ހަނޑޫ ފެނުއެޅުމަށް ފަހު އެ ފެން ބޮލުގައި އުނގުޅުމަކީ ފައިދާ ބޮޑު ކަމެއް

ބިއުޓީ

ރީތި އިސްތަށިގަނޑަކަށް ބޮލުގައި އުނގުޅަންވީ ހަނޑޫ ފެން

އިސްތަށިގަނޑު ރީތި ކުރުމަށް ބައެއް ސަގާފަތްތަކުގައި ގަދީމީ ޒަމާނުއްސުރެ ގެންގުޅޭ މި އުކުޅުގެ ފައިދާތައް ފަހުގެ ދިރާސާތަކުން ވަނީ ހާމަވެފައި
4 ސެޕްޓެމްބަރު 2022

މުހިންމު ނުކުތާތައް

ހަނޑޫ ފެނުއަޅާފައި ބެހެއްޓުމަށް ފަހު އެ ފެން އިސްތަށިގަނޑުގައި ލުމުން ގިނަ ފައިދާތަކެއް ލިބޭ ކަމަށް މާހިރުން ބުނޭ

ދުނިޔޭގެ އެންމެ ދިގު އިސްތަށިގަނޑުގެ ރެކޯޑް އޮންނަ އަވަށުގެ މީހުން ހަނޑޫ ފެން ބޭނުން ކުރޭ

ހަނޑޫ ފެން ބޭނުންކުރާ ގޮތަކީ ބޮލުގެ ހަންގަނޑުގައި އުނގުޅައި މަސާޖުކުރުން

ޓިކްޓޮކްގައި މި އަހަރު 'ރައިސްވޯޓާ' އަދި 'ޕުޓިން ރައިސް ވޯޓާ އިން މައި ހެއާ' ހޭޝްޓެގަށް 87 މިލިއަން ވިއުސް  ލިބުނެވެ. މަޝްހޫރު ސެލެބްރިޓީން ކަމުގައިވާ ކާޑީބީ އާއި ކިމް ކާޑޭޝިއަން ފަދަ މީސްމީހުން، އެ މީހުންނަކީ ޒީނަތްތެރިކަމުގެ ޒަމާންވީ އާދަތަކުގެ ފޭނުން ކަމުގައި ބުނެފައިވެ އެވެ.

އިސްތަށިގަނޑު ރީތިކޮށް ބެހެއްޓުމުގެ މި ސިއްރަކީ ޖަޕާނާއި ޗައިނާގެ މީހުން މީގެ 1200 އެއްހާ އަހަރު ކުރިންސުރެ ބޭނުން ކުރަމުން އައި އުކުޅެކެވެ. އެމީހުންގެ އިސްތަށިގަނޑު ވަރުގަދަކުރުމަށް ބޭނުންވާ ކާނާ ފޯރުކޮށްދީ ބިމާ ހަމައަށް ދިގު ކުރުމަށް ހަނޑޫ ފެން ބޭނުން ކުރި އެވެ.

ބުނެވޭ ގޮތުގައި ހަނޑޫ ފެނުގައި އެޅުމަށް ފަހު އެ ފެން ބޮލުގައި ލުމުން އިސްތަށިގަނޑު ވަރުގަދަވެ، ބޯވެ އަދި ދިގުވުމަށް އެހީތެރިވެ އެވެ. ފަސޭހައިން ތައްޔާރުކޮށްލެވޭ މި ފެނުން ބޮލުގެ ހަންގަނޑާއި އިސްތަށިގަނޑަށް ހަމަ އަސްލު ވެސް މިހާ ބޮޑު ފައިދާއެއް ކުރޭ ހެއްޔެވެ؟

ގިނިސް ވޯލްޑް ރެކޯޑްސްގައި 'ވޯލްޑްސް ލޯންގެސްޓް ހެއާޑް ވިލެޖް'ގެ މަގާމް ހޯދާފައިވަނީ ޗައިނާގެ ޔާއޯ ގަބީލާގެ މީހުން

މިކަމުގެ ތާރީހާއި ހަމުގެ ޑޮކްޓަރުން މިކަމާ ދޭތެރޭ ބުނަނީ ކީކޭތޯ ބަލާލަން ހިނގާށެވެ.

ދުނިޔޭގެ އެންމެ ދިގު އިސްތަށިގަނޑު ހުންނަ މީހުންގެ އަވަށެއް އޮވެ އެވެ. މި އަވަށް އޮންނަނީ ޗައިނާގެ ގުއަންޒީ ޕްރޮވިންސުން، ބެއިޖިންގެ ހުޅަނގު ދެކުނުން ގާތްގަނޑަކަށް 1000 މޭލު ދުރުގަ އެވެ. ކޯރަކާ އެކު  ފަރުބަދަމަތީ އޮންނަ ފެހިކަން ގަދަ ރީތި އަވަށަކީ ރެޑް ޔާއޯ ގަބީލާގެ މީހުން ދިިރިއުޅޭ ހުއަންގުލޯ ނަމަކަށް ކިޔާ އަވަށެކެވެ.

މި ގަބީލާގެ މީހުންގެ ބޮޑު ފަހުރެއް އޮވެ އެވެ. އެއީ މި ގަބީލާގެ މީހުންގެ އިސްތަށިގަނޑު އާއްމުކޮށް 4.5 ފޫޓަށް ދިގުވެފައި ކަޅުކަން ގަދަވުމެވެ. އުމުރުން 80 އަހަރުގެ މީހުންގެ އިސްތަށިގަނޑު ވެސް ހުންނަނީ އެހެންނެވެ. މި އަވަށް ވަނީ 'ވޯލްޑްސް ލޯންގެސްޓް ހެއާޑް ވިލެޖް'ގެ ގޮތުގައި ގިނިސް ވޯލްޑް ރެކޯޑްސް ފޮތުން ޖާގަ ހޯދައިފަ އެވެ.

އިސްތަށިގަނޑު ދިގުކުރުމަށް އެމީހުން ބޭނުން ކުރަނީ ހަނޑޫ ފެން ހިމެނޭ ހާއްސަ ޝޭމްޕޫއެއް
ޔާއޯ ގަބީލާގެ އުމުރުން ދުވަސްވީ މީހުންގެ ބޮލުގައި ވެސް ވަރުގަދަ އިސްތަށިގަނޑެއް އޮންނަ ކަމަށްވޭ

އެމީހުން ސިއްރަކީ ކޮބާ ހެއްޔެވެ؟ އެމީހުން ބޮލުގައި ލާން ބޭނުންކުރަނީ ހާއްސަ ޝޭމްޕޫ އެކެވެ. އެ ޝޭމްޕޫގައި ހިމެނެނީ ކަމީރުކޮށްފައިވާ ހަނޑޫ ފެނާއި އެކި ބާވަތްތަކުގެ ފަތްޕިލާވެއްޔާއި ސައިފަތެވެ. ބޮލުގައި ޝޭމްޕޫ ބޮލުގައި ލާ ގޮތަށް އެ އަވަށުގެ މީހުން މި ހާއްސަ ފެން އިސްތަށިގަނޑުގައި އުނގުޅައި ލަކުޑި ފުނައަކުން ފުނާ އަޅަ އެވެ.

މީލާދީން 794 އިން 1185 ވަނަ އަހަރާ ހަމައަށް ޖަޕާނުގެ ދަރުބާރުގެ އަންހެން ބޭފުޅުން ވެސް ފައިގެ ކަކުލާ ހަމައަށް އިސްތަށިގަނޑު ދެމެހެއްޓުމަށްޓަކައި ޔޫ-ސޫ-ރޫ ނުވަތަ ހަނޑޫ ފެނުއަޅައި އެ ފެން ބޮލުގައި ލައި ފުނާ އެޅި އެވެ. މީގެ އިތުރުން މިއީ ތައިލެންޑްގެ ސަގާފަތުގެ ބައެކެވެ. އެމީހުންގެ ލޫނާ އާ އަހަރުގެ އެންމެ ފަހު ދުވަހުގެ ހަރަކާތެއްގެ ގޮތުގައި ކުރާ އެއް ކަމަކީ ކަމީރުކޮށްފައިވާ ހަނޑޫ ފެނުން ބޯ ދޮވުމެވެ.

ހަނޑޫ ފެން ނިއުޓްރިއެންޓުން ފުރިފައި

ހަނޑޫ ފެނުއެޅުމުން އުފެދޭ ފުސް އަދި ސްޓާޗީ ފެނުގައި ގިނަ ނިއުޓްރިއެންޓްތަކެއް ހިމެނެ އެވެ. އޭގައި ޒިންކް، މެގްނީޒިއަމް، މެންގަނީޒް، ވިޓަމިން ބީ، އެމީނޯ އެސިޑްސް އަދި އެންޓިއޮކްސިޑެންޓްސް ފަދަ މާއްދާތައް ހިމެނެ އެވެ. މި މާއްދާތަކަކީ ބޮލުގައި ލާ ޒާތުގެ ޕްރޮޑަކްޓްތައް އުފެއްދުމުގައި ވަކިވަކިން ބޭނުން ކުރާ މާއްދާތަކެކެވެ.

ދުބާއީގެ އެސްތެޓިކް ކޮންސަލްޓަންޓެއް ކަމުގައިވާ ޑރ. ވަސީމް އަދައްޑާ ބުނާ ގޮތުގައި ވިޓަމިން އީ، ވިޓަމިން ބީ އަދި ޒިންކް އަކީ އިސްތަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމަށް ވަރަށް މުހިއްމު މާއްދާތަކެކެވެ.

ސްޕެޝަލިސްްޓް ޑާމިޓޮލޮޖިސްޓް ޑރ.ފާތިމާ ޒޮހްރާ ރެޒްގު ބުނާ ގޮތުގައި މީގެ ކުރިން ހަނޑޫ ފެން ބޮޑަށް ބެލެވިފައި އޮތީ މާމައިންގެ ރެސިޕީއެއް ކަމަށެވެ. ނަމަވެސް މިހާރު، ހަނޑޫ ފެން ބޮލުގައި ލުމުން ލިބޭ އެކި ކަހަލަ ފައިދާތަކާ ގުޅޭ ސައިންޓިފިކް ދިރާސާތައް ދަނީ އާއްމުވަމުންނެވެ.

"ހުރިހާ އެއްޗެއް އެންމެންގެ އިސްތަށިގަނޑާ ނުގުޅިދާނެ. އެކަމަކު ހަނޑޫ ފެނުން ލިބޭ ފައިދާ ބޮޑު،" އޭނާ ބުންޏެވެ.

ހަނޑޫ ފެނުގެ ބައެއް ފައިދާ

ހަނޑޫ ފެނުން އިސްތަށިގަނޑަށް ލިބޭ ބައެއް ފައިދާތައް އޭނާ ކިޔައިދިނެވެ.

1. ފުރަތަމަ ކަމަަކަށް އިސްތަށިގަނޑުގެ ބޯމިން އިތުރުކޮށްދެ އެވެ. އަދި އިސްތަށިގަނޑަށް ދަޅަ ގެނެސްދެ އެވެ. "ހަނޑޫފެނުގައި ސްޓާޗް ގިނަވުމުގެ ސަބަބުން އިސްތަށިގަނޑަށް އިތުރު ކޯޓިންނެއް ލިބޭ. އެއާ އެކު ބޯމިން އިތުރުވޭ. ވޮލިއުމާއި ދަޅަ ގެނެސްދޭ. ހާއްސަކޮށް ތުނިކޮށް ހުންނަ އިސްްތަށިގަނޑަށް މިކަން ފާހަގަވޭ.  ބަލާބެލުމަށް ދުޅަހެޔޮ އިސްތަށިގަނޑެއް ކަމުގައި ފެންނާނެ،" ޑރ. ފާތިމާ ބުންޏެވެ.

2. ހަނޑޫ ފެނުގެ ސަބަބުން އިސްތަށިގަނޑުގެ އިލާސްޓިސިޓީ އަދި ޓެކްސްޗާ ރަނގަޅު ކޮށްދެ އެވެ. ޖަޕާނުގެ ދިރާސާކުރާ ފަރާތްތަކަކުން އިންޓަނޭޝަނަލް ޖާނަލް އޮފް ކޮސްމެޓިކްސް ސައިންސްގައި 2010 ވަނަ އަހަރު ޝާއިއުކޮށްފައިވާ ދިރާސާއެއްގައި މިކަން ވަނީ ހާމަކޮށްފަ އެވެ.

3. ވިޓަމިން ސީ އަކީ ހަނގަނޑަށް މުހިއްމު މާއްދާ އެކެވެ. މީގައި ހިމެނޭ އެންޓިއޮކްސިޑަންޓްސްގެ ސަބަބުން ސްޓްރެސް ދަށްކޮށްދެ އެވެ. ހަމަ މި ގޮތަށް އަހަރެމެންގެ ބޮލުގެ އިސްތަށިގަނޑަށް ވެސް ވިޓަމިން ސީ ބޭނުންވެ އެވެ. ހަނޑޫ ފެނުގެ ސަބަބުން އިސްތަށިގަނޑުގެ އޮކްސިޑޭޓިވް ސްޓްރެސް ދަށްކޮށްދެ އެވެ. ސަަބަބަކީ ހަނޑޫ ފެނުގައި ވިޓަމިން ސީ ގިނައިން އެކުލެވޭތީ އެވެ.

ހަނޑޫ ފެނުގެ ސަބަބުން ބޮލުގެ ހަންގަނޑަށް ލިބޭ ގިނަ ފައިދާތަކެއް ވާކަން ފަހުގެ ދިރާސާތަކުން ވަނީ ހޯދިފައި

ގައިގެ ހަންގަނޑެކޭ އެއްގޮތަށް ފްރީ ރެޑިކަލްސް އަކީ އިސްތަށިގަނޑު ބަލިކަށިކޮށްލާ އެއްޗެކެވެ. ތިމާވެށި ތަގައްޔަރުވުމާއި އަވިން ލިބޭ ގެއްލުންތަކާއި ކެމިކަލްތަކުގެ ސަބަބުން އޮކްސިޑޭޓިވް ގެއްލުން ލިބެ އެވެ. މިކަމުން އިސްތަށިގަނޑު ތުނިވުމާއި އިސްތަށި ފޭބުން އަދި ނުރަ ޖެހުމަށް މެދުވެރިވެ އެވެ.

ހަނޑޫ ފެނުގައި ވިޓަމިން އީ އާއި އިނޯސިޓޯލް ފަދަ ވަރުގަދަ އެންޓިއޮކްސިޑަންްޓްސް ހިމެނެ އެވެ. މީގެ ސަބަބުން އިސްތަށިގަނޑަށް ބޭނުންވާ ކާނާ ލިބެ އެވެ.

4. ހަނޑޫ ފެނުގައި ހުންނަ މެގްނީޒިއަމް މާއްދާ އަކީ އެންޓިއިންފްލެމޭޓަރީ އެއްޗެއްކެވެ. އަދި އޭގައި ހިމެނޭ އެންޓިއޮކްސިޑަންޓްސް އާއި ދޭތި އެކީގައި މަސައްކަތް ކުރަނީ ބޮލުގެ ހަންގަނޑު ވަރުގަދަކޮށްދީ އިސްތަށި ފޭބުން މަދުކޮށްދިނުމަށެވެ.

5. ޔުނިވާސިޓީ އޮފް ބްރަސަލްސްގެ ރިސާޗަރުން މި އަހަރު ހެދި ދިރާސާއެއްގައި ބުނާގޮތުން ހަނޑޫ ފެނުއަޅާފައި ހުންނަ ފެނުން ދުވާލަކު ދެ ފަހަރު 15 މިނެޓުވަންދެން ފެންވަރައިފި ނަމަ ހަންގަނޑު ހަލާކުވުމުން ދުުރުކޮށް އަލުން ތާޒާކޮށްލުމަށް އެހީތެރިވެ އެވެ.

6. ބައެއް ކަހަލަ ރައިސް ވޯޓާ ސޮލިއުޝަންސް ބޮލުގައި ހޭކުމުން ބޮލުން ހަންފޮޅުމުން ދުރުކޮށްދޭ ކަމަށް 2011 ވަނަ އަހަރު ހެދި ދިރާސާއެއްގައި ބުނެފައިވެ އެވެ. ސަބަބަކީ ޒިންކާއި ސެލީނިއަމްގެ ސަބަބުން ބޮލުގައި ހަންފޮޅުމަށް މެދުވެރިވާ ފަންގަސް އިތުރުވިޔަ ނުދޭތީ އެވެ. 

6.  ޕޯޗުގަލް ރިސާޗަރުންތަކެއް 2018 ގައި އިންޓަނޭޝަނަލް ކޮސްމެޓިކް ޖާނަލްގައި ބުނެފައިވަނީ ހަނޑޫ ފެނުގައި އެންޓި-އޭޖިން އިފެކްޓެއް ހުންނަ ކަމުގަ އެވެ. އަދި ޖެލްއެއް ގޮތުގައި މަހެއްހާ ދުވަސް ވަންދެން ގައިގައި ހަނޑޫ ފެން ހާކާ ނަމަ ހަންގަނޑު ހައިޑްރޭޓްވެ، އެންޓިއޮކްސިޑަންޓްސްގެ ހަރަކާތްތައް އިތުރުވުމުގެ އިތުރުން ހަންގަނޑުގައި ރޫޖައްސާ އަދި މުސްކުޅިކަމަށް ދައްކުވައިދޭ އެންޒައިމް ކަމުގައިވާ 'އިލަސްޓޭޓް' އުފެއްދުން ދުރުކޮށްދޭ ކަމުގަ އެވެ. އިލަސްޓޭޓަކީ  ހަމުގައި ހުންނަ އިލާސްޓިކް ފައިބަރުތަކުގެ ބާރު ކަނޑުވާލާ އެއްޗެކެވެ.

މީގެ އިތުރުން ޑރ. ފާތިމާ ފާހަގަ ކުރެއްވީ އެއީ ގުދުރަތީގޮތުން ސާފުކޮށްދޭ އަދި އިރުގެ ޔޫވީ ރޭޑިއޭޝަނާއި ވަށައިގެންވާ މާހައުލުން ލިބޭ ގެއްލުންތަކުން ރައްކާތެރިކޮށްދީ، ބޮލުގެ ޕީއެޗް ބެލެންސް ކޮށްދޭ އެއްޗެއް ކަމުގަ އެވެ.

ހަނޑޫ ފެން ބޭނުން ކުރާނީ ކިހިނެއް؟

ހަނޑޫ ފެން ބޮލުގައި ލުމުގައި ސަމާލުވާންވީ ބޮލުތެރޭގައި ލައި ރަނގަޅަށް މަަސާޖް ކުރުމަށް

ހަނޑޫ ފެނުގެ ބައެއް ފައިދާތައް އިސްތަށިގަނޑަށް އޮތަސް އޭގެ ބޮޑު ބަޔަކީ ބޮލުގެ އެތެރޭގެ ހަންގަނޑަށް ލިއްބައިދޭ އެއްޗެކެެވެ. އިސްތަށީގެ ބުޑަށް ވުރެ މައްޗަށް އޮންނަނީ މަރުވެފައިވާ ސެލްތަކެކެވެ. އެހެންވެ ބޮލުގައި ހަނޑޫ ފެން ލުމުގައި ސަމާލުވާންވީ އިސްތަށިގަނޑުގެ ތިރީގައި ލުމުގެ ބަދަލުގައި ބޮލުގެ އެތެރޭގައި ރަނގަޅަށް ހޭކުމަށެވެ.

އިސްތަށިގަނޑު އަބަދު ކިސުޅިވެފައިވާ ނަަމަ ބޮލުގައި ހަނޑޫ ފެން ލުން ރަނގަޅީ މަހަކު އެއްފަހަރު އެވެ. ސަބަބަކީ ކިސުޅިވެފައިވާ އިސްތަށިގަނޑުގައި އަވަހަށް ޕްރޮޓީން އާއި އެމީނޯ އެސިޑްސް ހަރުލައި އަލުން ފަސޭހައިން ދެކަފިވުމާއި އިސްތަށި ފޭބުމަށް މެދުވެރިވާތީ އެވެ. އެހެންކަމުން ހަނޑޫ ފެން ބޭނުން ކުރުމަށް ފަހު އިސްތަށިގަނޑު ރަނގަޅަށް ދޮންނަންވެ އެވެ.

ނޯމަލް އަދި ތެޔޮކޮށް އޮންނަ އިސްތަށިގަނޑުގައި ހަނޑޫ ފެން ހަފްތާއަކު އެއްފަހަރު ލުން ރަނގަޅުކަމުގައި ތަޖުރިބާކާރުން ބުނެ އެވެ.

ހަނޑޫ ފެން ބޭނުން ކުރުމަށް ބޮލުގެ އެތެރޭގައި ރަނގަޅަށް ފެން ލައި މަސާޖްކުރާށެވެ. މި ގޮތަށް މަސާޖް ކުރުމަށް ފަހު، 15-30 މިނެޓު ވަންދެން ބަހައްޓާފައި ރަނގަޅަށް ދޮވެލާށެވެ.

ހަނޑޫ ފެން ތައްޔާރު ކުރަނީ ކިހިނެއް؟

ހަނޑޫ ފެން ތައްޔާރުކުރަން ފަސޭހަ

ހަނޑޫ ފެން ތައްޔާރު ކުރުމަށް އެންމެ ފުރަތަމަ ހަނޑޫ ރަނގަޅަށް ދޮވެލާށެވެ. މި ފެން ތައްޔާރުކުރުމަށް ބޭނުން ކުރަން އެންމެ ރަނގަޅީ ހުދު ހަނޑުލެވެ.

ބައި ޖޯޑު ހަނޑުލަށް ދެ ޖޯޑު ފެން އަޅާފައި 30 މިނެޓު ވަންދެން ބަހައްޓާށެވެ. ނޫން ނަމަ ކަމީރު ކުރުމަށް އެއް ދުވަސް ވަންދެން ބަހައްޓާށެވެ.

އެހެން ގޮތަކަށް ތައްޔާރުކުރަން ބޭނުން ނަމަ ހަނޑޫ ކައްކާ އިރު އިތުރުވާ ފެންފޮދު ނަގާށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް