ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރު ކްރިމިނަލް ކޯޓުގެ ބޭރުގައި: އޭނާ އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ކަމަށް ބުނާ ވީޑިއޯއެއް ވަނީ ލީކުކޮށްލާފައި. (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

ނާޒިމް ސައްތާރު

ވީޑިއޯގެ މައްސަލައިގައި ނާޒިމްގެ ޕާސްޕޯޓު ހިފަހައްޓައިފި

އެ މައްސަލައާ ގުޅިގެން ރޭ ނާޒިމް ފުލުސް އޮފީހަށް ވެސް ހާޒިރުކޮށްފައިވޭ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު، ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރު ކަމަށް ބެލެވޭ މީހަކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް ބުނާ ވީޑިއޯގެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށާާފައި ވަނިކޮށް، އޭނާއަށް ރާއްޖެއިން ބޭރަށް ފުރައިގެން ނުދެވޭ ގޮތަށް އިއްޔެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.

މައްސަލައިގެ ފެށުން - ނާޒިމް އާއި ބިދޭސީ ފިިރިހެނަކު ކޮޓަރިއެއްގެ ތެރޭގައި ޖިންސީ ގުޅުން ހިންގި ކަމަށް ބުނާ ވީޑިއޯ އިއްޔެ ޝޯޝަލް މީޑިއާއަށް ވަނީ ލީކްކޮށްލާފަ އެވެ. އެކަމަކު، އެ ވީޑިއޯ އިން ފެންނަނީ އޭނާ ނޫން ކަމަށް ބުނެ ނާޒިމް ވަނީ ހުރިހާ ތުހުމަތެއް ދޮގުކުރައްވައިފަ އެވެ.

ވީ ކިހިނެއް؟ - 'ދައުރު'އަށް ކަށަވަރުވެފައިވާ ގޮތުގައި، ނާޒިމްގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނީ އޭނާއަށް ތުހުމަތު ކުރެވޭ ވީޑިއޯގެ މައްސަލައިގަ އެވެ. ޕާސްޕޯޓު ހިފެހެއްޓީ އިއްޔެކަަން ވެސް އެނގިފައިވެ އެވެ.

ތަފްސީލު - ވީޑިއޯގެ މައްސަލައާ ގުޅިގެން ރޭ ނާޒިމް ވަނީ ފުލުސް އޮފީހަށް ވެސް ހާޒިރުކޮށްފަ އެވެ. އޭނާ ހާޒިރުކުރުމާ ގުޅިގެން ފުލުހުން ހަމައެކަނި ބުނެފައި ވަނީ އޭނާ ހާޒިރު ކުރީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށެވެ.

ފުލުހުންގެ ބަސް - ފުލުހުން އިއްޔެ ބުނީ ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއާ ގުޅިގެން އެ ވީޑިއޯގައި ހިމެނޭ މީހުންނާ ގުޅޭ މައްސަލަ ތަހުގީގުކުރަން ފަށާފައިވާ ކަމަށެވެ.

އޭގެ އިތުރުން، ގިނަ އަދަދެއްގެ މީހުން ހިމެނޭ ގޮތަށް ބްލެކްމެއިލް ކުރުމުގެ މައްސަލައެއް މީގެ ކުރިން ފުލުހަށް ހުށަހަޅާފައިވާތީ އެކަން ވެސް ބަލަމުންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އެނގުން މުހިންމު - 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، ގެސްޓްހައުސްތަކަށް މީހުން ގެންގޮސްގެން އެ މީހުންނާ އެކު ޖިންސީ ގުޅުން ހިންގައި ވީޑިއޯ ކުރުމަށް ފަހު އެތައް ބަޔަކު ބްލެކްމެއިލްކޮށްފައިވެ އެވެ. އެގޮތުން، ފުލުހަކު ގެސްޓްހައުސްއަކަށް ގެންގޮސް ބްލެކްމެއިލް ކުރި މައްސަލައެއްގައި ބަޔަކު ޖަލަށްލާން ވަރަށް ފަހުން ހުކުމް ކޮށްފައިވެ އެވެ.

ނާޒިމް ފެންނަ ކަމަށް ބުނާ ވީޑިއޯއާ ގުޅިގެން ބައެއް މީހުން ދަނީ އޭނާ ހައްޔަރު ކުރުމަށާއި އޭނާގެ ވަކީލުކަމުގެ ހުއްދަ ބާތިލު ކުރުމަށް ގޮވާލަމުންނެވެ. އިދިކޮޅުން ވެސް ވަނީ އެކަމާ ގުޅިގެން ބަޔާނެއް ނެރެފަ އެވެ. އެގޮތުން، އެ ވީޑިއޯ އިން ފެންނަނީ ނާޒިމްކަން ވަރަށް ބޮޑަށް ޔަގީން ކުރެވޭ ކަމަށާއި އެ ވީޑިއޯގެ ހަގީގަތް ދެނެގަތުމަށްޓަކައި ފުރިހަމަ ތަހުގީގެއް ހިންގުމަށް އިދިކޮޅުން ގޮވާލާފައިވެ އެވެ.


އިތުރު އާޓިކަލް

އިތުރު އާޓިކަލް