ވާހަކަ: ކަތި ފިޔަވަޅު

ވާހަކަ

ވާހަކަ: ކަތި ފިޔަވަޅު

ދިރިއުޅުމުގެ ނައު ދަތުރު ކުރުމަށް ދެ ރާސްތާއެއް ފެންނަން އޮވެއެވެ. އިޚުތިޔާރު ކުރާނީ ތިމާއެވެ. ދާން ބޭނުންވާ މަންޒިލް ފެންނަން އޮތް ނަމަވެސް ދާން ބޭނުންވާ ރާސްތާ އެ ކަމަށް އިޖާބަ ނުދޭ ނަމަ ހިތާ ދެކޮޅަށް ތިމާގެ މިސްރާބު ބަދަލު ކޮށްލަން ޖެހެއެވެ.
13 ޖޫން 2022

އެޕިސޯޑު 11

"ވޮޗަރުކަމޭ؟ އެ ނޫން ތަނަކުން ނުލިބުނުތަ؟" ސާނިޔާ ވީ ފޫހި އިތުރުވިއެވެ.

"އަހަރެން ނޫޅެން އެހެން ތަނަކުން ހޯދާކަށް. މާފަސޭހަ ގޮތެއްނު އެއީ؟" ފަރުވާކުޑަ ގޮތަކަށް ތޯރިގު ބުންޏެވެ.

"ފަސޭހަކަމަށް އެކަނިތަ ބަލަނީ؟ އެތަނުން ލިބޭނީ ކޯއްޗެއް؟" ސާނިޔާ ތުން އަނބުރާލާފައި ބުންޏެވެ.

"ލިބޭ އެއްޗަކަށް ޝުކުރު ނުކުރެވެންޏާ މޮޅު ގޮތެއް ސާނިޔާ ހޯދަބަލަ،" ރުޅި އައިސްފައި ތޯރިގު ބުންޏެވެ.

ސާނިޔާ އިތުރު އެއްޗެއް ނުބުނީ ޒުވާބު ކުރަން ޖެހޭނެތީއެވެ. ހިތްހަމަނުޖެހިގެން އެއްޗެއް ބުނެވޭ ކޮންމެ ފަހަރަކު ގޯސް ވަނީ ސާނިޔާއެވެ. ކަމެއް ރަނގަޅު ކޮށްލަން ބުނާ ކޮންމެ ފަހަރަކު ވެސް މެއެވެ. ތޯރިގުގެ އުޅުން ހުންނަ ގޮތާމެދު އެއްޗެއް ނުބުނެ ވޭތޯ ސާނިޔާ މަސައްކަތް ކުރެއެވެ.

ސާނިޔާގެ ޝަކުވާތައް ޖަމާވަނީ ހިތުގައެވެ. ދުލު ކުރިއަށް ގެނެސްގެން އެ އަޑު އަހާނެ ކަންފަތެއް ނެތެވެ. އެންމެ ފުރަތަމަ އެކަން ވެސް ކުރިއެވެ. ޝަކުވާތައް ބަންޑުން ކުރިއެވެ. ނަމަވެސް ވީ އެއްވެސް ފައިދާއެއް ނެތެވެ. އަތްނބަކަށް ކުރެވޭނެ ހަމަ އެކަނި ކަމަކީ ކެތްކުރުން ހެއްޔެވެ؟ ފިރިމީހާ ކޮންމެ ކަމެއް ކުރިޔަސް އަޅާނުލުން ހެއްޔެވެ؟ އަނބިމީހާގެ އިހުސާސްތަކާއި ބޭނުންވާ ކަންކަމަކީ އެއްވެސް މުހިންމު އެއްޗެއް ނޫން ހެއްޔެވެ؟

ސާނިޔާއަކީ ކެތްތެރިކަން ކުޑަ މީހެކެވެ. ހިތް އަވަސް، ބޭނުންތައް ގިނަ މީހެކެވެ. ނަމަވެސް ދިރިއުޅުމުގެ މިހާ ހިސާބަށް އާދެވުނު އިރު ސާނިޔާ ކެތްކުރިއެވެ. ދުވަސްތައް ހޭދަ ކުރީ ހިތްހަމަނުޖެހުމާއި ފޫހިކަމުގައެވެ. ކިރިޔާ ވެސް ހިތްހަމަޖެހުމެއް ލިބެނީ ހަދީޖާ އާއި ހާރޫނު ޒިޔާރަތް ކޮށްލާ މަދު ފަހަރަކުއެވެ. އެ މީހުން ވެސް މާ ގިނަ ދުވަހު މަޑު ނުކޮށް ފުރައިގެން ދަނީ މޮޅިވެރިކަމާއެކުގައެވެ.

ދިރިއުޅުމުގައި ތިމާ ބޭނުން ނުވާ ކިތަންމެ ކަމަކާ ކުރިމަތިލާން ޖެހެއެވެ. ކިތަންމެ ބަޔަކާ ބައްދަލު ކުރަން ވެސް ޖެހެއެވެ. އުންމީދު ނުކުރާ ކިތަންމެ ބަޔަކު ތިމާގެ ހަޔާތަށް އާދެއެވެ. އަދި ތިމާ ދޫކޮށް ދާން ވެސް ދެއެވެ. އިތުބާރުކޮށް ލޯބިވި ކިތަންމެ ބަޔަކު ތިމާއަށް ބޭވަފާތެރި ވެއެވެ. އެ މީހަކަށްޓަކައި ކިތަންމެ ކަމެއް ގުރުބާންކޮށްލި މީހުން ތިމާގެ ނާޖާއިޒު ފައިދާ ނަގާނެއެވެ. ބައެއް މީހުން ތިމާގެ ހަޔާތަށް އަންނަނީ ދަތުރުވެރިއެއް ފަދައިންނެވެ. އެފަދަ މީހުން، ދިރިއުޅުމުގެ ވަކި ހިސާބަކުން ތިމާ ދޫކޮށް ދާނެއެވެ. އެއީ އެ މީހުން ބޭނުންވާ ހިސާބަށް ދެވުމުންނެވެ.

ތޯރިގު ގާތުން ވަރިވާން ހިތަށް އެރި ދުވަސްތައް މާޒީއާ އެކުވެ ހިނގައްޖެއެވެ. ސާނިޔާއަށް އޮތް އެންމެ ފަސޭހަ ގޮތަކީ ތޯރިގުގެ ސިކުނޑިން ވިސްނުމެވެ. ތޯރިގު ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ކުރުމެވެ. އުޅުމާއި ގުޅުންތައް ވެސް ބެހެއްޓުމެވެ. ދިރިއުޅެން ފަސޭހަ ވާނީ އޭރުންނޭ ސާނިޔާ ހިތަށް އެރިއެވެ. މި ވަގުތު ސާނިޔާއަށް ވަދެވިފައި މި ހުރި މަގަކީ އެއްކޮޅަށް ދުއްވާ މަގެކެވެ. ވަށައިގެންވާ ގޯޅިތަކުގައި ވެސް ވަނީ ބަންދު ބޯޑު އަޅުވާފައެވެ. ދިރިއުޅުމުގެ ނައު ދަތުރު ކުރުމަށް ދެ ރާސްތާއެއް ފެންނަން އޮވެއެވެ. އިޚުތިޔާރު ކުރާނީ ތިމާއެވެ. ދާން ބޭނުންވާ މަންޒިލް ފެންނަން އޮތް ނަމަވެސް ދާން ބޭނުންވާ ރާސްތާ އެ ކަމަށް އިޖާބަ ނުދޭ ނަމަ ހިތާ ދެކޮޅަށް ތިމާގެ މިސްރާބު ބަދަލު ކޮށްލަން ޖެހެއެވެ. ވުމާއެކު ތޯރިގު ބޭނުންވާ ގޮތަށް ކަންކަން ކުރިއަށް ގެންދިޔައެވެ.

ކިތަންމެ ކުޑަ އެއްޗެއް ގަންނަން ވިޔަސް ފިހާރައަށް ދަނީ ތޯރިގުއެވެ. ސާނިޔާގެ އަތުގައި އެންމެ ރުފިޔާއެއް ނޯވެއެވެ. ކުދިން ސުކޫލަށާއި ޓިއުޝަނަށާއި ގުރުއާން ކުލާހަށް ލާން އަދި ބަލައި ވެސް ދަނީ ސާނިޔާއެވެ. ދަރިންގެ އެފަދަ ޒިންމާތައް ނަގަނީ ސާނިޔާއެވެ. އެއީ ތޯރިގު ބޭނުންވާ ގޮތެވެ. ސާނިޔާއަށް ވިސްނައިދިނީ އެހެން އެއްޗެކެވެ. ސާނިޔާ އާއި ދަރިންނަށް ބޭނުންވާ އެއްޗެހި ގަނެދެނީ ތޯރިގުއެވެ. އެއީ އެންމެ ބުރަ ޒިންމާކަމުގައި ތޯރިގު ބުނެއެވެ.

މައިންބަފައިންގެ އަތުން މި ފަހަރު ފައިސާ ނަގަން ފެށީ ސާނިޔާއެވެ. ނަމަވެސް ދެނީ ތޯރިގު އަތަށެވެ. ތޯރިގު ވަޒީފާއިން ވަކިނުވަނީ ވަޒީފާ ފަސޭހަ ވީމައެވެ. ލިބޭ ލާރިކޮޅު ކިތަންމެ މަދު ވިޔަސް ވެހެވެ. ކުދިން ބޮޑެތި ވަމުން ދިޔަ ވަރަކަށް ހަރަދުތައް ބޮޑު ވަމުން ދިޔައެވެ. ސްކޫލަށް ބޭނުންވާ ތަކެއްޗެވެ. ޓިއުޝަން ފީތަކާއި ގުރުއާން ކުލާހުގެ ފީތަކެވެ. ކުލި ދައްކަން ނުޖެހުނު ކަމުގައި ވިޔަސް ފެނާއި ކަރަންޓް ބިލު ވެސް ބޮޑު ވާން ފެށިއެވެ. ސާނިޔާ ވިސްނަމުން ދިޔައީ ދެން ހަދާނެ ގޮތަކާ މެދުގައެވެ.

"ކޮން ހިޔާލަކަށް ގެއްލިފައި؟" ބަދިގެ ތެރެއަށް ވަދެގެން އައި ފަޒުނާ ބުންޏެވެ.

"މި ވިސްނަނީ ދިރިއުޅުމާ މެދު،" ސާނިޔާ ހިނިތުންވަމުން ބުންޏެވެ.

"ދިރި ހުރިއްޔާ ދިރިއުޅުމާމެދު ވިސްނަން ޖެހޭނެ. ތިކަމާ ވިސްނަން ނުޖެހޭ މީހުން ތިބޭނީ ކަށްވަޅުގައި. ނޫންތަ؟" ފަޒުނާ ބުންޏެވެ.

"އާނ. މިހާރު ހަރަދުތައް މި ދަނީ އަތް ނުފޯރާ ފަށަށް. ކިހިނެއް މި ވަރުން އުޅޭނީ؟" ސާނިޔާ ކަންބޮޑުވާކަން ދައްކާލަމުން ބުންޏެވެ.

"ސާނިޔާ އަހަރެން މިހެން ބުނީމަ އެއްޗެކޭ ހީނުކުރާތި. ރުޅި ވެސް ނާންނާތި. ތޯރިގު ގާތުގައި ބުނެބަލަ އެއަށް ވުރެ ރަނގަޅު ވަޒީފާއެއް ހޯދަން. އެތަނުން ދެން ކޯއްޗެއްތަ ލިބޭނީ؟" ފަޒުނާ ސާނިޔާގެ އަތުގައި ހިފާލަމުން ބުންޏެވެ.

"އަހަރެންނަށް ވެސް އެނގޭ ތިކަން. އަހަރެން ތިހެން ކިޔާ ކިޔާ ފޫހިވެގެން ހުއްޓާލައިގެން މިހުރީ. ދެން ނުކިޔާނަން،" ސާނިޔާ ބުންޏެވެ.

"އޭތް އަހަރެން އަދި ހަނދާން ނެތިފައި މިހުރީ. މި އުޅެނީ މި ފަހަރު ބޮޑު އީދަށް އިންޑިއާއަށް ދާން. އަހަރެންގެ ދޮންބެ ހުންނާނެ އެތަނުގައި. ކުދިވެރިން ގޮވައިގެން އެ މީހުން ހިތްހަމަޖައްސާލަން ދާން،" ފަޒުނާ މިހެން ބުނުމުން ސާނިޔާ ދެ ލޯ ބޮޑުވިއެވެ. އަދި ހައިރާންވިއެވެ.

"އިންޑިއާއަށޭ؟ ހާދަ އަގުބޮޑު ވާނެއޭ އެތަނުގެ ޓިކެޓާއި އެއްޗެހި. ފަޒުނާ ކޮންތާކުން އެ ވަރަށް ރުފިޔާ؟" ސާނިޔާގެ ބޮޑުވި ދެ ލޯ ކުޑައެއް ނުވިއެވެ.

"ދޮންބެއޭ ޓިކެޓް ނަގައިދެނީ. ދޮންބެމެން ވަރަށް ރަނގަޅު ވާނެ އަހަރެންނަށް ވެސް ކުދިންނަށް ވެސް. ދޮންބެގެ ކުދިންނާއި އަހަރެންގެ ކުދިންނާ އެއްވެސް ތަފާތެއް ނުގެން ގުޅޭނެ. ހުރިހާ އެއްޗެއް ގަނެދޭނެ. ސުކޫލަށް ބޭނުންވާ ގިނަ އެއްޗެހި ފޮނުވާނީ ދޮންބެ. ގޭގައި ވެސް ފްރިޖާއި، ކުދިންނަށް ކަބަޑު ވެސް ފޮނުވީ ދޮންބެ. އެ ކުދިންނަށް އަންނައުނު ވެސް އެންމެ ގިނައިން ފޮނުވާނީ ދޮންބެ،" ފަޒުނާ ހިތްހަމަޖެހިލާފައި ކިޔައިދިނެވެ.

ސާނިޔާ ހިތަށް އެރިއެވެ. ހަކުރު ދެންޏާ ބޮޑުބެ ނުވާނީ ކާކު ހެއްޔެވެ؟ ދެން އެހާ ފޮނި ވާހަކަ ނުދެއްކިޔަސް ވެދާނެ ނޫން ހެއްޔެވެ؟ މިގެއަށް މިއައީ އެ ވާހަކަ ބުނަން ހެއްޔެވެ؟ ސާނިޔާގެ ހިތުގައި ހަސަދައިގެ ހުޅުކޮޅެއް ރޯވިއެވެ.

އެ ހިޔާލުގައި އިންދައި ފަޒުނާ ނުކުމެގެން ދިޔައެވެ. ފަޒުނާ ދިޔަ ފަހުން ސާނިޔާ ވިސްނާލިއެވެ. އަދި މޮޅު ހިޔާލެއް އައެވެ. ސާނިޔާއަށް އުފަލުން ހިނިގަނޑެއް ޖަހާލެވުނެވެ. ފަހަތުގައި ހުރި ތޯރިގަށް އެ އަޑު އިވުނީ ދާދި ގާތުންނެވެ.

"އެކަނި ހުރެ ތިހެނީ ޔޯ؟ މޮޔަ ގޮވެނީތަ އަނެއްކާ؟" ތޯރިގު އައިސް ގޮނޑީގައި އިށީނެވެ.

"މިކަހަލަ ހިޔާލު އައީމަ އެކަނި ހުރެ ވެސް ހެވޭނެ. މި ހެވެނީ މޮޔަ ވެގެންނެއް ނޫން. އުފަލުން،" ސާނިޔާ އައިސް ތޯރިގު ގާތުގައި އިށީނެވެ.

- ނުނިމޭ -

އެހެން ބައެއް ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް