އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ (ފޮޓޯ/އަދާލަތު ޕާޓީ)

އަދާލަތު ޕާޓީ

އަދާލަތުން ބުނީ ޔޯގާ ހަރާމް ކަމަށް؛ ރައީސްއަށް ގޮވާލީ އިސްލާމީ އުސޫލުތައް ނެގެހެއްޓުމަށް

ރާއްޖޭގައި ޔޯގާ އާންމުވިޔަ ނުދިޔުމަށް ސަމާލުވާން ޖެހޭނެ ކަމަށް އަދާލަތުުގެ އިލްމުވެރިން ނެރުނު ކަރުދާހުގައި ބުނެފައިވޭ

ޔޯގާ އަކީ ހަރާމް ކަމެއް ކަމަށް ބުނެ، އިސްލާމީ އުސޫލުތައް ގައުމުގައި ނެގެހެއްޓުމަށް، ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިރޭ ގޮވާލައިފި އެވެ.

ވީ ކިހިނެއް؟ - 'އިސްލާމީ ފިގުހުވެރިންގެ މީޒާނުގައި ޔޯގާ'ގެ ނަމުގައި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން މިރޭ ވަނީ ޔޯގާ ހަރާމް ކަމަށް ގަބޫލު ކުރާ ސަބަބުތައް ބަޔާންކޮށް، ކަރުދާހެއް ނެރެފަ އެވެ.

ތަފްސީލް - އެ ކަރުދާސް ނިންމާލަމުން ބުނެފައި ވަނީ ބަވަނަވެފައިވާ މިއަދުގެ ދުނިޔޭގައި އެކި ދީންތަކާއި ގައުމުތަކުގެ ސަގާފަތްތައް އެއް ގައުމުން އަނެއް ގައުމަށް އަންނަމުންދާ އިރު، ރާއްޖެ ފަދަ ސައްތައިން ސައްތަ މުސްލިމު މުޖުތަމައަކަށް އަންނަ އާދަކާދަތަކާއި ސަގާފަތްތަކަކީ އިސްލާމްދީނާ ފުށުއަރާ ކަމެއް ކަމުގައި ވިޔަދީގެން ނުވާނެ ކަމަށެވެ.

އަދާލަތުން ބުނީ ޔޯގާގެ އަސްލަކީ ހިންދޫ ދީނުގެ ކަމެއްކަން ސާފުވެގެން ގޮސްފައިވާއިރު، ރާއްޖޭގައި އެފަދަ ކަމެއް އާންމުވެ ނުދިޔުމަށް ސަމާލުވާން ޖެހޭނެ ކަމަށެވެ. އެއާ އެކު އަދާލަތުގެ ކަރުދާހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ސަރުކާރަށް ގޮވާލީ ރާއްޖޭގައި އިސްލާމީ އުސޫލުތަކާއި އަސާސްތައް ނެގެހެއްޓުމަށެވެ.

"އެހެންކަމުން މިކަންކަމަށް ސަމާލުވެ އިސްލާމީ އަސާސްތަކާއި އުސޫލުތައް ހިފަހައްޓާ ނެގެހެއްޓުމަށް ދިވެހި ރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާއަށާއި ކަމާ ގުޅުންހުރި އެންމެހާ މުއައްސަސާތަކަށާއި ދިވެހި ލޮބުވެތި ރައްޔިތުންނަށް ނަސޭހަތްތެރިވެ އިލްތިމާސް ކުރަމެވެ،" ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިސްކޮށް ހުންނެވި އަދާލަތު ޕާޓީން ގޮވާލާފައިވެ އެވެ.

އެނގުން މުހިންމު - ފާއިތުވި އަހަރުތަކުގައި ދިވެހިންގެ މެދުގައި ވެސް ކަސްރަތެއްގެ ގޮތުގައި މަގުބޫލުވެފައިވާ ޔޯގާއަކީ ހިންދޫންގެ އަޅުކަމެއްގެ ގޮތުގައި ފެށުނު ކަމަކަށް ވާތީ އެކަން އިސްލާމް ދީނުގައި ހަރާމް ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދިޔުމުން އެކަމާ މެދު މިފަހުން ވަނީ އާންމުންގެ މެދުގައި ވަރަށް ބޮޑަށް ހިޔާލުތަފާތުވުން އުފެދިފަ އެވެ. ދީނީ އިލްމުވެރިންގެ މެދުގައި ވެސް ޔޯގާގެ ހުކުމާ މެދު ހިލާފު އެބަ އޮތެވެ. ނަަމަވެސް ރާއްޖޭގައި ޔޯގާއާ ބެހޭގޮތުން މިހާތަނަށް ފަތުވާއެއް ނެރެފައެއް ނުވެ އެވެ.

ފަސްމަންޒަރު - ޔޯގާއާ މެދު ހިޔާލުތަފާތުވުން އުފެދިފައި ވަނިކޮށް، މިދިޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ޔޫތު މިނިސްޓްރީއިން އިންޑިއާގެ ކަލްޗަރަލް ސެންޓަރާ ގުޅިން ހަރަކާތެއް ބޭއްވުމުން، ދީނުގެ ނަމުގައި ކަމަށް ބުނެ ބަޔަކު ވަނީ ފުލުހުންގެ ސަފުތައް ފޫއަޅުވާލައި ދަނޑަށްް ވަދެގަނެ އެ ހަރަކާތް ހުއްޓުވައި ހަމަނުޖެހުން ހިންގައިފަ އެވެ.

އެ މައްސަލައާ ގުޅިގެން، ދީނީ ދެ އިލްމުވެރިއަކު ހިމެނޭހެން، 20 އަށް ވުރެ ގިނަ މީހުން ހައްޔަރުކުރުމުން  ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ. 



ކޮމެންޓް (1)

ހެހެހެހެ

25 ޖުލައި 2022
ކްރިއޭޓިންގ ސަމް ޑިމާންޑް ދޯ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް