އެމްޑީޕީ ޕްރައިމަރީ ކެމްޕެއިންގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާލޭ ރައްޔިތުންނާ ވާހަކަދައްކަވަނީ (ފޮޓޯ/އެމްޑީޕީ ކުރިއަށް ކެމްޕެއިން ޓީމް)

މި ދައުރުގެ ތެރޭގައި ގޯއްޗާއި ފްލެޓު ދީ، މާލޭގެ ބޯހިޔާވަހިކަމުގެ ވައުދު ފުއްދާން: ރައީސް

އެމްޑީޕީ ޕްރައިމަރީގެ ކެމްޕެއިން ތެރެއިން މާލޭ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ޝަރުތު ހަމަވާ އެއްވެސް މީހަކު ބާކީ ނުކޮށް ގޯއްޗާއި ފްލެޓުތައް ދޭނެ ކަމަށް
11 ޖެނުއަރީ 2023

މުހިންމު ނުކުތާތައް

ދައުރު ނިމުމުގެ ކުރިން މާލޭ ރައްޔިތުންނަށް ގޯތިި ދީ ނިންމާނެ

މި ސަރުކާރުން އަޅަން ފަށާފައިވާ ފްލެޓުތަކަށް މި އަހަރު ވަދެވެން ފަށާނެ

ރައީސް ވިދާޅުވީ މިއީ އޮޅުވާލައިގެން ވޯޓު ހޯދަން ދައްކާ ވާހަކައެއް ނޫން ކަމަށް

މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ވެފައިވާ ވައުދުތަކާ އެއްގޮތަށް، ދައުރު ނިމުމުގެ ކުރިން ގޯއްޗާއި ފްލެޓު ދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ބޯހިޔާވަހިކަން ހޯދައިދިނުމަށް މި ސަރުކާރުން ހިންގާ 'ބިންވެރިޔާ' ސްކީމް އާއި 'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން ގޯއްޗަށާއި ފްލެޓަށް އެދި 36،000 އާ ގާތްކުރާ އަދަދަކަށް ހުށަހެޅުންތައް ވަނީ ލިބިފަ އެވެ. ރައީސް ވަނީ، އޭގެ ތެރެއިން ޝަރުތު ހަމަވާ އެއްވެސް މީހަކު ބާކީނުވާ ގޮތަށް ބޯހިޔާވަހިކަން ލިބޭނެ ކަމުގެ ޔަގީންކަން، މިރޭ ބޭއްވި އެމްޑީޕީ ޕްރައިމަރީގެ ކެމްޕެއިން އިވެންޓެއްގައި، ދެއްވައިފަ އެވެ.

ބުނީ ކީކޭ؟ - ދަރުބާރުގޭ ފާށަނާ މާލަމުގައި ބޭއްވި އެ ބައްދަލުވުމުގައި ރައީސް ވިދާޅުވި ގޮތުގައި، މި ރިިޔާސީ ދައުރު ނިމުމުގެ ކުރިން މާލޭ ރައްޔިތުންނަށް ގޯތިި ދީ ނިންމާ، މި ސަރުކާރުން އަޅަން ފަށާފައިވާ ފްލެޓުތަކަށް ވެސް ވަދެވެން ފަށާނެ އެވެ.

"[އިވެލުއޭޝަން މަސައްކަތް ވީހާ ވެސް ރަނގަޅަކަށް] ކޮށްފައި، ހާމަކަން ބޮޑު ގޮތެއްގައި، ގޯއްޗަށް އެދިވަޑައިގެންފައި ތިބި ފަރާތްތަކަށް ގޯތި، ފްލެޓަށް އެދިވަޑައިގެންފައި ތިއްބެވި ފަރާތްތަކަށް ފްލެޓު ވެސް އަޅުގަނޑުމެން ދޭނަން،" ރައީސް ވިދާޅުވި އެވެ.

އެމްޑީޕީ ޕްރައިމަރީގެ ކެމްޕެއިން ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާލޭ ރައްޔިތުންނާ މިރޭ ވާހަކަދައްކަވަނީ (ފޮޓޯ/'އެމްޑީޕީ ކުރިއަށް' ކެމްޕެއިން ޓީމް)

ތަފްސީލް - ރައީސްގެ ވާހަކަފުޅުގައި، ވައުދުތައް ފުއްދަވާނެ ކަމަށް ވިދާޅުވަނީ ވޯޓު ހޯދަން ކަމަށް ވާދަވެރިން ދައްކާ ވާހަކަތަކަށް ރައްދު ދެއްވި އެވެ.

"މިއީ އޮޅުވާލައިގެން ވޯޓު ހޯދަން ދައްކާ ވާހަކައެއް ނޫން. ވޯޓަކާ މިކަމަކާ ނެތް ގުޅުމެއް،" މި އަހަރުގެ މެދަށް ދާ އިރު މާލޭ މީހުންނަށް ގޯތި ކަނޑާފައި ދޭނެ ކަމަށް ވިދާޅުވަމުން ރައީސް ފާހަގަކުރެއްވި އެވެ.

ގޯތީގެ އިތުރުން، މި އަހަރުގެ ތެރޭގައި މި ސަރުކާރުން އަޅަން ފަށާފައިވާ ފްލެޓުތަކަށް މީހުންނަށް ވަދެވޭނެ ކަމަށް ވެސް ވަރަށް ޔަގީންކަމާ އެކީ ރައީސް ވިދާޅުވި އެވެ. އަދި މިއީ ކުރިން އެއްވެސް ސަރުކާރަކަށް ވެފައި ނުވާ ކަމެއްކަން ފާހަގަކުރައްވަމުން ރައީސް ވަނީ ފްލެޓާއި ގޯތީގެ ވާހަކަ އެހެން ބޭފުޅަކު ދައްކަވާނެ ކަމެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

"އިރާދުކުރެއްވިއްޔާ، މި ސަރުކާރުން އަޅަން ފެށި ފްލެޓުތައް ނިންމާ، އެ ފްލެޓުތަކަށް މާލޭ ރައްޔިތުން، ފްލެޓުތައް ބޭނުންވާ ދިވެހި ރައްޔިތުންނަށް، ވަންނަން ފެށޭ ވަރު މި އަހަރު ތެރޭގައި ކުރާނަން،" ރައީސް ވިދާޅުވި އެވެ.

އެނގުން މުހިއްމު - 'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން މާލެ ސަރަހައްދުން ދޫކުރާ ފްލެޓުތަކަށް، މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ އެހެން ރަށްރަށުގެ މީހުންނަށް ވެސް ކުރިމަތިލެވުނެވެ. ނަމަވެސް ގޯތި ދެނީ ހަމައެކަނި މާލޭ މީހުންނަށެވެ. ހަމައެކަނި މާލޭ މީހުންނަށް ގޯތި ދޭ ގޮތަށް ހަމަޖެއްސުމުން ގިނަ ބައެއްގެ ފާޑުކިއުން ސަރުކާރަށް އަމާޒުވި އެވެ.

އެމްޑީޕީ ޕްރައިމަރީގެ ކެމްޕެއިން ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ މާލޭ ރައްޔިތުންނާ ބައްދަލުކުރައްވަނީ (ދައުރު ފޮޓޯ)

ހުޅުމާލޭން ދޫކުރާ ގޯއްޗާއި ފްލެޓުގެ އިތުރުން، ގުޅިފަޅާއި ގިރާވަރުފަޅު ހިއްކައިގެން މާލޭ ރައްޔިތުންނަށް ގޯތި ދޭން ސަރުކާރުން ވަނީ ވައުދުވެފަ އެވެ. އެގޮތުން ގުޅިފަޅު ހިއްކައިގެން ތަރައްގީކުރާ އިރު 1،000 ގޯތި، އަދި ގިރާވަރުފަޅުން 2،000 ގޯތި ދޭނެ ކަމަށް، މީގެ ކުރިން ރައީސް ސޯލިހު ވިދާޅުވެފައިވެ އެވެ.

މި ވައުދު ފުއްދުމުގެ މަސައްކަތްތައް ވެސް ބާރަށް ކުރިޔަށްދާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. މިހާރު އެ މަސައްކަތްތައް ހުރި ހިސާބު ސާފުކޮށްދެއްވަމުން ރައީސް ވިދާޅުވި ގޮތުގައި:

  • ގުޅިފަޅު ބިން ހިއްކުމުގެ މަޝްރޫއު، ކުރިން ވެސް އެ މަސައްކަތް ކުރި ބޮސްކާލިސްއާ ހަވާލުކުރުން އޮތީ އެންމެ ފަހުގެ ނިންމުމާ ހިސާބުގައި

  • ގިރާވަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް މި އަހަރުގެ މެދު ތެރޭގައި ފެށޭނެ

އެނގުން މުހިންމު - ސަރުކާރުން ވަނީ މި މަޝްރޫއުތައް ހިންގަން ބޭނުންވާ ފައިސާ މިހާރު ހަމަޖައްސާފަ އެވެ. ގުޅިފަޅު ހިއްކަން ބޭނުންވާ 101 މިލިއަން ޔޫރޯ (1.6 ބިލިއަން ރުފިޔާ)ގެ ލޯނު ހޯދީ ޔޫރަޕުގެ ތިން ބޭންކަކުންނެވެ. ގިރާވަރުފަޅު ހިއްކަން ބޭނުންވާ ފައިސާއިން ބަޔެއް ހަމަޖެއްސީ ނ. އަތޮޅުން ފަޅަކާއި ރަށެއް 27 މިލިއަން ޑޮލަރު (416 މިލިއަން ރުފިޔާ)އަށް ވިއްކާލައިގެންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް