ގިނަ އަދަދަކަށް ގެސްޓްހައުސް ހުންނަ ތޮއްޑޫ މަގުމަތީގައި ޓޫރިސްޓުންތަކެއް: ގެސްޓްހައުސް ޓޫރިޒަމް ހީނަރުވާނެ ކަމަށް ވަނީ ލަފާކުރެވިފައި (ފޮޓޯ/ތޮއްޑޫ ކައުންސިލް)

ޓޫރިޒަމް

ރާއްޖޭގެ ގެސްޓްހައުސް ޓޫރިޒަމަށް އޮތީ ތަދު ދުވަސްތަކެއް

އެންމެ ބޮޑު ހާސްކަމަކީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ދިގު ދެމިގެންދާ ދިއުން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވި
10 އޯގަސްޓު 2022
1

އަންނަ ހުކުރު ދުވަހު ރާއްޖެއަށް އެއް މިލިއަން ޓޫރިސްޓުން ހަމަވާނެ އެވެ. އެކަން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ސިފަކުރައްވަނީ އެއީ ކާމިޔާބެއްގެ ގޮތުގަ އެވެ. މިނިސްޓަރު ލަފާކުރައްވަނީ މި އަހަރު ނިމޭއިރު ރާއްޖެއަށް ޖުމްލަ 1.6 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށެވެ. އެއީ އެންމެ އެދެވޭ ކާމިޔާބެއް ކަމަށް މިނިސްޓަރު ގަބޫލު ނުކުރެއްވިއަސް މި އަހަރަކީ ވެސް ޓޫރިޒަމްގެ ކާމިޔާބު އަހަރަކަށް ވާނެ ކަމަށް މިނިސްޓަރު ގަބޫލުކުރައްވަ އެވެ. 

އެ ކާމިޔާބީގެ ހިތްހަމަޖެހުމާ އެކު ވެސް މިނިސްޓަރުގެ ކަންބޮޑުވުންތައް ވަރަށް ބޮޑެވެ. މިނިސްޓަރު ލަފާކުރައްވާ ގޮތުގައި، ރާއްޖޭގެ ޓޫރިޒަމްގެ ކުރިމަތީ އޮތީ ބަނަ، ގޮންޖެހުން ބޮޑު ދުވަސްތަކެކެވެ.

އެ ކަންބޮވުންތައް ހިއްސާ ކުރައްވަމުން މައުސޫމް ވިދާޅުވި ގޮތުގައި، އެންމެ ބޮޑު ހާސްކަމަކީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ދިގު ދެމިގެންދާ ދިއުމެވެ. އެކަމުގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވަމުންދާ ހީނަރުކަމުގެ އަސަރު ރާއްޖޭގެ ޓޫރިޒަމާ ހަމައަށް މިހާރު ވެސް މަޑުމަޑުން ފޯރަން ފަށައިފި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ހާއްސަކޮށް، ރާއްޖެއަށް ޓޫރިސްޓުން އަންނަ ގިނަ ގައުމުތަކުގެ އިގްތިސާދުތަކަށް އަރަމުންދާ ލޮޅުންތަކާ އެކު، އެ މާކެޓްތަކުން ޓޫރިސްޓުން އައުމަށް މަޑުޖެހުން އަންނާނެ ކަމަށް މިނިސްޓަރު ލަފާކުރައްވަ އެވެ.

"އިގްތިސާދުތަކަށް މި އަންނަ ހީނަރުކަމުގެ އަސަރުތައް އެއީ އަޅުގަނޑުމެންގެ ބާރުގައި ހުރި ކަމެއް ނޫން. ހާއްސަކޮށް ވިލާތުގެ ގައުމުތަކަށް މި ކުރާ އަސަރު ޓޫރިޒަމްގެ ތަފާސްހިސާބުތަކުން ވެސް އެބަ ފެންނަމުންދޭ. ޓްރެޑިޝަނަލް މާކެޓްތަކަށް ހީނަރުކަން އަންނާނެ،" މައުސޫމް ވިދާޅުވި އެވެ.

"ޓޫރިޒަމަށް އޮތީ ގޮންޖެހުން ބޮޑު ދުވަސްތަކެއް."

ޓޫރިސްޓުންގެ ތަފާސްހިސާބުތައް:

  • މިދިޔަ ހޯމަ ދުވަހާ ހަމައަށް 984،156 ޓޫރިސްޓުން އައިސްފައިވޭ

  • ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 4،434 މީހުން ރާއްޖެ އާދޭ

  • އެންމެ ގިނަ ޓޫރިސްޓުން އައީ އިންޑިއާ އިން؛ އެ ގައުމުން 139،928 މީހުން އައިސްފައިވޭ

ސީޒަންގައި ޓޫރިޒަމް މާ ރަނގަޅު ނުވެދާނެ

ޓޫރިޒަމްގެ އޮފް ސީޒަނަށް ފަހު ދެން ކުރިމަތީގައި އޮތީ ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ޕީކް ސީޒަނެވެ. އެކަމަކު މި ފަހަރުގެ އެ ސީޒަނާ ދިމާކޮށް އެހެން އަހަރުތަކުގައިވާ ގޮތަށް ރާއްޖޭގެ ޓޫރިޒަމް އެހާ ރަނގަޅުވެދާނޭ ކަމަކަށް މިނިސްޓަރަކަށް މިހާރު ގަބޫލެއް ނުކުރެއްވެ އެވެ.

މައުސޫމް ވިދާޅުވަނީ އަންނަ ނޮވެމްބަރު އަދި ޑިސެމްބަރުގައި ގަތަރުގައި ބާއްވާ ވޯލްޑް ކަޕާ އެކު، ރާއްޖޭގެ ޓޫރިޒަމަށް އެކަމުގެ ހިޔަނި އެޅުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވަނީ ވޯލްޑް ކަޕާ އެކު، ރާއްޖެއަށް އައުމުގެ ޓިކެޓް އަގު ބޮޑުވެގެންދާނެ އެވެ. އަދި ގިނަ ބަޔަކު އެ ދުވަސްވަރު ޖަމާވާނީ ވޯލްޑް ކަޕް ބަލަން ކަމަށް ވުމުން ޗުއްޓީއަށް ރާއްޖެ އަންނަ މީހުންގެ އަދަދު މަދުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މައުސޫމް ވިދާޅުވި ގޮތުގައި، ތެލުގެ އަގު ބޮޑުވުމާ އެކު ޓިކެޓް އަގުތައް މިހާރު ވެސް ވަނީ ބޮޑުވާން ފަށައިފަ އެވެ. އެހެންވެ، މެދު ފަންތީގެ އަދި ބަޖެޓް ޓޫރިސްޓުން ރާއްޖެ އަންނަން ފަސް ޖެހޭނެ ކަމަށް މައުސޫމް ގަބޫލުކުރައްވަ އެވެ.

"ދަތުރު ކުރުމުގެ އަގު ބޮޑުވަންޏާ އެ މީހުންގެ ދަތުރު މަޑު ޖައްސާލާނެ، ހާއްސަކޮށް މި މެދު ފަންތީގެ ޓޫރިސްޓުން. އެހެން ވީމާ، އޭގެ އަސަރު ގެސްޓްހައުސްތަކަށް ކުރާނެ. ގެސްޓްހައުސްތަކަށް ޓޫރިސްޓުން މަދުވުން ވަރަށް ބޮޑަށް އެކަށީގެންވޭ އެހެން އަހަރުތަކާ ބަލާއިރު،" މައުސޫމް ވިދާޅުވި އެވެ.

ދަތުރު ކުރުމުގެ އަގު ބޮޑުވަންޏާ އެ މީހުންގެ ދަތުރު މަޑު ޖައްސާލާނެ، ހާއްސަކޮށް މި މެދު ފަންތީގެ ޓޫރިސްޓުން. އެހެން ވީމާ، އޭގެ އަސަރު ގެސްޓްހައުސްތަކަށް ކުރާނެ. ގެސްޓްހައުސްތަކަށް ޓޫރިސްޓުން މަދުވުން ވަރަށް ބޮޑަށް އެކަށީގެންވޭ އެހެން އަހަރުތަކާ ބަލާއިރު.

ޑރ. އަބްދުﷲ މައުސޫމް / ޓޫރިޒަމް މިނިސްޓަރު

ލަންކާގެ ހީނަރުކަމުގެ އަސަރު ވެސް އެބަކުރޭ

މިނިސްޓަރު މައުސޫމް ވިދާޅުވީ ލަންކާގެ ސިޔާސީ ހަމަނުޖެހުމާއި އެ ގައުމުގައި އޮތް އިގްތިސާދީ ދަތި ހާލަތުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ވެސް އެކަމުގެ ނޭދެވޭ އަސަރު ކުރާ ކަމަށެވެ. މައުސޫމް ވިދާޅުވި ގޮތުގައި، ލަންކާގެ ޓޫރިޒަމާއި ރާއްޖޭގެ ޓޫރިޒަމް އަޮންނަނީ ވަރަށް ބޮޑަށް ގުޅި ލާމެހިފަ އެވެ. އެއީ، ރާއްޖެ އާއި ލަންކާގައި ޗުއްޓީ ހޭދަކުރެވޭ ގޮތަށް، "ކޮމްބައިން ކޮށްގެން" ވަރަށް ގިނައިން ޗުއްޓީ ޕެކޭޖްތައް މީގެ ކުރިން ވިއްކަމުން ދިއުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެފަދަ ޕެކޭޖްތަކަކީ ޓޫރިސްޓުންގެ މެދުގައި މަގުބޫލު ޕެކޭޖްތަކެއް ކަންވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ލަންކާގެ މި ހާލަތުގެ ސަބަބުން ވެސް މަދުވެފައި އެބަހުރި ޓޫރިސްޓުން. ކޮމްބައިންކޮށް ވިއްކާ ޕެކޭޖްތަކުން މީގެ ކުރިން ފައިދާ ކޮށްފައި ހުރީ. އެކަމަކު ލަންކާގެ ހާލަތާ ހެދި، ޓޫރިޒަމް އެ ގައުމަށް އޮތީ ދަށްވެފައި. މީގެ ޗެލެންޖު މި ކޮޅަށް ވެސް އެބަ ހުރި،" މިނިސްޓަރު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އޭގެ އިތުރަށް، ޗައިނާ މާކެޓް މި އަހަރު ހުޅުވޭނެ ކަމަށް ލަފާކުރި ނަމަވެސް، ކައިރި މުސްތަގުބަލެއްގައި ޗައިނާގެ މީހުންނަށް ދަތުރު ކުރުމުގެ ހުއްދަ ނުލިބޭނެތީ އެ މާކެޓާ މެދު ވެސް މި އަހަރު އުންމީދެއް ނެތް ކަމަށް މައުސޫމް ވިދާޅުވި އެވެ. 

އިންޑިއާ ޓޫރިސްޓުންގެ މެދުގައި މަގުބޫލުކަން ކުޑަވަނީ

ރާއްޖޭގެ ޓޫރިޒަމްގެ އެއް ވަނަ މާކެޓަކީ އިންޑިއާ އެވެ. އެ ގައުމުން މިހާތަނަށް ވަނީ ރާއްޖެއަށް 139،238 މީހުން އައިސްފަ އެވެ. އެއީ މި އަހަރު ރާއްޖެ އައި ޓޫރިސްޓުންގެ %14 އެވެ. 

ނަމަވެސް، މައުސޫމް ވިދާޅުވީ އިންޑިއާ އިން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދަށް މަޑުޖެހުން އައިސްފައިވާ ކަމަށެވެ.

ފޮޓޭ، ވީޑިއޯ އެއްޗެހި މި ހުންނަނީ، 'އިންޑިއާ އައުޓް' ފެންނަ. އެ ހިސާބުން ކާކުތޯ ބޭނުންވާނީ އެ މީހުން އައުޓްވާށޭ ބުނާ ތަނަކަށް ދާން. ހާއްސަކޮށް [މީހުން ދިރިއުޅޭ ރަށްރަށުގައި މި ހުންނަ] ގެސްޓްހައުސްތަކަށް އަންނަން ފަސް ޖެހުން އެބަ އޮތް.

ޑރ. އަބްދުﷲ މައުސޫމް / ޓޫރިޒަމް މިނިސްޓަރު

މިނިސްޓަރު ލަފާކުރައްވާ ގޮތުގައި، އެގޮތަށް ދިމާވަނީ، އިންޑިއާއާ ގުޅޭ ގޮތުން އަދި އެ ގައުމުގެ މީހުންނާ މެދު ރާއްޖޭގައި ނުބައި ތަސައްވަރެއް ބަޔަކު އުފައްދަމުން ދިއުމެވެ. އިދިކޮޅުން ހިންގާ 'އިންޑިއާ އައުޓް' ކެމްޕޭނަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ އެކަމާ ގުޅިގެން މުޒާހަރާތަކުގެ ފޮޓޯތަކާއި ވީޑިއޯތައް ޓްރެވަލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންނާ ހަމައަށް ފޯރާފައިވާ ކަމަށެވެ. އެހެންވެ، އިންޑިއާ ޓޫރިސްޓުން ރާއްޖެ އައުމަށް ފަސް ޖެހެން ފަށާފައިވާ ކަމަށް މައުސޫމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ސުވާލުތައް ވެސް އެބަ އާދޭ އިންޑިއާ ޓޫރިސްޓުންނަށް ރައްކާތެރިތޯ. ފޮޓޭ، ވީޑިއޯ އެއްޗެހި މި ހުންނަނީ، 'އިންޑިއާ އައުޓް' ފެންނަ. އެ ހިސާބުން ކާކުތޯ ބޭނުންވާނީ އެ މީހުން އައުޓްވާށޭ ބުނާ ތަނަކަށް ދާން. ހާއްސަކޮށް [މީހުން ދިރިއުޅޭ ރަށްރަށުގައި މި ހުންނަ] ގެސްޓްހައުސްތަކަށް އަންނަން ފަސް ޖެހުން އެބަ އޮތް،" މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރުގެ އިލްތިމާސަކީ ސިޔާސީ ބޭނުމަށް ވެސް ޓޫރިޒަމަށް އަސަރު ކުރާނެ ފަދަ ވާހަކަތައް ނުވަތަ ކަންކަން އެއްވެސް ބަޔަކު ނުހިންގުމެވެ. މި ވަގުތަކީ އެންމެން އެކުވެ، ރާއްޖޭގެ ޓޫރިޒަމަށް އެހީވާންވީ ވަގުތު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސިޔާސީ ގޮތުން ވެސް ފައިދާއެއް ނަގަން ޓޫރިޒަމަށް ގެއްލުންވާ ގޮތަށް އެއްވެސް ބަޔަކު ކަންތައްކުރުން އެއީ ކުރަންވާ ވަރު ކަމެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.

ޓީ-ޖީއެސްޓީ ބޮޑުކުރާނީ އެންމެ ގެއްލުން ކުޑަ ގޮތަށް

މައުސޫމް ވިދާޅުވީ ޓީ-ޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ނިންމި ނިންމުމަކީ ޓޫރިޒަމް ސިނާއަތާ އެކު މަޝްވަރާކޮށް ނިންމި ނިންމުމެއް ކަމަށެވެ. އަދި އެ ނިންމުމުގެ ސަބަބުން ކޮންމެވެސް ވަރެއްގެ އަސަރުތަކެއް ކުރާނެ ކަމަށް ވެސް މައުސޫމް ގަބޫލު ކުރައްވަ އެވެ. އެއީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ އަގު ބޮޑުވުމުގެ ސަބަބުން ޑިމާންޑަށް އަންނާނެ ބަދަލެވެ.

މެދު ފަންތީގެ މީހުންނަށް [ޓީޖީއެސްޓީ ބޮޑުކުރުމުގެ] އަސަރު ކުރުން އެކަށީގެންވޭ. އެކަމަކު ޖުމްލަކޮށް މުޅި ސިނާއަތަށް އޭގެ އަސަރެއް ނުކުރާނެ.

ޑރ. އަބްދުﷲ މައުސޫމް / ޓޫރިޒަމް މިނިސްޓަރު

ނަމަވެސް، ރާއްޖޭގެ ޓޫރިޒަމްގެ ސިނާއަތް ބޮޑަށް ބިނާވެފައި އޮންނަނީ މުއްސަނދި، މަތީ ފެންވަރުގެ ޓޫރިޒަމަށް ކަމަށް ވާތީ އެ އަސަރުތައް މާ ބޮޑަށް ނުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް ގެސްޓްހައުސްތަކަށް ޓޫރިސްޓުން އައުން މަދުވުން ފަދަ ކަމެއް ކުރިމަތިވެދާނެ ކަމަށް މައުސޫމް ވެސް ގަބޫލުކުރައްވަ އެވެ.

"މެދު ފަންތީގެ މީހުންނަށް އޭގެ އަސަރު ކުރުން އެކަށީގެންވޭ. އެކަމަކު ޖުމްލަކޮށް މުޅި ސިނާއަތަށް އޭގެ އަސަރެއް ނުކުރާނެ،" މައުސޫމް ވިދާޅުވި އެވެ.

އއ. އުކުޅަހުގައި ދެ ފަތުރުވެރިއަކު ހިނގާފައި ދަނީ. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

މިނިސްޓަރު ވިދާޅުވީ ޓޫރިޒަމް ސިނާއަތުގެ ބޭފުޅުން އެންމެ ބޮޑަށް ކަންބޮޑުވަނީ އެކަށީގެންވާ ވަގުތު ނުދީ ޓީޖީއެސްޓީ ބޮޑުކޮށްފާނެތީ ކަމަށެވެ. މައުސޫމް ވިދާޅުވީ ސަރުކާރުން އެފަދަ ގޮތަކަށް އަމަލު ނުކުރާނެ ކަމަށާއި އެކަށީގެންވާ ވަގުތު ދޭނެ ކަމަށެވެ.

"ޓެކްސްތައް ބޮޑު ކުރާނީ ލޮޅުން އެންމެ ކުޑަވާނެ ގޮތަށް، އެ އަސަރުތަކަށް ވިސްނައިގެން. އެ ޔަގީންކަން އަޅުގަނޑުމެން ދެން،" މިނިސްޓަރު ވިދާޅުވި އެވެ.

އެނގުން މުހިންމު - ސަރުކާރުގެ ވިސްނުމަކީ އަންނަ އަހަރުން ފެށިގެން ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމެވެ. އެގޮތުން، ޖީއެސްޓީ %6 އިން %8އަށް އަދި ޓީޖީއެސްޓީ %12 އިން %16އަށް ބޮޑުކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ.

ކޮމެންޓް (1)

ނަމޫނާ

12 އޯގަސްޓު 2022
ރިސޯޓުތަކަށް އަންނަ ޓޫރިސްޓުން ގެސްޓުހައުސްތަކަށް މިސްރާބު ޖަހާފާނެވެ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް