ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހާ، ފިނޭންސް މިނިސްޓަރުގެ ޒިިންމާތަކާ 25 މޭ 2022 ވަނަ ދުވަހު ހަވާލުވެވަޑައިގެން އެ މަގާމުގެ ހުވާކުރައްވަނީ. (ފޮޓޯ/އޭޕީ)

ސްރީ ލަންކާ

ލަންކާގެ ރައީސް ގޯތާބާޔަ އިސްތިއުފާގެ ސިޓީގައި ސޮއިކުރައްވައިފި

ގޯތާބާޔަ އިއްޔެ ހެނދުނު 9:30ގައި ވަނީ ކޮމާންޑަރުންގެ ތެރޭގައި ހިމެނޭ ޓީއާރުއައި ޓީމާ ސީދާ ބައްދަލު ކުރައްވާފައި

މުހިންމު ނުކުތާތައް

ވަގުތީ ގޮތުން ރައީސްކަމާ ހަވާލުވާނީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހާ

ގޯތާބާޔަ ވަނީ އިއްޔެ ހެނދުނު ސިފައިންނާ ބައްދަލު ކުރައްވާފައި

މަޖިލީހުން ރައީސަކު ހޮވުމަށް ޕާޓީތަކުން ނިންމާފައި ވަނީ މި މަހު 20ގައި ވޯޓު ނަގާ ގޮތަށް

ރައްޔިތުންގެ މުޒާހަރާތަކަށް ކެތް ނުކެރެވިގެން އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވި ސްރީ ލަންކާގެ ރައީސް ގޯތާބާޔަ ރާޖަޕަކްސާ އިސްތިއުފާގެ ސިޓީގައި އިއްޔެ ސޮއި ކުރައްވައިފި އެވެ. އިސްތިއުފާގެ ސިޓީގައި ގޯތާބާޔަ ސޮއި ކުރައްވާފައިވަނީ 13 ޖުލައިގެ ތާރީހު ޖެހުމަށް ފަހު ކަމަށް ލަންކާގެ ޑެއިލީ މިރާއިން ވަނީ ބުނެފަ އެވެ.

ގޯތާބާޔަގެ ވެރިކަން ނިމުނުކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އިއުލާން ކުރައްވާނީ މާދަމާ އެވެ.

ގޯތާބާޔަ އަދިވެސް ހުންނެވީ ސްރީ ލަންކާގަ އެވެ. އަދި ހުންނެވީ ސިފައިންގެ ހިމާޔަތުގަ އެވެ.

ޑެއިލީ މިރާ ނޫހުން ބުނީ ގޯތާބާޔަ ސޮއިކުރައްވާފައިވާ ސިޓީ ވަނީ ސަރުކާރުގެ ސީނީއާ އޮފިޝަލެއްގެ އަތްޕުޅުގައި ކަމަށާއި އޭނާ އެ ސިޓީ ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ހަވާލު ކުރައްވާނީ މާދަމާ ކަމަށެވެ.

އެ ސިޓީގައި ރައީސް ސޮއިކުރައްވާފައިވާކަން މިހާރު ވަނީ މަޖިލީހުގެ ރައީސް މަހިންދާ ޔާޕާ އަބޭވަރުދަނާއަށް އަންގައިފަ އެވެ. ރައީސް ގޯތާބާޔަގެ ވެރިކަން ނިމުނުކަން އާންމުންނަށް މާދަމާ އަންގަވާނީ މަޖިލީހުގެ ރައީސް ކަމަށް ވެސް އެ ނޫހުން ބުންޏެވެ.

އިއްޔެ އަޑުފެތުރުނީ ކުރީ ރޭ ގޯތާބާޔަ ފިއްލަވައިގެން ލަންކާއިން ބޭރަށް ވަޑައިގަތް ކަމަށެވެ. ނަމަވެސް ޑެއިލީ މިރާއިން ބުނީ، އެ ނޫހަށް ކަށަވަރުވެފައިވާ ގޮތުގައި ގޯތާބާޔަ ހުންނެވީ ލަންކާގަ އެވެ. އަދި ހުންނެވީ ސިފައިންގެ ހިމާޔަތުގައި ކަމަށް ވެސް އެ ނޫހަށް މައުލޫމާތު ދެއްވި ގޯތާބާޔަގެ އަރިސް ބޭފުޅަކު ވިދާޅުވި ކަމަށެވެ.

އެ ނޫހުން ބުނި ގޮތުގައި، ހޮނިހިރު ދުވަހު މުޒާހަރާ ކުރާ މީހުން ރައީސްގެ ރަސްމީ ގެއަށް ވަދެގަތުމާ އެކު، ސެކިއުރިޓީ މީހުންގެ ހިމާޔަތުގައި ގޯތާބާޔަ ފިއްލެވީ ކޮލަމްބޯގެ ބަނދަރުން ކަމަށެވެ. ހިމާޔަތް ހޯއްދެވީ ކަނޑުގެ ސިފައިންގެ އުޅަނދަކުން ކަމަށާއި އެ އުޅަނދު ދަތުރުކުރީ ލަންކާގެ ކަނޑުގެ ސަރަހައްދުންނެވެ. އެކަން ރައީސް ކުރެއްވީ އެ މަނިކުފާނުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ވެސް އެ ނޫހުން ބުންޏެވެ.

ގޯތާބާޔަގެ އަރިސް ބޭފުޅަކާ ހަވާލާދީ އެ ނޫހުން ބުނީ އެ މަނިކުފާނު އިއްޔެ ހެނދުނު 9:30ގައި ކޮމާންޑަރުންގެ ތެރޭގައި ހިމެނޭ ޓީއާރުއައި ޓީމާ ސީދާ ބައްދަލު ކުރެއްވި ކަމަށެވެ. އެއަށް ފަހު ހުންނެވީ ލަންކާގައި ކަމަށެވެ. އެ މަނިކުފާނު ހުންނެވީ ކަނޑައެޅިގެން ކޮންތާކު ކަމެއް ނޭނގޭ ކަމަށް އެ ނޫހުން ބުންޏެވެ. އަދި ބުނީ ހުރިހާ ޕާޓީތައް ހިމެނޭ ސަރުކާރެއް ގާއިމު ކުރުމަށް އަދި އާ ރައީސަކު ހުވާ ކުރެއްވުމަށް މަގުފަހިކޮށްދެއްވުމުގެ ގޮތުން އެ މަނިކުފާނު މި ހަފުތާގައި ގައުމުން ބޭރަށް ފުރާވަޑައިގަންނަވާނެ ކަމަށެވެ.

ވަގުތީ ގޮތުން ރައީސްކަމުގެ ހުވާ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހާ ބުދަ ދުވަހު ކުރައްވާނެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުން މި މަހު 20 ވަނަ ދުވަހު ރައީސަކު ހުވާ ކުރައްވަންދެން މަގާމުގައި ދެމި ހުންނަވާނެ އެވެ. މަޖިލީހުގެ ރައީސް މަހިންދާ ޔާޕާ އަބޭވަރުދަނާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ގާނޫނުއަސާސީގައިވާ ގޮތުގެ މަތީން، ޕާޓީތަކުން ނިންމާފައި ވަނީ ރައީސަކު ހޮވުމުގެ ވޯޓު މި މަހުގެ 20 ވަނަ ދުވަހު ނެގުމަށް ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް