ހުޅުމާލެ އިންޑަސްޓްރިއަލް ސަރަހައްދު. (ދައުރު ފޮޓޯ)

ހުޅުމާލެ

ހުޅުމާލޭގައި ގަރާޖު ހިންގަން 200 ފޯމު؛ މާޗުގައި ބިން ހަވާލުކުރަނީ

އެޗްޑީސީން މިދިޔަ މަހު ހުޅުވާލީ އެކި ސައިޒުގެ 23 ޔުނިޓަށް އެދި ކުރިމަތިލުމަށް

ގަރާޖު ފަދަ ސިނާއީ މަސައްކަތް ކުރާ ތަންތަން މާލޭގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުން ބަދަލުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ގަރާޖު ހިންގަން ހުޅުމާލޭން ދޫކުރާ ބިމަށް އެދި ހުށަހަޅަން ހުޅުވާލި ފުރުސަތުގައި، ހުޅުމާލޭގައި ގަރާޖު ހިންގަން 200އަށް ވުރެ ގިނަ ފަރާތުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - އެޗްޑީސީން މިދިޔަ މަހު ހުޅުވާލީ އެކި ސައިޒުގެ 23 ޔުނިޓަށް އެދި ކުރިމަތިލުމަށެވެ. އެގޮތުން، ބިން ދޫކުރަން ނިންމީ:

  • 1،000 އަކަފޫޓަށް ވުރެ ކުޑަ ގަރާޖުތަކަށް ދޭނީ 1000 އަކަފޫޓު

  • 1،000 އަކަފޫޓަށް ވުރެ ބޮޑެތި ގަރާޖުތަކަށް 1،300 އަކަފޫޓު ދޫކުރާނެ 

  • ހުޅުމާލޭން ދޫކުރާ ބިންތަކުގައި އަޅާ ގަރާޖުތައް ދެ ފަންގިފިލާއަށް އިމާރާތް ކުރެވޭނެ

ބުނީ ކީކޭ؟ - އެޗްޑީސީގެ އެސިސްޓެންޓު ޕަބްލިކް ރިލޭޝަންސް މެނޭޖަރު މިމްރާހު އަހުމަދު މިއަދު 'ދައުރު'އަށް ވިދާޅުވީ، 23 ޔުނިޓަށް ހުޅުވާލުމުން 200އަށް ވުރެ ގިނަ ފަރާތުން ޝައުގުވެރިކަން ފާޅުކުރި ކަމަށެވެ. އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ، އޭނާ ވިދާޅުވި ގޮތުގައި، ގަރާޖު ހިންގަން ކަނޑައަޅާފައިވާ ބިންތައް އަންނަ މާޗު މަހުގެ ތެރޭގައި ހަވާލުކުރުމަށެވެ.

"ގިނަ ޕްރޮޕޯސަލްތަކެއް ލިބުނީމާ ގިނަ ވަގުތު ނަގަނީ އިވެލުއޭޝަންއަށް. އެކަމަށް ވަގުތު ނަގާނެ،" މިމްރާހު ވިދާޅުވި އެވެ.

މައްސަލައިގެ ފެށުން - ގަރާޖު ހިންގަން ހުޅުމާލޭން ބިން ދޭން އެޗްޑީސީން ނިންމީ، އިސްކަންދަރު މަގާއި ކޯރުކެނޑި މަގާ ގުޅޭ ހިސާބުގައި ހުންނަ މ. ނިރުފެހިގޭގެ ތިރީ ބުރީގައި ހުންނަ ގަރާޖެއްގައި މިދިޔަ ނޮވެމްބަރު މަހު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަށް ފަހު، މާލޭގައި އާންމުން ދިރިއުޅޭ ސަރަހައްދުގައި ހިންގަމުންދާ ގަރާޖުތައް ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރުމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް