މަސްއޫދަށް ހަމަލާ ދިންތަން ފެންނަ ވީޑިއޯގެ ސްކްރީންޝޮޓެއް: ފޮނަދޫ ކޯޓުން ނިންމާފައި ވަނީ މި ވީޑިއޯ ހެއްކެއްގެ ގޮތުގައި ބަލައިނުގަތުމަށް

މާރާމާރީ

ދަގަނޑުބުރިއަކުން މަސްއޫދަށް ހަމަލާ ދިން ކަމަށް ބުނާ މީހާގެ މައްޗަށް ކުށް ސާބިތެއް ނުވި

މަސްއޫޫޫދުގެ އަންހެނުން ސައިކަލު ފަހަތުގައި އިނދެގެން ނެގި ވީޑިއޯ ބަލައިނުގަތުމަށާއި އޭނާގެ އަންހެނުންގެ ހެކިބަސް ބަލައިނުގަތުމަށް ވެސް ފޮނަދޫ ކޯޓުން ނިންމި
22 އޭޕްރީލު 2022
5

ދިއެފްއެމް ރޭޑިއޯގެ ކުރީގެ ސީއީއޯ އަދި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ކުރީގެ މެންބަރު މަސްއޫދު ހިލްމީ އަށް ހަމަލާ ދިން މައްސަލައިގައި ކުރި ދައުވާ ސާބިތު ނުވާ ކަމަށް ލ. ފޮނަދޫ މެޖިސްޓްރޭޓު ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.

މައްސަލައިގެ ފެށުން - 3 އޮގަސްޓް 2021 ވަނަ ދުވަހުގެ ރޭ 21:13 އެހާކަށްހާއިރު، މަސްއޫދު އޭނާގެ އަނބިމީހާއާ އެކު ފޮނަދޫގައި ސައިކަލެއްގައި ދަނިކޮށް، އެހެން ސައިކަލެއްގައި އައިސް މަސްއޫދާ އަރާ ހަމަކޮށް ދަގަނޑުބުރިއަކުން އޭނާގެ އަތުގައި ޖަހައި އޭނާ ޒަހަމްކޮށްލީ ލ. ފޮނަދޫ، ދިލްކުސާގެ، އަހުމަދު ޝަމީމް ކަމަށް ދައުލަތުން ބުނެ އެވެ.

  • ޝަމީމްގެ މައްޗަށް ކުރީ ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ

  • އެ ކުށުގެ އަދަބަކީ 7 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން

  • އެ މައްސަލަ ބެލީ ލ. ފޮނަދޫ މެޖިސްޓްރޭޓު ކޯޓުން

މަސްއޫދު ކުރިން ވިދާޅުވެފައިވާ ގޮތުގައި ޝަމީމްއަކީ އޭނާއާ ޒާތީ މައްސަލައެއް އޮންނަ މީހެކެވެ. އެގޮތުން، އޭނާއަށް ގެއްލުން ދިނުމަށް ޝަމީމް ކުރިން ވެސް އެކި ކަންތައް ކޮށްފައި ހުންނާނެ ކަމަށް އޭނާ ވިދާޅުވެ އެވެ.

ދައުލަތުން ކުރި ދައުވާ ސާބިތު ކުރުމަށް އޭނާ އާއި އޭނާގެ އަންހެނުން ވެސް ވަނީ ކޯޓުގައި ހެކިބަސް ދީފަ އެވެ. އަދި އަންހެނުންގެ ފޯނުން ނެގި ހާދިސާގެ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ފުލުހުންނަށް ދިނެވެ. އެ ވީޑިއޯގެ ރިޕޯޓު ފުލުހުން ހެއްކެއްގެ ގޮތުގައި ހުށަހެޅި އެވެ.

ހެކިބަސް ދެމުން މަސްއޫދު ބުނެފައި ވަނީ

  • ހަމަލާ ދިން ރޭ ސައިކަލުގައި ދަނިކޮށް ޝަމީމް ފެނުނު އަދި އޭނާ ދިޔައީ އެއްޗެކޭ ބުނެފައި

  • ފަހުން އޭނާ ދަގަނޑު ބުރިއެއް ހިފައިގެން ސައިކަލުގައި އައިސް ޖަހަން އުޅުނީ އޭނާގެ ބޮލުގައި؛ އެކަމަކު ސަލާމަތްވާން އަތް ހިއްލާލުމުން ޖެހުނީ އަތުުގައި

  • ގައިގައި ޖަހާފައި ޝަމީމް ބާރަށް ދުއްވާފައި ނަދިޔައީ ކަމަށާއި އޭނާގެ ފަހަތުން ދިޔަ ކަމަށް މަސްއޫދު ވިދާޅުވި

  • އެ ހާދިސާގެ މަންޒަރު އޭނާގެ އިތުރުން އޭނާގެ އަނބިމީހާއަށް ވެސް ވަރަށް ސާފުކޮށް ފެންނާނެ ކަމަށާއި އަނބިމީހާ ފޯނުން އެގަޑީގައި ވީޑިއޯ ނެގި ކަމަށް ވެސް ވިދާޅުވި

ދިފާއީ ހަތަރު ހެކިން ބުނީ ޝަމީމް ހުރީ ގެއެއްގައި ކަމަށް

ޝަމީމްގެ ފަރާތުން ދިފާއީ ފަސް ހެކިވެރިން ހުށަހެޅި އެވެ. އޭގެ ތެރެއިން ހެކިބަސް ނެގި ހަތަރު މީހުން ވެެސް ބުނެފައި ވަނީ ހާދިސާ ހިނގި ކަމަށް ބުނާ ވަގުތު ޝަމީމް ހުރީ، ފޮނަދޫގެ ގެއެއްގެ ތެރޭގައި އެ މީހުންނާއެކު ބެޑްރޫމް ސެޓެއް ރާވަން ކަމަށާއި އޭނާ އެ ގެއިން ބޭރަށް ނުދާ ކަމަށެވެ.

އެއް ހެކިވެރިއަކު ބުނެފައި ވަނީ އެ މަސައްކަތުގައި އޭނާ ހަވީރު 5:40 ހާއިރުން ފެށިގެން ރޭގަނޑު 11:00އާ ޖެހެންދެން އުޅުނު ކަމަށެެވެ. އަދި އޭނާ އެއްވެސް ދަގަނޑުބުރިއެއް ނުވަތަ ލަކުޑިބުރިއެއް ހިފައިގެން އުޅުނު ތަނެއް އަދި އެފަދަ އެއްޗެއް ހިފައިގެން ބޭރަށް ނުކުތް ތަނެއް ނުފެންނަ ކަމަށް ހެކިވެރިއަކު ބުނެފައިވެ އެވެ.

އެކަމަކު ދައުލަތުން ބުނެފައި ވަނީ:

  • ދިފާއީ ހެކިން ޝަމީމްއާ އޮތް ގުޅުމެއްގެ ސަބަބުން އެ މީހުން އޭނާގެ މަސްލަހަތު ހިމާޔަތް ކުރަން އުޅެފާނެ ކަމަށް

  • ހެކިބަސް ދީފައިވާ ގޮތަށް ބަލާއިރު އާންމު މިންގަނޑުން އެ ހެކިބަހާ މެދު ޝައްކުގެ ނަޒަރު އުފެދި އެއަށް ބުރަދަން ދިނުމުގައި ފާރަވެރިވާން ޖެހޭ ހާލަތެއް އޮތް ކަމަށް

  • ޝަމީމް ފިޔަވައި އިތުރު މީހަކަށް މި މައްސަލައިގައި ތުހުމަތު ނުކުރެވޭ އަދި ތަހުގީގުގައި އެހެން މީހަކަށް ރައްދުވާފަދަ އެއްވެސް ހެއްކެއް އަދި ވާހަކައެއް އަޑުއިވިފައި ނުވާ ކަމަށް

  • އޭނާ ކުށް ކުރި ކަމަށް ހެކިބަސް ދޭ އިރު އެކަމަށް ބާރުދޭ ފޮރެންސިކް ހެކި އެބަ ހުރި ކަމަށް

މަސްއޫދު ހިލްމީ: އޭނާއަށް ހަމަލާ ދިން ކަމަށް ބުނާ މީހާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ވަނީ ހުކުމް ކޮށްފައި

އެކަމަކު، ލ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓު އަލީ ޝަރީފް އިއްޔެ ކުރެއްވި ހުކުމުގައި ވަނީ ދައުލަތުގެ ހެކިން ދެއްކި ބައެއް ވާހަކަތަކުގައި ފުށޫއެރުން އެބަ ހުރި ކަމަށެވެ. އަދި ޝަމީމްގެ އަންހެނުން ސައިކަލު ފަހަތުގައި އިނދެގެން ނެގި ވީޑިއޯ ބަލައިނުގަތުމަށާއި އޭނާގެ އަންހެނުންގެ ހެކިބަސް ބަލައިނުގަތުމަށް ވެސް ނިންމި އެވެ.

ޝަރީއަތުން ފާހަގަ ކުރި ބައެއް ކަންކަން

  • އަނިޔާވީ އޭނާގެ ކަނާއަތަށް ކަމަށް ދައުލަތުން ހުށަހެޅި ލިޔުންތަކުގައި ވީ ނަމަވެސް، މެޑިކޯ ލީގަލް ރިޕޯޓު ތައްޔާރު ކުރި ޑޮކްޓަރު ބުނީ އަނިޔާވީ ވައަތަށް ކަމަށް

  • މަސްއޫދުގެ އަންހެނުން ވީޑިއޯ ނެގި ފޯނު ހުޅުވާފައި ވަނީ ގަވައިދުގައިވާ އިޖުރާއަތާ ހިލާފަށް ކަމަށް ބުނެ އެ ހެކި ބަލައިނުގަންނަން ނިންމާފައިވޭ؛ އެހެންވެ، ވީޑިއޯ އެންޑް އިމޭޖް އެނަލިސިސް ރިޕޯޓާއި އެ ރިޕޯޓު ތައްޔާރު ކުރި އޮފިސަރުގެ ހެކިބަސް ބަލައިގެންފަައި ނުވޭ

  • މަސްއޫދުގެ އަންހެނުން އޭނާއާ އެއްކޮޅަށްދޭ ހެކިބަހަކީ މަސްލަހަތު ފުށޫ އަރާ ހެކިބަހެއް ކަމުގައި ބެލެވޭނެ ކަމަށް ނިންމައި އޭނާގެ ހެކިބަސް ބަލައިނުގަންނަން ނިންމި

  • ހަމަލާ ދިނުމަށް ފަހު ޝަމީމް ދިޔަ މަންޒަރު ފެނުނު ކަމަށް ހެކިވެރިއަކު ބުނި ނަމަވެސް، ޝަމީމް ހުރީ އެހެން ގެއެއްގައި ކަމަށް ހަތަރު ހެކިވެރިން ބުނާތީ އޭނާގެ ހެކިބަހަށް ބުރަދަން ދަށްވޭ

  • ހަމަލާ ދިނުމަށް ބޭނުން ކުރި ދަގަނޑުބުރި ފުލުހުން ހޯދި ކަމެއް އަދި އެ ދަނގަޑުބުރި ހޯދަން ކުރި އެއްވެސް މަސައްކަތެއްގެ ވާހަކަ ދައުލަތުން ކިޔައިދީފައެއް ނުވޭ

މި ކަންކަމާ ހެދި، ދައުލަތުން ކުރި ދައުވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުނުވާ ކަމަށް އަލީ ޝަރީފް ހުކުމް ކުރެއްވި އެވެ.



ކޮމެންޓް (5)

އަޖޫ ސަލު

22 އޭޕްރީލު 2022
އެންމެ ހެއްކެއް ވެސް ބަލައިގަނެފަ އޮތްކަން ދެރައީ. ނަސީބެއްނު މަސްއޫދު ކުއްވެެރި ނިމުނުކަން.
1 0

ާ thank goodness

22 އޭޕްރީލު 2022
މައްސަލަ މަތީކޯޓެއްގއި އިސްތިއުނާފް ކުރަންފެނޭ!
1 0

ޟުހުނާ

22 އޭޕްރީލު 2022
ވީޑިއޯ ނަގަން ފޯނު ހުޅުވަން ޖެހޭ ވަކި އިޖުރާއަތްތަކެއްވެސް އޮވޭތަ؟ ލޮލް.
0 0

ޝަރީފު

22 އޭޕްރީލު 2022
ޢަހަންނަށް ހީވަނީ ގާޒީއަށް ވަރަށް ނުފޫޒު އައިސްފަ ހުރިހެން
7 1

ދޮގުހެކި

22 އޭޕްރީލު 2022
ދޮގުހެކި ދިނުމުގެ ނުރައްކާތެރިކަން އެނގޭތަ މި މީހުންނަށް؟
8 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް