މުހައްމަދު ރަޝީދު 2021 ގެ ގައުމީ އެތުލެޓިކްސް މުބާރާތުގެ 10،000 މީޓަރު ރޭހުގައި ދުވަނީ: އޭނާއަކީ މި ވަގުތު ދިގު ދުވުންތަކުގައި ހުރި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ --(ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

މީހުން އޭނާއަށް މަލާމަތްކުރި، އެކަމަކު މިއަދު ރޭހުގެ އެންމެ ކުރީގައި

މުހައްމަދު ރަޝީދު ގަބޫލުކުރާ ގޮތުގައި ގިނަ ދުވަހުގެ މަސައްކަތާއި ހިތްވަރުން މަތީ ފެންވަރަށް ދެވޭނެ
20 ނޮވެމްބަރު 2021

މާލޭ ޓްރެކްގައި މިދިއަ ބުރާސްފަތިދުވަހު ހަވީރު މުހައްމަދު ރަޝީދު، ކުޅިވަރުގެ މަޝްހޫރު ނަމުން ނަމަ މޯޑު، 10000 މީޓަރުގެ ރޭސް ފެށުނީއްސުރެ އޮތީ ކުރީގަ އެވެ: އޭނާއާ އެއްވަރުކުރެވޭނެ ދުވުންތެރިޔަކު ނެތެވެ.

އިއްޔެ ހަވީރު ހަމަ އެ ޓްރެކްގައި، 5000 މީޓަރުގެ ރޭސް ދުވި އިރު ވެސް، އޭނާއާ އަޅުވަލެވޭ ވަރުގެ ބާރު ދުވުންތެރިޔަކު ނުފެނުނެވެ: ފެށުނީއްސުރެ ނިމެންދެން އެއްވަނަގައި އޮވެ، ރޭސް ނިންމައި، އެއް ވަނަ ހޯދި އެވެ.

ގައުމީ އެތުލެޓިކްސް މުބާރާތުގައި، އިންޑިވިޖުއަލް ދެ ރޭހުން ރަން މެޑެލް ހޯދައި، ރަޝީދު މިހާރު އެ ހުރީ އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމާ ވާދަކުރާ ހިސާބެއްގަ އެވެ.

ދިގު ދުވުންތަކުގައި އޭނާ މި ސާބިތުކޮށްދިނީ ކުޑަ ކަމެއް ނޫނެވެ: ވާދަވެރި އެހެން ދުވުންތެރިޔަކު މި ވަގުތު ރާއްޖޭގައި ނެތް ކަމެވެ. ގަވާއިދުން ހަދަމުން އަންނަ ތަމްރީންތަކުގައި، ގައުމީ ރެކޯޑަކާ ހަމައަށް ނުދެވުނަސް، އޭނާ ހުރީ އެންމެ ކުރީގައި ކަމެވެ.

ނަމަވެސް ނިމުނު ދެ ރޭހުގައި އަދި މިއަދު ހަވީރު އޮންނަ 1500 މީޓަރު ރޭހުގައި ވެސް، އޭނާއަށް ވުރެ މޮޅު ދުވުންތެރިން ތިބިކަމާ މެދު ރަޝީދު ޝައްކެއް ނުކުރެ އެވެ. އަދި އެ ދުވުންތެރިންގެ ވަރުގަދަކަމުގެ ވާހަކަ ދައްކާކަށް ވެސް އޭނާ ޖެހިލުމެއް ނުވެ އެވެ: ކުޅިވަރުގެ ވަރަށް ރީތި ސިފައެކެވެ.

ވަރަށް ބޮޑު ކުރިއެރުމެއް އަސްލު މި ހޯދުނީ. އެކަމަކު އަދިވެސް ގަބޫލުކުރަން ފަޒީލް ވެސް އަދި އެބަ އުޅޭ އިރުފާން ކިޔާ ކުއްޖެއް. އޭނާ ވެސް މޯޑަށް ވުރެ ކުރިއަރާފާނޭ.

