ރާއްޖޭގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އިފްހާމް (ޕެސްޓް): އޭނާގެ ބޭންކް އެކައުންޓުގެ ސްޓޭޓްމެންޓް ހޯދީ ރަނގަޅަށް ކަމަށް ހައި ކޯޓުން ވަނީ ކަނޑައަޅާފައި.

ހައި ކޯޓު

ޕެސްޓުގެ ބޭންކް އެކައުންޓުގެ ސްޓޭޓްމެންޓު ހެއްކަކަށް ހޯދީ ރަނގަޅަށް: ހައި ކޯޓު

ޑްރަގް ޓްރެފިކިންގެ މައްސަލައެއްގައި އިފްހާމްގެ މައްޗަށް ފަސް ދައުވާއެއް ކޮށްފައި ވާއިރު، އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި
22 އޯގަސްޓު 2022

މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް)ގެ މައްޗަށް ކޮށްފައިވާ ދައުވާތައް ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކީގެ ތެރޭގައި ހިމެނޭ އޭނާގެ ބޭންކް ސްޓޭޓްމަންޓު ހެއްކެއްގެ ގޮތުގައި ބަލައިގަތުމަށް ހައި ކޯޓުން މިއަދު އަންގައިފި އެވެ.

މައްސަލައިގެ ފެށުން - މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މާލޭގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) އިން ހިންގި އޮޕަރޭޝަނެއްގައި ޑްރަގާ އެކު އިފްހާމް އާއި އިތުރު ބަޔަކު ހައްޔަރުކުރި އެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ވަނީ ފަސް ދައުވާއެއް ކޮށްފަ އެވެ.

ދައުލަތުން އެ ދައުވާތައް ސާބިތު ކުރުމަށް:

  • ޖެނުއަރީ 2020 އިން ފެބްރުއަރީ 2021އާ ހަމައަށް އިފްހާމްގެ ބޭންކް އެކައުންޓުން ކޮށްފައިވާ މުއާމަލާތްތަކުގެ ސްޓޭޓްމެންޓް ހެއްކެއްގެ ގޮތުގައި ހުށަހެޅި

  • ކްރިމިނަލް ކޯޓުން އެ ހެކި ބަލައިނުގަތުމަށް ނިންމީ، އެ ހެކިތަކަކީ ގާނޫނާ ހިލާފަށް ހޯދި ހެކިތަކެއް ކަމަށް ބުނެ އިފްހާމްގެ ފަރާތުން ހުށަހެޅި ޝަރީއަތުގެ ކުރީގެ ހުށަހެޅުމަކާ ގުޅިގެން

ވީ ކިހިނެއް؟ - ކްރިމިނަލް ކޯޓުގެ އެ ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، ދައުލަތުން ހުށަހެޅި ކަންކަމަށް ބަލައި ހައި ކޯޓުން ނިންމާފައި ވަނީ، އެ ހެކިތައް ހޯދީ ގާނޫނާ އެއްގޮތަށް ކަމަށެވެ. ހައި ކޯޓުން ވަނީ އެ ހެކިތަކަކީ ގާނޫނާ އެއްގޮތަށް ހޯދި ހެކިތަކެއް ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން އެ ހެކިތައް ބަލައިގަތުމަށް އަންގައިފަ އެވެ.

ތަފްސީލް - އެގޮތަށް ހައި ކޯޓުން ކަނޑައެޅީ، ގއ. ވޮޑަމުލާގެ 1 މިލިއަން ޑޮލަރުގެ މައްސަަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި ހުކުމުގެ އިސްތިއުނާފު މައްސަލައިގައި ސުޕްރީމް ކޯޓުން ކުރި ހުކުމަށް ރިއާއަތްކޮށެވެ. ޖިނާއީ ކުށް ތަހުގީގުކުރުމުގެ ގާނޫނީ ބާރު ލިބިފައިވާ ފަރާތަކުން ނުވަތަ ޕްރޮސެކިއުޓާ ޖެނެރަލް ސީދާ ބޭންކްތަކަށް ލިޔެގެން އެފަދަ މީހެއްގެ ބޭންކް އެކައުންޓްގެ މައުލޫމާތު ހޯދޭނެ ކަމަށް އެ ނިންމުމުގައިވެ އެވެ.

އިފްހާމްގެ ފަރާތުން، އެ މައްސަލައިގައި ވަކީލަކު އައްޔަންނުކޮށް ގިނަ ދުވަސްވުމުން، ހައި ކޯޓުގައި ދައުލަތަށް ރައްދު ދިނުމުގެ ފުރުސަތެއް އޭނާއަށް ނުލިބުނެވެ. އައްޔަން ކުރި ވަކީލަކަށް ޖަވާބުދާރީވާން އެކަށީގެންވާ ވަގުތު ނުލިބޭ ކަމަށް ބުންޏަސް މިފަދަ މައްސަލަތަކަކީ ހަތް ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ މައްސަލަތަކަށްވެފައި، ކުރިން ވަކީލަކު އައްޔަން ކުރަން އިފްހާމްއަށް ފުރުސަތު އޮތުމުން، ހައި ކޯޓުން ނިންމީ އޭނާއަށް ވަކީލަކު އައްޔަން ކުރަން އެކަށީގެންވާ ފުރުސަތު ދެވުނު ކަމަށެވެ.

ހައި ކޯޓުގައި މި މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު މުހައްމަދު ނިޔާޒެވެ. ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރުން ފާތިމަތު ފަރުހީޒާ، އަދި ޝުއައިބު ހުސެއިން ޒަކަރިއްޔާ އެެވެ.

އެނގުން މުހިންމު - އިފްހާމްގެ މައްޗަށް ކޮށްފައިވާ ދައުވާތަކަކީ:

  • ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ

  • ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާގެ

  • ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ

  • ކެނަބިސް ބޭނުން ކުރުމުގެ ކުށުގެ ދައުވާ

  • ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ އަތުގައި ބެހެއްޓުމާއި ބޭނުން ކުރުމާއި ސިއްރު ކުރުމުގެ ދައުވާ

އިފްހާމްގެ ޝަރީއަތް ހިނގަމުންދާއިރު، އޭނާ އަދިވެސް ހުރީ ޝަރީއަތް ނިމެންދެން ބަންދުގަ އެވެ. އޭނާ ބޭސްފަރުވާއަށް ކުރު މުއްދަތަކަށް ދޫކުރި ނަމަވެސް، އޭނާ އަލުން ބަންދު ކުރަން ހައި ކޯޓުން އެންގުމުން އޭނާ ބަންދު ކުރި ގޮތަށް އަދި ދުލެއް ނުކުރެ އެވެ.




އިތުރު އާޓިކަލް

އިތުރު އާޓިކަލް