ނަދީމްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ މީހުން ކްރިމިނަލް ކޯޓުން ބޭއްވި އޮންލައިން އަޑުއެހުމުގައި.
ނަދީމްގެ މަރުގެ މައްސަލަ ނިމުމަކާ ހިސާބަށް؛ ހުކުމް ކުރުން އަންނަ މަހު
ޓާމިނަލް ކެފޭ ތެރޭގައި ހުއްޓާ ތޫނު އެއްޗަކުން ބޮޮލަށް ހަމަލާދީ މަރާލި ނަދީމް އަބްދުއްރަހީމްގެ މަރުގެ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން މިއަދު ނިންމައި އެ މައްސަލައިގެ ހުކުމް ކުރުން އަންނަ މަހުގެ 31އަށް ތާވަލުކޮށްފި އެވެ.
މައްސަލައިގެ ފެށުން - ޖުލައި 2017ގައި ނަދީމް މަރާލީ، ސައިކަލުތަކެއްގައި އައި ބައެއްގެ ތެރެއިން މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ޓާމިނަލް ކެފޭ ތެރެއަށް ވަދެ، އޭނާގެ ބޮލަށް ވަޅިން ހަމަލާ ދީގެންނެވެ. އެ މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވާ މީހުންނަކީ:
-
ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސެއިން ސަލީމް
-
ލ. ގަން ވިދާތަރި، އަލީ ނިފާޒު
-
ރ. އިންނަމާދޫ، ސަމަންތާ، ހުސެއިން ޝާމީން
-
ގއ. ގެމަނަފުށި، ހަވާސް، މުހައްމަދު ކަރަމް ސުހައިލް
-
ކުޑަކުއްޖެއް (އޭނާގެ މައްސަލަ ކުރިއަށްދަނީ ޖުވެނައިލް ކޯޓުގައި)
މަފާޒަށް ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މެރުމުގެ ދައުވާ ކުރާއިރު، ދެން ތިބި މީހުންގެ މައްޗަށް ކުރަނީ ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އެންމެން ވެސް ދައުވާއަށް ކުރީ އިންކާރެވެ.
ވީ ކިހިނެއް؟ - ހެކިބަސް ނެގުމުގެ މަރުހަލާ ނިމިފައި ވާއިރު، މި މައްސަލައި މިއަދު ބޭއްވި އަޑުއެހުމުގައި އޮތީ ދެ ފަރާތުން ވެސް މައްސަލައާ ގުޅޭ ގޮތުން ހުލާސާކޮށް ވާހަކަ ދެއްކުމެވެ.
ގިނަ އަދަދެއްގެ ވީޑިއޯ ފޫޓޭޖު
ދައުލަތުން މިއަދު ބުނެފައި ވަނީ ހަމަލާއާ ގުޅިގެން ގިނަ އަދަދެއްގެ ސީސީޓީވީ ފޫޓޭޖު އެނަލައިޒް ކުރި އިރު، ހާދިސާ ހިނގި ދުވަހު އެ މީހުން ހުރި ތަންތަން ސީސީޓީވީ ފޫޓޭޖުން ފެންނަން އެބަ ހުރި ކަމަށެވެ. ހާދިސާ ހިނގި ވަގުތުތަކާއި އެ މީހުންގެ ސިފަތައް ވެސް ދިމާވާ ކަމަށް ބުނެފައިވެ އެވެ.
އެގޮތުން، ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި:
-
ދައުވާ ލިބޭ މީހުން މާލޭގެ މަސްއޮޑިގެ ކައިރީގައި ތިބެފައި، ތިން ސައިކަލެއްގައި، އެކީގައި ޓާމިނަލް ކެފޭއަށް ދާ މަންޒަރު
-
މަސްއޮޑިގެ ކައިރީގައި މަފާޒު ހުރި އިރު އޭނާގެ ޖީބުން މާސްކެއް ފަދަ އެއްޗެއް ފެންނަން ހުރި
-
ސައިކަލުގައި ތިބީ ކޮން ބައެއްކަން ވަރަށް ސާފުކޮށް އެނގޭ
ދައުލަތުން ބުނާ ގޮތުގައި ނަދީމްއަށް ހަމަލާދިން މީހަކީ މަފާޒެވެ. އަދި އޭނާއާއެކު ޓާމިނަލް ކެފޭ ތެރެއަށް ވަން މީހަކީ ނިފާޒު އެވެ.
އެެތެރެއަށް ވަން ދެ މީހުން ތިިބީ ސައިކަލުތަކުގެ ފަހަތުގައި ކަމަށާއި ހަމަލާ ދިނުމަށް ފަހު އަނެއްކާ ވެސް ސައިކަލަށް އަރައި އެ އެންމެން އެ ތަނުން ދިޔައީ ކަމަށް ދައުލަތުން ބުންޏެވެ. ދެން ތިބި މީހުން ވެސް އެ މީހުންނާ އެކު އެއްކޮށް ޓާމިނަލް ކެފޭ ކައިރިއަށް ގޮސް މަޑުކޮށް، ހަމަލާއަށް ފަހު އެ މީހުން ގޮވައިގެން ދިޔުން ފަދަ ކަންކަމަކީ އެ މީހުން އެކަމުގައި ބައިވެރިވިކަން އެނގޭ ކަމެއް ކަމަށް ދައުލަތުން ދެކެ އެވެ.
ހަމަލާ ދިނުމަށް ފަހު ސައިކަލުތައް ގޯޅި އަޅަމުން ގޮސް، އެންމެ ފަހުން ވަނީ ކޮޅު ބެދިފައިވާ ގޯޅިއަކަށް ކަމަށް ދައުލަތުން ބުންޏެވެ. އެއީ ދައުވާ ލިބޭ ކުޑަކުއްޖާގެ މާމަ އަދި ދޮންކާފަ ދިރިއުޅޭ ގެ ކަމަށް ބުންޏެވެ.
ދައުލަތުން ބުނަނީ ހެއްކަށް ނުފޫޒު ފޯރުވި ކަމަށް
ދައުލަތުން ދައުވާ ސާބިތު ކުރަން ޖުމްލަ 11 ސިއްރު ހެއްކެއް ހުށަހެޅި އެވެ. އެކަމަކު، އޭގެ ތެރެއިން ފުރަތަމަ ދެ ހެކިންގެ ހެކިބަސް ނެގި ފަހުން ދެން ތިބި ބައެއް ސިއްރު ހެކިން ހެކިބަސް ދޭން ބޭނުން ނުވާ ކަމަށް ބުނެފައިވެ އެވެ.
ދައުލަތުން ބުނި ގޮތުގައި މިއީ އިއްތިފާގެއް ނޫނެވެ. ފުލުހުންގެ އިންޓެލް ރިޕޯޓަކާ ހަވާލާދީ ދައުލަތުން ބުނީ އެއީ ހެއްކަށް ނުފޫޒު ފޯރުވުމުގެ ނަތީޖާ ކަމަށެވެ. އެ ދުވަސްވަރު މާލޭގައި ހިނގި ސިލްސިލާ މާރާމާރީތަކަކީ ވެސް އެ ހެކިބަސް ދިނުމާ ގުޅިފައިވާ ކަންކަން ކަމަށް ފުލުހުންނާ ހަވާލާދީ ބުންޏެވެ.
ފުރަތަމަ ހެކިބަސް ދިން ދެ ހެކިވެރިން ވެސް ފަހުން ވަނީ އެ މީހުންގެ ހެކިބަސް އަނބުރާ ގެންދަން އެދި ކޯޓަށް ސިޓީ ފޮނުފައިވަ އެވެ. އެ ދެ ހެކިވެރިން ފޮނުވި ސިޓީއާ ގުޅޭ ގޮތުން ދައުލަތުން ފާހަގަކުރި ގޮތުގައި:
-
އަކުރުން އަކުރަށް އޮތީ އެއް ވާހަކައެއް
-
ހަމައެކަނި ތަފާތީ އެ ދެ މީހުންގެ ނަން ފަދަ ކަންކަން
މިއީ ވެސް ނުފޫޒު ފޯރުވުމުގެ ނަތީޖާ ކަމަށް ދައުލަތުން ދެކެ އެވެ. އެހެންވެ، ދައުލަތުން ވަނީ އެ މީހުން ކޯޓުގައި ހުވާ މަތީގައި ދީފައިވާ ހެކިބަސް ބަލައިގަތުމަށާއި އެ މީހުން ފޮނުވި ސިޓީތަކަށް ބުރަދަން ނުދިނުމަށް އެދިފަ އެވެ.
ދައުލަތުން ބުނާ ގޮތުގައި ސިއްރު ދެ ހެކިންގެ ހެކިބަހުން އެނގޭ ކަންކަން:
-
އެ ދެ މީހުން ވެސް ބުނެފައި ވަނީ ހަމަލާ ދިނީ މަފާޒު ކަމަށް
-
ހަމަލާ ދިން މީހާގެ ސިފަތައް ކިޔައިދިނީ ދާދި އެއްގޮތަކަށް
-
އޮންލައިން ޝަރީއަތުގައި އެ ދެ ހެކިވެރިން ވަނީ މަފާޒު ދައްކައި ހަމަލާ ދިނީ އޭނާ ކަމަށް ބުނެފައި
-
ދެން ޓާމިނަލް ކެފޭ ތެރެއަށް ވަދެ ހުރި މީހަކީ ނިފާޒު ކަމަށް ބުނެ ކޯޓުގައި އައިޑެންޓިފައި ކޮށްފައިވޭ
-
އެ މީހުން ތިބީ މޫނު ނިވާކޮށްގެން ކަމަށް ވިޔަސް، ހަމަލާއަށް ފަހު ދިޔަ އިރު މޫނު ފެންނަ ވަރަށް މާސްކު ތިރިވުމުން މޫނު ފެނުނު ކަމަށް
އެ ދެ މީހުންގެ އިތުރުން ސިއްރު ތިން ހެއްކެއްގެ ހެކިބަސް ނެގި ނަމަވެސް، އެ މީހުން ވަނީ ބައެއް މުހިންމު ތަފްސީލުތައް ހަނދާން ނެތް ކަމަށް ބުނެފަ އެވެ. އެހެންވެ، އެ ހެކިން ހާދިސާ ހިނގިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ތަހުގީގަށް ދިން ބަޔާންތަކަށް ޝަރީއަތުން ރިއާޔަތްކުރަން ދައުލަތުން އެދުނެވެ.
ދިފާއުގައި ދައުވާ ލިބޭ މީހުންގެ ފަރާތުން ހުށަހެޅި ހެކިން ދެއްކި ބައެއް ވާހަކަ ދިމާނުވާ ކަމަށް ވެސް ދައުލަތުން ބުނެފައިވެ އެވެ. ދައުވާ ލިބޭ މީހުން އެހެން ތަންތަނުގައި ތިބި ކަމަށް ބުނެ ހެކިބަސް ދީފައި ވިޔަސް، ހާދިސާ ހިނގި ވަގުތު އެ މީހުން އުޅުނީ ދިފާއީ ހެކިން ބުނި ގޮތާ ހިލާފަށް ޓާމިނަލް ކެފޭ ސަރަހައްދުގައިކަން ވީޑިއޯ ފޫޓޭޖުން އެނގޭ ކަމަށް ބުނެފައިވެ އެވެ.
'ހެކިބަސް ފުށޫއަރާ ނަމަ ސާބިތެއް ނުކުރެވޭނެ'
ދިފާއީ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ހުލާސާކޮށް ވާހަކަ ދައްކަވަމުން ވިދާޅުވީ، ދައުވާ ސާބިތު ކުރުމަށް ހުށަހެޅި އެއްވެސް ހެއްކެއްގެ ހެކިބަސް ފުށޫއަރާ ނަމަ މިފަދަ މައްސަލަތައް ސާބިތު ކުރަން ޖެހޭ، އެއްވެސް ޝައްކެއް ނެތް މިންވަރަށް ދައުވާ ސާބިތު ނުކުރެވޭނެ ކަމަށެވެ.
ދިފާއީ ހެކިންގެ ހެކިބަހުގައި ފުށޫއެރުންތަކެއް ހުރި ކަމަށް ދައުލަތުން ބުނާ އިރު، ދައުލަތުގެ ހެކިންގެ ހެކިބަހުގައި މާ ބޮޑެތި ފުށޫ އެރުންތަކެއް އެބަ ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
ދިފާއުން ދެއްކި ބައެއް ވާހަކަތައް:
-
ބައިވެރިވުމުގެ ކުށް ކުރި ކަމަށް ދައްކާނެ ހެއްކާއި ގަރީނާއެއް ނެތް
-
ދުރާލައި ރޭވިކަން ދައްކަން ދައުލަތުން ހެއްކެއް ނުދައްކާ
-
މަފާޒު ދަންނަ މީހުން ވެސް ކެފޭގައި ތިބި އިރު އެ މީހުން ހެކިބަސްދެމުން ބުނެފައި ވަނީ ހަމަލާ ދިން މީހާ އަކީ މަފާޒެއް ނޫން
-
އަޅައިގެން ހުރި މާސްކަކީ ބޯމަތިން މޫނު މައްޗަށް ވައްޓާލާ ބާވަތުގެ މާސްކެއް ކަމަށް ދައުލަތުން ބުނާއިރު، އެ މާސްކު ވެއްޓިގެން މޫނު ފެންނާނީ ކިހިނެއްތޯ ސުވާލު އުފެދޭ
-
ޝަރީއަތުގެ މަޖިލީހުގައި އައިޑެންޓިފައި ކުރީ މޫނު ދައްކައިގެން ކަމަށް ވާއިރު، ދައުލަތުން ބުނަނީ ހާދިސާ ހިނގި އިރު ތިބީ މޫނު ނިވާކޮށްގެން
-
ދައުވާ ލިބޭ މީހުން ހުށަހެޅި ހެކިންގެ ހެކިބަހުން އެ މީހުން ތިބީ އެހެން ތަންތަނުގައިކަން އެނގޭއިރު، ދައުލަތުން ދައްކާ ފޮޓޯތައް ސާފެއް ނޫން
ދައުލަތުގެ ހުލާސާ ބަޔާނުގެ ބޮޑު ބައެއް ހޭދަވީ ސިއްރު ދެ ހެކިވެރިންގެ ހެކިބަހުގެ ސައްހަ ކަމާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ކަމަށް ވާއިރު، އެކަމުން ވެސް ގާނޫނުގައި ބުނާ މިންގަނޑަށް ކުށް ސާބިތު ނުވާނެކަން އެނގޭ ކަމަށް ވެސް ނޫރުއްސަލާމް ވިދާޅުވި އެވެ.
ދެ ފަރާތުން ވެސް ވާހަކަ ދައްކައި ނިމުމުން، މައްސަލަ ބައްލަވާ ގާޒީ ހުސެއިން ފާއިޒު ރަޝާދު ވިދާޅުވީ، އިތުރު ކަމެއް ސާފު ކުރަން ނެތް ނަމަ ދެން އޮންނާނީ ހުކުމް ކުރުން ކަމަށެވެ. އަދި އެ އަޑުއެހުން އޮންނާނީ އަންނަ މަހުގެ 31ގައި ކަމަށް ވިދާޅުވި އެވެ.
އެނގުން މުހިންމު - ނަދީމްގެ މަރުގެ މައްސަލައިގައި ދައުވާކުރި ކުޑަކުއްޖާގެ މައްސަލަ ޖުވެނައިލް ކޯޓުގައި އަދިވެސް ކުރިއަށްދެ އެވެ. އެ މައްސަލަ އޮތީ ހެކިބަސް ނެގުމުގެ މަރުހަލާގަ އެވެ.
ނަދީމްގެ މަރުގެ މައްސަލައިގެ އަޑުއެހުންތައް ނިންމައި ހުކުމާ ހިސާބަށް އާދެވިފައި މި ވަނީ އެ ހާދިސާ ހިނގިތާ ގާތްގަނޑަކަށް ހަތަރު އަހަރު ފަހުންނެވެ. އޭނާ މަރާލީ މާލޭގެ ދެ ގޭންގެއްގެ ދެމެދުގައި ޖެހުނު މައްސަލައެއްގައި ކަމަށް ވެ އެވެ.