މަސްއޫދަށް ހަމަލާދޭން އުޅޭ ތަން ފެންނަ ވީޑިއޯގެ ސްކްރީން ޝޮޓެއް

ފަނޑިޔާރުން

މަސްއޫދަށް ހަމަލާދިން މައްސަލައިގައި ހުކުމްކުރި ގާޒީގެ މައްސަލަ ޖޭއެސްސީއަށް

މަސްއޫދު ޖޭއެސްސީއަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އިސް މެޖިސްޓްރޭޓް އަލީ ޝަރީފް އެ ގޮތަށް ހުކުމް ކުރެއްވީ ވަކި ފަރާތެއްގެ މަސްލަހަތަށް ބުރަވެ ކަމަށް

ދިއެފްއެމް ރޭޑިއޯގެ ކުރީގެ ސީއީއޯ އަދި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ކުރީގެ މެންބަރު މަސްއޫދު ހިލްމީ އަށް ހަމަލާދިން ކަމަށް ތުހުމަތުކުރެވޭ މީހާގެ މައްޗަށް ކުރި ދައުވާ ސާބިތު ނުވާ ކަމަށް ހުކުމްކުރި މައްސަލަ  ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މަސްއޫދު މިއަދު ހުށަހަޅައިފި އެވެ.

މައްސަލަ - މަސްއޫދު 3 އޮގަސްޓް 2021 ވަނަ ދުވަހުގެ ރޭ އޭނާގެ އަނބިމީހާއާ އެކު ލ. ފޮނަދޫގައި ސައިކަލެއްގައި ދަނިކޮށް، އެހެން ސައިކަލެއްގައި އައި މީހަކު މަސްއޫދާ އަރާ ހަމަކޮށް ދަގަނޑުބުރިއަކުން އޭނާގެ އަތުގައި ޖަހައި އޭނާ ޒަހަމްކޮށްލި އެވެ. އެ ހަމަލާ ދިނުމުގެ ދައުވާ ދައުލަތުން ކުރީ ލ. ފޮނަދޫ، ދިލްކުސާގޭ، އަހުމަދު ޝަމީމްގެ މައްޗަށެވެ.

  • ޝަމީމްގެ މައްޗަށް ކުރީ ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ

  • އެ ކުށުގެ އަދަބަކީ 7 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން

  • އެ މައްސަލަ ބެލީ ލ. ފޮނަދޫ މެޖިސްޓްރޭޓު ކޯޓުން

  • ޝަމީމްގެ މައްޗަށް ކުށް ސާބިތު ކުރުމަށްޓަކައި، ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯއެއް ހެކީގެ ގޮތުގައި ހުށަހެޅި

  • މަސްއޫދާއި އޭނާގެ އަންހެނުން ހެކި ބަސް ދިން

  • ނަމަވެސް ލ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓު އަލީ ޝަރީފް ވަނީ ޝަމީމްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް މިދިޔަ މަހުގެ 21 ގައި ހުކުމްކުރައްވާފައި

ތަފްސީލް - ކުށް ސާބިތު ނުވާ ކަމަށް ހުކުމްކުރި މައްސަލަ ބަލަން އެދި މަސްއޫދުގެ ފަރާތުން ޖޭއެސްސީއަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ:

  • ދައުވާ ސާބިތު ކުރުމަށް ދައުލަތުގެ ފަރާތުން ކުރިން ހުށަހެޅި ހެކިތަކުގެ ތެރެއިން މަސްއޫދާއި އޭނާގެ އަންހެނުންގެ ހެކި ބަހަކީ ބަލައިގަނެވޭނެ ހެކި ބަހެއް ކަމަށް ޝަރީއަތުން ކުރިން ނިންމާފައިވާ ކަމަށް

  • އަދި ޝަރީއަތުގެ ކުރިން ހުށަހަޅާފައިވާ ހުށަހެޅުންތަކާ މެދު ނިންމި ގޮތް މައްސަލާގައި ހިމެނޭ އެއްވެސް ފަރާތަކުން އިސްތިއުނާފު ކޮށްފައި ނުވާ ކަމަށް

  • ނަމަވެސް އެ ދެ ފަރާތުގެ ހެކި ބަސް ޝަރީއަތަށް ބަލައިގަނެވެން ނެތް ކަމަށް ނިންމައި މިދިޔަ މަހު ނިންމައި އެ މައްސަލަ ނިންމުމުގައި އެ ހެކިބަހަށް ރިއާޔަތް ނުކުރާ ކަމަށް

  • ހެކި ބަސް ބަލައިނުގަތް ސަބަބެއް ކަމަށް ހުކުމުގައިި ބުނެފައިވަނީ މަސްއޫދަކީ އަނިޔާ ލިބުނު ފަރާތް ކަމަށް ވާތީ އޭނާގެ މަސްހަލަތު ހިމެނޭ ކަމަށާއި މަސްއޫދުގެ އަންހެނުން އޭނާއާ އެއްކޮޅަށް ދިން ހެކި ބަހަކީ ނިޔާ ކަނޑައެޅުމުގައި ބަލައިގަނެވޭނެ ހެކި ބައެއް ނޫން ކަމަށް

  • ހެކި ބަސް ބަލައި ނުގަނެވޭނެ ކަމަށް ހުކުމުގައި ފާހަގަކޮށްފައިވާ ދެ ހާލަތަކީ ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާ މެދު ގޮތެއް ނިންމެވި އިރު ވެސް ވުޖޫދުގައި އޮތް ހާލަތެއް ކަމަށް

  • އަދި އެމީހުންގެ ހެކި ބަސް ބަލައިގަންނަން ކުރިން ނިންމާފައިވަނީ އެ ހާލަތްތަކަށް ރިއާޔަތްކުރުމަށް ފަހު ކަން އެނގޭ ކަމަށް

  • މި މައްސަލަ ނިންމާފައިވަނީ ވަކި ފަރާތެއްގެ މަސްލަހަތަށް ބުރަވެ އަދުލު އިންސާފުގެ ހަމަތަކާ ހިލާފަށް ކަމަށް

މަސްއޫދު ކުރިން ބުނެފައިވާ ގޮތުގައި ޝަމީމްއަކީ އޭނާއާ ޒާތީ މައްސަލައެއް އޮންނަ މީހެކެވެ. އޭނާއަށް ގެއްލުން ދިނުމަށް ޝަމީމް ކުރިން ވެސް އެކި ކަންތައް ކޮށްފައިވާ ކަމަށް މަސްއޫދު ބުނެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް