ވިލިމާލޭ މަގެއް މަތީގައި ބަގީއެއް ދުއްވާފައި ދަނީ. ބަގީގެ ހިދުމަތް ނުލިބޭތާ މިހާރު ހަތަރު ވަރަކަށް މަސް ވެއްޖެ (ފޮޓޯ/ ޑެސްޓިނޭޝަން ގައިޑްސް)

ޖެނުއަރީ މަހު ވިލިމާލޭގައި ބަގީގެ ހިދުމަތް ފަށަނީ

މިފަަހަރު ފަށާ ބަގީގެ ހިދުމަތުގެ ފެންވަރު ވަރަށް ރަނގަޅުވާނޭ ކަމަށް މޭޔަރު ވިދާޅުވި
28 ޑިސެމްބަރު 2022
2

މި ފެށޭ ޖެނުއަރީ މަހުގެ ތެރޭގައި ވިލިމާލޭގައި ބަގީގެ ހިދުމަތް ދޭން ފަށާނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މި އަހަރުގެ އޮގަސްޓުން ފެށިގެން ވިލިމާލޭގައި ބަގީގެ ހިދުމަތް ނުލިބޭ ކަމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށް ސިޓީ ކައުންސިލުން ވަނީ އޭރު އެ ހިދުމަތްދޭން '99 ހޯލްޑިންސް' އާއެކު ހަދާފައިވާ އެއްބަސްވުން ބާތިލްކޮށް، ބަގީގެ ހިދުމަތް ފޯރުކޮށްދޭން އިތުރު ބަޔަކު ހޯދަން އިއުލާނު ކޮށްފަ އެވެ.

އޭރު ސިޓީ ކައުންސިލުން ބުނެފައި ވަނީ އާ ކުންފުންޏަކާއެކު ތިން މަސްދުވަހުގެ ތެރޭގައި އަލުން ވިލިމާލޭގައި ބަގީގެ ހިދުމަތް ދޭން ފަށާނެ ކަމަށެވެ. 

ބުނީ ކީކޭ؟ - މިއަދު ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދިވެސް އެ ހިދުމަތް ފެށިފައި ނުވާތީ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ:

  • އެ ހިދުމަތް ފެށުން ލަސްވެފައި ވަނީ އިއުލާން ޕްރޮސެސް ދިގުލައިގެން ދިޔުމުން؛ އެކަމަށް އެކަށީގެންވާ ފަރާތެއް ލިބުނީ ދެވަނަ ބުރަކަށް އިއުލާން ކޮށްގެން

  • މިހާރު ވަނީ އެކަން ކުރާނެ ފަރާތަކާއެކު އެގްރީމެންޓް ހެދިފައި

  • ޖެނުއަރީ މަހުގެ ތެރޭގައި 10 ބަގީ ލިބޭނެ؛ އޭގެ ތެރޭގައި މުދާ އުފުލާ ބަގީ އާއި ބަލި މީހުން އުފުލަން ހާއްސަކޮށްފައިވާ ބަގީވެސް ހިމެނޭ

  • ވަރަށް އަގުހެޔޮކޮށް ވަރަށް ފަސޭހަ ނިޒާމެއްގެ ދަށުން ޖެނުއަރީ ނިމެންވާއިރަށް ބަގީތައް އޮޕަރޭޓް ކުރެވެން ފަށާނެ

މޭޔަރު މުއިއްޒު ސިޓީ ކައުންސިލުގެ މަސައްކަތްތަކާއި ބެހޭ މައުލޫމާތު ނޫސްވެރިންނަށް ދެއްވަނީ. (ދައުރު ފޮޓޯ / އަބްދުﷲ ރިޒާ)

އިލެކްޓްރިކް ވެހިކަލަށް ޗާޖިން ސްޓޭޝަންތަކެއް ހަދަނީ

ބަގީގެ ހިދުމަތުގެ އިތުރުން އިލެކްޓްރިކް ވެހިކަލް ޗާޖިން ސްޓޭޝަންތަކެއް ހެދުމުގެ މަސައްކަތްވެސް ސިޓީ ކައުންސިލުން ކުރަމުންދާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެގޮތުން ހަދާނީ:

  • މާލެ: 2 ޗާޖިން ސްޓޭޝަން

  • ވިލިމާލެ:1 ޗާޖިން ސްޓޭޝަން

މި ސްޓޭޝަންތައް ގާއިމް ކުރުމަށްޓަކައި މިދިޔަ ހަފްތާގައި އެގްރިމެންޓް ހަދާފައިވާ ކަމަށާއި އަންނަ ރޯދަ އާއި ހަމައަށް އެތަނުން ކޮންމެވެސް އެއް ސްޓޭޝަނެއް ނިންމާލެވޭނެ ކަމަށް މުއިއްޒު ލަފާކުރެއްވި އެވެ.

ކޮމެންޓް (2)

ހަސަން

28 ޑިސެމްބަރު 2022
ނަސީބެއް. ޝުކުރިއްޔާ ކުދިންނޭ. ތި ލިބުނީ ވަރަށް ބޮޑު ފަސޭހައެއް
0 0

ނިމްރޫދު

28 ޑިސެމްބަރު 2022
އާޗާ ސަޅި. އޭރުން ހާދަ ބޮޑު ލުޔެކޭ ތި ލިބެނީ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް