ހުޅުމާލޭގެ ދެ ފިޔަވަހީގެ އިމާރާތްތައް. (ދައުރު ފޮޓޯ/ އަބްދުﷲ އަނުފް ޖުނައިދު)

ހުޅުމާލެ

ހުޅުމާލޭ ގެތައް 10 ބުރިއަށް ހެދޭ ގަވާއިދު ގެެޒެޓުކުރަން އަންގަނީ

ހުޅުމާލޭގައި 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތް ހަދަން މަޖިލީހުން ގަވާއިދެއް ފާސްކޮށް، ގެޒެޓުކުރަން ފޮނުވި ނަމަވެސް މިއަދާ ހަމައަށް އެ ގަވާއިދު ގެޒެޓެއް ނުކުރޭ
12 ނޮވެމްބަރު 2022
2

މުހިންމު ނުކުތާތައް

ގަވާއިދު ކޮމިޓީން ފާސްކުރީ މަޖިލިހުން ފޮނުވާފައި އޮތް ގަވާއިދު އެގޮތަށް ގެޒެޓުކުރަން

މީގެ ކުރިން ޕްލޭނިން މިނިސްޓަރު އަސްލަމް ވަނީ ގަވާއިދު ގެޒެޓުކުރަން ދެކޮޅު ހައްދަވާފައި

މިނިސްޓްރީ އާއި އެޗްޑީސީން ބުނަނީ މި ބަދަލު ހުޅުމާލޭގެ އިންފްރާސްޓްރަކްޗާއަށް ނުކަތާނެ ކަމަށް

ހުޅުމާލޭގައި ދިރުއުޅެން އާންމުންނަށް ދޫކޮށްފައިވާ ހުރިހާ ބިންތަކުގައި 10 ބުރިއަށް އިމާރާތްކުރެވޭ ގޮތަށް އެކުލަވާލާފައިވާ 'ހުޅުމާލޭ ޕްލޭނިން އަދި އިމާރާތްކުރުމުގެ ގަވާއިދު' ގެޒެޓުކުރަން ހައުސިން މިނިސްޓްރީއަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީން ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - ހުޅުމާލޭގައި އާންމުންގެ ގޭގެ 10 ބުރިއަށް އިމާރާތްކުރެވޭ ގޮތް ހަދަން ފަހިކޮށްދޭ ގަވާއިދު މަޖިލީހުން ފާސްކުރީ 27 ނޮވެމްބަރު 2018ގަ އެވެ. ނަމަވެސް، މަޖިލީހުން ހެދި ގަވާއިދު އެ އޮތް ގޮތަށް ގެޒެޓު ކުރަން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ދެކޮޅުހައްދަވައި އެ ގަވާއިދު ގެޒެޓެއް ނުކުރައްވަ އެވެ.

ޕްލޭނިން މިނިސްޓަރުގެ އިތުރުން އެޗްޑީސީން ވެސް ވަނީ މި ގަވާއިދާ ދެކޮޅު ހަދާފަ އެވެ. ސަބަބެއް ކަމަށް ބުނަނީ ހުޅުމާލެއަކީ ރޭވިގެން ތަރައްގީކުރަމުން އަންނަ ސިޓީއަކަށް ވާތީ، ކުއްލިއަކަށް ގެތައް ހިއްލަން ފުރުސަތު ދީފި ނަމަ އާބާދީ އިތުރުވެ، އިންފްރާސްޓްރަކްޗާއަށް ނުކަތާނެ ކަމުގެ ބިރު އޮތުން ކަމަށެވެ.

ތަފްސީލް - ޕްލޭނިން މިނިސްޓްރީ އާއި އެޗްޑީސީން ގަވާއިދަށް ނުރުހުނު ނަމަވެސް، މަޖިލީހުގެ ގަވާއިދު ކޮމިޓީން މައްސަލަ ބެލުމަށް ފަހު ނިންމީ ގަވާއިދު ގެޒެޓުނުކޮށް ބޭއްވުމަކީ މިނިސްޓަރަށް ލިބޭ އިހުތިޔާރެއް ނޫން ކަމަށެވެ. އެހެންވެ، މަޖިލީހުން ރިޕޯޓު ފާސްކުރާތާ ހަތް ދުވަހުގެ ތެރޭގައި ގަވާއިދު ގެޒެޓުކުރަން ރައީސް އޮފީހަށް ފޮނުވަން މިނިސްޓްރީއަށް އަންގަން މިދިޔަ ބުރާސްފަތި ދުވަހު ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

'އެޗްޑީސީއަކަށް ގަވާއިދެއް ނުހެދޭނެ'

ހުޅުމާލޭގައި އިމާރާތްކުރުމުގެ ކަންކަމުގައި މިހާރު އަމަލުކުރަމުންދަނީ އެޗްޑީސީން 2015ގައި ގެޒެޓުކޮށްފައިވާ ގަވާއިދަކަށެވެ. އެ ގަވާއިދުގައި އޮންނަ ގޮތުން ހުޅުމާލޭގައި އާންމުންގެ ގެތައް އެންމެ އުސްކޮށް ވެސް އިމާރާތް ކުރެވެނީ ހަ ބުރިއަށެވެ. އޭރުން ފެށިގެން އެޗްޑީސީން މި ގަވާއިދު ތަންފީޒުކުރަމުން އައި ނަމަވެސް އެ ގަވާއިދަކީ، މަޖިލީހުން ބުނެފައިވާ ގޮތުގައި:

  • އެޗްޑީސީގެ ހިންގާ ގަވާއިދުގެ ދަށުން ހަދާފައިވާ ގަވާއިދެއް

  • ސައްހަ ގަވާއިދެއް ނޫން؛ ގާނޫނީ ބާރެއް ނުލިބޭ އަދި ތަންފީޒުކުރެވޭނެ ގަވާއިދެއް ނޫން

  • ބަންޑާރަ ނައިބުގެ އޮފީހާއި މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވެސް ވިދާޅުވީ އާންމު ގަވާއިދުުތަކުގެ ގާނޫނާ ހިލާފު ކަމަށް

  • ހުޅުމާލޭގައި ތަންފީޒުކުރެވޭނީ 2013ގައި ހައުސިން މިނިސްޓްރީން ގެޒެޓުކޮށްފައިވާ ހުޅުމާލޭ ޕްލޭނިން އަދި އިމާރާތްކުރުމުގެ ގަވާއިދު

ހުޅުމާލޭގެ ދެވަނަ ފޭސް އިން އެންމެ ފަހުން ވިއްކާލި ބިންތައް: ގަވާއިދު ގެޒެޓުކުރުމުން މި ބިންތަކާއި އެއްވަނަ ފޭސްގެ ބިންތަކުގައި ވެސް 10 ބުރިއަށް އިމާރާތްކުރެވޭނެ. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އަސްލަމްގެ އަމަލު: ކޮމިޓީގެ ގާނޫނީ ބާރާ މެދު "ސުވާލު އުފެއްދެވުން"

ގަވާއިދު ކޮމިޓީގައި މި މައްސަލަ ބަލަމުން ދިޔަ އިރު، މިނިސްޓަރު އަސްލަމް ވިދާޅުވީ ގަވާއިދު ގެޒެޓުކުރަން ދެކޮޅު ހަދަނީ ހުރިހާ ތަނެއް 10 ބުރިއަށް ނެގުމުން ނުކުންނާނެ ނަތީޖާއަށް ބަލާފައި ކަމަށެވެ.

"އަޅުގަނޑުމެން ހަމަ ކަނޑައެޅިގެން އިދިކޮޅު ހަދާނަން ހުޅުމާލޭގައި އާންމު ފަރުދުންގެ އެންމެންނަށް 10 ބުރިއަށް އިމާރާތް ކުރުމަށް ހުއްދަ ދޭން،" ކޮމިޓީގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވި އެވެ.

އަސްލަމްގެ މި އަމަލު ކޮމިޓީން ސިފަކުރީ، އެ ކޮމިޓީއަށް ލިބިފައިވާ ގާނޫނީ ބާރާ މެދު ސުވާލު އުފެއްދެވުމުގެ ގޮތުގަ އެވެ. އަދި މިނިސްޓަރު އެހެން އަމަލުކުރެއްވުމުގެ ސަބަބުން ކޮމިޓީގެ ނިންމުންތައް ތަންފީޒު ކުރުމުގައި އެހެން އިދާރާތަކުން ވެސް އެއްބާރުލުން ނުލިބުމުގެ ޖާގަ އޮތް ކަމެއް ކަމަށް ކޮމިޓީގެ ރިޕޯޓުގައި ފާހަގަކުރި އެވެ.

ގަވާއިދު ކޮމިޓީގެ ބައްދަލުވުމުގައި މިނިސްޓަރު އަސްލަމް ވާހަކަދައްކަވަނީ. (ފޮޓޯ/ މަޖިލިސް)

އެނގުން މުހިންމު - ހުޅުމާލޭގައި 10 ބުރިއަށް އިމާރާތްކުރެވޭ ގޮތަށް ގަވާއިދު އެކުލަވާލީ 18 ވަނަ ރައްޔިތުންގެ މަޖިލީހުންނެވެ. އެ ގަވާއިދުގައި، ވަކި ފްލޯއަކުން ފެށިގެން މަތީގެ ބެލްކަނި މަގުމައްޗަށް ނެރެވޭ ގޮތަށް ހެދުން ވެސް ހިމެނެ އެވެ.

ކޮމެންޓް (2)

ހަސީބާ

12 ނޮވެމްބަރު 2022
ކޮމެޓީން ފާސް ކުރިޔަސް ތިއަށް އަސި ބަދަލު ގެންނާނެ. ކުދިން ބަލަން ތިބެބަލަ
0 0

ހައްލު

12 ނޮވެމްބަރު 2022
ހާދަ މަދުން، އަދި އިތުރު ކޮށްލާ 10 އެއް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް