ވާހަކަ: މެންދަން ވީމާ ހިމޭން

ވާހަކަ

ވާހަކަ: މެންދަން ވީމާ ހިމޭން

ދެ ލޯ ހުރީ ރަތްވެފައެވެ. ތަދު ވެސް ވެއެވެ. ގޮފިގަނޑު ވެއްޓި ލޮލަށް ހެރުނީ ނޫންކަން އެނގެއެވެ. އެއީ ހަމަ ހަގީގަތުގައި ވެސް އެ ގަހުގައި އޮތް ގޮފިގަނޑެއް ބާވައެވެ؟
7 ޖުލައި 2022

އެޕިސޯޑް 3

އެލިފައިވާ ގޮފިގަނޑު އަހަރެންގެ މޫނާ ދިމާލަށް އައެވެ. އެ ވަގުތު ލޯ މެރުނެވެ. އަހަރެން ސިއްސައިގެން ދިޔައީ އަހަރެންގެ ކޮނޑުގައި ހިފާފައި ތަޅުވާލުމުންނެވެ. އޭރު ކުރިމަތީގައި ހުރީ އައްފާނެވެ. އައްފާނަކީ މިތަނުން ދިމާވި މީހެކެވެ. އަހަރެމެން ދެ މީހުންގެ ރަހްމަތްތެރިކަން ބަދަހިވީ މި ތަނުންނެވެ.

"ކިހިނެއް ވީ؟ ލޮލަށް ކިހިނެއް ވެފައި ތި ހުރީ؟" އައްފާނު ހައިރާން ވެފައި ބުންޏެވެ. އަހަރެން ދެ ލޮލުގައި އަތްލީމެވެ. އެ ވަގުތު ލޮލުގައި ރިއްސާކަން ފާހަގަ ވިއެވެ. އަހަރެން މަތި ބަލާލީމެވެ. ގޮފިގަނޑެއް ފެންނާކަށް ނެތެވެ. ވެއްޓިފައި އޮތްތޯ ބިންމަތި ބަލާލީމެވެ. އެ ތަނަކު ވެސް ނެތެވެ. އަހަރެން އެ ތަނުން ހިނގައިގަތީމެވެ.

އަހަރެންނަށް ހޭލެވުނީ ޖެހި ބާރު ގަދަ ގުގުރިއެއްގެ އަޑަށެވެ. އޭރު މެންދަމު ދެ ގަޑި ބައި ވެއްޖެއެވެ. އަހަރެމެން ނިދާ ތަނުގައި ހުންނަނީ ބަންކު ބެޑެވެ. އަހަރެން އޮންނަނީ މަތީ އެނދުގައެވެ. އެތަނުގައި ހުންނާނީ ފަނޑު އައްޔެކެވެ. އަހަރެންގެ ނިދި ފިލީ ކުއްލިއަކަށެވެ. ނިދޭތޯ ދެ ލޯ މެރީމެއެވެ. ނަމަވެސް ނިދޭ ގޮތެއް ނުވިއެވެ. ދެ ފަރާތަށް ފުރޮޅި ފުރޮޅި އޮތީއެވެ. އަނެއްކާވެސް ގަޑި ބަލާލީމެވެ. އަހަރެން ހައިރާން ވިއެވެ. އަދިވެސް ހުރީ ދެ ގަޑި ބައިވި ގޮތަށެވެ. ގަޑި ހުރީ ހުއްޓިފައި ނޫން ކަން އެނގެނީ ހިނގާ ކަށިންނެވެ. އަހަރެން ހިތަށް އެރިއެވެ. ގައިމު ވެސް އަހަރެން ހޭލި ފަހުން ދިހަ މިނެޓަށް ވުރެ ގިނަ އިރު ވެދާނެއެވެ. އެހެން ކަމެއް ވެސް ފާހަގަވިއެވެ. އަހަރެން މިތަނަށް އައި ފަހުން ކޮންމެ ރެއަކު ވެސް ގުރުއާން ޖަހާފައި ހުރެއެވެ. ނަމަވެސް މިރޭ އެ އަޑެއް ނީވެއެވެ.

ދެފައި ވަށްކޮށްލައިގެން އެނދުގައި އިށީނީމެވެ. އެ ވަގުތު ބޭރުން ބަޔަކު ވާހަކަ ދައްކާ އަޑު އިވުނެވެ. މި ވަގުތު ބޭރުގައި އުޅޭނީ ކާކު ބާވައޭ ހިތަށް އެރިއެވެ. ބޭނުންވީ އެއީ ކޮން ބައެއްތޯ ބަލާލާށެވެ. ނަމަވެސް ނިދަން ވަނުމަށް ފަހު ފަތިސް ވުމުން ނޫނީ ބޭރަށް ނުކުތުން އޮންނަނީ މަނާ ކޮށްފައެވެ. ދެ ޚިޔާލެއްގައި އިނދެ އެނދުން ފޭބީމެވެ. އަދި މަޑުމަޑުން ހިނގަމުން ދޮރާ ދިމާލަށް ދިޔައީމެވެ. އޭރު ވެސް ވާހަކަ ދައްކާ އަޑު އިވެއެވެ. ދައްކާ ވާހަކަ ރީތިކޮށް ސާފެއް ނުވެއެވެ. ގައިމު ވެސް އިވެނީ ފިރިހެނުންގެ އަޑެއެވެ. އަހަރެންގެ ޝައުގުވެރިކަން އިތުރުވީ އަންހެނެއްގެ އަޑު އިވުމުންނެވެ. މި ވަގުތު މުޅި ރަށުގައި ވެސް އުޅެނީ ހުސް ފިރިހެނުންނެވެ.

ދޮރު ހުޅުވާލަން ކިތަންމެ ފަހަރަކު ހިތަށް އެރިއެވެ. ތަޅުގައި ވެސް ހިފީމެވެ. އެކަމަކު ހުޅުވާކަށް ނުކެރުނެވެ. ދޮރުގައި ކަންފަތް ޖެހީ ދައްކާ ވާހަކަ އިތުރަށް ސާފުކޮށްލުމަށެވެ. ނަމަވެސް ކިހާ އެއްޗެއް ނޭނގުނެވެ. ވާނެ އެއްޗެއް ވެދާނޭ ހިތައި ދޮރު ހުޅުވާލީމެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އަހަރެން ހައިރާންވިއެވެ. ދޮރުން ބޭރަށް ބޯ ދިއްކޮށްލާފައި ބޭރު ބަލާލީމެވެ. އެކަކު ވެސް ނެތެވެ. އެކަމަކު އަހަރެންގެ ލޮލުގައި އެއްޗެއް އަޅައިގަތެވެ. އެއީ ދޮރު ކައިރީ ހުރި ފިޔަވަޅުތަކެވެ. ހުރީ އެންމެ މީހެއްގެ ފިޔަވަޅެވެ. މިފަދަ ގަޑިއެއްގައި ހުސް ފަޔާ ހިނގާނީ ކާކު ހެއްޔެވެ؟ ފިޔަވަޅުތައް ހުރީ ކުރިމަތިން ފެންނަން އޮތް ހޭޅިއާ ދިމާލަށެވެ.

އަހަރެން ފަހަތަށް އެނބުރި ބަލާލީ އެއްވެސް މީހަކު ހޭލާ އުޅޭތޯއެވެ. ފަނޑު އަލިކަމުގެ ތެރެއިން އެންމެން ވެސް ތިބީ ނިދާފައިކަން އެނގުނެވެ. އަހަރެން ވިސްނާލާފައި އެތަނުން ނުކުތީމެވެ. ފިޔަވަޅުތަކަށް ބަލަމުން ހޭޅިއާ ދިމާލަށް މަޑުމަޑުން ދާން ފެށީމެވެ. އަހަރެން އެނދުމަތީގައި އިން އިރު ތުނިތުނިކޮށް ވާރޭ ވެހޭ އަޑު އިވުނެވެ. ނަމަވެސް ބިންމަތީގައި އެކަހަލަ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. އަހަރެން ހިތަށް އެރިއެވެ. އެހާ އަވަހަށް ވެލިގަނޑު ހިކޭނެ ހެއްޔެވެ؟

ހޭޅިއާ ހިސާބަށް ދެވުމުން އަނެއްކާވެސް ފަހަތް ބަލާލީމެވެ. މީހެއްގެ ހިލަމެއް ވޭތޯއެވެ. މިތަނުގައި ހުއްޓާ މީހަކަށް ފެނިއްޖެއްޔާ އަދަބެއް ލިބޭނެކަން ޔަގީނެވެ. އެއްވެސް މީހަކު ފެންނަން ނެތުމުން އަނެއްކާވެސް ހޭޅިއާ ދިމާލަށް އެނބުރުނީމެވެ. އެއްވެސް މަގެއް ފެންނާކަށް ނެތެވެ. ހޭޅިއާ ހިސާބުން ފިޔަވަޅުތައް ވެސް ގެއްލުނެވެ. އެ ވަގުތު މޫނު މައްޗަށް ހޫނެއް ވިއެވެ. މީހަކު ނޭވާލާ ފަދައިންނެވެ. އަހަރެންނަށް ހަނދާނެއް އައެވެ. އާނއެކެވެ. އެއީ އެ އިހުސާސެވެ. އެ ހޫނެވެ. ހުރި ފިޔަވަޅު މަތީ ހުރީ ގުޑާލަން ނުކެރިފައެވެ.

އުނދޯލި ހެއްލާ އިރު ގޮވާ ކަހަލަ ތޫނު އަޑެއް ގޮވަން ފެށިއެވެ. އެއީ އަހަރެން ހުރި ދިމާއިން ނަމަ އަހަރެންގެ ކަނާއަތް ފަރާތެވެ. އެއީ ނިކަ ގަސް ހުންނަ ދިމާލެވެ. އަހަރެން ބަލާލީމެވެ. އުނދޯލި ހެއްލޭތަން އަހަރެންނަށް ފެންނަމުން ދިޔައެވެ. އަނދިރިކަމުން އޭގައި އިން މީހަކު ސާފެއް ނުވެއެވެ. އަހަރެން އެ ދިމާލަށް މިސްރާބު ޖެހީމެވެ. ނަމަވެސް މަޑުމަޑުންނެވެ. ކައިރި ވަމުން ދިޔަ ވަރަކަށް އުނދޯލީގެ ހެއްލުން ވެސް ދިޔައީ ބާރު ވަމުން ކަން އެނގެއެވެ. އަހަރެންގެ ދެ ލޯ ބޮޑުވީ އޭގައި މީހަކު ނެތުމުންނެވެ. އެކަމަކު އުނދޯއްޔާ ދިމާލުގައި ވެލިގަނޑުގައި ފިޔަވަޅު ހުއްޓެވެ. އެއީ ކުރިން ވެސް އަހަރެންނަށް ފެނުނު ފިޔަވަޅެވެ. އަހަރެންނާއި އުނދޯއްޔާ ދެމެދުގައި ހުންނާނީ ބާރަ ވަރަކަށް ފޫޓެވެ. ބަޔަކު އަހަރެންނާ ސަމާސާ ކުރަނީ ބާވައޭ ވެސް ހިތަށް އެރިއެވެ. އެއީ ހިތަށް ހަމަޖެހުމެއް ހޯދުމަށްޓަކައި ގަސްދުގައި ހިތަށް އެރުވި އެއްޗެކެވެ. ހަގީގަތަކީ ކުރިމަތިން ފެންނަމުން ދިޔަ މަންޒަރެވެ.

ރަށުގައި އަހަރެން އުޅުނު އިރު ދިމާވި ކަންތައް ހަނދާން ނެތޭހާ ދުވަހެއް ނުވެއެވެ. ހަމަ ގައިމު ވެސް އެއީ އިންސާނުން ކުރާ ޒާތުގެ ކަންކަމެއް ނޫނެވެ. ހާއްސަކޮށް މިފަދަ ގަޑިއެއްގައެވެ. އަހަރެންނަށް އޮތީ ދެ ގޮތެކެވެ. ފުރަތަމަ ގޮތަކީ އުނދޯއްޔާ ކައިރިވެ ހަގީގަތް ބެލުމެވެ. އެކަމަކު މިއީ އެންމެ ރައްކާތެރި ގޮތް ކަމަށް ވެސް ނުވެދާނެއެވެ. ދެވަނަ ގޮތަކީ ދުވެފައި ގޮސް ނިދާ ތަނަށް ވަނުމެވެ. އެކަމަކު އެއީ އެންމެ ފިނޑި ގޮތޭ ހިތަށް އެރިއެވެ.

ގޮތެއް ނުނިންމިގެން އުޅެނިކޮށް އުނދޯލި ހުއްޓުނެވެ. އަހަރެން ހުރީ ސީދާ އެ ދިމާލަށް ބަލަހައްޓައިގެންނެވެ. ނަމަވެސް ތިރިއަށް ބަލާލެވުނީ ތިރީގައި އެއްޗެއް ހަރަކާތް ކުރާހެން ހީވުމުންނެވެ. ފެންނަމުން ދިޔައީ ބިރުން ހަލާކުވާ ވަރުގެ މަންޒަރެކެވެ. ފިޔަވަޅުތައް އަހަރެންނާ ދިމާލަށް އަންނަ ތަނެވެ. ގައި ހުރި ބާރު ދެ ފަޔަށް ލަފައި ދުއްވައިގަތީމެވެ. ނިދާ ތަން ހުރީ މާ ދުރަކު ނޫނެވެ. ހިނދުކޮޅެއްގެ ތެރޭގައި ގޮސް އެތަނަށް ވަދެވުނެވެ. އެ ވަގުތުކޮޅު ތެރޭގައި ވެސް މާ ނޭވާ ލެވެމުން ދިޔައެވެ. ދުވެފައި ގޮސް އެނދަށް އެރީ ގަނެފައި ހުރި ބިރެއްގެ ބޮޑު ކަމުންނެވެ. މުޅި ހަށިގަނޑާއި ބޮލާ އެއްކޮށް ނިވާވާ ވަރަށް ބެޑްޝީޓް އެޅީމެވެ. އޭރު ވެސް ބިރުން ތުރުތުރު އަޅައެވެ. އެ ވަގުތު ގުރުއާނުގެ އަޑު އިވެން ފެށިއެވެ. އަހަރެން ބެލީ އަވަހަށް ނިދޭތޯއެވެ.

ފަތިސް ނަމާދަށް އަހަރެންނަށް ގޮވީ އައްފާނެވެ. ހޭލި އިރު ހުރީ ބޮލުގައި ރިއްސާފައެވެ. ގައި ވެސް ވަރަށް ހޫނެވެ. އިހުސާސްވީ ހުން އައިސް ހުރި ކަމެވެ. ތެދުވާ ހިތް ނުވީ ވަރުބަލި ވާތީއެވެ. ނަމަވެސް ތަނަކީ ހަރުކަށި ގަވާއިދުތަކެއް ގެންގުޅޭ ތަނެކެވެ. ބޮޑު ބައްޔެއް ނުވާ ނަމަ ދެއްކޭނެ އެއްވެސް ބަހަނާއެއް ނޯންނާނެއެވެ. ވުމާއެކު ވުލޫ ކުރަން ދިޔައީމެވެ. ފުރަތަމަ ފެން ފޮދުގައި ޖެހުމާއެކު މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. ނަމަވެސް ހިތްވަރުކޮށްފައި ދެ އަތް ދޮވެލައި ދަތް އުނގުޅަން ފެށީމެވެ. ދެ ލޯ ހުރީ ރަތް ވެފައި ކަން ފާހަގަ ކުރެވުނެވެ. ރޭގައި ރަނގަޅަށް ނުނިދޭތީއޭ ހިތަށް އެރިއެވެ. ފެން ވަރާލުމަށް، ލައިގެން ހުރި ޓީޝާޓް ބޭލީމެވެ. ލޯގަނޑުން ފެނުނު މަންޒަރު ޔަގީންކޮށްލުމަށް ހިނދުކޮޅެއް ނެގިއެވެ.

- ނުނިމޭ -

އެހެން ބައެއް ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް