Majlis 2024

ނ. ދިގުފަރުފަޅާއި އެ ތަނާ ކައިރީގައި އޮންނަ ރަށެއް ކަމަށްވާ ދެކެނަންފަރު: އެ ދެ ތަން ވިއްކާލީ ސްވިޒަލޭންޑްގެ ކުންފުންޏަކަށް.

ގިރާވަރު ފަޅު

ގިރާވަރުފަޅު ހިއްކަން ނ. އަތޮޅުގެ ފަޅަކާއި ރަށެއް 27 މިލިއަން ޑޮލަރަށް ވިއްކާލައިފި

ގިރާވަރުފަޅު ހިއްކައިގެން މާލޭ ރަށްވެހިންނަށް 2،000 ގޯތި ދިނުމަށް ރާވާފައިވޭ
8 ޖެނުއަރީ 2023

ނ. ދިގުފަރުފަޅާއި އެ ތަނާ ކައިރީގައި އޮންނަ ރަށެއް ކަމަށްވާ ދެކެނަންފަރު 27 މިލިއަން ޑޮލަރު (416 މިލިއަން ރުފިޔާ)އަށް ބޭރުގެ ކުންފުންޏަކަށް ވިއްކާލައިގެން ކ. ގިރާވަރުފަޅު ހިއްކަން ސަރުކާރުން ފައިސާ ހޯދައިފި އެވެ.

އެނގުން މުހިންމު - ގިރާވަރުފަޅު ހިއްކައި އެ ތަނުގައި ރެސިޑެންޝަލް ސިޓީއެއް ގާއިމްކުރަން، ކްރޮސް ސަބްސިޑީ އުސޫލުން ފައިސާ ހޯދައިގެން ހިންގާ މަޝްރޫއެއް ގޮތަށް އެ މަޝްރޫއު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅުއްވައި އެކަން އިއުލާންކުރެއްވީ މިދިޔަ މަހުގެ 16ގައި ނެރުއްވި ގަރާރަކުންނެވެ. އެގޮތުން އެ މަޝްރޫއުގެ ދަށުން:

  • ފައިނޭންސް ކުރަން ޖެހޭ އެންމެ ދަށް އަގަކީ 5 މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) ކަމަށް ކަނޑައަޅާފައިވޭ

  • އެ ފަޅު ހިއްކައިގެން މާލޭ ރަށްވެހިންނަށް 2،000 ގޯތި ދިނުމަށް ރާވާފައިވޭ

ވީ ކިހިނެއް؟ - ސަރުކާރުގެ އިސް އޮފިޝަލަކު މިއަދު 'ދައުރު'އަށް ވިދާޅުވީ ގިރާވަރުފަޅުގެ މަޝްރޫއަށް ފައިސާ ހޯދުމަށް ދިގުފަރުފަޅާއި ދެކެންނަފަރު 99 އަހަރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމެއް ސްވިޒަލޭންޑްގެ ކުންފުންޏަކާ އެކު ސަރުކާރުން މިހާރު ސޮއިކޮށްފައިވާ ކަމަށެވެ. އެ އެއްބަސްވުމުގެ ދަށުން ލިބެން ޖެހޭ ފައިސާގެ ބައެއް ވެސް ސަރުކާރަށް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ތަފްސީލް - އެ އެއްބަސްވުމުގެ ދަށުން:

  • ޖުމްލަ 27 މިލިއަން ޑޮލަރު ސަރުކާރަށް ލިބޭނެ

  • އޭގެ ތެރެއިން 6 މިލިއަން ޑޮލަރު މިހާރު ވަނީ ލިބިފައި؛ ބާކީ ފައިސާ ދެ މަހުގެ ތެރޭގައި ދައްކާނެ

  • ފަޅާއި ރަށް ވިއްކާލި އަސްލު އަގަކީ 22 މިލިއަން ޑޮލަރު

  • 99 އަހަރަށް މުއްދަތު އިތުރުކުރާތީ އިތުރު 5 މިލިއަން ޑޮލަރު ދައްކަން އެ ކުންފުނިން އެއްބަސްވެފައިވޭ

  • ސުވިޒަލޭންޑްގެ ކުންފުންޏަކީ ކޮން ކުންފުންޏެއް ކަމެއް އޮފިޝަލް ވިދާޅެއް ނުވޭ؛ ފަހުން ޓޫރިޒަމުން އިއުލާންކުރާނޭ ކަމަށް އޭނާ ވިދާޅުވި

[ނޫނު އަތޮޅު ރައްޔިތުންގެ] ހައްގު ނުލިބި އަތޮޅު ވިއްކައި ކައިފަ މާލޭ ގޮޅިއަކަށް މަހާލައި ބޮލުގައި ދަރަންޏެއް ނޭޅުވޭނެ. މިކަން ހިންގަނީ ގާނޫނާ ހިލާފަށް. ހުއްޓުވާނަން.

މުހައްމަދު ބަޝީރު / ނ. އަތޮޅު ކައުންސިލްގެ ރައީސް

ފާހަގަކޮށްލެވޭ ކަމެއް - މަޝްރޫއުތައް ހިންގަން ނުވަތަ އެފަދަ މަޝްރޫއުތަކަށް ފައިސާ ދޭ ފަރާތްތަކަށް ބިޑަކަށް ނުގޮސް ބަދަލުގެ ގޮތުގައި ދެވޭ ގޮތަށް ސަރުކާރުން ކަނޑައަޅާ ކްރޮސް ސަބްސިޑީ ލިސްޓް އިސްލާހުކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. އެއީ ގިރާވަރުފަޅު މަޝްރޫއު ކްރޮސް ސަބްޑީގެ ގޮތުގައި ހިންގާ މަޝްރޫއެއް ގޮތަށް ރައީސް ކަނޑައެޅުއްވިތާ ނުވަ ދުވަސް ފަހުންނެވެ.

ގުޅުންހުރި ކަމެއް - އޮފިޝަލް ވިދާޅުވި ގޮތުގައި، ގިރާވަރުފަޅު މަޝްރޫއު ހިންގުމަށް ސަރުކާރުން ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)އާ އެވެ. އަދި ނ. އަތޮޅުގެ ފަޅާއި ރަށް ވިއްކައިގެން ލިބުނު ފައިސާ ހަވާލުކުރާނީ އެ މަޝްރޫއު ހިންގަން އެމްއެފްއެމްސީއާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިކަން ހުއްޓުވާނަން: ނ. އަތޮޅު ރައީސް

ނޫނުގެ ބޮޑު ފަޅަކާއި ރަށެއް ވިއްކާލައިގެން ގިރާވަރުފަޅު ތަރައްގީކުރާ މައްސަލައިގައި ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު ވިދާޅުވީ ނ. އަތޮޅުގަައި ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ 1300 އާއިލާ މިހާރު ވެސް އެބަތިބި ކަމަށެވެ. އެ މީހުންނަށް ގޮތެއް ހޯދައި ނުދީ އަދި އަތޮޅުގެ ރައްޔިތުންނަށް ފައިދާއެއް ނުވާނޭ ގޮތަށް އަތޮޅުގެ ރަށްތަކާއި ފަޅުތައް ވިއްކާލުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ވެސް ބަޝީރު ވިދާޅުވި އެވެ. އެހެންވެ، އެކަން ހުއްޓުވަން ކޯޓަށް ދިޔުމުގެ ވިސްނުން ގެންގުޅޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ މީހުންގެ [ނޫނު އަތޮޅު ރައްޔިތުންގެ] ހައްގު ނުލިބި އަތޮޅު ވިއްކައި ކައިފަ މާލޭ ގޮޅިއަކަށް މަހާލައި ބޮލުގައި ދަރަންޏެއް ނޭޅުވޭނެ. މިކަން ހިންގަނީ ގާނޫނާ ހިލާފަށް. ހުއްޓުވާނަން،" ބަޝީރު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ކްރޮސް ސަބްސިޑީގެ ގޮތުގައި ދިނުމަށް ނ. އަތޮޅުން ފަޅަކާއި ރަށެއް ކަނޑައެޅިއިރު ވެސް އަދި އޭގެ ފަހުން ވެސް އަތޮޅު ކައުންސިލާ އެކު އޮންލައިންކޮށް މަޝްވަރާ ބައްދަލުވުމެއް ބޭއްވި ކަމަށެވެ. އެ ބައްދަލުވުމުގައި ބަޝީރު ވަކި ހިސާބަކުން ބައިވެރިވެވަޑައިގެން، އެކަމާ ނުރުހުން ފާޅުކުރެއްވި ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

"އެއީ މަޝްވަރާކުރެވިގެން ހިނގި ކަމެއް. މަޝްވަރާ ކުރުން ގާނޫނުގައި އޮންނަނީ. ރުހުން ހޯދުމެއް ނޯވޭ. އެހެން ވީމާ މަޝްވަރާކުރި،" ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް