ފެޝަން

ގަހަނާ ޑިޒައިނުން ގުޅުވާލަދިނީ ޔޫރަޕާއި ރާއްޖެ

ކަންފަތު މުދި ތަފާތު ގޮތަކަށް އުފައްދަމުން އަންނަ ބަޓަންޒްގެ ފަހަތުގައި ވަނީ ދެމަފިރިން ކަމަށްވާ ފަތިމަތު ނަޒީރު ޖަމާލް (ޗުއްޕި) އާއި ކާއި ޒަޔަން މަލްޓްނަ
31 އޯގަސްޓު 2022

ކޮމާޝަލް ބްރޭންޑަކުން އިހްލާސްތެރި އަދި ލޯބި 'ބެކް ސްޓޯރީ'އެއް އަޑުއަހާލަން ލިބެނީ މަދު ފަހަރަކު އެވެ. އޭގެ އެއް ބްރޭންޑް އަކީ ބަޓަންޒް އެވެ. ކަންފަތު މުދި ތަފާތު ގޮތަކަށް އުފައްދަމުން އަންނަ ބަޓަންޒްގެ ފަހަތުގައި ވަނީ ދެމަފިރިން ކަމަށްވާ ފަތިމަތު ނަޒީރު ޖަމާލް (ޗުއްޕި) އާއި ކާއި ޒަޔަން މަލްޓްނަ އެވެ. ޖަރުމަނަށް އުފަން ކާއި އޭނާގެ ދިވެހި އަންހެނުން ޗުއްޕިއާ އެކު މުދި ފަރުމާ ކުރަން ފެށި ގޮތް 'ދައުރު' އަށް ކިޔައިދިނެވެ.

ބަޓަންޒް ބްރޭންޑުގެ ކާއި އަދި ޗުއްޕި. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ބަޓަންޒް އުފެދުނީ ކިހިނެއް؟

ބަޓަންޒް އަކީ އިނގިރޭސި ބަހުން ގޮށަށް 'ބަޓަންސް' ކިޔާ ގޮތަށް އެކަމަކު ޒަމާނީ ގޮތަކަށް ލިޔެފައި. ކުޑައިރު ވެސް ގަހަނާއަށް ވަރަށް ބޮޑު ޝައުގެއް ހުރި. އޭރު ކުދި، ރީތި ގާ ހޮވައި ރައްކާކޮށްގެން ގެންގުޅެން. ދެން ތަރިތަކުގެ ރީތިކަމަށް ހުއްޓާނުލާ ބަލަން ކިތަންމެ އިރެއް ވަންދެން ވެސް އިނދެވޭކަން ހަނދާންވޭ. ގަހަނާ އަކީ މީހެއްގެ ރީތިކަން އިތުރު ކޮށްދޭ އެއްޗެއް. އެ 'ސްޕެޝަލް ޓަޗް' ގެނެސްދޭ ބައެއް އެއީ.  އެމީހަކު ނިސްބަތްވާ އާދަކާދަ އާއި ސަގާފަތް ދައްކުވައިދޭ އެއްޗެއް ވެސް މެ. އެހެންވެ އަހަރެން ގަބޫލު ކުރަނީ ގަހަނާ އަކީ ވަރަށް 'ޕާސަނަލް' އަދި ގިނަ ކަންތައްތަކެއް ދޭހަ ކޮށްދޭ އެއްޗެއް ކަމަށް. 

ޗުއްޕިއާ ކައިވެނި ކޮށްގެން އުޅެން ފެށިއިރު، އޭނާގެ އެކި ކުލަކުލައިގެ ނަލަ އިއަރިންތައް ފާހަގަވި. ޗުއްޕި އަކީ އާޓިސްޓެއް އަދި ކުލަ ގެންގުޅެން ވަރަށް މޮޅު. އެކަމަކު އެކަހަލަ ރީތި ގަހަނާއެއް ފިރިހެނުންނަށް އާއްމުކޮށް ލިބޭކަށް ނުހުރޭ. އަދި ކަންފަތް ސްޓްރެޗު ނުކޮށް ނޯމަލް ކޮށް ހުންނަ، ކަންފަތަށް ލައްވާނެ ސަޅި އިއަރިންއެއް ނުހުރޭ.

  • ބަޓަންޒް ބްރޭންޑުގެ ކާއި. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
  • ބަޓަންޒް ބްރޭންޑުގެ ކާއި. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
  • ބަޓަންޒް ބްރޭންޑުގެ ކާއި. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އެއްފަހަރަކު އަހަރެމެންގެ ކޭމްޕާ ވޭންގައި ޔޫރަޕު ތެރޭ ކުރި ދަތުރެއްގައި ސްޕެއިންގެ އަލްމަރިއަ ކިޔާ ޓައުންއެއްގައި މަޑު ކުރިން. އެ ތަނުން ވަރަށް ރީތި އެންޓީކް ގޮށްތަކެއް ފެނުނު. ދެން އެ ގޮށް އިއަސްޓަޑްސް ގޮތަށް ބޭނުން ކުރަން ވިސްނުނީ. އެ ގޮށް ހަރުކޮށްލީ ބޭނުން ކުރަމުން އައި އިއަސްޓަޑްސް ޖޯޑެއްގައި. އޭރު ގޮށެއްހެން ބެހެއްޓީ. އިތުރު ބަދަލެއް ނުގެންނަން. ފަހުން އަހަރެމެން ފަރުމާ ކުރި ސްޓަޑްސްގައި، އާއްމުކޮށް ގޮށުގައި އިންނަ ހަތަރު ލޯވަޅު ބޭނުން ނުކުރީ. އެއީ އޭގެ ސަބަބުން، އަހަރެމެން ފަރުމާކުރި ޑިޒައިން ނުފެންނާތީ. މިއީ ބަޓަންޒް ފެށުނު ގޮތް. 

ދެން ބަޓަންޒްގެ ޑިޒައިން ފަރުމާ ކުރިއިރު ވިސްނީ ގުދުރަތާއި ސަގާފަތް އެކުލެވޭ އެކްސްޕީރިއަންސެއް ގެނެސްދޭން. ކޮންމެ ޖިންސަކާ ވެސް ގުޅޭ، ފްރީޑަމް އޮފް އެކްސްޕްރެޝަންއެއްގެ ގޮތުގައި. ބަޓަންޒްގެ އިއަސްޓަޑްސް ފަރުމާކޮށްފައި އެ ވަނީ ސްޓްރެޗްޑް އިއަހޯލްއެއްގެ ސިފަ ދައްކުވާދޭ ގޮތަށް ބޮޑުކޮށް ވަށްކޮށް.

އިއަސްޓަޑްތަކުން ފެންނަ ކުރެހުންތައް ޑިޒައިންކޮށް ކުރަހައިފައި ވަނީ ކާކު؟

ކޮންމެ ޑިޒައިނެއްގެ މަސައްކަތް ވެސް ފުރަތަމަ ފެށެނީ ހިޔާލަކުން. ދެން އެ ހިޔާލުތައް މޫޑް ބޯޑްއެއްގައި އެއްކޮށްލަނީ. އަހަރެންގެ ހިޔާލުތައް އެކުލަވާލައި ކުރަހަން އެހީތެރި ވަނީ އަހަރެމެންގެ ގާތް ރަހުމަތްތެރިއެއް، އާޓިސްޓު ކެރޮލިނަ މައިލައިޓެ. ދެން ޗުއްޕި ވެސް މިފަހަރު ހާއްސަ ޑިޒައިނެއްގެ އިއަސްޓަޑްސް ނެރެފި.

ގަހަނާ ފަރުމާ ކޮށްފައިވަނީ ކޮންކަހަލަ މެޓީރިއަލަކުން؟

ބަޓަންޒްގެ އުފެއްދުންތައް ފަރުމާކުރަން ބޭނުން ކޮށްފައިވަނީ ފެންވަރު ރަނގަޅު މެޓީރިއަލް. އެއީ އެފް.އެސް.ސީ ސާޓިފައިޑް ވުޑް. އަދި އިއަސްޓަޑްސްގެ ހޯލްޑަރަށް ބޭނުން ކުރަނީ ހައި ކުއަލިޓީ ސްޓެއިންލެސް ސްޓީލް. އަހަރެމެން ބޭނުންކުރާ ހިތްވަނީ ރީގްރޯވިން މެޓީރިއަލް. ދެން އެލާޖީ ފްރެންޑްލިނަސް އަށް ބަލާފައި އަދި ދަބަރު ނުޖަހާ މެޓީރިއަލްއެއްގެ ގޮތުގައި ސްޓެއިންލެސް ސްޓީލް އަކީ އެންމެ ރަނގަޅު ބާވަތް. ލަކުޑީގައި ޕްރިންޓު ކޮށްފައި ހުރި ޑިޒައިން އަކީ ކޯޓަޑް އަދި ވޯޓާ ރެސިސްޓަންޓް ވައްތަރެއް.

ބަޓަންޒް ވަނީ އެކި ވައްތަރުގެ ކަލެކްޝަންތައް ނެރެފައި. އޭގެ ތެރޭގައި، ކޮލެބޮރޭޓު ކޮށްގެން ނެރުނު ކަލެކްޝަންތަކެއް ވެސް ހިމެނޭ. އޭގެ ބޭނުމަކީ ކޮބާ؟

އާޓިސްޓުންނާ އެކު ކޮލެބޮރޭޓު ކޮށްގެން ނެރޭ ޑިޒައިންތަކުގެ އަމާޒަކީ އެ އާޓިސްޓުންގެ ހުނަރު ދައްކާލުން. ވެއަރަބަލް ގޮތަކަށް އެ އާޓްވޯކް ދައްކާލައި އެ މަސައްކަތް އިތުރަށް ފުޅާ އޯޑިއަންސް އަކަށް ނެރެދޭން ބޭނުންވަނީ. އަދި އެ އާޓިސްޓުގެ މަސައްކަތަކަށް ވީމަ، އެ މީހަކަށް ފޯކަސް ކުރަން. ކޮންމެ ކޮލެބް ކަލެކްޝަނެއްގައި ވަނީ ލިމިޓަޑް ސްޓޮކް. އަދި އުފައްދާނެ އަދަދު ނިންމާނީ ވެސް އެ އާޓިސްޓު. ދެން ލިމިޓަޑް ސްޓޮކް އަކަށް ވީމަ އެ ކަލެކްޝަނަށް ލިބޭނެ 'ކަލެކްޓާސް' ސްޓޭޓަސް. ދެން އަހަރެމެން ނަގަނީ އުފައްދަން ހިނގާ ހަރަދު. ވިކޭ ކޮންމެ އެއްޗަކުން އާޓިސްޓަށް ރަނގަޅު ޝެއާއެއް ވެސް ދެން.

ބަޓަންޒް އަކީ ޖަރުމަނާއި ރާއްޖެއަށް ނިސްބަތްވާ ބްރޭންޑެއް. މި ބްރޭންޑުގެ ތެރެއިން މި ދެ ސަގާފަތް ގުޅިގެންދަނީ ކިހިނެއް؟

މައިގަނޑު އެއް ކަމަކީ ޗުއްޕި އަކީ ދިވެއްސަކަށް ވެފައި އަހަންނަކީ ޖަރުމަނު މީހަކަށް ވުން. ދެން ޗުއްޕި އަކީ އާޓިސްޓެއް. އަދި ފާއިތުވި 17 އަހަރު ތެރޭގައި ދިވެހި ފަންނުވެރިންނާ ދިމާވެ ރަހުމަތްތެރިކަން ބަދަހިވެ އެމީހުންގެ މަސައްކަތް ވެސް ދުނިޔެއަށް ދައްކާލަން ބޭނުންވޭ. ރާއްޖެ އަކީ އަހަރެންގެ ސެކަންޑް ހޯމް. އަހަރެމެންގެ އޯޝަން ކަލެކްޝަން އާއި އާޓް ކަލެކްޝަންގެ އިންސްޕިރޭޝަނަކީ ވެސް ރާއްޖެ. މުސްތަގުބަލުގައި ނެރޭ ޑިޒައިންތަކުގައި ދިވެހިރާއްޖެ އިންސްޕަޔާޑް ޑިޒައިންސް އިތުރުވާނެ. ދެ ގައުމުގެ ތާރީހީ ސަގާފަތަށް ބަލާ ނަމަ އަހަންނަށް ފާހަގަވިގޮތުގައި ރާއްޖޭގެ ކުރީގެ ގަލު ޑިޒައިންތަކާއި ކުރީގެ ޖަރުމެނިކް ގަބީލާތަކުގެ ސްޓޯން ކާވިންސް އާއި ވައްތަރު ބައެއް ކަންތައްތައް ހިމެނޭ.

ބަޓަންޒް ބްރޭންޑުގެ ކާއި އަދި ޗުއްޕި. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ގަހަނާ ބްރޭންޑެއް އުފެއްދި އިރު ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ކޮބާ؟

ކޮންމެ ޑިޒައިނެއް ވެސް ފަށަނީ ހިޔާލަކުން. ދެން އެ ހިޔާލު ފިނިޝްޑް ޕްރޮޑަކްޓް އަކަށް ހަދަން މަސައްކަތް ކުރާއިރު ގިވް އަޕް ނުކޮށް އެއީ ޗެލެންޖެއްގެ ގޮތުގައި ބަލަން. ބަޓަންޒް، ހިޔާލަކުން އަސްލު ޕްރޮޑަކްޓަކާ ހިސާބަށް ގެންދަން ގާތްގަނޑަކަށް ދެ އަހަރު ނެގި. ބްރޭންޑުގެ ވެބްސައިޓު އުފެއްދީ ވެސް އަހަރެން. އެއަށް ގިނަ ވަގުތުތަކެއް ނެގި. އެކަމަކު އެހެން ފަރާތަކާ ހަވާލުނުކޮށް އަމިއްލައަށް ދަސްކޮށްގެން އެކަން ނިންމީ.

ބަޓަންޒްގެ ވެބްސައިޓުން ފެންނަ ގިނަ ފޮޓޯތައް ނަގާފައި ވަނީ ގްރެފިކް ޑިޒައިނާ ފަންކޮ. އަދި ފޮޓޯތަކުން ފެންނަ ދިވެހި މޮޑެލްސްގެ ކޮންޓްރިބިއުޝަންގެ ސަބަބުން އެ ފޮޓޯތައް އިތުރަށް ފުރިހަމަކޮށްދިން.

މިހާތަނަށް ބަޓަންޒްއިން ނެރެފައި ވަނީ އިއަސްޓަޑްސް. މުސްތަގުބަލުގައި އިތުރު ބާވަތުގެ ގަހަނާ ނެރޭނަންތަ؟

ބަޓަންޒް އަކީ ލިމިޓެޑް ސްޓޮކްގެ ބްރޭންޑެއް. ކޮންމެ ޑިޒައިނަކަށް ނެރޭ ސްޓޮކް ހުސްވީމަ އާ ޑިޒައިނަކަށް އަނެއްކާވެސް ބެޗެއް އުފައްދަނީ. އަހަރެމެން މި މަސައްކަތް ކުރަނީ ހަމައެކަނި ވިޔަފާރިން ފައިދާއެއް ހޯދާކަށެއް ނޫން. އަހަރެމެންގެ ގަހަނާއިން ހާސިލު ކުރަން ބޭނުންވާ އަމާޒަކީ އަމިއްލަ މީހާގެ އައިޑެންޓިޓީ، އާޓް އަދި ސަގާފަތުގެ ހަނދާނަކަށް ބަޓަންޒް ވުން. އަހަރެމެންގެ ކާބަފައިން ގިނަ ކަންތައްތައް ކޮށްފައިވަނީ ވަރަށް ފުރިހަމަކޮށް.

ފަންކޮއާ އެކު މުސްތަގުބަލުގައި ތްރީ-ޑީ ޕްރިންޓް ވެއަރަބްލްސް އުފައްދަން މިހާރު މަސައްކަތް މިކުރަނީ. 

ބަޓަންޒްގެ އުފެއްދުންތައް ގަންނަން ލިބޭނީ ކޮންތާކުން؟

ބަޓަންޒްގެ އުފެއްދުންތައް ގަންނަން ބޭނުންވާ މީހުންނަށް އަހަރެމެންގެ ވެބްސައިޓު ނުވަތަ ސޯޝަލް މިޑިއާ ޕޭޖުން ގަނެވޭނެ. އަދި ވަރަށް އަވަހަށް އައިލަންޑް ބާޒާރު ފިހާރައިން ލިބެން ހުންނާނެ.

ވިކޭ ކޮންމެ އިއަސްޓަޑް ޖޯޑަކުން 1 ޑޮލަރު ނުވަތަ 1 ޔޫރޯ ކޮންޒާވަންސީ ޕްރޮޖެކްޓުތަކަށް ހަދިޔާކުރަން. އެއީ ގްލޯބަލް ގިވިން ނުވަތަ ރާއްޖޭގެ އީކޯސިސްޓަމްސް ހިމާޔަތް ކުރަން މަސައްކަތް ކުރާ ސޭވް ދަ ވޭވްސް އަށް.

އިތުރު އާޓިކަލް

އިތުރު އާޓިކަލް