ކަމީލާ (ކ) އާ ސައިކަލު ހަވާލުކުރަނީ

'ޗަނާޗާ' ޝޯ

ޗަނާޗާގެ ސައިކަލު ލަންކާ މެއިޑް ކަމީލާ އަށް

ޗަނާޗާ އަށް ޓިކެޓުގެ ގަނެގެން ވަތް 3000 އަށް ވުރެ ގިނަ މީހުންގެ ތެރެއިން ގުރުއަތުން ހޮވުނު ފަރާތަށް ދިނީ 47،000 ރުފިޔާގެ ސައިކަލެއް
20 ނޮވެމްބަރު 2022

ބައިސްކޯފުން އިންތިޒާމްކޮށްގެން އޮޮކްޓޯބަރު 29 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ޓްރެކްގައި ބޭއްވި ޗަނާޗާ ޝޯގެ ނަސީބުވެރިޔާއަށް އިނާމު ދީފި އެވެ.

ވީ ކިހިނެއް؟ - ޗަނާޗާ ޝޯ ބަލަން ޓިކެޓު ގަތް 3،036 މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރިޔަކަށް، އިވެންޓްގެ ސްޕޮންސަރެއް ކަމުގައިވާ ލޮޓަސް ބައިކް ޝޮޕް އިން ވަނީ ބެނެލީ ބްރޭންޑްގެ 'ޕެނެރިއާ' މޮޑެލްގެ ސްކޫޓާ ސައިކަލެއް ހުށަހަޅައިފަ އެވެ. މި ސައިކަލުގެ އަގަކީ 47،000 ރުފިޔާ އެވެ.

ތަފްސީލް - ބައިސްކޯފުގެ އިންސްޓަގްރާމް ލައިވެއްގައި ބެނެލީގެ ފަރާތުން ނެގި ގުރުއަތުގެ ނަސީބުވެރިޔަކަށް ހޮވުނީ ސްރީ ލަންކާއަށް ނިސްބަތްވާ ކޮކު ހަނާޑިގެ ކަމީލާ ސަންޖީވަނީ އެވެ. މާލޭގައި ގެއެއްގެ މެއިޑެއްގެ ގޮތުގައި މަސައްކަތް ކުރާ ކަމީލާއާ މި ސައިކަލު ވަނީ ހަވާލު ކޮށްފަ އެވެ.

ބައިސްކޯފުން އިންތިޒާމްކޮށްގެން 29 އޮކްޓޯބަރު 2022 ގައި ހުޅުމާލޭ ދުވާ ޓްރެކްގައި ބޭއްވި ޗަނާޗާ ޝޯ (ދައުރު ފޮޓޯ/ އަބްދުﷲ ޔާޝާއު)

ޗަނާޗާގައި ސްރީ ލަންކާގެ އާޓިސްޓް ޔޮހާނީ ޑިލޯކާ ޑިސިލްވާ ލަވަ ހުށަހަޅައިދޭ ތަން ބެލުމަށް ކަމީލާ 150 ރުފިޔާ އަށް ޓިކެޓު ނަގައިގެން ޝޯ އަށް ދިޔަ އިރު ނަސީބުވެރިޔަކަށް ވެދާނެ ކަމުގެ މާ ބޮޑު އުއްމީދެއް ނުކުރެ އެވެ. އެހެންވެ، ސައިކަލުގެ ގުރުއަތުން ހޮވުނީ އޭނާކަން ގަބޫލުކުރަން ވެސް ދަތިވި އެވެ.

ސައިކަލް ލިބުމާ އެކު، ކަމީލާ ވަނީ އެހެން ގައުމެއްގައި ދިރިއުޅޭ އޭނާގެ ދަރިފުޅަށް ވީޑިއޯ ކޯލެއް ކޮށް އެ ހަބަރު ދީފަ އެވެ. އޭނާ ބުނިގޮތުގައި އެ ވަގުތު އުފަލުން ރޮވުނެވެ. 

ކަމީލާ ބުނީ އޭނާ އަށް ސައިކަލު ދުއްވަން އެނގޭ ކަމަށާއި އެހެންކަމުން މި ސައިކަލް ބޭނުން ކުރާނީ ވެސް އޭނާ ކަމަށެވެ.

ބައިސްކޯފުން އިންތިޒާމްކޮށްގެން 29 އޮކްޓޯބަރު 2022 ގައި ހުޅުމާލެ ދުވާ ޓްރެކްގައި ބޭއްވި ޗަނާޗާ ޝޯ (ދައުރު ފޮޓޯ/ އަބްދުﷲ ޔާޝާއު)

ދިވެހި ފަންނާނުންގެ އަމިއްލަ އުފެއްދުންތައް ލައިވްކޮށް ދައްކާލި ޗަނާޗާއާ ގުޅޭ ގޮތުން ލޮޓަސް ބައިކްގެ އޮފިޝަލަކު ބުނީ ދިވެހި ފަންނުވެރިކަން ކުރިއެެރުވުމަށް ބޭއްވި މިފަދަ އިވެންޓެއްގައި ބައިވެރިވުމަކީ ލިބުނު އުފަލެއް ކަމުގަ އެވެ.

"މިކަހަލަ އިވެންޓެއްގެ ސްޕޮންސަރަކަށްވެ އަދި މި ގިވްއަވޭގެ ފުރުސަތު ދިނުމަކީ އުފާވާ ކަމެއް. އެއީ މިފަދަ ފުރުސަތެއް ދިވެހި މިއުޒިޝަނުންނަށް ބައިސްކޯފުން ހޯދައިދިނުމަކީ ދާއިރާއަށް ލިބޭ ކުރިއެެރުމެއް ކަމަށް ވާތީ،" އޭނާ ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް