ރައީސް ސޯލިހު މިރޭގެ ޖަލްސާއަށް އާޓިފިޝަލް ބީޗަށް ވަޑައިގެން ސަޕޯޓަރުންނާ ސަލާމްކުރައްވަނީ (ފޮޓޯ/ރައީސް ސޯލިހުގެ ކެމްޕެއިން ޓީމް)

ރައީސް ވިދާޅުވެދެއްވީ 'އައިސްފައި ހުރި' މަޝްރޫއުތަކުގެ ލިސްޓު

މި ސަރުކާރުގެ މަޝްރޫއުތައް ހުރީ 'އަންނަނީ، އަންނަނީ' ގައި ކަމަށް، އެމްޑީޕީ ޕްރައިމަރީގެ ކެމްޕެއިންގައި ނަޝީދު ވިދާޅުވަމުންގެންދަވާތީ ރައީސް ސޯލިހު އަނެއްކާވެސް ރައްދު ދެއްވި
21 ޖެނުއަރީ 2023

މަޝްރޫއުތައް ލަސް ކަމަށް ބުނާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން، މި ސަރުކާރުން މިހާތަނަށް ނިންމާފައިވާ މަޝްރޫއުތަކުގެ އަދަދުތަކާއި ހާސިލްކުރި ކަންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެދެއްވައިފި އެވެ.

ވީ ކިހިނެއް - އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ރައީސް ސޯލިހުއާ ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އޭގެ ތެރެއިން ކެމްޕެއިނުގައި އެއް ކަމަކަށް އެންމެ ބޮޑަށް ވައިގައިހިފާފައިވަނީ، ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ނުގޮސް "އަންނަނީ" ގައި ހުންނަ ކަމަށް ނަޝީދު ވިދާޅުވި ބަސްފުޅެކެވެ.

ތަފްސީލް - މާލޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި، ނަޝީދުގެ އެ ފާޑުކިޔުމަށް ރައްދުދެއްވަމުން، ރައީސް ސޯލިހު ވަނީ ފަސް އަހަރުގެ ތެރޭގައި އެއްވެސް ސަރުކާރަކުން ނުހިންގާހާ މަޝްރޫއު މި ސަރުކާރުން ހިންގާފައިވާ ކަމަަށް ވިދާޅުވެފަ އެވެ.

ބުނީ ކީކޭ؟ - "ފަސް އަހަރު ދުވަހުގެ ތެރޭގައި އެއްވެސް ސަރުކާރަކުން ރާއްޖޭގައި އެންމެ ގިނަ ތަފާތު މަޝްރޫއު ހިންގީ މި ދައުރުގައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު މިރޭގެ ޖަލްސާއަށް އާޓިފިޝަލް ބީޗަށް ވަޑައިގެން ސަޕޯޓަރުންނާ ސަލާމްކުރައްވަނީ ((ފޮޓޯ/ރައީސް ސޯލިހުގެ ކެމްޕެއިން ޓީމް)

ރައީސް ބައެއް މަޝްރޫއުތަކުގެ ލިސްޓެއް ކިޔުއްވަމުން ވިދާޅުވިގޮތުގައި:

  • ފެނާއި ނަރުދަމާގެ 141 މަޝްރޫއު މި ދައުރުގައި އެބަ ހިނގާ

  • ލަފާފުރުމުގެ ދަތިކަން ހައްލުކުރަން 47 މަޝްރޫއު ނިމިއްޖެ

  • ތައުލީމީ ދާއިރާއިން 1،578 ކްލާސްރޫމް ނިމިއްޖެ

  • 17 މިސްކިތް އަޅާ ނިމިއްޖެ

  • 57 ފުޓުބޯޅަ ދަނޑު ނިމިއްޖެ، 61 ފުޓްސަލް ދަނޑު ނިމިއްޖެ، 47 ޖިމް ނިމިއްޖެ

  • 144 ރަށަކަށް 313 ޖެނަރޭޓަރު ސެޓު ފޯރުކޮށްދެވިއްޖެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެމްޑީޕީ ޕްރައިމަރީ ކެމްޕެއިންގައި މިރޭ އާޓިފިޝަލް ބީޝުގައި ބޭއްވި ޖަލްސާގެ ތެރެއިން (ފޮޓޯ/އެމްޑީޕީ)

ޕްރައިމަރީ ކެމްޕެއިންގައި ރައީސް ސޯލިހު ގެންދަވަނީ، ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު އެންމެ ބޮޑީ އެ މަނިކުފާނަށް ކަމަށް ވިދާޅުވަމުންނެވެ. އެ މޭރުމުން މިރޭ ވެސް ވާހަކަ ބައްޓަން ކުރައްވަމުން ރައީސް ވިދާޅުވީ، ޕްރައިމަރީގައި އެމްޑީޕީގެ މެމްބަރުން ވޯޓު ލަނީ ތަރައްގީ އާއި މަގުމަތިވުމުގެ ތެރެއިން އިހުތިޔާރު ކުރާ ގޮތެއް ނިންމަން ކަމަށެވެ.

"[ނިންމަމުންދާ މަޝްރޫއުތަކާއި] ތަރައްގީގެ މަގުގައި ކުރިޔަށް ދާނީތޯ، ނުވަތަ ދާ ގޮތަށް ގޮސް މަގުމަތި ވާނީތޯ، [28] ޖެނުއަރީގައި މި ލާ ވޯޓަކީ މިކަމަށް އެމްޑީޕީން ގޮތެއް ނިންމާ ވޯޓު،" ރައީސް ސޯލިހު ވިދާޅުވި އެވެ. "ދައުލަތުގެ ބަޖެޓުން ހަރަދުކުރާނީ ތަރައްގީގެ މަޝްރޫއުތަކަށްތޯ، ނުވަތަ ޕެޕަ ސްޕްރޭ އާއި ކަރަންޓު މުގުރާއި އަސޭމިރުސް އާވި ގަންނަންތޯ ނިންމާނީ ތިބޭފުޅުން."

ރައީސް ސޯލިހު މިރޭގެ ޖަލްސާގައި ވާހަކަދައްކަވަނީ (ފޮޓޯ/ކެމްޕެއިން ޓީމު)

ރައީސް ވިދާޅުވީ މުހިއްމީ ހަމަޖެހިގެން އުޅެވޭނެ ގޮތާއި ދުޅަހެޔޮ ސިއްހަތާއި ފެންވަރު ރަނގަޅު ތައުލީމާއި ރަނގަޅު އާމްދަނީ އާއި ބޯހިޔާވަހިކަން ކަމަށެވެ. އަދި އެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކޮށްފައިވާ އަދި ކުރަމުން އަންނަ ބައެއް ކަންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވިގޮތުގައި:

  • 16،127 ދަރިވަރުންނަށް ހިލޭ ޑިގްރީގެ ފުރުސަތު ދެވިއްޖެ

  • 6،529 ދަރިވަރުން ހިލޭ ޑިގްރީ ސްކީމުން ކިޔަވާ ނިމިއްޖެ

  • ހުރިހާ އަތޮޅެއްގައި މަތީ ސާނަވީއަށް ކިޔަވައިދޭން ފެށިއްޖެ

  • ތައުލީމީ ދާއިރާގެ 10،000 އަށް ވުރެ ގިނަ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލު ގެނެވިއްޖެ

  • 5 ސަރަހަައްދުގައި ސީޓީ ސްކޭންގެ ހިދުމަތް ފެށިއްޖެ

  • 5 ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް ދަނީ ހިނގަމުން

  • 137 ރަށަކަށް އެމްބިއުލެންސް ފޯރުކޮށްދެވިއްޖެ

  • ފަތުރުވެރިކަމުގެ ދާއިރާގެ 13،000 އަށް ވުރެ ގިނަ މުވައްޒަފުންނަށް މިނިމަމް ވޭޖުގެ ފައިދާ ލިބިއްޖެ

  • މުޅި ރާއްޖޭގައި 16،000 އަށް ވުރެ ގިނަ ފްލެޓާއި ރޯހައުސް އިމާރާތްކުރަން ފެށިއްޖެ

  • އޭގެ ތެރެއިން މާލެ ސަރަހައްދުގައި 7،590 ހައުސިން ޔުނިޓުގެ މަސައްކަތް ދަނީ ކުރިއަށް

"ކުޑަ ޝައްކެއް ވިޔަސް ނުކުރައްވާތި. މާލެ ތޮއްޖެހި، މާނޭވާ ހަމަނޭވާއަށް ފެއްތުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް އަޅުގަނޑު ކުރާނަން،" ރައީސް ވިދާޅުވި އެވެ.

"އަނެއްކާވެސް ސާފު ބަހުން ދަންނަވަން. މާލޭގެ ރައްޔިތުންނަށް ބިން ކަނޑައި އިން ވަކިކޮށް، ގޯތި ދޭނީ އަޅުގަނޑު."

ރައީސް ސޯލިހު މިރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ (ފޮޓޯ/ކެމްޕެއިން ޓީމު)

ތަރައްގީގެ މަގުގައި ކުރިޔަށް ދާނީތޯ، ނުވަތަ ދާ ގޮތަށް ގޮސް މަގުމަތި ވާނީތޯ، [28] ޖެނުއަރީގައި މި ލާ ވޯޓަކީ މިކަމަށް އެމްޑީޕީން ގޮތެއް ނިންމާ ވޯޓު. ދައުލަތުގެ ބަޖެޓުން ހަރަދުކުރާނީ ތަރައްގީގެ މަޝްރޫއުތަކަށްތޯ، ނުވަތަ ޕެޕަ ސްޕްރޭ އާއި ކަރަންޓު މުގުރާއި އަސޭމިރުސް އާވި ގަންނަންތޯ ނިންމާނީ ތިބޭފުޅުން.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކުރިޔަށް އޮތް ޕްރައިމަރީގެ ވޯޓު "ތަފާތު" ވަނީ، އެއީ ދެވަނަ ދައުރެއް ކާމިޔާބު ކުރަން އެމްޑީޕީއަށް ލިބޭ ފުރަތަމަ ފުރުސަތު ކަމަށް ވާތީ ކަމަށް ވިދާޅުވަމުން، އެ ފުރުސަތުގެ ބޭނުންހިފަން އެމްޑީޕީގެ މެމްބަރުން އެ މަނިކުފާނަށް އެއްބާރުލުން ދޭން ރައީސް އެދިވަޑައިގެންނެވި އެވެ.

"އަޅުގަނޑު މި ހުރީ ތައްޔާރަށް. ތަފާތު ބޮޑު ތާއީދާ އެކު މި ޕްރައިމަރީ އިރާދަކުރެއްވިއްޔާ އަޅުގަނޑު ކާމިޔާބުކުރާނަން. އޭގައި އެއްވެސް ޝައްކެއް ނެތް. އެއްވެސް ޝައްކެއް ނެތް. މި ތަނުން މިއަދު މި އޮތީ އެކަން ނިންމާފައި. ނިމިއްޖެ. ނިމިއްޖެ. ނިމިއްޖެ. ނިމިއްޖެ،" ޖަލްސާއަށް އެއްވެ ތިބި މީހުންގެ އަދަދަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ކެމްޕެއިންގައި އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ޖަލްސާ (ފޮޓޯ/ރައީސް ސޯލިހުގެ ކެމްޕެއިން ޓީމް)

ރައީސް ސޯލިހުގެ ވާހަކަފުޅު ފެއްޓެވީ އެމްޑީޕީގެ މެމްބަރުންނަށް ތައުރީފުގެ ބަސްފުޅަކުންނެވެ. އެގޮތުން ދެއްކެވި ވާހަކައިގައި ރައީސް ވިދާޅުވީ އެމްޑީޕީން ކުރި މަސައްކަތުން ލިބުނު ކުރިއެރުންތަކުގެ ހެޔޮ އަސަރު ހުރިހާ ދިވެހިންނަށް ފޯރާފައިވާ ކަމަށެވެ.

"ރާއްޖެއަށް ގެނެވިފައިވާ ކޮންމެ ޒަމާނީ ބަދަލެއްގެ ފަހަތުގައި ވަނީ ތިބޭފުޅުން، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުން. ކުރިމަތިވި ކޮންމެ ބިރަކާއި ނުރައްކަލަކާއި ގޮންޖެހުމެއް، އެމްޑީޕީގެ މެމްބަރުން ހުރަސް ކުރީ ސާބިތުުކަމާ އެކީ. އެމްޑީޕީގެ ބުރަ މަސައްކަތުން ގެނެވިފައިވާ ކޮންމެ ރަނގަޅެއްގެ ހެޔޮ އަސަރު، ކޮންމެ ދިވެއްސަކަށް ލިބޭ،" ރައީސް ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން:

އިތުރު އާޓިކަލް

އިތުރު އާޓިކަލް