މުހައްމަދު ރަޝީދު،10،000 މީޓަރާއި5،000 މީޓަރުގެ ގައުމީ އާ ޗެމްޕިއަން

ދެ ރޭހުގައި ވެސް އޭނާގެ ފަހަތުގައި އެކަމަކު އަތުނުވާ ވަރުގެ ދުރުމިނެއްގައި އޮވެ ހިތްވަރުކުރީ ރާއްޖޭގެ ގައުމީ ރެކޯޑް އޮތް ހުސެއިން ފަޒީލް ހާރޫނެވެ. ދުވުމުގެ ތަމްރީންތަކާ ދުރުގައި ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަހު އުޅުމަށް ފަހު ފަޒީލް އަލުން ތަމްރީންތައް ފެށީ މީގެ ދޮޅު މަހެއްހާ ދުވަސް ކުރިންނެވެ. އެހެންކަމުން ރޭހެއްގައި އަދި ރަޝީދު އަތުލެވޭ ވަރަކަށް ހަށިގަނޑު ތައްޔާރެއް ނުކުރެވެ އެވެ.

"ޓްރެކް އިވެންޓްތަކުގައި ފަޒީލް އަސްލު މާ ވަރުގަދަވާނެ،" ރަޝީދު، 26، ބުންޏެވެ.

"އެކަމަކު ޓްރެކް އިވެންޓްތަކުގައި ޕްރެކްޓިސް ކުރާނެ މީހަކު ނެތީމާ މޯޑަށް މި އެރުނީ."

ދުވުން ހުތުރުކަމުން މަލާމަތްކުރި

މީގެ އަށް އަހަރު ކުރިން 2013 ގައި ސީރިއަސްކޮށް ދުވަން ނުކުތް ރަޝީދުގެ ހަނދާންތަކުގައި އަދިވެސް އެ ވާހަކަތައް އެބަ ހުއްޓެވެ. އޭރު އޭނާ އޮންނަނީ ސިފައިންގޭގެ އެހެން ރަހުމަތްތެރި ދުވުންތެރިން ކަމަށްވާ އަހުމަދު ރިޒާ އާއި ޝިފާޒް މުހައްމަދުގެ ފަހަތުގަ އެވެ. އެ މީހުން އަތުލެވޭނީ ކޮން އިރަކު ކަމެއް ވެސް އޭރު ނޭނގެ އެވެ.

ވާދަކުރުން އެކަންޏެއް ނޫނެވެ. ރަޝީދުގެ ދުވާ ގޮތް ވެސް ރީތިނުވުމުން، މަލާމާތް ވެސް ރައްދުވި އެވެ.

"ވަރަށް ގިނަ މީހުން މަލާމަތްކުރި މޯޑަކަށް ނުވާނޭ،" އޭރުގެ ހަނދާންތައް ކުޑަކޮށް އާކޮށްލަމުން ރަޝީދު ބުންޏެވެ.

ރަޝީދު ކުރީގައި އޮވެ ދުވާ އިރު ކުރީގެ އެއް ވަނަ ދުވުންތެރިޔާ ފަޒީލް ފަހަތުގައި: މިއީ ފަޒީލް ބަލިކޮށް ރަސްމީ ރޭހެއް ރަޝީދު ކާމިޔާބުކުރި ފުރަތަމަ ފަހަރު --(ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

"މޯޑުގެ އަސްލު ރަނިން ފޯމް އެހާ ރީއްޗެއް ނުވާނެ. ވަރަށް ހަޑިވާނެ."

އެކަމަކު އެ ފޯމް ރަނގަޅުކުރަމުން، ރީތިކުރަމުން އޭނާ މިދިއަ ހަތަރު އަހަރެއްހާ ދުވަހު ގެންދިޔައީ ދުވުން ބާރު ވެސް ކުރަމުންނެވެ. އޭނާ ބުނި ގޮތުގައި އޭރު ތިބި މޮޅު އެހެން ދުވުންތެރިންގެ ސްޕީޑާއި ދުވުމުގެ ފޯމްއަށް ބަލާ އިރު ގަބޫލުކުރީ ކުއްލިއަކަށް ހުރިހާ ކަމެއް ރަނގަޅުކޮށް، ވާދަނުކުރެވިދާނެ ކަމަށެވެ.

"އަހަރެން ވިސްނީ ގިނަ ދުވަހުން ރަނގަޅުކުރެވޭނޭ. ދުނިޔޭގެ މޮޅެތި އެތުލީޓުން ވެސް ހަމަ ގިނަ ދުވަހުން އެބަ ހުރި ނަތީޖާ ނެރެފައި،" ދެ ވަނަ ރަން މެޑެލް ހޯދުމަށް ފަހު ޓްރެކްގައި ހުރެ 'ދައުރު'އާ ވާހަކަ ދައްކަމުން ރަޝީދު ބުންޏެވެ.

އޭނާގެ މަސައްކަތުގެ ނަތީޖާ ވަރަށް ފޮނިކަން، ނިމުނު ދެ ރޭހުން މި އޮތީ ފެންނާށެވެ. ކުރީގެ ބައެއް ރޭސްތަކުގައި ފަޒީލް ހުރީ ޓްރެކްގެ އެއް ބުރު ވެސް ކަޓުވާފަ އެވެ. އެއީ ވާދަވެރި ދުވުންތެރިއަކާ އަޅާބަލާ ނަމަ ވަރަށް ދުރު ރާސްތާއެކެވެ.

"އެކަމަކު އޭރު ހިތަށްއެރީ މައްސަލައެއް ނެތޭ،" ރަޝީދު ބުންޏެވެ.

ގައުމީ މުބާރާތުގެ10،000 މީޓަރު ރޭހުގެ އެންމެ ބާރު ހަތަރު ދުވުންތެރިން، ކުރީގައި އޮވެ ވާދަކުރަނީ: ރަޝީދު އަތުލެވޭނެ އެހެން ދުވުންތެރިޔަކު މި ވަގުތަކު ނެތް --(ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

"ވަރަށް ބޮޑު ކުރިއެރުމެއް އަސްލު މި ހޯދުނީ. އެކަމަކު އަދިވެސް ގަބޫލުކުރަން ފަޒީލް ވެސް އަދި އެބަ އުޅޭ އިރުފާން ކިޔާ ކުއްޖެއް. އޭނާ ވެސް މޯޑަށް ވުރެ ކުރިއަރާފާނޭ."

އެކަމަކު ރަޝީދު ބުނި ގޮތުގައި ފަޒީލް ބަލިކޮށް ދެ ރޭސް ކާމިޔާބުކުރުމަކީ ލިބުނު ވަރަށް ބޮޑު އުފަލެކެވެ. މިއީ ފަޒީލް ފަހަތަށް ޖައްސާލައިފައި، މުބާރާތެއްގެ މެޑެލް ހޯދި ފުރަތަމަ ފަހަރު ވެސް މެ އެވެ.

ގައުމީ މުބާރާތުގެ 10،000 މީޓަރު ރަޝީދު ކާމިޔާބުކުރީ 35:19 މިނިޓުން ނިންމައިގެންނެވެ. ފަޒީލްގެ ވަގުތަކީ 35:47 މިނިޓެވެ.

އިއްޔެ އޮތް 5000 މީޓަރުގެ ރޭސް 16:46 އިން ނިންމައި ރަން މެޑެލް ހޯދި އިރު ފަޒީލްގެ ވަގުތަކީ 16:57 މިނިޓެވެ.

މި ދެ ރޭހުން ވެސް ތިން ވަނަ ހޯދީ އަލަށް މިފަދަ ރޭސްތަކުގައި ބައިވެރިވާން ފެށި މުހައްމަދު އިރުފާނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް