ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕޭންގައި ހއ. ދިއްދޫގައި މިރޭ ވާހަކަފުޅުދައްކަވަނީ (ފޮޓޯ/ ރައީސްގެ ކެމްޕޭން ޓީމް)

ދިއްދޫގައި އެއާޕޯޓެއް އެޅުން ދެވަނަ ދައުރުގެ ވައުދުތަކުގައި ހިމެނިދާނެ: ރައީސް

ރައީސް ވިދާޅުވީ ތަރައްގީއަށްޓަކައި ހިންގާ މަޝްރޫއުތައް ކުރިއަށް ދާނީ ދާއިރާގެ ރައްޔިތުން އެދޭ މަގުން ކަމަށް

ދާއިރާގެ ރައްޔިތުން ބޭނުންވާ ނަމަ، ދެވަނަ ދައުރަކަށް ތައްޔާރުކުރާ މެނިފެސްޓޯގައި، ހއ. ދިއްދޫގައި އެއާޕޯޓެއް ތަރައްގީ ކުރުން ހިމަނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވަން މި މަހުގެ 28ގައި ބާއްވާ ޕްރައިމަރީގެ ކެމްޕޭނުގައި ރައީސް ސޯލިހު މިރޭ ވަޑައިގެންނެވީ ދިއްދުއަށެވެ. އެ ރަށުގައި ބޭއްވި ޖަލްސާގައި، އެ ސަރަހައްދުގެ ތަރައްގީގެ މަޝްރޫއުތަކަށް އަލިއަޅުވާލެއްވުމުގެ ތެރެއިން، ދިއްދޫގައި އެއާޕޯޓެއް އެޅުމުގެ ވާހަކަ އެމަނިކުފާނު ދެއްކެވި އެވެ.

ބުނީ ކީކޭ؟ - "އަޅުގަނޑުމެން އަދި އިރާދަކުރެއްވިއްޔާ އަންނާނަން މި ޕްރައިމަރީއަށް ފަހުގައި. ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި މެނިފެސްޓޯއެއް އެކުލަވާލާނަން. ތިޔަ ބޭފުޅުންނާ މަޝްވަރާ ކުރާނަން. އޭގައި، މި ރަށުގެ އެއާޕޯޓް ނުހިމަނަންވީ ސަބަބެއް އަޅުގަނޑަކަށް ނުފެނޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ދިއްދޫ ދާއިރާގެ ތަރައްގީއަށްޓަކައި ހިންގާ މަޝްރޫއުތައް ކުރިއަށް ދާނީ ދާއިރާގެ ރައްޔިތުން އެދޭ މަގުން ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭންގައި ހއ. ދިއްދޫގައި ބޭއްވި ޖަލްސާ (ފޮޓޯ/ ރައީސްގެ ކެމްޕޭން ޓީމް)

ގުޅުންހުރި - ހިޔާނާތުގެ މައްސަލައެއްގައި ޖަލަށް ލުމުގެ ކުރިން، ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ދިއްދޫގައި އެއާޕޯޓެއް އަޅައިދޭން ވައުދުވެވަޑައިގެންފަ އެވެ. ކެމްޕޭން ދަތުރެއްގައި މިދިޔަ އޮކްޓޯބަރުގައި ދިއްދުއަށް ވަޑައިގެން ބޭއްވެވި ޖަލްސާއެއްގައި، ފަސް އަހަރުގެ ދައުރެއް ލިބިއްޖެ ނަމަ ދިއްދޫ ފަޅު ހިއްކައިގެން އެއާޕޯޓެއް ތަރައްގީކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެނގުން މުހިއްމު - ޔާމީން އެ ގޮތަށް ވިދާޅުވުމުން، އެމްޑީޕީގެ އަގުލަބިއްޔަތު އޮންނަ ދިއްދޫ ކައުންސިލުގެ ބައެއް މެމްބަރުން ވަނީ، އެއާޕޯޓެއް އެޅުމާ ދެކޮޅަށް ވާހަކަ ދައްކަވާފަ އެވެ. އެ ކައުންސިލަރުން ވިދާޅުވެފައިވާ ގޮތުގައި:

  • އެ ސަރަހައްދުގައި ދަތުރުފަތުރު ކުރުމަށް ތިން އެއާޕޯޓު މިހާރު ވެސް އެބައޮތް

  • މި ސަރުކާރުގެ އާރުޓީއެލް ފެރީން ފަސޭހަކަމާ އެކު ރަށްރަށަށް ދަތުރުކުރެވޭ

  • މި ވަގުތަށް މުހިއްމީ ގެދޮރުގެ ދަތިކަން ހައްލުކުރުމުގެ މަޝްރޫއުތަކާއި ހޮސްޕިޓަލް އެޅުން

ނަމަވެސް، ދިއްދޫގައި އެއާޕޯޓެއް އެޅުމުގެ ފެހި ސިގްނަލް ރައީސް ސޯލިހު މިރޭ ދެއްވުމާ އެކު، ޖަލްސާގެ ކުރީ ސަފުތަކުގައި ތިއްބެވި މެމްބަރުންނާއި ކައުންސިލަރުން ވެސް ތެދުވެ ތަރުހީބު ދެއްވި އެވެ. ރައީސް ސޯލިހު ދެއްކެވި ވާހަކަތަކުގެ ތެރެއިން، ޖަލްސާގައި ތިބި މީހުންގެ ފަރާތުން އެންމެ ބޮޑު ތަރުހީބެއް ލިބުނީ ވެސް އެއާޕޯޓު އެޅުމުގެ ވާހަކައަށެވެ.

ކޮމެންޓް (1)

އެ ކަނބާ

18 ޖެނުއަރީ 2023
ދިއްދޫ ރައްޔިތުންނަށް އެއަރޕޯޓު ވެސް މަތިންދާ 10ބޯޓު ވެސް މަސްކު އަތުން ޖައްވައްދާ 100ބޯޓުވެސް ދޭކަށް އަޅުގަޑުމެންގެ ލޮބުވެތި ހިންނަވަރު ކިންގްޑޮމް ރައީސް ކުޑަކޮށްވެސް ފަސްޖެހިވަޑައި ނުގަންނަވާނެ. އެހާމެ ފުދި ދީލަތި ބަލިހިތްތިރި ރައްޔިތުމީހާދެކެ ލޯބިވާ ރައިސްއެއް މިދިވެހިރާއްޖެ ނެދެކޭ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް