ލަންކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޔޮހާނީ (ފޮޓޯ/ދަ ޕާސޮނެޖް)

މިއުޒިކް

ޗަނާޗާ: 999ރ.ގެ ވީއައިޕީ ޓިކެޓާ އެކު ޔޮހާނީއާ ބައްދަލުކުރެވޭނެ

ވީއައިޕީ ޓިކެޓް ގަންނަ މީހުންނަށް ޔޮހާނީއާ އެކު ސެލްފީ ނެގުމުގެ ފުރުސަތު ވެސް ލިބޭނެ
27 އޮކްޓޯބަރު 2022

މުހިންމު ނުކުތާތައް

ވީއައިޕީ ޓިކެޓް އޮންނަ މީހުންނަށް ދަނޑުގައި ހާއްސަ އިންތިޒާމްތަކެއް

މި ބޮޑު މިއުޒިކް ފެސްޓިވަލުގައި ދިވެހި ނުވަ ބޭންޑެއް ޕާފޯމް ކުރާނެ

އަންނަ ހޮނިހިރުދުވަހު ޝޯ އޮންނާނީ ހަވީރާއި ރޭގަނޑު

އަންނަ ހޮނިހިރު ދުވަހު ބައިސްކޯފުން އިންތިޒާމްކޮށްގެން ހުޅުމާލޭ ޓްރެކް ދަނޑުގައި ބާއްވާ 'ޗަނާޗާ' މިޔުޒިކް ޝޯއަށް ވީއައިޕީ ޓިކެޓް ގަނެގެން ވަންނަ މީހުންނަށް ސްރީ ލަންކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޔޮހާނީ ޑިލޯކާ ޑިސިލްވާއާ ބައްދަލުކޮށްލުމުގެ ފުރުސަތު ލިބޭނެ ކަމަށް ބައިސްކޯފުން ބުނެފި އެވެ.

މިއީ ޔޮހާނީގެ ފޭނުންނަށް ބައިސްކޯފުން ހުޅުވާލާ ފުރުސަތެކެވެ. ވީއައިޕީ ޓިކެއްޓެއްގެ އަގަކީ 999 ރުފިޔާ އެވެ. މިއީ ވަކި އަދަދަކަށް ވިއްކާ ޓިކެޓެކެވެ.

ބައިސްކޯފުން ބުނީ ވީއައިޕީ ޓިކެޓު ގަނެގެން ޝޯ ބަލަން ދާ މީހުންނަށް ދަނޑުގައި ހާއްސަ އިންތިޒާމްތަކެއް ވެސް ހަމަޖައްސާފައި އޮންނާނެ ކަމަށެވެ.

"ޝޯ ބަލަން ތިބޭނީ ހާއްސަ ތަނެއްގައި. ޔޮހާނީއާ ބައްދަލުކޮށް ސެލްފީއެއް ނެގުމުގެ ފުރުސަތު ލިބޭނެ. އޭގެ އިތުރުން، ޗަނާޗާ ޝޯގެ ހާއްސަ ޓީޝާޓެއް ވެސް ލިބޭނެ،" ބައިސްކޯފުގެ އޮފިޝަލަކު ބުންޏެވެ.

ބައިސްކޯފުން ކުރިން ބޭއްވި ޗަނާޗާ ޝޯއެއް: މި އަހަރުގެ ޝޯ އޮންނާނީ އަންނަ ހޮނިހިރުދުވަހު 

ހަވީރާއި ރޭގަނޑު ކުރިއަށް ދާ މި ބޮޑު މިޔުޒިކް ޝޯގައި ޔޮހާނީގެ ލައިވް ހުށެހެޅުން އޮންނަނީ ރޭގަނޑުގެ ބައިގަ އެވެ.

ޝޯ އޮންނާނީ ހޮނިހިރު ދުވަހުގެ ހަވީރު 4 އިން ހަވީރު 6 އަށް އަދި އެ ރޭ 8 އިން 12 އަށެވެ.

ޝޯގެ އާންމު ޓިކެޓެއްގެ އަގަކީ 150 ރުފިޔާ އެވެ.

ޝޯގައި ޔޮހާނީގެ އިތުރުން ދިވެހި ނުވަ ބޭންޑެއް ފެންނާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ސްކައިރޮކް

  • ރެވިއޯ

  • އިކުއޭޓިކް ވައިބް

  • ޓްރެފިކް ޖޭމް

  • އަޗޭސިއާ

  • ސިމްބޮލިކް ރިކޯޑްސް

  • ޑިޓިއުން ބޭންޑް

  • ފަސީ ލައިވް

  • ހަމްބަލް ބަކަރި

ބޭންޑްތަކުން މި ޝޯއަށް ފޯރިއާ އެކު ތައްޔާރުވަމުން އަންނަ އިރު ދިވެހި އާ ލަވަތަކެއް ވެސް ޝޯގައި ކުޅޭނެ އެވެ. 

ޓިކެޓް ގަނެގެން ޝޯއަށް ވަންނަ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ މީހަކަށް ލޮޓަސް ބައިކް އިން ބެނެލީ ބްރޭންޑްގެ 'ޕެނެރީ' މޮޑެލްގެ ރެޓްރޯ ސްކޫޓަރު ސައިކަލެއް ލިބޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް