މަރުކަޒީ ބޭންކް، އެމްއެމްއޭގެ މައި އިދާރާ

އިގްތިސާދު

ތެލުގެ އަގު ބޮޑުވުމާ އެކު ރިޒާވުން 50 މިލިއަން ޑޮލަރު މަދުވެއްޖެ

މޭ މަހާ ހަމައަށް ރިޒާވްގައި ހުރި އަދަދު ވަނީ 807.9 މިލިއަން ޑޮލަރަށް ދަށްވެފައި

މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ދައުލަތުގެ ރަސްމީ ރިޒާވުން 57.3 މިލިއަން ޑޮލަރު މަދުވެއްޖެ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - މިދިޔަ ތިން މަހުވެސް ރިޒާވް ދަށަށް ގޮސް، 807.9 މިލިއަން ޑޮލަރަށް ވަނީ ވެއްޓިފަ އެވެ.

ވީ ކިހިނެއް؟ - މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އާންމުކޮށްފައިވާ މިދިޔަ ޖޫން މަހުގެ މާލިއްޔާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މާޗް މަހުން ފެށިގެން މޭ މަހާ ހަމައަށް ރިޒާވް ވަރަށް ބޮޑު ތަނުން ދަށަށް ގޮސްފަ އެވެ. އެގޮތުން ރިޒާވަށް އައި ބަދަލަކީ:

  • 1-

    މާޗް - 865.2 މިލިއަން ޑޮލަރު

  • 2-

    އެޕްރީލް - 829 މިލިއަން ޑޮލަރު

  • 3-

    މޭ - 807.9 މިލިއަން ޑޮލަރު

ރިޒާވަށް އަންނަ ބަދަލުތަކުގެ ޗާޓް (ދައުރު ގްރެފިކްސް)

ތަފްސީލް - މި ހިސާބުތަކަށް ބަލާއިރު ޖައްސަ ޖައްސައިގެން ތިން މަސް ވަންދެން ރިޒާވް ވަނީ ދަށަށް ގޮސްފަ އެވެ. އެގޮތުން މިދިޔަ ތިން މަސް ދުވަހު ރިޒާވް ވަނީ %6.6 އަށް ދަށަށް ގޮސްފަ އެވެ. އެ މުއްދަތުގައި ރިޒާވުން ވަނީ 57.3 މިލިއަން ޑޮލަރު މަދުވެފަ އެވެ.

ކީއްވެ؟ - ރިޒާވް ދަށަށް ދާން މެދުވެރިވި ސަބަބަކީ ތެޔޮ އެތެރެ ކުރަން ހަރަދު ކުރަން ޖެހޭ ވަރު އިތުރުވުމެވެ. އަދި ތެޔޮ އަގު ބޮޑުވުމުގެ ސަބަބުން، އަމިއްލަ ފަރާތްތަކުން ތެޔޮ އެތެރެ ކުރުން މަދު ކުރުމުގެ ސަބަބުން ދައުލަތުގެ ކުންފުނި އެސްޓީއޯއިން ތެޔޮ އެތެރެ ކުރާވަރު އިތުރު ކުރަން ޖެހުމަކީ ވެސް ސަބަބެކެވެ.

ސަރުކާރުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި މިއަހަރު ތެލުގެ ސަބްސިޑީއަށް ހަރަދު ކުރަން 348 މިލިއަން ރުފިޔާ ބަޖެޓް ކުރި ނަމަވެސް ތެލުގެ އަގު ބޮޑުވެ ތެލުގެ ސަބްސިޑީއަށް އިތުރަށް 1.6 ބިލިއަން ރުފިޔާ ސަރުކާރުން ހަރަދު ކުރަން ޖެހޭނެ އެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އެޕްރީލް މަސް ތެރޭ އެކަނި ރާއްޖެއަށް ވަނީ 1.6 ބިލިއަން ރުފިޔާގެ ތެޔޮ އެތެރެކޮށްފަ އެވެ. މިދިޔަ އަހަރުގެ އެޕްރީލް މަހު ރާއްޖެއަށް އެތެރެކޮށްފައި ވަނީ 402 މިލިއަން ރުފިޔާގެ ތެލެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް