ޝީރީންގެ ޒިކްރާ އާ ކުރަނީ. (ފޮޓޯ/އަލް-ޖަޒީރާ)

ފަލަސްތީން

އިޒްރޭލުން ނޫސްވެރިޔާ ޝިރީން އަބޫ އަގްލާ މަރާލީ ގަސްތުގައި: ފަލަސްތީން

ފަލަސްތީނުގެ ނޫސްވެރިޔާ ޝިރީން އަބޫ އަގްލާގެ ގަޔަށް އިޒްރޭލު ސިފައިން ބަޑިޖަހައި މަރާލީ ގަސްތުގައި ކަމަށް ފަލަސްތީނު ސަރުކާރުން ބުނެފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފަލަސްތީންގެ އެޓާނީ ޖެނެރަލް އަކުރަމް އަލް ހަތީބު ވިދާޅުވި ގޮތުގައި، އެއްވެސް ޝައްކެއް ނެތް މިންވަރަށް ކަށަވަރުވަނީ އިޒްރޭލުގެ ސިފައިންގެ މީހަކު ސީދާ ޝިރީންގެ ބޮލަށް އަމާޒުކޮށް ބަޑިޖަހައި މަރާލިކަމެވެ.

އަލް ހަތީބު ވިދާޅުވީ ޝިރީން، 51،ގެ ބޮލަށް އިޒްރޭލު ސިފައިން ބަޑިޖެހީ އޭނާ ހެލްމެޓް އަޅައިގެން އަދި ބޮޑު އަކުރުން 'ޕްރެސް' ޖަހާފައިވާ ޖެކެޓް ލައިގެން ހުއްޓާ ކަމަށެވެ.

ޝިރީން މަރާލި މައްސަލައިގައި ފަލަސްތީނުން ވަނީ ހާއްސަ ތަހުގީގެއް ހިންގައިފަ އެވެ. އެ ތަހުގީގުން އެނގުނު ގޮތުގައި، މި މަހުގެ 11 ވަނަ ދުވަހު ޝިރީން މަރާލީ ހުޅަނގު އައްސޭރީގެ ޖެނިންގެ އެކި ތަންތަން ބަލައި ފާސްކުރަން އިޒްރޭލުން ހިންގި އޮޕަރޭޝަނެއް އަލް-ޖަޒީރާގެ ފަރާތުން ކަވަރުކުރަން ގޮސް ހުއްޓަ އެވެ. އޭނާގެ ގަޔަށް ބަޑި ޖެހީ ހެލްމެޓާއި ބޮލުގެ އެއް ފަރާތުން ހެލްމެޓް ކަވަރުނުވެ އިން ތަންކޮޅަކަށް އަމާޒުކޮށް ބަޑިޖަހައިގެންނެވެެ.

ފަލަސްތީނުގެ އެޓާނީ ޖެނެރަލް ވިދާޅުވީ ތަހުގީގުގައި ބެލީ، މަންޒަރު ދުށް މީހުންގެ ބަހާއި ކަން ހިނގި ތަނާއި ފޮރެންސިކް ތަހުލީލުތަކުގެ މައްޗަށް ބަލައިގެން ކަމަށެވެ. އަލް-ޖަޒީރާ އިން ބުނީ ޝިރީން މަރާލީ ވަރަށް ރަހުމު ކުޑަ ގޮތަކަށް ކަމަށެވެ.

އަލް ހަތީބު ވިދާޅުވީ އިޒްރޭލުން ބުނާ ގޮތަށް އެ ހަމަލާ ދިން ތަނުގައި ފަލަސްތީންގެ ޖިހާދީންގެ އެއްވެސް މީހަކު ނެތް ކަމަށާއި އެއީ އިޒްރޭލުން ކަނޑައެޅިގެން އޮޅުވާލުމަށް ދައްކާ ވާހަކައެއް ކަމަށެވެ.

އޭނާ ވިދާޅުވީ ޝިރީނުގެ ގަޔަށް ހަމަލާދިން އިރު އިޒްރޭލު ސިފައިންނަށް ޝިރީން އާއި ދެން ތިބި ނޫސްވެރިން އެނގޭނެ ކަމަށާ އަދި އެ މީހުން ތިބީ 'ޕްރެސް' ޖެކެޓް ލައިގެން އެއީ ނޫސްވެރިންކަން އެނގޭނެ ގޮތަށް ކަމަށެވެ.

އަލް ހަތީބު ވިދާޅުވީ އޮޓޮޕްސީ އާއި ފޮރެންސިކް ތަހުގީގުތަކުން އެނގޭ ގޮތުގައި، ޝިރީންގެ ބޮލަށް ހަމަލާދީފައިވަނީ ފުރަގަހުންނެވެ. އޭނާ ވިދާޅުވީ އެކަމުން އެނގޭ ކަމަކީ ނޫސްވެރިންގެ ގަޔަށް އިޒްރޭލު ސިފައިން ބަޑިޖަހަން ފެއްޓުމުން، ހަމަލާ ދިނީ އެ މީހުން ފިލަން މަސައްކަތް ކުރަން ދުވަނިކޮށް ކަމަށެވެެ.

އިޒްރޭލުން ވަނީ ފަލަސްތީނުގެ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.

އެ ހަމަލާތަކުގައި އަލް-ޖަޒީރާގެ އިތުރު ނޫސްވެރިއެއްގެ ގަޔަށް ވެސް ބަޑިޖެހި އެވެ. އޭނާގެ ބުރަކައްޓަށް ވަޒަން އަރައި ވަނީ ޒަހަމުވެފަ އެވެ. ނަމަވެސް، އޭނާގެ ހާލު ރަނގަޅެވެ.

މިނިވަން ތަހުގީގެއްގެ އަޑު ގަދަވަނީ

އަލް-ޖަޒީރާގެ ނިދާ އިބްރާހީމް ވިދާޅުވީ އެ މައްސަލަ ބައިނަލްއަގުވާމީ ފެންވަރުގައި ބަލައި ފިޔަވަޅު އެޅުމަކީ އެ މީހުންގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އަދި ޝިރީންއަށް އިންސާފު ހޯދައި ދިނުމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން މައްސަލަ ބަލަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ

ފަލަސްތީނުގެ ފޮރިން މިނިސްޓަރު ވިދާޅުވީ އެ މައްސަލަ މިހާރު އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެމެރިކާ އާއި އދ.އަށް ވެސް އެ މައްސަލަ ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް