ވާހަކަ: ކަތި ފިޔަވަޅު

ވާހަކަ

ވާހަކަ: ކަތި ފިޔަވަޅު

ސާނިޔާއަށް ތޯރިގު އޮޅުވާލީ ކީއްވެ ހެއްޔެވެ؟ ތޯރިގު ގަބޫލުކުރި ގޮތުގައި، ސާނިޔާގެ ވެސް ނިޔަތް ރަނގަޅެއް ނޫނެވެ.
9 ޖޫން 2022

އެޕިސޯޑް 10

ސާނިޔާ ކޮޅަށް ތެދުވިއެވެ.

"ކީއްވެ ތިހެން ތި ހެދީ؟" ތޯރިގުގެ ގިރުވާނުގައި ހިފާފައި ސާނިޔާ އެހިއެވެ.

"ސާނިޔާ ބުނެބަލަ. ސާނިޔާ ވެސް އަހަރެން ދެކެ ލޯބިވެގެންތަ ކައިވެނި ކުރީ؟ ބުނެބަލަ. ލޯތްބެއް ނުވޭ. އަހަރެންގެ ފެންވަރާއި މުއްސަނދިކަމަށް ދަހިވެތި ވެގެން ކައިވެނި ކުރީ. އަހަރެންނަށް އެނގޭ އެކަން. އަހަރެން ނޫން ކަމަށް ހެދިގެން އުޅުނީ،" ތޯރިގު ސާނިޔާގެ އަތް ފޮޅުވާލަމުން ބުންޏެވެ. ސާނިޔާ ހުރީ ދެރަވުމުގެ އިތުރަށް ހައިރާން ވެސް ވެފައެވެ.

"ކޯއްޗެއް ތި ވިސްނަނީ؟ އަހަރެންނަށް އެކަންކަން އެނގުނީ ކިހިނެއްހޭ ތި ހިތަށް އަރަނީ؟ އަހަރެންނަށް އެނގުނީ ރައްޓެހި ވެގެން އުޅުނު އިރު ސާނިޔާގެ ވާހަކަތައް ހުންނަ ގޮތުން. އަބަދާއި އަބަދު ކައިވެނި އަވަސް ކުރަން ބޭނުންވުމާއި މުއްސަނދި ދިރިއުޅުމަށް ލޯބި ކުރާ ވާހަކަ ދައްކާތީ. ސާނިޔާ ހަނދާން ނެތަސް އަހަރެން ހަނދާން އެބަ ހުރި،" ފޫހިވެފައި ހުރި ތޯރިގު ބުންޏެވެ. އަދި ގެއިން ނުކުމެގެން ދިޔައެވެ. ސާނިޔާ ތުރުތުރު އަޅަމުން ރޮވެން ފެށިއެވެ. އަދި އަމިއްލަ ހާލާމެދު މާޔޫސްވިއެވެ.

ދުވަސްތައް މާޒީ ވަމުން ގޮސް ސާނިޔާ ވިހެއެވެ. ލިބުނީ ފިރިހެން ކުއްޖެކެވެ. ނަމަކަށް ކީ ޝާމްއެވެ. ހަރަދުތައް ދެ ގުނައަށް އިތުރު ވެގެން ދިޔައެވެ. ތޯރިގު އެއްވެސް މަސައްކަތެއް ނުކުރެއެވެ. އަބަދުވެސް ކަމަކީ ޓީވީ ބެލުމެވެ. ކުރީގެ ހިންދީ ފިލްމުތަކާއި ލަވަތަކެވެ. އެހެން އެއްޗެއް ނެތިއްޔާ ފުޓްބޯޅަ މެޗްތަކެވެ. ޓީވީ އަކީ ވެސް ތޯރިގު ރައްޓެއްސެއް ބޭނުން ކޮށްފައި ދިން އެއްޗެކެވެ. ދަރިންނަށް ބޭނުންވާ އެއްޗެހި ގަނެވޭނެ ގޮތެއް ނެތުމުން ސާނިޔާ ހަދީޖާ ގާތު ބުންޏެވެ. ހަދީޖާ އެހީތެރިވެދިނެވެ. ތޯރިގަށް އެ ގޮތް ކަމުދިޔައެވެ. ބޭނުމަކީ ވެސް އެއީއެވެ. ހަދީޖާ ދޭ ފައިސާ ވެސް ބަހައްޓަނީ ތޯރިގުގެ އަތުގައެވެ. ގެއަށް ބޭނުންވާ އެއްޗެހި ގަންނަނީ ތޯރިގުއެވެ. ސާނިޔާ އަތަށް ފަސް ރުފިޔާ ވެސް ނުދެއެވެ.

އަހަރަކަށް ފަހު އަހަރެއް ފާއިތު ވަމުން ގޮސް އަޒްނާއަށް ހަތަރު އަހަރު ފުރުނެވެ. ސާނިޔާގެ ހަތަރު އުދަރެސް ފެނުޖެހުނީ ތިންވަނަ ފަހަރަށް ބަލިވެ އިނުމުންނެވެ. ދެ ކުދިން ގޮވައިގެން އުޅެން ޖެހޭ ހާލު ވަރަށް ދައްޗެވެ. ސާނިޔާ ކިތަންމެ ފަހަރަކު ހިތަށް އެރިއެވެ. ވަރިވާންވީއެވެ. ނަމަވެސް ކުދިންނަށް އަންނާނެ ނިކަމެތިކަމަށް ވިސްނާފައި ކެތްކުރަނީއެވެ. އަތްމަތި ދަތިވާ ކޮންމެ ފަހަރަކު ހަދީޖާ ގާތު ބުނަން ސާނިޔާ ޖެހިލުންވާން ފެށިއެވެ. ގޭގައި ކަމެއް ކޮށްގެން ރުފިޔާއެއް ހޯދާނެ ގޮތެއް ވިސްނިއެވެ.

"މީހުންނަށް އެއްޗެހި ދޮވެ އިސްތިރި ކޮށްދީބަލަ. އެއީ ވަރަށް ރަނގަޅު ކަމެއް. އޭރުން ކޮންމެވެސް އެއްޗެއް ލިބޭނެއެއްނު؟" އެ ހިޔާލު ދިނީ ފަޒުނާއެވެ. ފަޒުނާއަކީ އަވައްޓެރިއެކެވެ. ސާނިޔާގެ ހާލާ މެދު ހަމްދަރުދީ ވާ ގާތް ރަހުމަތްތެރިއެކެވެ. ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ސާނިޔާ އާއި ފަޒުނާގެ ގުޅުން ބަދަހިވިއެވެ.

"އެކަމަކު އެއީ ހާދަ ބުރަ ކަމެކޭ،" ވިސްނާލަމުން ސާނިޔާ ބުންޏެވެ.

"އާނ. ކަމަކީ ބުރަ ކަމެއް. އެކަމަކު މިހާރު ވަރަށް ގިނަ މީހުންނަށް މުހިންމު ކަމެއް އެއީ. ވަރަށް ގިނަ ފިރިހެނުން އުޅޭނެ ކައިވެނި ނުކުރާ މީހުން. އޮފީހުގައި ގިނަ ވަގުތު ހޭދަ ކުރާ މީހުން. އެ ކަހަލަ މީހުން ދަނީ އެ ކަންކަން ކޮށްދޭ ތަންތަނަށް. އަހަރެންގެ އޮފީހުގައި ވެސް އުޅޭ އޭގެ ދެތިން ފިރިހެނުން." ފަޒުނާ އުޅެނީ ސަރުކާރުގެ އޮފީހެއްގައެވެ. ދެ ކުދިން ތިބެއެވެ. ފަޒުނާ އޮފީހުގައި އުޅޭ ވަގުތުތަކުގައި އެ ކުދިން ބަލަނީ ފަޒުނާގެ މަންމައެވެ.

"ތިކަމާ އަހަރެން ވިސްނާނަން. އަދި ތޯރިގު ގާތު ވެސް އަހާލަން ޖެހޭނެ،" ސާނިޔާ ބުންޏެވެ.

ސާނިޔާ އެންމެ ދުވަހެއް ވެސް ލަސް ނުކޮށް ތޯރިގު ގާތުގައި އެ ވާހަކަ ދެއްކިއެވެ. ތޯރިގު އެކަމާ ލޮލުން ބޮލުން ރުހި ގަބޫލުވިއެވެ. ތޯރިގުގެ ދެ އަތުން ކުރަން ނުޖެހޭ ކޮންމެ ކަމަކަށް ތޯރިގު އެއްބަސް ވާނެއެވެ. އެކަން ސާނިޔާއަށް އެނގެއެވެ.

ފަޒުނާގެ އެހީތެރިކަމާއެކު އެއްޗެހި ދޮވެ، އިސްތިރިކޮށް ދިނުމުގެ މަސައްކަތް ސާނިޔާ ފެށިއެވެ. ހީކުރި ވަރަށް ވުރެ ކާމިޔާބުވިއެވެ. ސާނިޔާ އުންމީދު ކުރި ވަރަށް ވުރެ ބޮޑުކޮށް އާމްދަނީ ލިބެން ފެށިއެވެ. ސާނިޔާ ބޭނުންވީ އެ ފައިސާއިން ކުދިންނަށް ބޭނުންވާ އެއްޗެހި ގަންނާށެވެ. ނަމަވެސް ތޯރިގު ބޭނުންވީ ތޯރިގަށް ފަސޭހަވާނެ ކަންކަން ކުރާށެވެ. އެގޮތުން ގޭގައި ފޯނެއް ބެހެއްޓިއެވެ. ޓީވީ ވެސް ބޮޑު ކުރިއެވެ. އަދި އެނދެއް ވެސް ގަތެވެ. ސާނިޔާ ހިތަށް އެރިއެވެ. އެއްޗެހި ދޮންނާނެ މޮޅު މެޝިނެއް ގަނެދިން ނަމަ އެއަށް ވުރެ މާ ރަނގަޅު ވީހެވެ. އެކަމަކު ސާނިޔާއަށް ލިބޭ އާމްދަނީއަށް ހުރިހާ ބާރެއް ފޯރުވަނީ ތޯރިގުއެވެ.

ދުވަސްތަކަށް ފަހު ސާނިޔާ ވިހެއެވެ. ލިބުނީ އެއްމާބަނޑު ދެ އަންހެން ކުދިންނެވެ. ނަމަކަށް ކިއީ އަޒުމާ އާއި އަޒުފާއެވެ. ދެ ކުދިން އެއްފަހަރާ ލިބުމުން ސާނިޔާއަށް ހީވީ ދުނިޔެ ނިމުނު ހެންނެވެ. ލިބުނު އެއްވެސް އުފަލެއް ނެތެވެ. ދެން ހަދާނީ ކިހިނެއްބާވައޭ ހިތަށް އަރަމުން ދިޔައެވެ. އެހާ ގާތްގާތުގައި ހަތަރު ކުދިން ލިބުމުން ސާނިޔާއަށް އުނދަގުލަކަށްވިއެވެ. ދެރަވަނީ އެންމެ ގާތުގައި ހުންނަން ޖެހޭ މީހާ އެންމެ ދުރުވެފައި ވުމުންނެވެ. ކުރަމުން އައި މަސައްކަތަށް އިތުރު ދަތިކަމާއި ގޮންޖެހުންތައް ކުރިމަތިވިއެވެ. ކުދިންތައް ގޮވައިގެން އެ ވަރުގެ ބުރަ ކަމެއް ނުކުރެވޭނެ ކަމުގެ އިހުސާސް ވާން ފެށިއެވެ. އެންމެ ފަހުން އެކަން ހުއްޓާލިއެވެ.

ސާނިޔާ ބޭނުންވީ އެހީތެރިކަމާއި އޯގާތެރިކަމެވެ. ނަމަވެސް ތޯރިގަކީ އެ ކަންކަން ދަންނަ ފިރިއަކަށް ނުވިއެވެ. ބައްޕައެއްގެ ވާޖިބު ވެސް އަދާ ކުރުމުގައި ތޯރިގު ފަހަތަށް ޖެހުނެވެ. ފިރިއަކު ހޯދަން ނުކުތް ދަތުރުގައި ސާނިޔާއަށް ލިބުނީ ކޮން ކަހަލަ ފިރިއެއް ހެއްޔެވެ؟ ކަންނެތްކަމުން ގޮސް އޮންނަ ތަނަށް ކާން ގެނުވަން ފެށިއެވެ. ތޯރިގުގެ ކަމަކީ ކައިކައިގެން ނިދުމެވެ. އެއީ ދުވާލެވެ. ރޭގަނޑު ވެއްޖިއްޔާ ރައްޓެހިންނާއެކު ބޭރުގައި އުޅުމެވެ. ދަނީ ކޮންތާކަށް ކަމެއް ނުބުނެއެވެ. ކުރަނީ ކޮން ކަމެއް ކަމެއް ވެސް ނުބުނެއެވެ.

ސާނީޔާ ފަތިހާ ހޭލާ ގޮތަށް ބުރަކަށި ޖައްސާ ލެވެނީ ކުދިން ނިދުމުންނެވެ. އޭރަށް ހުންނަނީ މީހާ ވަރުބަލި ވެގެން ތަންދޮރު ނޭނގޭ ވަރު ވެފައެވެ. ސާނިޔާއަށް އެންމެ ވިސްނެނީ ކުރަން ޖެހޭ ހަރަދުތައް ގިނަ ކަމުންނެވެ. ހަދީޖާ ގާތުގައި އެއްޗެއް ދޭން ބުނަން ޖެހިލުންވާން ފެށިއެވެ. ބުނަން ޖެހޭލެއް ގިނަވެފައި އަދަދު ބޮޑުކަމުންނެވެ. ނަމަވެސް ނުސީދާ ގޮތްގޮތަށް އެއްޗެހި ބުނަން ފެށީ ތޯރިގުއެވެ. ހާރޫނު ގާތުގައެވެ. ރުފިޔާ ހޯދާނެ މާ ފަސޭހަ ގޮތެއް ތޯރިގު ހޯދިއެވެ. ތޯރިގު ބުނާ ވަރެއް ހާރޫނު ދެއެވެ. އެ ފައިސާއިން ގޭތެރޭގެ ކަންކަން ބަލަހައްޓަން ފެށިއެވެ. ސާނިޔާއަށް އެކަން އެނގުނީ ދުވަސްގަނޑެއް ފަހުންނެވެ. އެނގުމާއެކު ފައިސާ ދިނުން ހުއްޓާލުމަށް ހާރޫނު ގާތު އެދުނެވެ.

ސާނިޔާ ބޭނުންވީ ތޯރިގު ޒިންމާދާރުވާށެވެ. ސާނިޔާ އެދުނު ގޮތަށް، ތޯރިގަށް ފައިސާ ދިނުން ހާރޫނު ހުއްޓާލިއެވެ. ގޭގައި ކޮޓަރި ކުއްޔަށް ހިފައިގެން ހުރި، ތޯރިގުގެ ރަހުމަތްތެރިޔާ ވެސް ކައިވެނި ކުރުމަށް ރަށަކަށް ފުރައިގެން ދިޔައެވެ. ކޮޓަރި އެއްކޮށް ދޫކޮށްލާފައެވެ. ތޯރިގުއަށް މަޖުބޫރުވީ ވަޒީފާއެއް ހޯދާށެވެ.

ދުވަސްވަރަކީ ކިޔަވައިގެން ތިބި މީހުންނަށް އިސްކަން ދޭން ފެށި ދުވަސްވަރެވެ. ވުމާއެކު ވަޒީފާއެއް ހޯދަމަކީ ފަސޭހަ ކަމަކަށް ނުވިއެވެ. ދުވާލަކު ކިތަންމެ ތަނަކަށް އިންޓަވިއުއަށް ދިޔައެވެ. ނަމަވެސް ތޯރިގު ބަލައެއްނުގަތެވެ. ފުރަތަމަ ކަމަކީ މައްޗަށް ކިޔަވައިގެން ނެތުމެވެ. ދެވަނަ ކަމަކީ ދާއިރާއިން ތަޖުރިބާއެއް ނެތުމެވެ. އެންމެ ފަހުން ތަނެއްގެ ވޮޗަރުކަން ލިބުނެވެ. އެއީ ތޯރިގު ހިތްހަމަޖެހޭ ކަހަލަ ވަޒީފާއެކެވެ. އަތުން ފައިން ކުރަން ޖެހޭ އެއްވެސް ކަމެއް ނޯންނާނެތީއެވެ. ވަޒީފާ ލިބުމުން ހިތްހަމަޖެހިގެން ގެއަށް ދިޔައެވެ. އަދި އެ ވާހަކަ ސާނިޔާ ގާތުގައި ބުންޏެވެ.

- ނުނިމޭ -

އެހެން ބައެއް ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް