ކުރީގެ ރައީސް މުހައްމަދު ނަޝިދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށް ފަހު އެ ސަރަހައްދު: އެ ހަމަލާއަކީ ހަރުކަށި ވިސްނުމުގެ ނުރައްކާތެރިކަމުގެ އެއް މިސާލު. (ފޮޓޯ/އަދަދު)

އަދުހަމަކީ ބޮޑު ނުރައްކަލެއްގެ ތެރެއިން އެއް ވާހަކަ

އޭނާގެ އިއުތިރާފުގެ ބަޔާނުން ސާފުވީ ދީނީ ހަރުކަށިކަމުގެ ތެރެއަށް ވަންނަ ޒުވާނުން ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެކަން

މުސްލިމަކު ކާފަރުކޮށް އޭނާ މަރާލުން ހުއްދަ ކަމަށް އެކަކު ބުނުމުން އެއާ މެދު ސުވާލެއް ވެސް ކުރުމެއް ނެތި އެކަން ގަބޫލުކޮށް އެ މީހަކު މަރާލަން ނުކުންނަން ފަސްނުޖެހޭ ނަމަ އެ ހެރީ ރަނގަޅަށް 'ސިކުނޑި ދޮވެލާފަ' އެވެ.

ރަސްމީ އެއްވެސް ތަނަކުން ދީނީ އިލްމު ހާސިލްނުކޮށް ހުރި އާދައިގެ މީހަކު، ހަރުކަށި ބައެއްގެ 'ފަތުވާތަކުން' މައުލޫމާތު ހޯދައި އޭނާ ނިންމާ ގޮތް ސައްހަކަމަށް ބުނެ ދައްކާ ވާހަކައިގެ ތެރެއަށް ގެއްލިގެންދާ ޒުވާނުން ޖެހިފައި އެވަނީ ވަރަށް ނުރައްކާތެރި އޮއިވަރެއްގަ އެވެ.

އައިއެސް ޖަމާއަތުގެ ބަޔަކު ކާރެއްގައި އަމިއްލައަށް މަރުވެގެން ހަމަލާއެއް ދޭން ދަނިކޮށް އެހެން ދިމާލަކަށް ދުއްވާފައި ގޮސް، ކުރިން ކަނޑައެޅި އަމާޒު ނޫން އެހެން ތަނަކަށް ހަމަލާ ދެނީ، މަލާއިކަތުން އެ ކާރުގެ މިސްރާބު ބަދަލުކުރުމުން ކަމަށް ބުނެ ހަދާފައި އޮތް ވީޑިއޯއެއް ބަލައި، އެއީ ހަގީގަތެއް ކަމަށް ގަބޫލުކުރާ މީހާ އެހެރީ އަމިއްލަ ވިސްނުމުގެ ބާރުން އެކަހެރިވެފަ އެވެ.

މަތީގައި ގެނައި ތިން މިސާލު ވެސް ނަގާފައި އެވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން 6 މޭ 2021 ގައި ދިން ޓެރަރިސްޓް ހަމަލާގައި ބޮން ގޮއްވާލި އަދުހަމް އަހުމަދު ރަޝީދު ފުލުހުންނަށް ދިން ބަޔާނުންނެވެ. އެ ހަމަލާ ދިން ކަމަށް އިއުތިރާފުވެ، އޭނާ ކިޔައިދިން ވާހަކަތަކުން އެނގެނީ ދިވެހި ބައެއް ޒުވާނުން ދީނީ ހަރުކަށި ވިސްނުމުގެ ތެރެއަށް ވައްދާލެއް ފަސޭހަކަމާއި އެހާ ހިސާބުން އެ ޒުވާނުންގެ ވިސްނުން ކިތައްމެ ބޮޑު ކުށަކަށް އަރައިގަންނަން ވެސް ޖެހިލުންނުވާ ފަދަ މިންވަރަކަށް ބަދަލުވާކަމެވެ.

ސައިކަލް ގޮއްވާލުމުގެ ކުޑައިރުކޮޅެއް ކުރިން އަދުހަމް، އަތަމާ ޕެލެސް ގޯޅިގަނޑުގައި: އޭނާ ކައިރި ބުނި ވާހަކައެއް ވިއްޔާ ގަބޫލުކުރި

އަދުހަމްގެ ބަޔާން ވަނީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތުގައި ސިއްރުކޮށްފަ އެވެ. އެކަމަކު އިއްޔެ އެ ބަޔާންތައް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ބައެއް މީޑިއާތަކާ ހިއްސާކުރެއްވި އެވެ.

އަދުހަމްގެ ސިކުނޑިއަށް ވެރިވެ ދީނީ ހަރުކަށި ފިކުރުގެ ތެރެއަށް ވެއްދުމުގެ އިސް މީހަކީ، އޭނާ ބުނި ގޮތުގައި، މުހައްމަދު ތަސްލީމް އެވެ. ހއ. ހޯރަފުއްޓަށް އުފަން ތަސްލީމަކީ ދީނީ އިލްމުވެރިޔަކަށް ނުވިޔަސް އަދުހަމްގެ ވިސްނުމުގައި އެއީ ދީން ވަރަށް ބޮޑަށް ދަންނަ މީހެކެވެ.

"ތަސްލީމްގެ ފަރާތުން ދީނީ ކަންކަމުގެ އިލްމު އުނގެނެމުން ދިޔަ ނަމަވެސް އަޅުގަނޑަށް އޭނާގެ ފަރާތުން ދަސްވާ އެއްވެސް އެއްޗެއްގެ ސައްހަކަން ކަށަވަރުކުރުމަށް ދިވެހިރާއްޖޭގެ އެއްވެސް އިލްމުވެރިއެއް ގާތުގައި އަހާ އޮޅުންފިލުވުމަށް އުޅެފައި ނުވާނެ އެވެ،" އަދުހަމްގެ ބަޔާނުގައި ވެ އެވެ.

ހަރުކަށި ފިކުރުގެ ތެރެއަށް ވަންނަ ޒުވާނުންގެ އެންމެ ބޮޑު މައްސަލައަކީ އެ އެވެ. އެ މީހުންގެ ވިސްނުން ބަދަލުކޮށްލާ މީހުން ނޫން ބަޔަކަށް އެއްވެސް އިތުބާރެއް ނުކުރެ އެވެ. އެގޮތުން އަދުހަމް އުޅެމުން އައި 'ސެލް'ގައި ހިމެނޭ މަދު މީހުންކޮޅު ފިޔަވައި، އެހެން ބަޔަކާ އިޖުތިމާއީ، ދީނީ އަދި ރަހުމަތްތެރިކަމުގެ ގުޅުން ވެސް ނުބާއްވާކަން އެނގެ އެވެ. ރާއްޖޭގެ ދީނީ އިލްމުވެރިން ކައިރިން ކަންކަން އޮޅުންފިލުވަން އަދުހަމް ބޭނުންނުވަނީ އެއީ ވެސް 'ތޯއޫތުން'ގެ ބައެއް ކަމަށް ނިންމައިގެންނެވެ. ޑިމޮކްރަސީ ގަބޫލުކޮށް އެ ނިޒާމު ތެރޭގައި އުޅޭ އެންމެންނަކީ، ތަސްލީމް އޭނާއަށް ވިސްނައިދީފައި އޮތް ގޮތުން ނަމަ، 'ތޯއޫތުން'ނެވެ. 

"ތޯއޫތުންނާ މެދު ރުޅިވެރިކަމާއި އަދާވަތްތެރިކަން ބާއްވަން ޖެހޭނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވުނެވެ،" ތަހުގީގުގައި އަދުހަމް ބުންޏެވެ.

ބިރުވެރި ވިސްނުމެކެވެ. 

ހަމަލާގައި ލިބިވަޑައިގެންނެވި ސީރިއަސް ޒަހަމްތަކަށް ބޭރުގައި ފަރުވާ ހޯއްދެވުމަށް ފަހު ނަޝީދު 11 އޮކްޓޯބަރު 2021 ގައި ރާއްޖެ ވަޑައިގެން އެއާޕޯޓްގައި

ރާއްޖޭގައި ދީނީ ގޮތުން ހަރުކަށި ފިކުރަށް ހެއްލޭ ޒުވާނުން ގިނަވާކަން، ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުން ބުނެ އެވެ. އެ ހަރުކަށިކަމުގައި އެ ޒުވާނުންގެ ހިޔާލު، އައިއެސް ފަދަ ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތްތަކުން ފަތުރާ މައުލޫމާތުތަކުގެ ތެރޭގައި އެނބުރި، އެ ނޫން އެހެން އެއްވެސް މަގެއް ދިރިއުޅުމުގައި ނެތް ވަރަށް އެކަހެރިކޮށްލަ އެވެ.

އަދުހަމަކީ ކުރިން ދީނާ ހިލާފު ކަންކަން ކުރި ޒުވާނެކެވެ. އެގޮތުން މަސްތުވާތަކެތި ބޭނުންކުރި އެވެ. ކުދިކުދި ވައްކަންކުރި އެވެ. އެކަމަކު މަސްތުވާތަކެތީގެ ދެވިހިފުމުން ސަލާމަތްވާން އޭނާ ގަވާއިދުން ނަމާދުކުރަން ފެށި އެވެ. އަދި އޭގެ ސަބަބުން އެ އާދައާ ދުރަށް ވެސް ދެވުނެވެ. އެކަމަކު އެހާ ހިސާބުން އޭނާއާ ދިމާވަނީ ދީނީ ހަރުކަށި ފިކުރުގެ ބައެއް ޒުވާނުންނާ އެވެ. މިސްކިތްތަކަށް ގަވާއިދުން ނަމާދަށް ދާ ޒުވާނުންގެ ފަހަތުން، ހަރުކަށި ފިކުރުގެ މީހުން އުޅޭކަން، ކުރިން ވެސް އެނގެ އެވެ. ސީރިޔާ ފަދަ ގައުމުތަކުގެ ދާހީލީ ހަނގުރާމައިގައި ބައިވެރިވާން ރާއްޖެއިން ދިޔަ ބައެއް ޒުވާނުންނަކީ އެގޮތުން މިސްކިތްތަކުން ބައްދަލުކޮށް، ވާހަކަ ދައްކައިގެން އެ ފިކުރުގެ ތެރެއަށް ވެއްދި މީހުންކަން، އެނގެ އެވެ.

އަދުހަމް ޖެހުނީ އެ ދަލުގަ އެވެ. ތަސްލީމް އާއި އޭނާގެ 'ސެލް'ގެ އެހެން މީހުން ނިންމާ ގޮތެއް އޭނާ ގަބޫލުކުރި އެވެ. ނަޝީދު އަވަހާރަކޮށްލުމަކީ ކުރަން ޖެހޭ ކަމެއްކަން، ތަސްލީމްމެން ކަނޑައަޅައި، އެކަން ކުރަން އޭނާއާ ހަވާލުކުރުމުން އިތުރު އެއްވެސް ސުވާލެއް ނުކުރެ އެވެ. އެ ސުވާލުކުރުމަކީ 'ސެލް' މަސައްކަތްކުރާ ގޮތަށް ބަލާއިރު ކޮށްގެން ވާނެ ކަމެއް ނޫނެވެ.

"އެމީހަކާ ހަވާލުކުރާ ޓާސްކްގެ ސިއްރު އެމީހަކު ހިފަހައްޓަން ޖެހެ އެވެ،" އަދުހަމް ބުނެފައިވެ އެވެ.

ސެލްގެ އިސް މީހާ، އެ ސެލްގެ ކޮންމެ މީހަކާ ވެސް ވަކި ކަމެއް ހަވާލުކޮށްފާނެ އެވެ. އެކަމަކު އެ ހަވާލުކުރާ ކަމަކާ މެދު އެހެން މީހަކާ ސުވާލުކޮށް، ކަންކަން އޮޅުންފިލުވައެއް ނުހެދޭނެ އެވެ. އަދުހަމް ހުރީ އެގޮތަށް ގަބޫލުކޮށްގެންނެވެ.

އަދުހަމްއަށް ދީނީ ހަރުކަށިކަން ވިސްނައިދިން ކަމަށް ބުނާ ތަސްލީމް (ވ) ކްރިމިނަލް ކޯޓުގައި. ދީނީ ރަސްމީ އިލްމެއް ނެތަސް އޭނާ ދެއްކި ދީނީ ވާހަކަތައް އަދުހަމް ގަބޫލުކުރި

ނަޝީދު އަވަހާރަކޮށްލަން ފުރަތަމަ ހަމަލާދޭން އުޅުނީ އެ މަނިކުފާނުގެ ކުރީގެ އަނބިކަނބަލުން ލައިލާ އަލީގެ ގެކޮޅު ޔާގޫތުގޭ ކައިރީގަ އެވެ. ބޮން ހަރުކޮށްފައި ހުރި ސައިކަލެއް އެ ގެ ކައިރީގައި ބަހައްޓައިގެން، ނަޝީދު ވަޑައިގަންނަވާ އިރަށް ގޮއްވާލަން އަދުހަމް އެތައް ރެއަކު އެ ހިސާބުގަނޑުގައި، އެތައް ގަޑިއިރެއް ހޭދަކުރި އެވެ. އެކަމަކު ނަޝީދު އެގެއަށް ވަޑައިނުގަންނަވާތީ އެ ފުރުސަތެއް ނުލިބުނެވެ.

އެ މަނިކުފާނުގެ ގެކޮޅު ކެނެރީގެ ހުންނަ ގޯޅީގެ ކަންމަތީގައި ބެހެއްޓި ސައިކަލް، 6 މޭގައި ގޮއްވާލުން އެކަންޏެއް ނޫނެވެ. އެ ސައިކަލްގައި ގޮވާ އެއްޗެހި ހަރުކުރުމުގެ ކުރިން ހުޅުމާލޭގައި އޭނާގެ ފްލެޓް ކައިރީގައި ސައިކަލް ބެލެހެއްޓުމާއި ގޮވާ އެއްޗެހި ހަރުކުރި އިރު ފޯރިމެރުން ފަދަ ހުރިހާ ކަމެއްގައި ބައިވެރިވި އެވެ.

ކުރަން މި އުޅޭ ނުރައްކާތެރި އަދި އެތައް ބައެއްގެ ފުރާނަ ހިނގައިދާނެ އަމަލާ މެދު ދެ ވަނަ ވިސްނުމަކަށް އޭނާ ނުދެ އެވެ. ދެވޭނެ މަގެއް ވެސް އޭނާއަކަށް ނުފެނެ އެވެ. އޭނާގެ ހަމައެކަނި މީހަކީ ތަސްލީމް އާއި 'ސެލް'ގެ އެހެން ބައިވެރިންނެވެ. އޭނާ ހުރީ އާންމު މުޖުތަމައުގެ އާދަކާދަ އާއި އިޖުތިމާއީ ގުޅުންތަކުން ދުރުވެގެންނެވެ.

އެކަމަކު އެރޭ އަތަމާ ޕެލެސްގެ ގޯޅިގަނޑުގައި ހުރެ ރިމޯޓުން ސައިކަލް ގޮއްވާލުމާ އެކު، އަދުހަމްގެ ހަރުކަށި ވިސްނުމުގެ ފުސްކަން ކެނޑި، ބިރުގަތެވެ. އޭނާ ދުވެފައި އެތަނުން ދިޔައީ، ކުރިން ކަނޑައެޅި އުސޫލުތަކާ ހިލާފަކަށެވެ. އަސްލު އޭނާ ދާން ޖެހޭނީ ޒަހަމްވީ މީހުންނަށް އެހީވާށެވެ. ހަމަލާގެ ބައިވެރިއެއްކަން ސިއްރުކުރުމުގެ އެއް އުކުޅަކީ އެއީކަން، އަދުހަމަށް އޮތީ ވިސްނައިދީފަ އެވެ.

އެކަމަކު ޖަލަށް ލުމާ އެކު އޭނާ ވަނީ ބަދަލުވެފަ އެވެ. އަދި ނަޝީދު އަވަހަރަކޮށްލުމުގެ ހަމަލާއަކީ ކުރެވުނު ކުށެއް ކަމަށް ގަބޫލުކުރި އެވެ. ދީނީ ގޮތުން 'އޮޅުންބޮޅުންގަނޑެއް'ގެ ތެރޭގައި ހުރި ކަންކަމުން ދުރުވާން އޭނާ މަސައްކަތްކުރާ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

އަދުހަމްގެ ވާހަކަތަކުން ސާފުވީ، އާންމުންނަށް ވިސްނޭ ވަރަށް ވުރެ ދީނީ ހަރުކަށި ހިޔާލުގެ މީހުންގެ ނުރައްކާތެރިކަން ބޮޑުކަމެވެ. އަދި ބައެއް ޒުވާނުން ވަރަށް ފަސޭހައިން އެ ފިކުރުގެ ތެރެއަށް ގެންދެވޭ ކަމެވެ. ގެންދާ ކަމެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް