ހުޅުމާލޭގައި ހުންނަ ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލު: ދިރާސީ އާ އަހަރާއެކު އެ ސްކޫލުގެ ގްރޭޑްތަކުން ނަގާ ފީ ވަނީ ބޮޑުކޮށްފައި

އަމިއްލަ ގިނަ ސްކޫލުތަކުގެ ފީ ބޮޑުކޮށްފި

ސްކޫލުތަކުން ބުނާގޮތުން، އެތަންތަނުގެ މަގްސަދަކީ ޓީޗަރުންގެ މުސާރައަށް ބަދަލު ގެނައުންެ

ސަރުކާރުން ޓީޗަރުންގެ މުސާރަ ބޮޑުކުރުމާއެކު، އަމިއްލަ ގިނަ ސްކޫލުތަކުން ވެސް މުސާރައަށް ބަދަލު ގެނައުމަށް ދަރިވަރުންގެ ފީ ބޮޑުކުރަން ނިންމައިފި އެވެ.

އެނގުން މުހިއްމު - ޓީޗަރުންނަށް އިތުރު ގަޑީގެ ފައިސާއާ އެކީގައި މިހާރު ލިބޭ ވަރަށް ވުރެ ބޮޑު މިންވަރެއް މުސާރަ އާއި އިނާޔަތްތަކުން އެކަނި ލިބޭނެ ގޮތަށް، މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މުސާރަ ވަނީ ބޮޑުކޮށްފަ އެވެ. އެގޮތުން ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ %56 ބޮޑުކުރި އެވެ.

ވީ ކިހިނެއް؟ - ޓީޗަރުންގެ ބޮޑު ކުރި މި މުސާރައާއެކު، އަމިއްލަ ގިނަ ސްކޫލުތަކުން ވެސް ވަނީ ހަމަ މި އަދަދަށް ޓީޗަރުންނަށް މުސާރައިގެ ކުރިއެރުން ދޭން ނިންމާފަ އެވެ. އެކަމަކު އަމިއްލަ ސްކޫލުތަކުގެ ގިނަ ހަރަދުތައް ހަމަޖައްސަނީ، ދަރިވަރުންގެ އަތުން ނަގާ ފީއިން ކަމަށް ވުމުން، ޓީޗަރުންގެ މުސާރަ ވެސް ބޮޑުކުރެވެން އޮތީ، ފީއަށް ބަދަލެއް ގެނެސްގެން ކަމަށް ސްކޫލުތަކުން ބުނެ އެވެ.

ތަފްސީލް - ޖުމްލަކޮށް ބަލާއިރު މާލޭގެ ބޮޑެތި އަމިއްލަ ގިނަ ސްކޫލުތަކުން ވަނީ، އަންނަ އޮގަސްޓު މަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭއިރު، ފީ އަށް ބަދަލު ގެނެސްފަ އެވެ. އެގޮތުން އަހުމަދިއްޔާ އާއި ބްރައިޓްވޭ އިންޓަނޭޝަނަލް ފަދަ ސްކޫލުތަކުން ވަނީ ފީ ބޮޑުކޮށްފަ އެވެ.

އެގޮތުން ފީއަށް ގެނައި ބަދަލަކީ:

  • އަހުމަދިއްޔާގެ ދަރިވަރުންގެ އަތުން އެވްރެޖްކޮށް ހުރިހާ ގްރޭޑަކުން ވެސް 800-1000 ރުފިޔާ ބޮޑުކުރި

  • ބްރައިޓްވޭ އިން ހުރިހާ ގްރޭޑަކުން ވެސް ބޮޑުކުރީ 300 ރުފިޔާ

  • ބްރައިޓްވޭގެ ބޭބީ ނާސަރީއިން ކުރިން ނަގަނީ،2،250 ރުފިޔާ، މިހާރު އެ އަދަދު ވަނީ 2،550 ރުފިޔާއަށް ބޮޑުކޮށްފައި

  • އަހުމަދިއްޔާގެ ބޭބީ ނާސަރީއިން ކުރިން ނަގަނީ، 700 ރުފިޔާ، މިހާރު އެ އަދަދު ވަނީ 1،500 ރުފިޔާއަށް ބޮޑުކޮށްފައި

  • އަހުމަދިއްޔާގައި އެންމެ ބޮޑު ބަދަލެއް އައީ، ގްރޭޑު 10ގެ ދަރިވަރުންގެ ފީއަށް، އެ ގްރޭޑުން 1،050 ރުފިޔާ ބޮޑުކުރި

ބުނީ ކީކޭ؟ - އަހުމަދިއްޔާ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު ވިދާޅުވީ ސަރުކާރުން ބޮޑު ކުރި މުސާރަ، އެ ސްކޫލުގެ ޓީޗަރުންނަށް ވެސް ހައްގުވާ ކަމަށާއި އެހެންވެ، ޓީޗަރުންގެ މުސާރައަށް ކުރިއެރުމެއް ގެނެވެން އޮތީ ދަރިވަރުންގެ ފީ ބޮޑުކޮށްގެން ކަމަށެވެ.

ޕްރިންސިޕަލް ވިދާޅުވި ގޮތުގައި އަހުމަދިއްޔާ ސްކޫލަކީ ރާއްޖޭގައި ކިޔަވައިދޭ ޕްރައިވެޓް ސްކޫލުތަކުން އެންމެ އަގުހެޔޮކޮށް ކިޔަވައިދޭ ތަނެވެ. އަދި ފީއަށް ގެނައި ބަދަލު، އެ ސްކޫލުން ހޯދާ ނަތީޖާއާ ބަލާއިރު ބޮޑު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި އޯލެވެލް އަދި އޭލެވެލްގައި އެންމެ ކާމިޔާބު އެއް ސްކޫލަކީ އަހުމަދިއްޔާ އެވެ. 

ދިރާސީ އާ އަހަރުން ފެށިގެން ބްރައިޓްވޭގެ ފީއަށް އަންނާނެ ބަދަލު:

  • ޕްރީ ސްކޫލު: 2،550 ރުފިޔާ

  • ގްރޭޑު 1-8އަށް: 3،275 ރުފިޔާ

  • ގްރޭޑު 9-10އަށް: 3،550 ރުފިޔާ

  • ގްރޭޑު 11-12އަށް:4،250 ރުފިޔާ

ބިލަބޮންގް ސްކޫލާއި ފިންލެންޑު ސްކޫލް ހިންގާ އައިލެންޑާސް އެޑިއުކޭޝަނުން ބުނީ ޓީޗަރުންގެ ބޮޑުކުރި މުސާރައިގެ އޮނިގަނޑު ދިރާސާ ކުރަމުން އަންނަ ކަމަށާއި ދަރިވަރުންގެ ފީ ބޮޑުކުރުމާ ގުޅޭގޮތުން އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ.

އެނގުން މުހިންމު - ތައުލީމީ ދާއިރާގެ މުސާރައަށް ގެނައިި ބަދަލުތަކާ އެކު، ސަރުކާރުން ޖުމްލަ 488.6 މިލިއަން ރުފިޔާ އިތުރަށް ހަރަދު ކުރަން ޖެހެ އެވެ. އެއީ މަހެއްގެ މައްޗަށް 40.7 މިލިއަން ރުފިޔާ އެވެ. އެހެންކަމުން، މި އަހަރުގެ ބާކީ އޮތް މަސްތަކަށް ޖުމްލަ 284.9 މިލިއަން ރުފިޔާ ހަރަދު ވާނެ އެވެ.

ކޮމެންޓް (1)

ހަންމާދު

12 މޭ 2022
ދައުލަތުގެ ބަޖެޓުން މުސާރަ ބޮޑުކޮށްލާއިރު، ވިސްނާ ނުލާ، އަމިއްލަ ވިޔަފާރިތަކަށް މިގޮތަށް އަންނާނެ އަސަރު.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް