ވިޔަ ނުދިނުމަށްޓަކައެވެ.
13 ޑިސެމްބަރު 2021

އެޕިސޯޑް 15

"ދައްތާ! އަސްލު އަހަރެންނަކަށް މާ ބޮޑަކަށް ޖަންނަތެއް ނޭނގޭ. އެކަމަކު، ވިޔާނުދާ އަމަލުކޮށް ގޯސް ގޮތަކަށް އުޅުނު ކުއްޖެއް ނޫން އެއީ. ނިކަމެތި ކުއްޖެއް ކަމަކު އަޚުލާގު ރަނގަޅު ކުއްޖެއް އެއީ،" އިރުފާނު ވާހަކަ ދެއްކީ ވިސްނައިގެންނެވެ.

"އެހެންތަ؟ އާނ. އެންމެ ރަނގަޅު އެހެން ވިއްޔާ. ވަރަށް ބޮޑަށް ޝުކުރިއްޔާ،" ޒާހިރާ ފޯނު ކަނޑާލީ ބޭނުންވާ އެއްވެސް މައުލޫމާތެއް ނުލިބުމުންނެވެ. މިއީ ޒާހިރާއަށް ހީވާ ހީވުމެއް ހެއްޔެވެ؟ ނޫނެކެވެ. ކަމުގެ ފުންމިނަށް ދިއުމަކީ އަބަދުވެސް ޒާހިރާގެ އާދައެކެވެ.

ޖަންނަތު އިންތިޒާރު ކުރަމުން ދިޔައީ ހައިޝަމް އަންނާނެ ވަގުތަކަށެވެ. ދުލުން ކޮންމެ އެއްޗެއް ބުނިކަމުގައި ވިޔަސް ހިތަށް އަރައި ފައިބަނީ އެހެން އެއްޗެކެވެ. ޖަންނަތުގެ ވިސްނުމުގައި ވަނީ އެ ރީތި ނަމެވެ. އަބަދުމެ ދެލޯ ދެކެން އެދެނީ އެ ސޫރައެވެ. އަޑު އަހަން ބޭނުންވަނީ އެ ޖާދުވީ އަޑެވެ. ހިތް އެދެނީ އެ ސޫރައަށެވެ. ޖިސްމު ބޭނުންވަނީ އެ ހޫނުކަމެވެ.

ސީމާ ގެއަށް ލުމަށް ފަހު ހައިޝަމް ގެއަށް އައިއިރު ގަޑިން އެގާރަ ޖަހައި ބޮޑު ވެއްޖެއެވެ. ހައިޝަމް ކެތްމަދުވެފައި ހުރީ އޭނަގެ ލޯބިވާ އަނބިމީހާ ދެކެލުމަށެވެ. ހައިޝަމަށް ހީވީ، މިވީ ދެ ގަޑިއެއް ހާއިރު ދެ އަހަރު ވެއްޖެ ހެންނެވެ. ސިޓިން ރޫމުގައި ޝާހިދު ޓީވީ ބަލަން އިނުމުން ޖަންނަތުގެ ކޮޓަރިއަށް ވަދެވޭ ގޮތެއް ނުވިއެވެ. ހުރިހާ ކޮޓަރިއެއްގެ ވެސް ދޮރު ހުންނަނީ އެއް ކޮޓަރިން ނުކުންނަ މީހާ އަނެއް ކޮޓަރިން ނުކުންނަ މީހާއަށް ފެންނަ ކަހަލަ ގޮތަކަށެވެ.

ކުރެވޭނެ މާ ބޮޑު ކަމެއް ނެތުމުން ހައިޝަމް ފެން ތައްޓެއް ބޯލުމަށް ފަހު ކޮޓަރިއަށް ވަނެވެ. އަދި ފެންވަރާލައިގެން އެނދުގައި ޖައްސާލިއެވެ. ނިދާކަށް ނޫނެވެ. ހައިޝަމަށް އެނގެއެވެ. ޖަންނަތު ވެސް އޭނައަށް އިންތިޒާރު ކުރާނެއެވެ. އެ ދެ ލޮލަށް ވެސް ނިދި ނާންނާނެއެވެ. ހައިޝަމް ތެދުވިއެވެ. މަޑުމަޑުން ކޮޓަރިން ބޭރު ބަލާލިއެވެ. ޝާހިދު ނިދި ޖެހެން ފެށިއެވެ. ނަމަވެސް ކޮޓަރިއަށް ދާކަށް ނޫޅުނެވެ. ހައިޝަމް ގަޑި ބަލަބަލާ އިންތިޒާރުގެ ވަގުތުތައް ގުނަމުން ދިޔައެވެ. އިންތިޒާރަކީ ކިހާ ދިގު އެއްޗެއްކަން ހައިޝަމަށް މިއަދު އެނގިއްޖެއެވެ.

ފަނަރަ ވަރަކަށް މިނެޓް ފަހުން އަނެއްކާވެސް ދޮރު ހުޅުވާލާފައި ސިޓިން ރޫމަށް ބަލާލިއެވެ. ޝާހިދު ޓީވީ ނިއްވާލާފައި ސޯފާއިން ތެދުވަނީއެވެ. ހައިޝަމްގެ ހިތް އުފަލުން ތެޅިގަތެވެ. ޝާހިދު ކޮޓަރިއަށް ވަނުމާއެކު ލަސް ކުރުމެއްނެތި ހައިޝަމް ޖަންނަތު އުޅޭ ކޮޓަރިއަށް ވަނެވެ.

"އަދި ކިރިޔާ ތި އާދެވުނީ؟ އަހަރެން ކޮން އިރެއް އިންތިޒާރު ކުރާތާ؟" ބޭއިޚުތިޔާރުގައި އަތުގެ އިޝާރާތުން ޖަންނަތުގެ ހިތުގެ އުދާސްތައް ބަންޑުން ކޮށްލިއެވެ. ހައިޝަމް އުފާވިއެވެ. ޖަންނަތު ނަގައި އުރާލިއެވެ. އަދި ބުންޏެވެ.

"ތިހާ ވަރަށް އަހަރެންދެކެ ލޯބިވާ އިރު އެހެން މީހަކާ އަހަރެން ހިއްސާ ކުރަން ތި އުޅެނީ؟ އަހަރެންނަށް އެނގޭ ޖަންނަތު އަހަރެން ދެކެ ވާ ލޯބި. ބޭނުންވާ ވަރު،" ހައިޝަމްގެ ވާހަކަ ޖަންނަތު ހުއްޓުވިއެވެ.

ހޮނިހިރު ދުވަހެއްގެ މެންދުރު ވަގުތެވެ. ޖަންނަތު ހުރީ ޓެރަސް މަތީގައެވެ. ދޮވެފައި ހުރި ހައިޝަމްގެ އަންނައުނުތައް ހިއްކަން އަޅުވާށެވެ. އަނބިން ފިރިންނަށް ކޮށްދޭ ކަންކަން ޖަންނަތު އަދާކޮށްދެއެވެ. ބައެއް ފަހަރު މީހުންނަށް ސިއްރުންނެވެ. އަނެއްބައި ފަހަރު ފާޅުގައެވެ. ނަމަވެސް ނޭނގޭނެ ގޮތަކަށެވެ. ހައިޝަމަށް ކާން ހަދައިދިނުމާއި އެއްޗެހި ދޮވެ، އިސްތިރިކޮށް ދިނުމާއި ހައިޝަމަށް މީރު އެއްޗެހި ކައްކައިދީ ހަދައެވެ. މި މަންޒަރުތައް ބަލަން އެންމެ އުދަނގޫވަނީ ޒާހިރާއަށެވެ. ގޭގައި އުޅޭ އެހެން މީހުން މިކަމަކަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ.

އަންނައުނުތައް ހިއްކަން އެޅުވުމަށް ފަހު ޖަންނަތު އައިސް ސޯފާގައި އިނެވެ. އޭރު ޝާހިދާއި ޒާހިރާގެ އިތުރުން ޝާލިޔާ ވެސް އިނެވެ.

"ޝާހިދު. އަދިވެސް ހައިޝަމްގެ ކައިވެނި ކުރާނެ ތާރީޚެއް ނޭނގެ. ހައިޝަމް ގާތު އެހީމަ ބުނީ އަހަރެމެންނަށް ފެންނަ ދުވަހެއް ރަނގަޅުވާނެއޭ،" ޒާހިރާ އެންމެ ދައްކަން ބޭނުންވާ ވާހަކަ ފެށިއެވެ.

"ދެން އެހެންވީމަ ޒާހިރާ ބުނެބަލަ ތާރީޚެއް،" ޝާހިދު ބުންޏެވެ.

"މިއަދު އޭޕްރީލް ވިހި ދޯ. އަހަންނަށް ހީވަނީ ޖޫން ފަނަރަ ރަނގަޅުވާނެ ހެން. ކީކޭ ޝާހިދު ބުނަނީ؟" ކަލަންޑަރަށް ބަލަހައްޓައިގެން އިނދެ ޒާހިރާ ބުންޏެވެ.

"ރަނގަޅުވާނެ ހަމަ. ދެން ހައިޝަމާއި ސީމާ ގާތު ވެސް ތި ވާހަކަ ދައްކަބަލަ،" ޝާހިދު އިނީ ފޮތެއްގައި އެއްޗެހިތަކެއް ލިޔާށެވެ.

"ތައްޔާރުވާނެ ދުވަސް އެބަ އޮތެއްނު ދޯ މަންމާ؟" ޝާލިޔާ ވެސް ވާހަކައިގައި ބައިވެރިވެލިއެވެ.

ޖަންނަތު އިނީ އުފަލަކުން ނޫނެވެ. އޭނަގެ ހިތް ރޮނީއެވެ. އެ އަޑު އަހާނެ މީހެއް މިތާކު މިވަގުތަކު ނެތެވެ.

"ހަފުލާ ބާއްވަންވާނީ ވަރަށް ކުލަގަދަކޮށް. މީ އަހަރެން ވަރަށް ކުރިއްސުރެ ދެކެމުން އައި ހުވަފެނެއް." ޒާހިރާ އިނީ ފަހާފޮށި ކައިރީ، ހެދުމެއްގައި މިނާ ހަރު ކުރާށެވެ.

"އެކަމަކު އަހަރެން ބޭނުމެއް ނޫން މާ ކުލަގަދަ ހަފުލާއެއް ބާއްވާކަށް. އަހަރެން ދެކޭ ގޮތުގައި އެއީ ދެއްކުންތެރިކަން." ކޮޓަރިން ނުކުތް ހައިޝަމް އެހެން ބުނީ ރުންކުރުވެފައެވެ. "އަހަރެންނަށް ވެގެން ވާނަމަ މި ކައިވެނި ނުވެސް ކުރާނަން،" ސޯފާގައި އިށީންނަމުން، ހިތާހިތުން ހައިޝަމް ބުންޏެވެ.

"އެކަމަކު ދަރިފުޅާ! އެއީ ސީމާ ވެސް އެންމެ ބޭނުންވާ ގޮތް. ތިމާ ބޭނުންވާ ގޮތަށްވުރެ ތިމާދެކެ ލޯބިވާ މީހުންގެ އެދުމަށް އިސްކަން ދޭންވާނެ. އެއީ ތިމާގެ ފަރާތުން، އަނެކާއަށް ދެވޭ ކިހާބޮޑު އުފަލެއް؟" ޒާހިރާ ކުރަން އިން މަސައްކަތް ހުއްޓާލާފައި ހައިޝަމް ގާތުގައި އިށީނެވެ.

"ތިކަން ވަރަށް ރަނގަޅަށް އެނގިއްޖެ. މިހާރު ވެސް މި ބަލަނީ ލޯބިވާ މީހާ ބޭނުން ގޮތަށް ކަންތައް ކޮށްދެވޭތޯ،" ހައިޝަމް ޖަންނަތައް ބަލާލިއެވެ. ހަމަ އެ ސިކުންތުގައި، ބުނެވުނު އެތި މާނަ ބަދަލު ކޮށްލިއެވެ. "މި ބުނީ ސީމާ އާއި މަންމަ އާއި ހުރިހާ އެންމެންގެ ވާހަކަ ދޯ؟"

ޖަންނަތު އިނީ ނޭވާ ހިފަހައްޓާލައިގެންނެވެ. ހައިޝަމް ބައެއް ފަހަރު ވާހަކަ ދައްކާ ގޮތުން ހަގީގަތް ސިއްރު ކުރެވިފައި މާގިނަ ދުވަހު އޮންނާނެހެން ހީނުވާތީއެވެ. ޖަންނަތުގެ ލޯބި ގުރުބާން ކުރަން ނިންމީ، މި ދުނިޔޭގައި ޖަންނަތު އެންމެ ލޯބިވާ މީހާއަށްޓަކައެވެ. ޖަންނަތަށް ނުދެވޭނެ އުފަލާއި ހިތްހަމަޖެހުން ސީމާގެ ފަރާތުން ހައިޝަމަށް ލިބޭނެ ކަމަށް އުންމީދު ކުރަމުންނެވެ. އެއްވެސް ގޮތަކުން ޖަންނަތާއި ހައިޝަމް އެކަށީގެން ނުވާ ކަމަށް އޭނަގެ ހިތް އެތައް ފަހަރަކު ބުނެދޭތީއެވެ. އަދަށް ވުރެ ފޮނި މުސްތަގުބަލެއް ހައިޝަމަށް މިންވަރު ކުރައްވާތޯ ދުއާ ކުރަމުންނެވެ.

ރޭގަނޑުގެ ނިދުމުގެ ވަގުތަކީ ހައިޝަމަށް މިހާރު އެންމެ އިންތިޒާރު ކުރެވޭ ވަގުތެވެ. އެއީ ޖަންނަތާ ބައްދަލުވާތީއެވެ. އޭނާގެ ދެ ލޯފަދަ ލޯބިވާ އަނބިމީހާގެ އުނގުތެރޭގައި، އިރު އަރަންދެން ވެސް އޮވެވޭތީއެވެ. އެ މައުސޫމް މޫނަށް ބަލަން އެތައް ވަގުތެއް ހޭދަ ކުރެވޭތީއެވެ. ހިތްއެދޭހާ ގޮތަށް ހުރިހާ ކަމެއް ނުވިޔަސް މިއަދު ހައިޝަމްގެ ޝަކުވާއެއްނެތެވެ. އެއީ ޖަންނަތު އަބަދުވެސް އޭނާ ގާތުގައި ހުރުމުގެ އިހުސާސް ކުރެވޭތީއެވެ.

ރޭގަނޑު އެންމެން ނިދުމުން ހައިޝަމް ކޮޓަރިން ނުކުތެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ޖަންނަތުގެ ކޮޓަރި ކައިރިއަށް ގޮސް ދޮރުގައި ހިފާލިއެވެ. މިވީ ކިހިނެއް ހެއްޔެވެ؟ ދޮރު ހުރީ ތަޅުލާފައެވެ. މަޑުމަޑުން ދޮރާ މޫނު ގާތްކޮށްލާފައި ދެތިން ފަހަރު ޖަންނަތަށް ގޮވާލިއެވެ. މާބާރަށް ގޮވާކަށް ނުކެރުނެވެ. އެހެން މީހުން ހޭލާފާނެތީއެވެ. ނަމަވެސް ހައިޝަމް ކޮޓަރި ކައިރީ އިރުކޮޅަކު މަޑުކޮށްލިއެވެ. އެކި ކަހަލަ ހިޔާލުތައް ހައިޝަމް ވަށާލިއެވެ. ޖަންނަތު ނޫޅެނީބާވައެވެ؟ ހައިޝަމަށް ނޭނގޭ ގޮތަށް ފުރައިގެން ރަށަށް ދިޔައީބާވައެވެ؟ ނުވަތަ ޖަންނަތަށް ކަމެއް ވީބާވައެވެ؟ ނޫނެކެވެ. ކަމުގައި އޮތް އެންމެ ރަނގަޅު ގޮތަށް ވިސްނުމަށް ހައިޝަމްގެ ހިތް ނަސޭހަތްތެރިވިއެވެ.

- ނުނިމޭ -

އިތުރު އާޓިކަލް

އިތުރު އާޓިކަލް