ރ. އަތޮޅުގައި ހިންގާ އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނާގަ ރިސޯޓުގެ އިމާރާތަކުން ވެއްޓި ރޭ މަރުވި ފުވައްމުލަކު/ދަޑިމަގު، ޒައިދު އިބްރާހިމް.

ފުވައްމުލަކު ޒުވާނަކު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި މަރުވެއްޖެ

މަރުވީ ފުވައްމުލަކު ދަޑިމަގު އަވަށަށް ނިސްބަތްވާ، އުމުރުން 28 އަހަރުގެ ޒައިދު އިބްރާހިމް

ރ. އަތޮޅުގައި ހިންގާ ރިސޯޓެއްގެ އިމާރާތަކުން ވެއްޓި ދިވެހި ޒުވާނަކު ރޭ މަރުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެނގިފައިވާ ގޮތުގައި، އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނާގަ ރިސޯޓުގެ އިމާރާތަކުން ވެއްޓި މަރުވީ:

  • ފުވައްމުލަކު ދަޑިމަގު އަވަށަށް ނިސްބަތްވާ ޒައިދު އިބްރާހިމް 

  • އެއީ އެ ރިސޯޓުގައި ވަޒީފާ އަދާކުރަމުން އައި 28 އަހަރުގެ ޒުވާނެއް

  • އޭނާ ވެއްޓުނީ އިމާރާތެއްގެ ހަތަރު ވަނަ ބުރީގެ ބެލްކަނިން ކަމަށްވޭ

ރ. އަތޮޅުގައި ހިންގާ އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނާގަ ރިސޯޓުގެ އިމާރާތަކުން ވެއްޓި ރޭ މަރުވި ފުވައްމުލަކު/ދަޑިމަގު، ޒައިދު އިބްރާހިމް.

ހޮސްޕިޓަލުގެ ބަސް - ރޭ ދަންވަރު 1:50 ހާއިރު، ޒަހަމްތަކަކާ އެކު ރ. އުނގޫފާރު ހޮސްޕިޓަލަށް ގެންދިޔަ ޒުވާނަކު މަރުވެފައިވާކަން އެ ހޮސްޕިޓަލުން ވެސް ޔަގީންކޮށްދެ އެވެ. އެކަމަކު މިކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި އެ ތަނަކުން ހާމައެއް ނުކުރެ އެވެ.

ފުލުހުންގެ ބަސް - ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ރ. އަތޮޅުގައި ހިންގާ ރިސޯޓެއްގެ އިމާރާތެއްގެ ހަތަރު ވަނަ ބުރިން މީހަކު ވެއްޓިފައިވާ ކަމަށް ރޭ ދަންވަރު 12:49 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އުނގޫފާރު ހޮސްޕިޓަލާ ހަވާލާ ދީ ފުލުހުން ބުނީ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޭނާ މަރުވެފައިވާ ކަމަށެވެ.

"މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން،" ފުލުހުންގެ މެސެޖުގައިވެ އެވެ.

ރ. އަތޮޅުގައި ހިންގާ އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނާގަ ރިސޯޓުގެ ގެސްޓް ކޮޓަރިތަކެއް: ފުވައްމުލަކު ޒުވާނަކު ވެއްޓި މަރުވެފައި ވަނީ މި ރިސޯޓުގެ އިމާރާތަކުން. (ފޮޓޯ/ބުކިން.ކޮމް)

މިކަމާ ގުޅޭ ގޮތުން އާއިލާ އާއި ރިސޯޓުގެ ބަހެއް އަދި ނުލިބެ އެވެ. އެހެންވެ، އޭނާ ވެއްޓުނީ ސީދާ ކޮން ކަހަލަ އިމާރާތަކުން ކަމެއް އަދި ވީ ކިހިނެއް ކަމެއް އަދި ސާފެއް ނުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް