ރައީސް ސޯލިހުގެ ކެމްޕޭން ޖަލްސާގައި މާރިޔާ މިރޭ ބައިވެރިވަނީ. (ފޮޓޯ/ރައީސް ސޯލިހުގެ ކެމްޕޭން ޓީމް)

މާރިޔާއަށް އެންމެ ބޮޑު ބިރު: ނަޝީދާއި ޔާމީންގެ ކޯލިޝަނެއް

ޔާމީނަކީ ވިޝަންއެއް ހުރި، ވިސްނުންތޫނު ބޭފުޅެއް ކަމަށް ވިދާޅުވެ ނަޝީދު މި ހަފްތާގެ ތެރޭގައި އެމަނިކުފާނަށް ތައުރީފުކުރެއްވި. ރައީސް ސޯލިހާއި އެމަނިކުފާނުގެ ޓީމުން އަންނަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުން
20 ޖެނުއަރީ 2023

އެންމެ ބޮޑަށް ބިރުހީވަނީ ވެރިކަން ހޯއްދެވުމުގެ ނިޔަތުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެކު ކޯލިޝަނެއް ހައްދަވާފާނެތީ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ނަޝީދު ވަނީ މި ޕްރައިމަރީގެ ކެމްޕެއިނުގައި އެމަނިކުފާނާ ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އިދިކޮޅު ލީޑަރު އަދި ޕީޕީއެމްގެ ރައީސް ޔާމީން އަޅާބައްލަވައި، ރައީސް ސޯލިހާ ހިލާފަށް ޔާމީނަކީ "ވިޝަން ހުރި" ބޭފުޅެއް ކަމަށް ވިދާޅުވެ ތައުރީފްކުރައްވައިފަ އެވެ.

ރައީސް ސޯލިހުގެ 'އެމްޑީޕީ ކުރިއަށް - އިބޫ 2023' ކެމްޕެއިނުގައި މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި، ރައީސް ސޯލިހުގެ ކެމްޕޭން ޓީމުގެ ތަރުޖަމާނުކަން ވެސް ކުރައްވާ މާރިޔާ، ނަޝީދުގެ އެ ތައުރީފާ މެދު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ބުނީ ކީކޭ؟ - "މިއަދު އަޅުގަނޑުމެން ތިބެ، އަޅުގަނޑުމެންގެ ޕާޓީއިން ނުހަނު ލޯބިވާ، އަޅުގަނޑުމެންގެ ރައީސް ނަޝީދު ނުކުމެވަޑައިގެން، ރައީސް ޔާމީނަކީ ވިޝަނަރީ ލީޑަރެކޭ ވިދާޅުވީމަ އަޅުގަނޑުމެން ހިތަށް އުނދަގޫވޭ،" މާރިޔާ ވިދާޅުވި އެވެ.

"އެމަނިކުފާނު އެބަ ދައްކަވާ ކޯލިޝަނެއްގެ ވާހަކަ ވެސް. އެހެންކަމާ އެކު މިއަދު އަޅުގަނޑަށް ހަމަ ގައިމު ވެސް އެންމެ ބިރުހީވަނީ، އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށްޓަކައި ރައީސް ޔާމީނާ އެކީގައި ކޯލިޝަނެއް ހައްދަވާފާނެތީ."

އާޓިފިޝަލް ބީޗުގައި ބޭއްވި ރައީސް ސޯލިހުގެ ކެމްޕެއިން ޖަލްސާގައި މާރިޔާ (ވ) މިރޭ ބައިވެރިވެވަޑައިގަންނަވަނީ (ފޮޓޯ/ކެމްޕެއިން ޓީމު)

ތަފްސީލް - ބިރު ހީވަނީ ކީއްވެގެންކަން ބަޔާންކޮށްދެއްވުމަށް މާރިޔާ ދެއްކެވީ ޔާމީންގެ ވެރިކަމުގައި ކުރިމަތިކުރި ބޭއިންސާފާއި އަނިޔާތަކެވެ. އެގޮތުން އޭނާ ވިދާޅުވީ:

  • ޔާމީން ވެރިކަމަށް ވަޑައިގެންނެވި ގޮތަށް، ނަޝީދު ވިދާޅުވެފައިވާ ފަދައިން، "ހަވާ ފަޓާސް ބަރިއެއްހެން" ޝަރީއަތް ހިންގައި ނަޝީދަށް ހުކުމް ކުރި

  • ކޯލިޝަނެއްގައި ޔާމީން ވެރިކަމަށް ވަޑައިގަތުމަށް ފަހު، އިންތިހާބު ނިމުމާ އެކީގައި ކޯލިޝަންގެ އިސް ބޭފުޅުންގެ ބާރު ކަނޑުވާލި

  • ޔާމީންގެ ސިޔާސީ ވާދަވެރިންނާއި އެމަނިކުފާނާ އެކީ ކޯލިޝަނަށް ދިޔަ އެންމެން ހައްޔަރުކުރި؛ އޭގެ ތެރޭގައި އުމުރުން 80 އަހަރަށް ވުރެ މައްޗަށް ގޮސްފައިވާ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ހިމެނިވަޑައިގަންނަވާ

  • އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް ޖަލަށް ލި

  • އަގުލަބިއްޔަތު ގެއްލުމުން މަޖިލީހުގެ ބައެއް މެމްބަރުންގެ ގޮނޑި ގެއްލުވައިލި

  • ބައެއް މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރި

  • ނޫސްވެރިން ޖަލަށް ލި

  • މަޖިލިސް ހިސޯރު ކުރި

"އަޅުގަނޑުމެން ޖަޒުބާތުގައި ޖެހިގެން ވެސް އެމަނިކުފާނު، އެފަދަ މޮޔައެއް، އެކަހަލަ ކަމެއް ކުރެއްވިޔަ ދީގެން ނުވާނެ. އަޅުގަނޑު ދަންނަވާނީ ރައީސް ނަޝީދާ އެކީގައި ތިބި އެމްޑީޕީ މެމްބަރުން ވެސް، 28 ޖެނުއަރީ 2023 ވާ ހޮނިހިރު ދުވަހު ނުކުމެވަޑައިގެން ރައީސް އިބޫއަށް ވޯޓެއް ދެއްވާށޭ،" މާރިޔާ ވިދާޅުވި އެވެ.

އާޓިފިޝަލް ބީޗުގައި ބޭއްވި ރައީސް ސޯލިހުގެ ކެމްޕެއިން ޖަލްސާގައި މާރިޔާ ވާހަކަދައްކަވަނީ (ފޮޓޯ/ކެމްޕެއިން ޓީމު)

އެނގުން މުހިއްމު - ޕްރައިމަރީން ބަލިވެއްޖެ ނަމަ އިންތިހާބުގައި ރައީސް ސޯލިހާ އެކު ހުންނަވާނަންތޯ ނޫސްވެރިން ސުވާލުކުރުމުން ސީދާ ޖަވާބެއް ދެއްވަން އިންކާރުކުރައްވާފައިވާ ނަޝީދު، ރައީސާ އެކު ނުހުންނަވާނެ ކަމަށް ވިދާޅުވެ އާއްމުންގެ ބަޔަކަށް ޖަވާބު ދެއްވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވެ އެވެ. ނަޝީދުގެ އެ ވާހަކައިގައި، ޕީޕީއެމްއާ އެކު ނުހުންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ޕީޕީއެމްއާ އެކީ ނުހުންނާނަން. އެއީ 100އިން 100ގެ ކަމެއް، ޕީޕީއެމްއާ އެކު ނުހުންނާނަން،" ނަޝީދު ވީޑިއޯގައި ވިދާޅުވެ އެވެ.

"އެކަމަކު އިބްރާހިމް މުހައްމަދު ސޯލިހާ އެކު ނުހުންނާނަން. އަހަރެން އެކަނި ގޮސް ގޭގައި ހުރީމަ ނިމުނީނު؟"

ޔާމީނަކީ ވިޝަނަރީ ލީޑަރެއް ކަމަށް ނަޝީދު ވިދާޅުވީ މިދިޔަ ހޯމަ ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

އެމަނިކުފާނު ވިދާޅުވީ ޔާމީންއަކީ މާ ތަފާތު ބޭފުޅެއްގެ ގޮތުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެގޮތުން، ޔާމީން އާއި ޕީޕީއެމް އާއި އެމަނިކުފާނާ ދެމެދު އޮތް ހަމައެކަނި ހިޔާލު ތަފާތުވުމަކީ 'އިންޑިއާ އައުޓު' ވިސްނުން ކަމަށް ވިދާޅުވި އެވެ.

8 ޖަނަވަރީ 2023 - ނަޝީދު އއ، އދ، ފ އަދި ދ އަތޮޅަށް ކުރެއްވި ދަތުރުފުޅަކަށް ފަހު ނޫސްވެރިންނާ ބައްދަކުރެއްވުން (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

ޔާމީންގެ ފަރާތްޕުޅުން ފެނިވަޑައިގަންނަވާ ބައެއް ސިފަތައް ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، ރައީސް ސޯލިހަކީ އެފަދަ ސިފަތަކެއް ހުރި ބޭފުޅެކޭ ވިދާޅުނުވެވޭނެ ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ރައީސް ޔާމީނަކީ އިންޓެލެކްޗުއަލް ބޭފުޅެއް، އެކަޑެމިކް ބޭފުޅެއް. ތަންދޮރު އެނގިވަޑައިގަންނަވާ، ވިޝަންއެއް ހުރި ބޭފުޅެއް. އަޅުގަނޑު ނުދެކެން އެހާ ތަފާތު ބޭފުޅެއް ގޮތުގައެއް،" ނަޝީދު ވިދާޅުވި އެވެ.

މާރިޔާ މިރޭ ވިދާޅުވީ، ނަޝީދު ރަށްރަށަށް ވަޑައިގަންނަވާއިރު ޕީޕީއެމްގެ އެކްޓިވިސްޓުން އެމަނިކުފާނުގެ އިސްތިގުބާލުގައި ތިބޭ ވާހަކަ އާއި ޕޯސްޓަރުތަކާއި ބެނާ ދަމައިދޭކަމުގެ ވާހަކަ ވެސް އިވިވަޑައިގެންފައިވާ ކަމަށެވެ.

އިތުރަށް ކިޔާލަން:

އިތުރު އާޓިކަލް

އިތުރު އާޓިކަލް