ވާހަކަ: ހިމޭން ލޯބި

ވާހަކަ

ވާހަކަ: ހިމޭން ލޯބި

ހިނގަމުން ދިޔަ ކަންތައްތަކާއި ފެންނަ މަންޒަރުތަކުން، ޒާހިރާއަށް ޝައްކުތަކެއް ކުރެވެ އެވެ. އެކަންކަން ނުފެންނަ ކަމަށް ހަދައިގެން ވެސް އޭނާއަކަށް ނުހުރެވެ އެވެ. ޒާހިރާ މަސައްކަތްކުރީ އެކަމުގެ ހަގީގަތް ހޯދާށެވެ.
9 ޑިސެމްބަރު 2021

އެޕިސޯޑް 14

ގަޑިން ރޭގަނޑު އަށެއް ޖެހީ އެވެ. ޝާލިޔާގެ ދެ ދަރިން ސިޓިންރޫމުގައި، ފޮތްތަކެއްގައި ކުލަ ޖައްސަން ތިބިއިރު، ޖަންނަތު އިނީ އެކުދިންނަށް އެހީތެރިވާށެވެ. މިވީ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެކުދިންނާއި ޖަންނަތުގެ ގުޅުން ވަރަށް ވަރުގަދަ ވެއްޖެ އެވެ. ޚަބަރު ބެލުމަށްޓަކައި ޓީވީ ހުޅުވައިގެން، ޝާހިދާއި ހަމްދޫން ވެސް ތިއްބެވެ. ބަދިގެ ވެސް ހުންނަނީ ސިޓިންރޫމާ އިންވެގެން ކަމުން ބަދިގޭގައި އުޅޭ ޝާލިޔާ އާއި ޒާހިރާއަށް ވެސް ސިޓިންރޫމުގައި ދައްކާ ވާހަކަ އަޑުއިވޭނެ އެވެ.

"ޖަންނަތުގެ މައިންބަފައިން ކޮބާ؟" ކުއްލިއަކަށް ޝާހިދު އެހި އެވެ.

އަތުގެ އިޝާރާތުން، މައިންބަފައިން ނިޔާވެއްޖެކަމަށް ޖަންނަތު ސިފަކޮށްދިނެވެ. ޝާހިދާއި ހަމްދޫނަށް ވެސް އެބުނި އެއްޗެއް ވިސްނުނެވެ. ޒާހިރާ އާއި ޝާލިޔާ ވެސް އެކަކު އަނެކަކު މޫނަށް ބަލައިލި އެވެ. ޖަންނަތު އިސްޖަހާލި އެވެ. ހިތުގައި ޖެހުނެވެ. ދެ ލޯ ފެންކަޅިވި އެވެ.

"ދެރަނުވޭ. އެއީ ކޮންމެ އިންސާނަކަށް ވެސް އަންނާނެ ދުވަހެއް. އިރާދަކުރެއްވިއްޔާ އަހަރުމެން އަބަދުވެސް ޖަންނަތަށް އެހީތެރިވާނަން،" ޖަންނަތުގެ ބޮލުގައި ލޯތްބާ އެކު ފިރުމާލަމުން ޝާހިދު ބުންޏެވެ.

"ޖަންނަތު ކައިވެންޏެއް ކުރަން ހިޔާލު ނުކުރަންތަ؟"

ޝާހިދުގެ އެ ސުވާލާ އެކު ހައިޝަމަށް ކޮޓަރިން ނުކުމެވުނެވެ. އަދި ހުރި ފިޔަވަޅުމަތީގައި ހުރެވުނެވެ. ޖަންނަތާ ދިމާލަށް ބަލަހައްޓައިގެންނެވެ. އެއްވެސް މީހަކު އެއްވެސް އެއްޗެކޭ ނުބުނެ އެވެ. ޖަންނަތު އިސްޖަހައިގެން އިން އިރު އެދެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ހިންދާލަން މަސައްކަތްކުރި އެވެ.

"ދެން ތިހުރިހާ ވާހަކައެއް ދައްކާނީ ކައި ނިމިގެން. އާދޭ ކާން ޝާހިދު،" ޒާހިރާ މިހެން ބުނީ ރުންކުރުވެފަ އެވެ.

"ދަރިފުޅު ވެސް އާދޭ! އަދި މިރޭ ސީމާއާ އެކު ބާޒާރުކޮށްލަން ވެސް ދާން ޖެހެއެއްނު." ހައިޝަމަށް ނިސްބަތްކޮށް ޒާހިރާ ބުންޏެވެ.

އެވަގުތު ޖަންނަތަށް ދެ ލޯ މަރާލެވުނެވެ. ހައިޝަމް، ކާމޭޒު ކައިރިއަށް އަންނަމުން ޖަންނަތު ގާތު ވެސް ކާން އައުމަށް އެދުނެވެ.

"ދަރިފުޅު ހަނދާން ނެތުނީތަ؟ ފިރިހެނުން ކައި ނިމުނީމައެއްނު އަންހެންވެރިން ކާނީ،" ޒާހިރާ އަނެއްކާވެސް ވާހަކަ ދެއްކި އެވެ.

"މިރޭ، ގިނަ ބާވަތްތައް ކެއްކީ ޖަންނަތު، ފަރުމަހުގައި ދޮންރިހަ ކައްކާފައި، މަސް ފިހެފައި، ސަޓަނި ވެސް ހެދީ އޭނަ. ކުރިން ނޭނގެ މިހާ މީރުކޮށް ކާއެއްޗެހި ވެސް ހަދާ ކަމެއް،" ހިނިތުންވަމުން ޝާލިޔާ ޖަންނަތަށް ތަޢުރީފުކުރި އެވެ. އެ ތައުރީފުގެ އަޑު އެންމެ އަހާ ހިތްވަނީ ހައިޝަމެވެ.

"އެހެންތަ؟ އެހެންވެ ދޯ އެހާ މީރު ވަސް އެދުވަނީ. އަހަރެން އެރަށުގައި ހުރި އިރު ވެސް ޖަންނަތު ވަރަށް މީރުކޮށް މަސް ފިހެދޭނެ،" ހައިޝަމަށް ނޭނގި ނަމަވެސް އެންމެންގެ ހާޒިރުގައި ޝާލިޔާ އެކުރި ތަޢުރީފުގައި ބައިވެރިވެވުނެވެ. އިތުރު އެއްޗެއް ބުނެފާނެތީ ބިރުގަތީ ޖަންނަތެވެ. ހައިޝަމަށް ނޭނގި ބުނެވޭ އެއްޗަކުން ވެސް ދެން ތިބޭ މީހުނަށް ހަގީގަތް އެނގިދާނެތީ އެވެ. ދުރުގައި އިން ނަމަވެސް ދައްކާ ވާހަކަ ޖަންނަތަށް ރީތިކޮށް އަޑުއިވެ އެވެ.

ޒާހިރާގެ ތޫނު ވިސްނުން ގޮސް ހުރި ހިސާބެއް އެނގޭ އެކަކު ވެސް އެތާކު ނެތެވެ. ނަމަވެސް ހައިޝަމް، ޖަންނަތާ ބެހޭ ގޮތުން ބުނެލާ ކޮންމެ އެއްޗަކާއި ޖަންނަތުގެ މޫނުގެ ކުލަވަރަށް އަންނަ ބަދަލު ދެނެގަންނަން ޒާހިރާ ވަރަށް މޮޅެވެ. އެހެނަސް ހަނު ހުރީ އެވެ. ހީވާ ހީވުން ޔަގީނަށް ބަދަލުކުރެވެންދެނެވެ. ނުވަތަ ދެ އަތުން ހިފެންދެނެވެ.

ބަރާބަރު ނުވައެއް ޖެހި އިރު ސީމާ ހުރީ ހައިޝަމްމެން ގޭގަ އެވެ. ތަނެއްގައި އިށީނދެ ވެސް ނުލާ ހުރީ ހައިޝަމް ނުނިކުމެގެންނެވެ. ގިނަ އިރުތަކެއް ނުވެ ހައިޝަމް ނުކުތެވެ. ދެ މީހުން އެކުގައި ފިހާރައަށް ދާން ނުކުތެވެ.

އެވަގުތު ޒާހިރާ، ޖަންނަތުގެ ކޮޓަރިއަށް ވަނެވެ. ކޮޓަރީގައި މީހަކު ނޫޅެ އެވެ. މިއީ ރަނގަޅު ވަގުތެކޭ ހިތައި ޒާހިރާ އަތްމަތި އަވަސްކޮށްލި އެވެ. އަދި ޖަންނަތުގެ ދަބަސް ހޭވި އެވެ. ކައިރީގައި ހުރި ކުޑަ ކަބަޑެއް ވެސް ހޭވި އެވެ. ބޭނުންވާ އެއްވެސް އެއްޗެއް ނުފެނުނެވެ. ފަނޑު އަލިކަމުގެ ތެރެއިން އެއްޗެއް ވަކިވާ ވަރަކަށް ސާފެއް ނޫނެވެ. ބޮލުގައި އަތް އަޅައިގެން ޗޮކެއް ކަނޑައިލާފައި ބާލީސް ދަށް ވެސް ބަލާލި އެވެ. ސިޓީ އުރައެއް ފެނުނެވެ. ބޭނުންވާ އެތި މިއީ ބާއޭ ހިތައި ހިނިތުންވެލެވުނެވެ. ހަމަ އެވަގުތު މީހަކު ދޮރުގެ ތަޅުގައި ހިފާލި އެވެ. ޒާހިރާ އަވަސް އަވަހަށް ގޮސް ދޮރުގެ އަނެއް ފަރާތަށް ވަނެވެ.

މާ ބޮޑު ސަމާލުކަމެއް ނެތް ޖަންނަތު، ނުއަތުން ދޮރު ލައްޕާލުމަށް ފަހު ފާހާނާއަށް ވަނެވެ. ދަނޑިވަޅު ބަލާފައި ޒާހިރާ ކޮޓަރިން ނުކުތެވެ. ނުކުމެވުނީ ޝާހިދު ކުރިމައްޗަށެވެ.

"ޒާހިރާ؟ ކީއްތި ކުރަނީ؟" ޝާހިދު ސުވާލު ކުރީ ޖަންނަތު ކޮޓަރީގައި ނޫޅޭކަމަށް ބަލާފައެވެ. "ތި ކޯއްޗެއް؟" ޒާހިރާގެ އަތުގައި އޮތް ސިޓީއުރައަށް އިޝާރާތްކޮށް ސުވާލުކުރި އެވެ. ޝާހިދަށް ދޮގު ހަދަން ޒާހިރާއަށް އުނދަގުލެވެ. ނަމަވެސް ކަމެއްގެ ހަގީގަތް ހޯދަން މިކުރާ މަސައްކަތުގައި މިއަދު ދޮގު ހަދަން ޒާހިރާގެ ހިތް ބުންޏެވެ.

"މިއީ؟ މިއީ ހުސް އުރައެއް. އަހަރެން ހަދިޔާއެއް ދޭން ދިޔައީ ޖަންނަތަށް،" ހިތް އަވަސްވެފައިވާ ޒާހިރާ މިހެން ބުނެފައި ކޮޓަރިއާ ދިމާލަށް ދިޔަ އެވެ.

ޝާހިދު ވެސް ވަކި އެއްޗެއް ނުބުނެ ބޭރަށް ދާން ނުކުތެވެ.

ކަންކަން ކުރަންވީ ގޮތް ހައިޝަމަށް ކިޔައިދީ، 'މަޖުބޫރު' ކުރި ނަމަވެސް ޖަންނަތަށް އެކަމާ ވިސްނެ އެވެ. ވާނީވެސް އެހެންތާ އެވެ. ކިތަންމެ ކެތްތެރި މީހަކަށް ނަމަވެސް ފިރިމީހާ އެހެން މީހަކާ އެކު އުޅޭތަން ބަލާކަށް ހިތަކަށް ކެތެއް ނުވާނެ އެވެ. ޖަންނަތު އެކި ގޮތްގޮތަށް ވިސްނި އެވެ. ކައިވެންޏަށް ފަހު ގެއިން ނުކުމެގެން ދާންވީ ބާއެވެ؟ ރަށަށް ދާންވީ ބާއެވެ؟ ނޫނެކެވެ. އޭރުން ހައިޝަމް އޭނާ ހޯދަން އަންނާނެ އެވެ. ކޮންމެ ގޮތަކަށް ކަންތައް ވެގެން ދިޔަޔަސް ޖަންނަތު ހައިޝަމް ދެކެ ވާ ލޯތްބަށް ބަދަލެއް ނާންނާނެ އެވެ. ކޮންމެ ތަނެއްގައި ވީ ނަމަވެސް ޖަންނަތު ބޭނުންވަނީ، ދުނިޔޭގައި ވާހާ ހިނދަކު ހައިޝަމްގެ އަތްނބެއްގެ ގޮތުގައި ހުންނާށެވެ.

ޒާހިރާ ސިޓީއުރަ ބަލައިލި އެވެ. އެތެރޭގައި ފޮޓޯއެއް އޮތެވެ. އެއީ ތަންކޮޅެއް ކުރީގެ ފޮޓޯއެކެވެ. އޭގައި އިނީ އަންހެނެކެވެ. ހީވާ ހީވުމަށް އެއީ ޖަންނަތުގެ މަންމަ އެވެ. އެވަރުން ކުރި މަސައްކަތް ވެސް ވީ ބޭކާރޭ ހިތަށް އަރާފައި ފޮޓޯ ބިންމައްޗަށް އެއްލާލި އެވެ. ޒާހިރާގެ އަމާޒު ހުރީ ޖަންނަތުގެ ހަގީގަތް ހޯދުމަށެވެ. ފޯނު ނަގައި ފިތްތަކަކަށް އޮބި އެވެ.

"ހަލޯ އިރުފާނުތަ؟" ޒާހިރާ ވާހަކަ ދެއްކި އެވެ.

"އާނ، ކޮބާ ދައްތަ ކިހިނެއް މިހާރު؟ ހައިޝަމް ގޮސް ހަބަރެއް ވާނަމޭ ބުނެފައި ހަބަރެއް ނުވި އިރު މަ ގުޅީމަ ފޯނު ވެސް ނުނަގާ،" އިރުފާނު ޝަކުވާގެ ރާގެއްގައި ބުންޏެވެ.

"މިހާރު ރަނގަޅު. އޭނާ ބިޒީ ކަމުން ކަންނޭނގެ. ތިވާހަކައެއް ނޫނޭ. ތިރަށު ކުއްޖެއްތަ ޖަންނަތު އެއީ؟" ސީދާ ޕޮއިންޓަށް ޒާހިރާ އަ އެވެ.

"ޖަންނަތު. އާނ، ކި... ކިހިނެއް ވީ؟" ހުއްޓެމުން ވެސް އިރުފާނު ސުވާލުކުރި އެވެ.

"ހައިޝަމް ގޮސް ހުރީ ތިގޭގައެއްނު. ދެން ޖަންނަތާއި ހައިޝަމާ ކިހިނެއް އުފެދުނު ގުޅުމެއް އެއީ؟" ޒާހިރާ އެނގެން ބޭނުންވާ ހުރިހާ އެއްޗެއް އަހާ، އޮޅުންފިލުވަން ބޭނުންވި އެވެ.

"ގުޅުމެކޭ؟ ކޮން ގުޅުމެއް؟" ހައިޝަމް، އިރުފާނު ގާތު އެދުނު ކަންތައް ހަނދާން އެބަ ހުއްޓެވެ. އެއީ ހައިޝަމްގެ މައިންބަފައިން ގާތު އެމީހުންގެ ކައިވެނި ސިއްރުކޮށްދިނުމެވެ. ދޮގު ހަދަން އުނދަގޫވިޔަސް މިއަދު ހަގީގަތް ވަނީ ސިއްރު ކުރެވިފަ އެވެ.

"މިބުނީ ހައިޝަމް ކުރެހުމުގެ ކަންކަމުގައި އެހީތެރިވާން ގެނައި ކުއްޖެކޯ އެއީ، އެކަމަކު އޭނާގެ އެހެން ކަމެއް އުޅޭހެން މަށަށް ހީވަނީ. އެއީ މަކަރުވެރި ކުއްޖެއްތަ؟" ޒާހިރާގެ ހިތުގައި އުފެދުނު ސުވާލު ބާއްވާފައި އެހެން ސުވާލެއް ކުރިއެވެ.

- ނުނިމޭ -

އިތުރު އާޓިކަލް

އިތުރު އާޓިކަލް