ފިޔަވަތި ސަރަހައްދުގައި ފުލުހުން މިރޭ ހަރަކާތްތެރިވަނީ (ދައުރު ފޮޓޯ/ އައިޝަތު ފަރީހާ އަބްދުﷲ)

ކުޑަކުދިން

ކުދިން ފިޔަވަތި ފުރާޅުމަތީ، ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވެއްޖެ

ފިޔަވަތީގައި ރޯކޮށްލާފައިވާ ކަމުގެ ރިޕޯޓެއް ލިބިގެން ސިފައިންނާއި ފުލުހުން ވަނީ އެ ތަނަށް ގޮސްފައި.
17 ސެޕްޓެމްބަރު 2021

8:23 ފުރާޅުމަތީ ތިބި ބައެއް ކުދިން ބޭލުމަށްފަހު ވޭނަކަށް އަރުވައިގެން ގެންދިޔަ މަންޒަރު އެތަނުގައި ހުރި ދައުރުގެ ނޫސްވެރިޔާއަށް ވަނީ ފެނިފަ އެވެ. އެކުދިން ގެންދިޔަ ތަނެއް އަދި ސާފެއް ނުވެ އެވެ.

7:59 މިނިސްޓަރުގެ ބަސް - ފިޔަވަތީގައި ސިފައިންނާއި ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ އޮފިޝަލުން ގޮސް ތިބި އިރު، ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ 'ދައުރު' އަށް ވިދާޅުވީ އެ ތަނުގެ "ތަރުތީބު" މިރޭ ކޮންމެވެސް ވަރަކަށް ގެއްލުނީ ކަމަށާއި އެކަން ހައްލުކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުމެން ހިމާޔަތް ކުރަންޖެހޭނެ އެކުދިންގެ ހައްގުތައް. އެކުދިންގެ ރައްކާތެރިކަން ކަށަވަރުކުރަން ޖެހޭނެ. އެހެންވީމަ އަޅުގަނޑުމެން ވަރށް ތަރުތީބުން ކަންކަން ކުރިއަށް ގެންދަނީ. އެކަމަކު އެ ތަރުތީބު މިރޭ މިއޮތީ ކޮންމެސް ވަރަކަށް ގޮސްފައި. އެކަމަކު އަޅުގަނޑުމެން އެކުދިން ހަމައަކަށް އަޅުވާނަން. ހައެއްކަ ކުދިން މި އުޅެނީ އަސްލު،" މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް އާއިޝާ ވިދާޅުވީ ފިޔަވަތީގެ އެތެރޭގައި މައްސަލަތަކެއް ބޮޑުވެފައި ނުވާ ކަމަށާއި ކުދިން ހިތްހަމަނުޖެހެނީ އެ ސަރަހައްދަށް އާންމުން ޖަމާވާތީ ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި ފިޔަވަތީގެ ކުދިން ފުރާޅަށް އަރަން ބޭނުންވާތީ، މުވައްޒަފުންގެ ބެލުމުގެ ދަށުން، ރައްކާތެރިކަމާ އެކު އެ ފުރުސަތު ދެ އެވެ.

ފިޔަވަތި ސަރަހައްދު ފުލުހުން މިރޭ ބަންދުކޮށްފައިވާ އިރު އާއްމުން އެއްވެ. (ދައުރު ފޮޓޯ/ އައިޝަތު ފަރީހާ އަބްދުﷲ)

"ކުދިން ވަރަށް ބޭނުންވޭ ފުރާޅަށް އަރަން. އަރާފައި ފައިބާނެ. އެކުދިން އަރާއިރު ބަލަން ތިބޭނެ ސްޓާފުން ވެސް. މިހާރު ވެސް ކުދިންނާއެކު ފުރާޅުމަތީގައި އިންނާނެ ސްޓާފެއް އަޅުގަނޑުމެންގެ. އެކުދިން އުޅޭނީ ބަލައިގެން. އަނެއް ސައިޑްގަ އޮންނާނީ ވެސް ސޭފް ކޮށް. ޕެޑިން އަޅާފަ. ގެއްލުމެއް ނުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ފިޔަވަތީގެ މިރޭގެ ހާދިސާ އިތުރަށް ކިޔާލަން 

7:40 ދައުލަތުން ހުޅުމާލޭގައި ކުދިން ބަލަހައްޓާ މަރުކަޒު، ފިޔަވަތީގައި ތިބި ކުދިން އެ އިމާރާތުގެ ފުރާޅުމައްޗަށް އަރައި ތަނުގެ ކަންކަން ގޯސްވެގެން ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވާން ފަށައިފި އެވެ.

ވީ ކިހިނެއް؟ - އެމްއެންޑީއެފް އިން ފިޔަވަތި ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަނީ ފިޔަވަތީގައި އަލިފާން ރޯކޮށްލާފައިވާ ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެންނެވެ. ނަމަވެސް ސިފައިން ދިޔައިރު އަލިފާން ނިއްވާލާފައިވާ ކަމަށް، ސިފައިންގެ އިންފޮމޭޝަން އޮފިސަރު، ކެޕްޓަން ހަނާ މުހައްމަދު ވިދާޅުވި އެވެ.

ފިޔަވަތީގެ ފުރާޅުމަތީގައި މިރޭ ކުދިންތަކެއް ތިބި އިރު ބޭރުގައި ބަޔަކު މަޑުކޮށްގެން. (ދައުރު ފޮޓޯ/ އައިޝަތު ފަރީހާ އަބްދުﷲ)

ތަފްސީލް - އެ ސަރަހައްދުގައި މިވަގުތު ހުރި 'ދައުރު' ނޫހުގެ ރިޕޯޓަރު އައިޝަތު ފަރީހާ އަބްދުﷲ ބުނީ އެކުދިން ފުރާޅުމަތީގައި ތިބެ ޑިމާންޑުތަކެއް ކުރަމުން ދާކަމަށެވެ. އަދި އެކުދިން ފުރާޅުމަތިން ބޭލުމަށް ފުލުހުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެނގިފައިވާ ގޮތުގައި މިރޭ ފިޔަވަތިން ކުއްޖަކު ވަނީ ފިލައިފަ އެވެ. ނަމަވެސް މިހާރު އެކުއްޖާ ހޯދައި އަލުން ފިޔަވައްޗަށް ވަނީ ވައްދައިފަ އެވެ.

އިއްޔެ އިން ފެށިގެން، ފިޔަވަތީގައި ތިބި ބައެއް ކުދިން އަންނަނީ ފުރާޅު މައްޗަށް އަރައި އަޑުގަދަކޮށް ހަދަމުންނެވެ.

އެނގުން މުހިއްމު - ފިޔަވަތީގައި މައްސަލަ މިހާ ގޯސްވެގެން އުޅޭ ސަބަބެއް ސާފެއް ނުވެ އެވެ. ނަމަވެސް މިދިޔަ ހަފްތާގެ ތެރޭގައި، ފިޔަވަތީގައި ކުދިންތަކަކަށް އަނިޔާކުރާ ކަމަށް ބުނެ އާންމުންގެ ބަޔަކު ވަނީ އެ ސަރަހައްދަށް އެއްވެފަ އެވެ. އާންމުވެފައިވާ ވީޑިއޯތަކުން، ފިޔަވަތީގެ އެތެރެއިން ކުޑަކުދިން ވަރަށް ބާރަށް ރޯ އަޑު ވެސް އިވެ އެވެ. 

ނަމަވެސް ޖެންޑާ އާއި ފުލުހުން ވެސް ވަނީ ފިޔަވަތީގައި ކުދިންނަށް އަނިޔާކޮށްފައި ނުވާ ކަމަށް ބުނެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް