އޮގަސްޓް މަހު ބޭއްވި އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން ޕާޓީގެ އިސް ތިން ލީޑަރުން: އެ ޕާޓީގެ ޕްރައިމަރީ ޑިސެމްބަރުގައި ބޭއްވުމަށް ދަނީ މަސައްކަތް ކުރަމުން. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ޑިސެމްބަރުގައި ބާއްވަނީ

ބެލެވޭ ގޮތުގައި އަންނަ މަހު ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވާލާނެ

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަންނަ ޑިސެމްބަރުގައި ބޭއްވުމަށް އެ ޕާޓީން މަސައްކަތްް ފަށައިފި އެވެ. އެއާ އެކު، އަންނަ މަހު ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވާލާނެ ކަމަށް ބެލެވެ އެވެ.

އެނގުން މުހިންމު - އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން:

  • އެ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކު ކަނޑައަޅާނީ ޕާޓީގެ ހުރިހާ މެންބަރުންނަށް ހުޅުވާލައިގެން ބާއްވާ އިންތިހާބަކުންނެވެ. 

  • އެ ޕްރައިމަރީގެ ކަންތައްތައް އިންތިޒާމް ކުރާނީ، ގައުމީ މަޖިލީހުން އިންތިހާބުކުރާ ފަސް މެންބަރުންގެ ކޮމިޓީއަކުން

ތަފްސީލު - އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްއާ ހަވާލާދީ، އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން (އިދާރީ) އިބްރާހިމް ވަހީދު (އިބުރޭ) މިއަދު 'ދައުރު'އަށް ވިދާޅުވީ، މިހާރު މަސައްކަތް ކުރަމުން އަންނަނީ އަންނަ ޑިސެމްބަރު މަހުގެ ތާރީހެއްގައި ޕްރައިމަރީ ބޭއްވުމަށް ކަމަށެވެ.

"އެންމެ އަވަހަށް އޮންނަ ގައުމީ މަޖިލީހުގެ ޖަލްސާގައި، ޕްރައިމަރީ ބޭއްވުމަށް ހޮވަން ޖެހޭ ފަސް މެންބަރުންގެ ކޮމިޓީ ހޮވާނެ،" މިއަދު ޑެޕިއުޓީ ޗެއާޕާސަންގެ މަގާމާ ހަވާލުވެވަޑައިގެންނެވި އިބްރާހިމް ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ ކޮމިޓީ ހޮވުމަށް ފަހު، ޗެއާޕާސަންގެ ލަފާގެ މަތިން އިންތިހާބުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ.

އޮގަސްޓް މަހު ބޭއްވި އެމްޑީޕީގެ ކޮންގްރެސް ތެރެއިން ޗެއާޕާސަން ފައްޔާޒު އަދި ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ޑިސެމްބަރު މަހު ޕްރައިމަރީ ބާއްވާ ނަމަ، ބެލެވޭ ގޮތުގައި އަންނަ މަހު ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވާލާނެ އެވެ. އެއީ، މީގެ ކުރިން ވެސް ބާއްވާފައި ހުރި ޕްރައިމަރީތަކަށް ބަލާއިރު، ވާދަކުރާ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް އެއް މަސްދުވަހުގެ މުއްދަތެއް ދިނުމަށެވެ.

ގުޅުން ހުރި ކަމެއް - އެމްޑީޕީގެ އެންމެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމުގެ ދެ ވަނަ ދައުރެއް ހޯއްދެވުމަށް ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ވަނީ ފާޅުކުރައްވާފަ އެވެ. އޭގެ އިތުރުން، ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމުގެ އިޝާރާތެއް ދެއްވާފަ އެވެ. 

ފަސް މަންޒަރު - އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު މައި ޕާޓީ، ޕީޕީއެމް އިން ކުރީގެ ރައީސް އަބްދުﷲ ޔާމީންކަން މިހާރު ވަނީ ރަސްމީކޮށް އިއުލާނުކޮށްފަ އެވެ. މިދިޔަ އޮގަސްޓް މަހު ޕީޕީއެމް އިން އެ މަނިކުފާނަށް ރަސްމީކޮށް ޓިކެޓް ހަވާލުކޮށްފައި ވާއިރު، އެ ޕާޓީން ޕްރައިމަރީއެއް ނުބާއްވަ އެވެ. ޔާމީނަށް ޓިކެޓް ދީފައި ވަނީ ޕާޓީގެ ސެނެޓްގެ އިއްތިފާގުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް