މާލޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ހުންނަ ސަލްމާން މިސްކިތުގައި ބަޔަކު ނަމާދު ކުރަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ސަލްމާން މިސްކިތުގެ އޭސީތައް ހަލާކުވެ، ހޫނުވާތީ ޝަކުވާ ބޮޑުވެއްޖެ

ނަމާދު ކުރާ ބައިގައި ހުންނަ ތިން އޭސީ ހަލާކުވެފައި ހުންނަތާ ހަފްތާއެއް ވެފައި ވާއިރު، އެ ތަން ހޫނުވުމުގެ ޝަކުވާ ގިނަ ބަޔަކު ދަނީ ކުރަމުން
5 ނޮވެމްބަރު 2022

މީގެ ހަތް މަސް ކުރިން ހުޅުވި، ރާއްޖޭގެ އެންމެ ބޮޑު މިސްކިތް ކަމަށްވާ ސަލްމާން މިސްކިތުގެ ބައެއް އޭސީތައް ހަލާކުވެ، އުނދަގޫތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ވީ ކިހިނެއް؟ - އެ މިސްކިތަށް ނަމާދަށް ދާ މީހުންގެ މިހާރު އެންމެ ބޮޑު ޝަކުވާއަކީ، އެ ތަން މާ ބޮޑަށް ހޫނުވުމެވެ. އޭސީ ހަލާކުވެފައި ހުންނަތާ ގިނަ ދުވަސްތަކެއް ވެފައި ވާއިރު، މިސްކިތުގެ އެތެރެ ހޫނުކަމުން ބައެއް މީހުން އެ ތަން ސިފަކުރީ "އަވަނެއް"ގެ ގޮތަށެވެ.

ހަ ފަންގިފިލާއަކަށް ހުންނަ ސަލްމާން މިސްކިތުގެ ދެ ބައެއް ނަމާދު ކުރަން ބޭނުން ކުރެ އެވެ. އެއީ:

  • 2،500 މީހުންގެ ޖާގައިގެ ފުރަތަމަ ބުރި

  • 1،700 މީހުންގެ ޖާގައިގެ ދެ ވަނަ ބުރި 

  • ދެ ފަންގިފިލާގެ ގިނަ އޭސީތައް ހުރީ ހަލާކުވެފައި

ބުނީ ކީކޭ؟ - އިސްލާމިކް މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް އަފްރާހު ވިދާޅުވީ ނަމާދު ކުރާ ދެ ބަޔަށް ފިނިކުރާ އޭސީގެ ތިން ޔުނިޓް ވެސް ހަލާކުވެފައި ހުންނަތާ ހަފުތާއެއްހާ ދުވަސް ވެއްޖެ ކަމަށެވެ. އޭގެ ސަބަބުން އެ ތަނަށް ފިނި ނުވެ، މީހުންގެ ޝަކުވާ ވެސް ލިބެމުންދާ ކަމަށް އޭނާ ވެސް އެއްބަސްވެވަޑައިގަތެވެ.

"މިއިން ކޮންމެ ފްލޯއެއްގައި ވެސް ފިނިކުރަން ހުންނާނީ ދެ އޭސީ ޔުނިޓް. އޭގެ ތެރެއިން އެއް ފްލޯގައި ހުރި ދެ ޔުނިޓް އެއްކޮށް ހަލާކުވެފައި ހުރި އިރު، އަނެއް ބައިގައި ހުރި އެއް އޭސީ ވެސް ވަނީ ހަލާކުވެފައި،" އަފްރާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި:

  • އޭސީތައް ރާއްޖޭން ހެދޭތޯ ކުރި މަސައްކަތްވީ ނާކާމިޔާބު 

  • އެހެންވެ، އޭސީ ސިސްޓަމް ބެހެއްޓި ބޭރުގެ ކޮންޓްރެކްޓަރުން ރާއްޖޭން ގެނައުމުގެ މަސައްކަތް ކުރަމުން އެބަދޭ

"އަންނަ އަންގާރަ ދުވަހު އެ މީހުން މާލެ އައުމަށް ވަނީ ހަމަޖެހިފައި،" އަފްރާހު ވިދާޅުވި އެވެ.

"އޭރުން ވަގުތީ ހައްލެއް ލިބޭނެ ކަމަށް ބެލެވޭ. ދާއިމީ ހައްލެއް ހޯދުމަށް ދަނީ މަސައްކަތް ކުރަމުން."

ސަލްމާން މިސްކިތް: މިއީ ރާއްޖޭގެ އެންމެ އަގުބޮޑު މިސްކިތް. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ކިންގް ސަލްމާން މިސްކިތް

  • ސައުދީ ރަސްގެފާނުގެ ހިލޭ އެހީގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބިނާކުރަން ފެށި މިސްކިތެއް 

  • އެ މިސްކިތަށް 25 މިލިއަން ޑޮލަރު ވަނީ ހަރަދުކޮށްފައި 

  • މިއީ ރާއްޖޭގައި ހެދި އެންމެ އަގު ބޮޑު މިސްކިތް

ނަމާދުކުރުމުގެ އިތުރުން ދީނީ އެކި ޕްރޮގްރާމްތަކާއި ރަސްމިއްޔާތުތަކާއި ސެމިނާ ހޯލްތަކާއި ކްލާސްރޫމްތައް ހިންގޭ ގޮތަށް ހަދާފައި ހުރި ކިންގް ސަލްމާން މިސްކިތް ބެލެހެއްޓުމަކީ ބޮޑު ހަރަދެއް ހިނގައި، ގޮން ޖެހުން ބޮޑު މަސައްކަތަކަށް ވާނެ ކަމަށް، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވަނީ މިދިޔަ އަހަރު ވަނީ ވިދާޅުވެފަ އެވެ. 

އެގޮތަށް އޭނާ ވިދާޅުވީ މިސްކިތް ހުންނަ ސަރަހައްދަކީ ވަރަށް ބޮޑަށް އުދަ އަރާ ހިސާބަކަށް ވެފައި، އޭގެ ސަބަބުން ލޮނުގެ އަސަރުކޮށް، ތަނުގެ އާލާތްތަކަށް ގެއްލުން ލިބޭނެތީ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް